އެޕަލްގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް މި މަހު ނެރެނީ

އާ މެކްބުކަކީ "އަލްޓްރާ" ޓިއާގެ އާ އުފެއްދުމަކަށް ވެދާނެ ކަމަށް ބެލެވޭ ---

ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން މި މަހުގެ ތެރޭގައި އުފެއްދުންތައް ނެރުމުގެ ދެ ޙަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި، އޭގެ ތެރެއިން މި މަހުގެ ފަހުކޮޅު ބާއްވާ އިވެންޓުގައި ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރެވުނު ޓަޗްސްކްރީން އެކުލެވޭ މެކްބުކް ދައްކާލާފާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގްގެ މާކް ގުރްމަންއާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލްއިން އޮކްޓޯބަރު 27 ވަނަ ދުވަހާ ގާތްކޮށް އިވެންޓެއް ބޭއްވުމަށް ރާވަމުންދަނީ މި އަހަރުގެ ޚަރީފު މޫސުމުގައި ބާއްވާ ހަތަރުވަނަ ހާޑްވެއާ އިވެންޓުގެ ގޮތުގައެވެ. މި އިވެންޓުގެ އެންމެ ޚާއްޞަ އުފެއްދުމަކަށް ވާނީ ޓަޗްސްކްރީން ހިމެނޭ މެކްބުކް ކަމަށް ބެލެވޭއިރު، މީގެ އިތުރުންވެސް އާ ގިނަ އުފެއްދުންތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ.

ލެޕްޓޮޕްތަކުގައި ޓަޗްސްކްރީން ބޭނުންކުރުމުގެ މާކެޓް ޓްރެންޑާ އެޕަލްއިން މީގެ ކުރިން ދެކޮޅުހަދަމުން އައި ނަމަވެސް، ޓަޗްސްކްރީން މެކްބުކެއް ނެރެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މިއަހަރުގެ ކުރީކޮޅު މެކްއޯއެސް 27 ގެ ޕްރިވިއު ބިލްޑެއް ޓެސްޓުކުރި ފަރާތްތަކުން ވަނީ އޭގައި ފުރިހަމަ ޓަޗްސްކްރީން ސަޕޯޓު ހިމެނިފައިވާކަން ހޯދާފައެވެ.

މީގެ ކުރީގެ މެކްއޯއެސް ވާޝަންތަކުގައި އެޕަލް ޕެންސިލްއާއި މަދު އިޝާރާތްތަކަކަށް (ޓަޗް ގެސްޗާސް) އެކަނި ސަޕޯޓު ކުރި ނަމަވެސް، ޓަޗް ސަޕޯޓު ފުޅާކުރުމުން އެނގެނީ ޓަޗްސްކްރީން މެކް އުފެއްދުންތައް ކައިރިވެއްޖެ ކަމެވެ. އަދި އައިޕެޑަށް މެކްއޯއެސްއާ އެއްގޮތް އިންޓަފޭސެއް ދިނުމަކީވެސް ފުރިހަމަ ޓަޗް މެކްއޯއެސް އިންޓަފޭސަކަށް މަގުފަހިވެގެންދިޔަ ކަމެކެވެ.

އާ މެކްބުކާ ބެހޭ ހާޑްވެއާ ތަފްސީލުތައް މަދު ނަމަވެސް، މިއީ "އަލްޓްރާ" ޓިއާގެ އާ އުފެއްދުމަކަށް ވެދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އައިފޯން ޑުއޯ ނެރުމުގެ ކުރިންވެސް މިފަދަ އަޑުތަކެއް ފެތުރުނު ނަމަވެސް އެޕަލްއިން ޚާއްޞަ އެހެން ނަމެއް އިޚްތިޔާރުކޮށްފައިވާތީ، މިއީ ޔަޤީން ކަމެއް ނޫނެވެ.

އޮކްޓޯބަރު 27 ގެ އިވެންޓުގައި އޯލެޑް ޕެނަލްއެއް އެކުލެވޭ އަޕްގްރޭޑް ކުރެވިފައިވާ އައިޕެޑް މިނީ ވެސް ތަޢާރަފުކުރުން އެކަށީގެންވެއެވެ. މިއީ އައިޕެޑްގެ މުޅި ސިލްސިލާއަށް ގެންނަ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ބެލެވޭއިރު، އަންނަ އަހަރުގެ ކުރީކޮޅު އާދައިގެ އައިޕެޑާއި، އޯލެޑް އައިޕެޑް އެއާ އަދި އައިޕެޑް ޕްރޯއަށް ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ އަގުހެޔޮ އައިޕެޑެއް ނެރުމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. މީގެ އިތުރުން މި އިވެންޓުގައި އެމް6 ޗިޕްއާއެކު އައިމެކް އަދި 14 އިންޗީގެ މެކްބުކް ޕްރޯގެ އާ ވާޝަންތައް ތަޢާރަފުކުރުންވެސް އެކަށީގެންވެއެވެ.

އޮކްޓޯބަރު 27 ގެ އިވެންޓުގެ ކުރިން، އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއް އެޕަލްއިން ވަނީ ކުރިން އިޢުލާންކޮށްފައެވެ. އެޕަލްގެ ގްރެގް ޖޮސްވިއަކް ކުރެއްވި އެކްސް ޕޯސްޓެއްގައި "ވެލްކަމް ހޯމް އޮކްޓޯބަރު 13." ލިޔުއްވާފައިވާތީ، މި އިވެންޓަކީ ހޯމްކިޓް ރީލޯންޗުކުރުމަށް ބާއްވާ އިވެންޓެއް ކަމަށް ބެލެވެއެވެ.

އެމަޒޯން އެކޯ ޝޯ އަދި ގޫގުލް ނެސްޓްއާ ވާދަކުރުމުގެ ގޮތުން، އެޕަލްއިން ތަޢާރަފުކުރާނެ ކަމަށް ބެލެވެނީ އައިޕެޑްގެ ސިފަތައް ހިމެނޭ، އެއްތަނެއްގައި ބެހެއްޓޭ ޑިސްޕްލޭއެކެވެ. މިއީ ބްލޫޓޫތު ސްޕީކަރުތަކާއި އެހެނިހެން ސްމާޓް ހޯމް ވަސީލަތްތައް ކޮންޓްރޯލްކުރުމަށް ހޯމްޕޮޑްގެ ބައެއް ފީޗާތައް ހިމެނޭނެ އުފެއްދުމެކެވެ. މީގެ ތެރޭގައި އާ ހޯމްޕޮޑެއް، އާ ހޯމްޕޮޑް މިނީއެއް، އަދި އެލްޖީ ފަދަ ކުންފުނިތަކުގެ ސްމާޓް ލޮކް، ކެމެރާ އަދި ތާމޯސްޓެޓް ފަދަ ވަސީލަތްތައް ހިމެނިދާނެއެވެ.

comment ކޮމެންޓް