"އަހަރެމެންނަށް ދިމާވާ ކޮންމެ އެކަނިވެރިކަމަކާއި ހިތްނުތަނަވަސްވާ ކޮންމެ ދަނޑިވަޅެއްގައިވެސް މާތް ﷲ އަހަރެމެންގެ ހާލު ދެކެވޮޑިގެންވެއެވެ. ހުރިހާ މަގެއް ބަންދުވެ ވަށައިގެންވާ މާހައުލު ކިތަންމެ ނުގުޅޭކަމަށް ފެނުނަސް އެކަލާނގެ ރޭއްވެވުން އަބަދުވެސް މާ ފުރިހަމަވާނެއެވެ. ކެތްތެރިވެ ﷲ އަށް ވަކީލުކޮށްލައިގެން ކުރިއަށްދާށެވެ."
***
"ނަސްރީން އޭނާއަށް ބަލަހައްޓައިގެން އިނީ މަންމައެއްގެ އޯގާތެރިކަމާއި ލޯބި އަދި ކެތްތެރިކަމާއެކުގައެވެ. ދަރިފުޅު އަމިއްލަ ނަފްސަށް ކަމެއް ޤަބޫލުކުރުވަން އަދި ވިސްނަން އުޅޭ ވަގުތު މަންމައެއްގެ ހައިސިއްޔަތުން ދެެނެގަނެވެއެވެ. ދަރިފުޅާއިއެކު އެވީ ދިގު މުއްދަތުގައި ސިފްރާންގެ ހަރަކާތްތަކާއި އަމަލުން ހުރިހާކަމެއް ދެނެގަނެވެއެވެ.
"ދަރިފުޅު އޭނާ މިތަނަށް ގެނައީ ސަބަބެއް އޮތީމާ....ހަމަ ހުރެފައެއްނޫން..."
އޭނާގެ ކޯކަށިގަނޑަށް ބާރުވިއެވެ. "އަޅުގަނޑަށް އެނގޭ."
"މިލްހާ މިގެއަށް ގެންނަން ޖެހުނު އެ ސަބަބަކަށް އަދިވެސް ބަދަލެއް ނާދޭ."
އިރުކޮޅަކަށް ނަސްރީން އެ ހިމޭންކަން ދެމިގެން ދާން ފުރުސަތު ދިނެވެ. " އެކަމަކު ހަމަ ޔަގީނުންވެސް ވިސްނަން ޖެހޭ އެހެން ކަމެއް އެބައޮތް......."
ސިފްރާން ކުޑަކޮށް ލޯ ހުޅުވައިލިއެވެ.
"އެއީ ކޮންކަމެއް މަންމާ؟"
ނަސްރީން އަލުން ވާހަކަދެއްކުމުގެ ކުރިން އިރުކޮޅަކު ދަރިފުޅުގެ މޫނަށް ބަލަން އިނެވެ.
"މި ކައިވެނީގެ ދިގު މުއްދަތުގެ ނަތީޖާއާމެދު ވިސްނިންތަ؟" ނަސްރީނު ސުވާލުކުރިއެވެ.
"ކޮން ގޮތަކުން؟" ސިފްރާން ސުވާލުކުރިއެވެ.
"މަންމަމެންގެ އިއްޒަތާއި މަގާމު........" ނަސްރީން ޖަވާބުދިނެވެ.
އޭނަ ހައިރާންވީ ވާހަކައިގެ މިސްރާބު ކުޑަކޮށް ބަދަލުވުމުންނެވެ. ކޮޓަރިއަށް ވަނީއްސުރެ ފުރަތަމަ ފަހަރަށް ސިކުނޑީގައި އިންޒާރުގެ ރަގަބީލު ޖަހާ ހުރިހާ ސަމާލުކަމެއް އެވާހަކައަށް ހުއްޓުނެވެ.
"މަންމަމެން ސްކޮޓްލެންޑްގައި އުޅޭތާ އެތައް ޒަމާނެއްވެއްޖެ... އެކަނި ފައިސާ ހުރެގެން މުއްސަދިވުމަކުން އަދި މުޖުތަމަޢުގައި އަމިއްލަ މަގާމު ނުހިފެހެއްޓޭނެކަން އެނގޭ....މުއްސަދިވީމަ ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ލިބޭ.....ބައެއް ފަހަރު ރުހުމާއި ތަޢުރީފު.. ނަމަވެސް ފައިސާއިން ވަދެވޭނީ ވަކި ހިސާބަކަށް...."
"އަޅުގަނޑަށް އެކަން އެނގޭ..."
"އާނ...މަންމައަށް އެނގޭ ސިފްރާންއަށް ކޮންމެވެސް ވަރަކަށް މިހާރު ތަޖުރިބާ ހުންނާނެކަން.....އެހެންވެ ލިބެން ހުރި ފުރުސަތުތަކާއިމެދު ފުންކޮށް ނުވިސްނާތީ މަންމަ ހައިރާންވަނީ....."
އޭނާގެ މަންމަ ވާހަކަ ކުރިއަށް ގެންދަން ދޫކޮށްލައިގެން އަޑު އަހަން އޮތެވެ.
"އަހަރެމެންނަކީ ދިވެހިން. ސިފްރާން. އެއީ ދުވަހެއްގެ ކޮޅުންވެސް ދަރިފުޅު ހަނދާންނައްތާލަން މަންމަ ދުވަހަކުވެސް އެދޭނެ ކަމެއް ނޫން.. އަދި އެހެން މީހުންގެ މަގުބޫލުކަން ހޯދުމަށްޓަކައި ދިވެހިވަންތަކަން ދޫކޮށްލުމަށްވެސް ހިތްވަރު ނުދޭނަން...ބައްޕަ އިޚްތިޔާރުކުރީ މިތަނުގައި ދިރިއުޅުން ބިނާކުރަން...އަދި ސްކޮޓްލެންޑްގެ މުޖުތަމަޢުގައި އަހަރެމެންގެ އާއިލާ ވަރުގަދައަށް ޤާއިމުކުރަން ބޭނުންނަމަ، އުފައްދާ ގުޅުންތަކާމެދު ވިސްނުންތެރިވާންޖެހޭ..."
ނަސްރީނު ވާހަކަދެއްކިއިރު މޫނުމަތިން އެއްވެސްކަހަލަ ހިތިކަމެއް ނުވަތަ ރުޅިވެރިކަމެއް ނެތެވެ. އެއީ ދުނިޔެއާމެދު ނަސްރީނު ވިސްނާގޮތެވެ. އެއީ ލޯތްބަށްޓަކާ މަގާމެއް އޮތް ތަނެކެވެ. އެފަދައިން ބާރާއި ނުފޫޒު ބިނާކުރެވެނީ ޖީލުތަކެއްގެ ކެތްތެރިކަމާއި ފަރުވާތެރި ނިންމުންތަކުން ކަމަށްވެސް ދެކޭ ތަނެކެވެ.
"ބައްޕަގެ ވިޔަފާރިތައް ދަނީ ކުރިއަރަމުން....."ނަސްރީނު ކުރިއަށް ގެންދިޔައެވެ. " ބައްޕަ އެ ވިޔަފާރި ބިނާކުރިއިރު ދަރިފުޅުވަނީ އެކަން ވަރަށް ބޮޑަށް ފުޅާކޮށްފައެއްނު.... ނަމަވެސް އަދިވެސް ބައްޕަމެންނަށްވުރެ ނުފޫޒު ގަދަ މީހުން އެބަތިބި...އެއީ ދާއިމީ ވަރުގަދަ ގުޅުންތަކާއި ސިޔާސީ ގާތްކަމާއި، ބިމާއި، ޤަދީމީ ފައިސާއާއި، އަދި ދޮރުތަކާއި ހަމައަށް ފޯރުމުގެ ކުރިންވެސް ދޮރުތައް ހުޅުވައިލެވޭ ވަރުގެ ނަންތައް ހުރި އާއިލާތައް...."
"އަދި ކައިވެންޏަކުން އެފަދަ ބައެއް ގުޅުންތައް ކަށަވަރުކުރެވިދާނެ ކަމަށް މަންމަ ޤަބޫލުކުރަނީ؟" އޭނަ މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެފައި ތެދުވެ އިށީނެވެ. އިސްތަށިގަނޑު އަތުން ރަގަޅުކޮށްލުމަށްފަހު އަތުގެ އިނގިލިތައް މަހައިލިއެވެ. ނަމަވެސް ކުރިން މޫނުމަތިން ފެނުނު ހިނިތުންވުން ގެއްލުނެވެ.
"މަންމަ ޤަބޫލުކުރަނީ އެއިން އެ ގުޅުންތައް ވަރުގަދަކުރެވިދާނެ ކަމަށް..... އެއީ ތަފާތު ދެކަމެއް ނު.."
"ސިފްރާން....މިލްހާއަކީ ރީތި އަންހެންކުއްޖެއް.... ލޯ ހުރި ކޮންމެމީހަކަށްވެސް އެކަން ފެންނާނެ.. އަދި އެހާ ލޯބިކޮށް އުޅެނީ....ނަމަވެސް ރީތިކަމަކީ މިހާ މުހިންމު ކައިވެންޏެއް ކުރުމުގެ ސަބަބެއް ނޫން........ އެއިން ސަމާލުކަން އަތުލެވިދާނެ. ކުޑަވަގުތުކޮޅަކަށް ފިރިހެނަކު މޮޔަކޮށްލެވިދާނެ...ނަމަވެސް ނުފޫޒުގަދަ މީހުން ސިފްރާން ނާކާމިޔާބުވާތަން ދެކެން ބޭނުންވާފަދަ ދުވަހެއް އަންނައިރު ހަމަ އެކަނި ރީތިކަމަކުން އާއިލާ ވަރުގަދައެއް ނުވާނެ...ގުޅުމެއް ކަށަވަރެއް ނުކުރެވޭ.....ނުވަތަ ވިޔަފާރިއެއް ރައްކާތެރިއެއް ނުކުރެވޭ...."
ސިފްރާން މޫނުމަތިން ފެންނަން ހުރި ކުޑަ ސަމާސާ ކުލަވަރު އެއްކޮށް ކެނޑުނެވެ.
"މިލްހާ އައީ އަހަރެމެންނަށްވުރެ ތަފާތު މާހައުލަކުން....." ނަސްރީން ދަރިފުޅުގެ މޫނަށް ވިސްނުންތެރިކަމާއެކު ބަލަން އިނެވެ. ކުޑަ ބަދަލަކުންވެސް ސިފްރާންގެ ހިތް ދެނެގެނެވިދާނެކަމުގެ އުއްމީދުގައެވެ. "އެކަހަލަ އަންހެންކުއްޖަކާއި ކައިވެނިކުރުމަކީ ލަދުގަންނަންޖެހޭ ކަމެއްނޫން..... ނަމަވެސް ދަރިފުޅު ބޭނުންވާ ދާއިރާތަކަށް ކުރިއަށް ދިއުމަށް އެހީތެރިވެދޭނެ ގުޅުންތަކެއް ނުވަތަ މަޤާމެއް އޭނާގެ ނެތްކަން ގަބޫލުކުރަން ޖެހޭ..."
"އެކުއްޖާއަކީ މި ދުނިޔެއަށް ލޯ ހުޅުވިފައިވާ މީހެއް ނޫން......އެކަން މިހާރުވެސް ސާފުކޮށް ފެންނަން އެއޮތީ....... އަދި މިގެއިން ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބުނަސް އެކަމަށް އާދަވާން ވެސް އުނދަގޫވާނެ...."
"ރަނގަޅު އަންހެނަކާއި ކުރެވޭ ކައިވެންޏަކުން ދަރިފުޅުގެ މަޤާމު ވަރަށް ބޮޑަށް ވަރުގަދަކުރެވިދާނެ.....ޕާޓްނަރޝިޕް އާއި އެކު ފަހިވާނެ ފުރުސަތުތައް އިތުރުވާނެ....އަދި ވަރުގަދަ އާއިލާއެއްގެ އެހީތެރިކަން އޮތްކަން އެނގުމުން އަހަރެމެންނަށް ގޮންޖެހުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާނެ މީހުން ތިބޭނެ....."
"ހޫމް..... މަންމަ ތިބުނާފަދަ އާއިލާއަކުން އަންހެންކުއްޖަކު ފެނުނީތަ؟" ސިފްރާން މަންމައަށް އެހުރިހާ ވާހަކަދައްކަން ފުރުސަތުދީގެން އަޑުއަހަން އިނީ ކެތްތެރިކަމާއެކުގައެވެ.
"އެންމެ އަންހެންކުއްޖެއްނޫން...އެތައް ކުދިންނެއް..."
އޭނާ އޭނާގެ މަންމައަށް ބަލަހައްޓައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިލްހާއަކީވެސް މަންމަމެން ހޯދަދިން އަންހެންކުއްޖެއް ނޫންހެއްޔެވެ؟ ކުޑަވަގުތުކޮޅަކަށް ނަސްރީން އަމިއްލަ ނަފްސާމެދު ވަރަށް ހިތްހަމަޖެހިފައިވާ ފަދައެވެ. "ތިހާ ހާސްވާން ޖެހޭކަމެއް ނެތް.....ސިފްރާންއަށް ނާންގާ މަންމަމެން އެއްވެސް ކަމެއް ނުނިންމާނަން........."
"ތިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް...."
ނަސްރީން ހޭންފެށިއެވެ. ސިފްރާންގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. "ދަރިފުޅު..މަންމަ މި ދައްކަނީ ހަގީގަތުގައި ސީރިއަސް ވާހަކައެއް... ސިފްރާން އެހެން އަންބަކު ހޯދަން ބޭނުންނަމަ އެކަށީގެންވާ އަންހެނުން މަދެއްނުވާނެ...ދަރިފުޅަށްވެސް އެކަން އެނގޭނެ... ދެވަނަ ކައިވެންޏަކުން މިބުނާ ފައިދާތައް ލިބޭނީ..."
ސިފްރާން މަންމަގެ ވާހަކަތަކާއިމެދު ވިސްނައިލިއިރު މޫނުމަތިން އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުފެނެއެވެ. އެއީ ހަމަގައިމުވެސް ދެނެ ފަރިތަ ކަމެކެވެ. އޭނާ ވަނީ މިއަށްވުރެ މާ އުނދަގޫ އިންތިޒާމުތައް އެކުލެވޭ ވިޔަފާރީގެ އެއްބަސްވުންތަކަށް ގޮސްފައެވެ. އަދި އެކަކު އަނެކަކުގެ ކިބައިން ފައިދާ ނެގިދާނެކަން އެނގުމަކުން އޭނާއަށް ދުވަހަކުވެސް އުނދަގުލެއް ނުވެއެވެ. ކައިވެނި ތަފާތުވާންވީ ކީއްވެހެއްޔެވެ؟ އެއީވެސް ފާޑެއްގެ ވިޔަފާރިއެއް ނޫންހެއްޔެވެ؟ އެ ކަމުގެ ތެރެއަށް އިޙްސާސްތަކާއި ޖަޒުބާތުތައް ވަދެފާނެކަަމކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އަދި އެއީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ނުދެކެއެވެ.
"ދަރިފުޅު މަންމަގެ ޚިޔާލުން ވަކި އުނދަގޫވިހެން ހީއެއްނުވޭ...." ނަސްރީން ބުމަ އަރުވައިލިއެވެ.
"އުނދަގޫވާންވީ ކީއްވެ؟"
"މަންމަ ހީކުރީ އެ ޚިޔާލާ ދެކޮޅުހަދާނެކަމަށް. ސަބަބަކީ ދަރިފުޅު މިލްހާއާ ކައިވެނިކުރިތާ އަދިި މިވީ ކުޑަދުވަސްކޮޅެއް."
ނަސްރީން އޭނާގެ މޫނަށް ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ. އެ ލޮލުގައި ފޮރުވާފައިވާ ކޮންމެވެސް އެއްޗެއް ހޯދަން ބަލާފަދަ ނަޒަރަކުންނެވެ. އެއާއެކު ސުވާލުކުރެވުނީ ނިކަން މަޑުންނެވެ. "ތިބުނީ ދަރިފުޅުގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް އިޙްސާސެއް ނެތީތަ؟"
ސިފްރާންގެ މޫނުމަތީގެ ކުލަވަރަކަށް ބަދަލެއް ނައެވެ. "އާނ މަންމާ. މަންމައަށް ރަގަޅަށް އެނގޭނެ.."
ނަސްރީން ސިފްރާންގެ އަތްތިލައިގާ ހިފަހައްޓައިލިއެވެ. "މަންމަ ދެއްކި ވާހަކައާމެދު ވިސްނާލާތި. ސިފްރާން. އަވަސްއަރައިގަނެގެން ކަމެއް ކުރާކަށް ނުޖެހޭ. ނަމަވެސް މުސްތަޤްބަލާމެދު ވިސްނުމަކީ ބުއްދިވެރި ކަމެއް."
މަންމަ ދިޔުމުން ސިފްރާން އެކަނި ސިޓިންގރޫމުގައި އިނެވެ. ބޭރުން ފަނޑުވަމުންދިޔަ ހަވީރުގެ އަލިކަން މުޅިން އޮއްސި ކޮޓަރިއަށް އަނދިރިކަން ވެރިވަމުންދިޔައެވެ.
އޭނާގެ މަންމަ ދެއްކި ވާހަކަތަކާމެދު ވިސްނައިލިއެވެ. ދެވަނަ ކައިވެންޏެއް، ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަކީ އޭނާގެ ދުނިޔޭގައި ކަންކަން ހިނގާ ގޮތެވެ. އެއީ އެއްވެސް އިޙްސާސެއް ނެތް އަމަލީ ނިންމުންތަކެވެ.
އެވަގުތު ޚިޔާލަށް އައީ އޭނާގެ އޮފީހުގައި ރުޅިއައިސްރަތްވެފައި ހުރި މިލްހާގެ މޫނެވެ. އެލޮލުން ފެންނަން ހުރި ސާބިތުކަމާއި ސިފްރާނާ ދެކޮޅަށް ތެދުވާން ފަސްނުޖެހުނު ގޮތެވެ.
އޭނާގެ ހިތުގައި މިލްހާއަށްޓަކައި އެއްވެސް އިޙްސާސެއް ނެތްކަމަށް މަންމަ ގާތު ބުނެވުނު ނަމަވެސް އެ އަންހެންކުއްޖާ އޭނާގެ ދިރިއުޅުމަށް އައިފަހުން އެ ގަނޑުވަރުގެ ހިމޭންކަން ބަދަލުވެއްޖެކަން އޭނާއަށް އެނގެއެވެ.
***
ޖެހިގެން އައި ދުވަހު މިލްހާ އިނީ ރަހާއާއި ސާރާއާއެކު އިށީނދެގެންނެވެ. އެ ބިރުވެރި ސިއްރުވެރި ގަނޑުވަރުގައި އޭނާގެ ސިކުނޑި ހަމައަކަށް އަޅުވައިދެނީ އެ ދެކުދިންނާއެކު ހޭދަކުރެވޭ ވަގުތުތަކުގައެވެ.
ސާރާ ވަނީ ކުޅޭ ޕަޒްލްގެ އެތިކޮޅުތައް ތިން ބަރިއަކަށް ރީތިކޮށް އަތުރާލާފައެވެ. އެހެންނަމަވެސް، ރަހާ ނިންމީ އެ ކުޅިވަރަކީ އޭނާގެ ފެންވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އޭނާ އިނީ ވާހަކަފޮތެއްގައި ކުރަހާފައިވާ ރަސްގެފާނުގެ މޫނުގައި މަތިމަސް ކުރެހުމުގައި ގެއްލިފައެވެ.
ސާރާ ބުމަ ގާތްކޮށްލުމަށްފަހު އެހެން ހުސްތަނަކަށް ޕަޒްލްގެ އެތިކޮޅު ލެވޭތޯ ބެލިއެވެ. "މިތަނަކަށް ނޫން،" މިލްހާ ބުނެލިއެވެ.
"ދެން ކޮންތަނަކަށް؟"
"ފޮށީގައިވާ ތަސްވީރަށް ބަލައިލުން ރަނގަޅުވާނެ."
ސާރާ ޝައްކުގެ ނަޒަރަކުން އޭނާއަށް ބަލައިލިއެވެ. "މިލްހާއަށް އަހަރެންގާތު ބުނެވިދާނެއެއްނު."
"ބުނެވިދާނެ. ނަމަވެސް އޭރުން ސާރާއަކަށް އަމިއްލައަށް ކަމެއް ކުރަން ދަހެއްނުވާނެ ދޯ..."
ރަހާ މަޑުމަޑުން ހީނގަތެވެ.
ސާރާ މިލްހާއަށް ބަލައިލީ ނިކަން ހިތާމަވެރި ނަޒަރަކުންނެވެ. "މިލްހާގެ މަސައްކަތަކީ އެހީތެރިވުން..."
"މި އެހީވަނީ.....މި ބަލަނީ އަމިއްލައަށް ކަންކަން ކުރަން ސާރާއަށް ދަސްކޮށްދޭން..."
"ތިއީ ޖަވާބުދޭން ނޭގުނީމަ ބޮޑެތި މީހުން ބުނާ އެއްޗެއް......." ރަހާ ސަމާސާ ގޮތަކަށް ވާހަކައިގެ ތެރެއަށް ވަނެވެ.
އެ ޕަޒްލްއިން ފެންނަނީ ދަނޑުވެރިކަންކުރާ ބޮޑު އާއިލާއެކެވެ. މަންމައާއި، ބައްޕައާއި، ކުދިންގެ އިތުރުން ކާފައާއި މާމައެވެ.
"މިއީ އަހަރެމެންގެ އާއިލާ ފަދަ ބޮޑު އާއިލާއެއް....." ރަނގަޅު ޕަޒްލް އެތިކޮޅު ހޯދަން މަސައްކަތްކުރަމުން މިލްހާ ބުނެލިއެވެ.
"މިލްހާއަކީ އަހަރެމެންގެ އާއިލާއެއް ނޫން........" ޕަޒްލް އެތިކޮޅުތައް ހޯދުމަށް ގެއްލިފައި އިނދެ، ސާރާ އާދައިގެ ގޮތަކަށް ބުނެލިއެވެ.
އެއީ ހަރުކަށި ބަސްތަކެއް ނޫނެވެ. ކުޑަކުއްޖަކު މީހަކު ކުރި ކުށެއް ރަނގަޅުކޮށްދޭ ފަދައިން ތަންކޮޅެއް ސާބިތުކަމާއެކު ސާރާ އެބަސްތައް ބުނެލީއެވެ.
އޭނަގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެގެންދިޔައެވެ.
"އާނ،" އޭނާ އެއްބަސްވިއެވެ. "އަހަންނަކީ އާއިލާއެއް ނޫން..އެކަމަކު."
ރަހާ ކުލަ ޖައްސަން އިނދެފައި އިސްއުފުލައި ބަލައިލިއެވެ؛ ސާރާއަށް ނުފެނުނު ކޮންމެވެސް އަސަރެއް މިލްހާގެ އަޑުން ރާހާއަށް ފާހަގަކުރެވުނެވެ.
"މިލްހާއަށް އަދިވެސް އަހަރެމެންގެ ރައްޓެއްސަކަށް ވެވިދާނެ....." ރަހާ ބުނެލިއެވެ.
އޭނަ ރަހާގެ ނޭފަތުގެ ކުރީގައި މަޑުމަޑުން ޖަހާލިއެވެ. "ވަރަށް ދީލަތި.. މަޤާމުގެ ކުރިއެރުމެއް......."
ކޮރިޑޯއަށް ނުކުތްއިރުވެސް މިލްހާގެ ތުންފަތްމަތީގައި ހިނިތުންވުންު ހުއްޓެވެ. ނަމަވެސް އެ ދެކެވުނު ވާހަކައިން އޭނާގެ މޭގައި ކުޑަ ރިއްސުމެއް އުފެދުނެވެ. ކުޑަކުދިން ބުނާ ބަސްތަކުން އަނެކާގެ ހިތަށް ކުރާނެ އަސަރު ނުވިސްނި ސާދާކޮށް ހިތަށް އަރާ ކޮންމެ އެއްޗެއް ފައުޅުކޮށް ބުނާ އާދައެއް އޮވެއެވެ.
މިތަނުގައި އޭނާގެ އާއިލާއެއް ނެތެވެ. ރައްޓެހި އަޑެއް ޝަކުވާކޮށްލާނެ މަންމައެއް ނުވަތަ ކުޑަކުޑަ ބޭކާރު ކަމަކާ މެދު ބަހުސްކޮށްލާނެ އެއްބަނޑުއެއްބަފާ މީހަކުވެސް ނެތެވެ. މިތާގައި އޭނައަކީ އެކަނިވެރިއެކެވެ.
ނަމާދަށް ދާން ހިނގައިގަތް ވަގުތު ކޮންމެވެސް ތަނަކުން އިވުނު ބާރު އަޑަކުން އޭނާގެ ސަމާލުކަން އަތުލިއެވެ.
އެ އަޑު އައިހެން ހީވަނީ މައި ކޮރިޑޯއިންނެވެ. ކޮންމެވެސް މީހަކު ފަރުނީޗަރު ތައް ދަމަނީއެވެ. ނުވަތަ ކޮންމެވެސް މަރާމާތެއް ކުރަނީއެވެ.
ސިޑީގެ ތިރީގައިވާ ހުޅުވާލެވިފައިވާ ލަކުޑި ބޯޑެއްގެ ކައިރީގައި ދެ ފިރިހެނުން ކޮޅަށް ތިއްބެވެ. ތިންވަނަ މީހާ އިނީ ކުޑަ މޭޒެއްގެ ކައިރިއަށް ގުދުވެ އޮޅިފައިވާ ވައިރު ތަކެއް ބަލާށެވެ. އެމީހުން ގެނައި ސާމާނުތައް އަޅާފައި ހުރި ފޮށި ހުޅުވާފައި ކާޕެޓުމަތީގައި ބަހައްޓާފައި ހުއްޓެވެ. އެކަކު ވަނީ އޮމާންކޮށްފައިވާ ބިންމަތީގައި ޗަކަ ފިޔަވަޅުތަކެއްގެ ނިޝާން ދޫކޮށްފައެވެ.
"އެކްސްކިއުޒް މީ...." އޭނާ އަހައިލިއެވެ. "ތިޔަ ކުރަނީ ކޮންކަމެއް؟"
އެންމެ ދޮށީ މީހާ ސީދާވެލަމުން، އޭނާގެ އަތްތިލަ ހަރުވާޅުގައި ކާއްތައިލިއެވެ."ފޯނުގެ ވައިރުތައް މަރާމާތުކުރަނީ... އަޅުގަނޑުމެންނަށް އަންގާފައިވަނީ މުޅި ގޭގެ ސިސްޓަމް ބަލައި ފާސްކުރުމަށް. ހީވަނީ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ އެބަހުރިހެން........"
މިލްހާ ދެލޯ ބޮޑުކޮށްލިއެވެ. "ފޯނުގެ؟"
"އާނ."
އޭނާ ހުޅުވާލެވިފައިވާ ބޯޑަށް ބަލައިލުމަށްފަހު، އަނެއްކާވެސް އެ މީހާއަށް ބަލައިލިއެވެ. "ކޮންމެވެސް މީހަކު ސީރިޔަސްކޮށް ގުޅީތަ؟"
އެ މީހާ ކުޑަކޮށް ހީލިއެވެ. "އާންމުކޮށް ކަންކަން ހިނގާ ގޮތަކީ އެއީނު ...."
އާނ، އެންމެ ރަނގަޅު." އޭނާ ހަށަން ބަދެލިއެވެ. އަމިއްލައަށް ދެކެވުނު ވާހަކައިގެ މޮޔަކަން އޭނާއަށް ވަގުތުން އިޙްސާސްވިއެވެ.
"އަހަރެން މިއެހީ—މިތަނަށް އަންނަން އެންގީ ކާކުހެއްޔޭ؟"
"މިސްޓަރ ސިފްރާން."
އެތަނުން އެކަކު ހަރުގަނޑެއް ހިފައިގެން ދިއުމަށް މަގުދެއްކުމަށްޓަކައި މިލްހާ އެއްފަރާތަކަށް ޖެހިލިއެވެ. ސިފްރާން ހަމައަސްލުވެސް އޭނާގެ ވައުދު ފުއްދީތާއެވެ.
އޭނާގެ ފުރަތަމަ އިޙްސާސަކީ ޝުކުރުވެރިވުމެއް ނޫނެވެ. އެދެމީހުންގެ ބަހުސާމެދު ކުށްވެރިކަމުގެ އިޙްސާސް ކުރެވިގެން ނޫނީ ސިފްރާންއަކީ ވިސްނޭ މީހެއްކަން ސާބިތުކޮށްދޭން ކުރިކަމެއް ބާވައޭ އޭނާގެ ހިތަށްއެރިއެވެ.
***
ކޮންމެ ގޮތެއްވިޔަސް އެ ޓެކްނީޝަނުން ފެނުމުން މިލްހާގެ މޭމަތިން ބޮޑު ބުރައެއް ލުއިވެގެންދިޔަކަމާއިމެދު އޭނާއަކަށް އިންކާރެއް ނުކުރެވުނެވެ. މި ގަނޑުވަރަށް އައިފަހުން ފުރަތަމަ ފަހަރަށް އޭނާ ދަންނަ ރައްޓެހި އަޑެއް ކަންފަތުގައި ޖެހިދާނެ ކަމުގެ ހަޤީޤީ އުންމީދެއް އުފެދުނެވެ. އޭނާ އެކަމާމެދު ވިސްނަމުން ކޮރިޑޯއިން އއަނބުރާލި ވަގުތު ޖޫހީގެެ ގައިގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ.
"ސުބުހާނަﷲ......." ޖޫހީ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "ތިޔަދަނީ ކޮންތަނަކަށް މާ އަވަސްއަރުވާލާފައި؟"
"ނަމާދުކުރަން.... އެއިން މީހަކު ސިޑިވެސް ރޫޅާލަން ނުނިންމަނީސް."
ޖޫހީ ޓެކްނީޝަނުންނާ ދިމާލަށް ބަލައިލާފައި ވިސްނުނެވެ. "އޯ..... އެމީހުން އެއައީ ފޯނުގެ މަސައްކަތުގައި ދޯ.."
"އާނ. ހީވަނީ އެންމެ ފަހުން މި ގެވެސް ޒަމާނީ ދުނިޔެއާ ގުޅެން އެއްބަސްވީހެން."
މިލްހާ ފުރަތަމަ އައިއިރު ޚާދިމާއިން އޭނާއާމެދު ކަންތައްކުރީ އެމީހުންނަށް އޭނާ އެތަނުގައި ހުރި ސަބަބު ނުވިސްނޭ އަދި އެކަމާ މެދު ވާހަކަ ނުދައްކާ މެހުމާނަކަށް ބަހައްޓާ ކަހަލަ ފަރުވާތެރި އުސޫލަކުންނެވެ. އިޙްތިރާމަކާއެކުގައެވެ. އޭނާ ކޮޓަރިއަކަށް ވަނުމާއެކު އެމީހުންގެ ވާހަކަތައް ހުއްޓެއެވެ. އެމީހުންގެ ޖަވާބުތައް ކުރެވެ. އަދި ކޮންމެ ސުވާލަކަށްވެސް ނުފެންނަ ފާރެއް ހުރަސްކުރާ ފަދައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ބީރައްޓެހިކަން ކެނޑެން ފެށިއެވެ. އޭނާއާ އެންމެ ފުރަތަމަ ގާތްވާން ފެށީ ޖޫހީއެވެ. ސަބަބަކީ ޖޫހީއަކީ މަދު މިނެޓުކޮޅަކަށްވެސް ސީރިއަސްވެގެން ހުންނަން ނޭނގޭ ކުއްޖަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. އޭގެ ފަހުން ޝެރަންއެވެ. އެ މަޑުމައިތިރި އޯގާތެރި މިޒާޖުގެ ސަބަބުން އޭނާއާއެކު އުޅެން ފަސޭހަވިއެވެ. އަދި ބޭކާރު ވާހަކަދެއްކުމަކީ އަމިއްލަ ކުށެއް ކަމަށް ދެކޭ ބެސީވެސް މަޑުމަޑުން ގޭގެ ކަންކަމާމެދު ކުރާ ޝަކުވާތަކުގައި މިލްހާ ބައިވެރިކުރަން ފެށިއެވެ.
ޖޫހީއާއި މިލްހާ ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.
މިލްހާއާއި ޖޫހީ ސަމާސާވާހަކައެއް ދައްކާފައި ހީނގަތް ވަގުތު ކޯރިޑޯގެ އެންމެ ކޮޅުން ފެނުނު ހަރަކާތެއް ފެނުނެވެ.
ނުނިމޭ