"އިންސާނާ ދުނިޔެއަށް އަންނަނީ ހުސްއަތާއެވެ. އަދި އެނބުރި ދާނީވެސް ހުސްއަތާއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ވަގުތީ ވެރިކަމާއި ފައިސާއާއި ބާރުގެ ދަހިވެތިކަމުގައި އިންސާނީ ކަރާމާތް ނަގާލައި އަޚުވަންތަކަމުގެ ގުޅުންތައް ކަނޑާލައި އިންސާނުންގެ ލޭއޮހޮރުވުމަށް ވެސް ފަސްނުޖެހޭ ހާލަތުގައެވެ. ވެރިންނަށް ތާއީދުކުރާ މީހުން ދަނީ ހުތުރު އެއްޗެއް ކިޔާ އަނެކާގެ އަބުރު ކަތިލަމުންނެވެ. ތިބާ ހެއްދެވި ފަރާތުގެ ހަޟުރަތަށްދާން ޖެހޭނީ ކޮންއިރަކުކަން އެނގޭނަމަ މި އަމަލުތައް ހުއްޓާލާ އިސްލާހު ނުވާނެހެއްޔެވެ؟ ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރުމަށެވެ. ވަގުތުގެ ބޭނުން ރަގަޅުގޮތުގައި ހިފާށެވެ."

***

"ބޭބޭ........." ހާލާގެ އަޑުފުޅުގައިވަނީ ސާބިތުކަމެވެ. "ޒާއިމްގެ ހަނދާންތަކަކީ އަޅުގަނޑުގެ ފުރާނަ.... ޒާއިމް ޝަހީދުވީކަމަށް ބޭބެ ވިދާޅުވިޔަސް... ހިތް ބުނަނީ ޒާއިމް އަދިވެސް ދިރިހުންނެވި ކަމަށް... އަދި ޒާއިމް ނެތް ދުނިޔެއެއްގައިވެސް، މިހިތުގައި ޒާއިމް ފިޔަވައި އެހެން އެއްވެސް ފިރިހެނަކަށް ޖާގައެއް ނުލިބޭނެ..... އަޅުގަނޑު ރައްކާތެރިކަން ހޯދާނީ ހަމައެކަނި ﷲގެ ހަޟުރަތުން..."

އާލަމްގެ މޫނުމަތިން ކޯފާއާއި ނުރުހުން ފެންނަންފެށިއެވެ. ނަމަވެސް އެ މަނިކުފާނު އަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލެއްވިއެވެ.

'ހާލާ... ގޮތްދޫނުކުރިޔަސް، ވަގުތު ދާވަރަކަށް ހާލާގެ މައްޗަށް އަހަރެންގެ ބާރު ފޯރާނެ....."' އާލަމް ހިތްޕުޅުގައި އެކި ބާަވަތުގެ ޚިޔާލުތައް ހިނގަން ފެށިއެވެ.

***

އާލަމް މުސްލިމުންގެ ކޭމްޕާއި ޝަހަރުގެ ކަންކަން އެމަނިކުފާނުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އެއަށްފަހު ސިއްރުން ރޮޑްރިގޯއާއި ބައްދަލުކުރެއްވިއެވެ. އެމަނިކުފާނުގެ ބޭނުންފުޅަމަކީ ޒާއިމް ނެތީމަ އެކަމުގެ ފައިދާ ނަންގަވައި ރޮޑްރިގޯއާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމެވެ.

"ރޮޑްރިގޯ..." އާލަމް ވިދާޅުވިއެވެ. "ޒާއިމް މިހާރު ތިޔައީ ތިޔަބޭފުޅުންގެ އަސީރެއް....މުސްލިމުންގެ ލަޝްކަރުގެ ކޮންޓްރޯލް މިހާރު އޮތީ އަޅުގަނޑުގެ އަތްމަތީގައި. މާމަ ރާބިޔާވެސް އަޅުގަނޑަށް އެންމެފަހުން އަމާން ދެއްވާފައި ރަސްކަމުގެ ބާރުތައް ދެއްވަން މަޖުބޫރުވާނީވެސް މަނިކުފާނު އެކަމަށް އެހީތެރިވެ ދެއްވީމަ........އެހެންވީމަ ކުރީއްސުރެ ހަގުރާމަތަކާއި ދެކޮޅު މީހަކަށްވާތީ އަޅުގަނޑުމެންގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދަންވީ....އަޅުގަނޑު މިހިރީ މަނިކުފާނުގެ އަމުރުފުޅަށް ތަބާވާން......އޭގެ ބަދަލުގައި މި ރަސްކަމުގެ ތަޚުތު އަޅުގަނޑަށް ކަށަވަރުކޮށްދެއްވާ..."

ރޮޑްރިގޯ އާލަމްގެ ޚިޔާލުފުޅަށް އެއްބަސްވެ ވަޑައިގަތީ ބައްޕާފުޅާއި މަންމާފުޅާއި މަޝްވަރާކުރެއްވުމަށްފަހުގައެވެ. މުސްލިމުންގެ އެތެރޭގެ ބައިބައިވުމުގެ ފައިދާ ނަގައި، މުޅި ސަރަޙައްދު އީސާއީންގެ ދަށަށް ގެނެވޭނެތީއެވެ.

އަނެއްކޮޅުން ގަނޑުވަރުގެ ތެރޭގައި ހުރި ކޮޓަރިކޮޅެއްގެ ތެރޭގައި ކެތުރިން އިންނެވީ ފުން ވިސްނުމެއްގައެވެ. ޒާއިމްގެ ދީންވެރިކަމާއި އެމަނިކުފާނު ޑެނިއަލްއަށް ފޯރުކޮށްދެއްވި އޯގާތެރި އެހީތެރިކަން ކެތުރިންގެ ހިތްޕުޅުން ފިލައިގެންނެއް ނުދިޔައެވެ. ޚިޔާލުފުޅުގައި ރަސްކަންކުރައްވަމުން ދިޔައީ ޒައިމްގެ ސޫރައެވެ. ކެތުރިންގެ ލޮލަށް އަވަހާރަފުޅު އައީ އެތައް ދަމެއް ވީ ފަހުންނެވެ.

ހެނދުނުގެ ރިހި އަލި ގަނޑުވަރުގެ ތެރެއަށް ފެތުރިފައިވާއިރު ވިދާ ބަބުޅައެވެ. ކެތްރީން ދަރިކަލުން ޑެނިއަލްއަށް ފަރިއްކޮޅު ދެއްވަން ޑެނިއަލްގެ ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވިއިރު އޮލީވިއާވެސް އިންނެވިއެވެ.

"އޮލީވިއާ ކިހިނެއް؟"

"އަޅުގަނޑު މުޅިން ރަގަޅެއް ނޫން... ހަދާނެ ގޮތެއް ނުވިސްނިގެން...ޒާއިމްއަކީ ގޮތްދޫނުކުރައްވާ މިޒާޖެއްގެ ވެރިއެއް.."

"ޢޮލީވިއާއަށް އެކަން ނޭގޭތީ ހައިރާންވޭ..މުސްލިމުންގެ ފުރާނައިން އަތް ދޮވެލަން ޖެހުނަސް އެމީހުން އީސާއީއަކަށް ބޯ ނުލަނބާނެ...."

"އެކަމަކު......އަޅުގަނޑަށް ބައްޕާފުޅުގެ ފަރާތުން ޚަބަރެއް ލިބިއްޖެ..މުސްލިމުން ސުލްހަވެއްޖެ......."

"އަމީރު ހައްޔަރުވީމަ އެހެން މުސްލިމުން ހަތިޔާރު ބަހައްޓާ އަމާންދިނީ ކަމަށްވާނީ........"

"އެހެންވީމަ އަޅުގަނޑަށްވެސް ތައުރީފު ހައްގުވާނެ..."އޮލީވިއާ ހިނިފުޅު ވަޑުވައިލެއްވިއެވެ.

"އޮލީވިއާއަށް ތައުރީފު ހައްގުވާނީ ޒާއިމް ދޫކޮށްލިއްުޔާ...."ޑެނިއަލް ވިދާޅުވިއެވެ.

"އެކަމެއްނުވާނެ..."އޮލީވިއާ ވަގުތުން އިންކާރުކުރެއްވިއެވެ.

"މުސްލިމުންގެ އަމީރު ވަރަށް ހިތްހެޔޮ..."

"ޑެނިއަލްގެ ހިތް އަތުލައިފި ދޯ...އެހެން މީހުންގެ ހިތްތައް އަތުލާފައި ހިތް ހަލާުކޮށްލުމުގެ ގާބިލުކަންވެސް އެ އަމީރަށް ލިބިފައިވޭ......."އޮލީވިއާ ބުމަ ގާތްކޮށްލެއްވިއެވެ.

"އޮލީވިއާ..." ކެތުރިން ގޮނޑިކޮޅުގައި އިށީދެވަޑައިގެންނެވިއެވެ. "އަހަރެން މިހުރީ އޮލީވިއާގެ އެދުމަށް ކުޑަ ލުޔެއް ދޭން. ނަމަވެސް ޝަރުޠަކާއެކު...."

"ކޮން ޝަރުޠެއް ބޮޑުދައިތާ؟" އޮލީވިއާ ހައިރާންވިއެވެ.

"އެ މުސްލިމް އަމީރު ޒާއިމްވަނީ ޑެނިއަލްގެ ބައްޔަށް ފަރުވާކޮށްދޭން މަސައްކަތްކޮށްފައި....." ކެތުރިން ޑެނިއަލްގެ އިސްތަށިފުޅުގައި މަޑުމަޑުން ފިރުމައިލެއްވިއެވެ. "އޭނާގެ ބޭސްވެރިކަމުން ޑެނިއަލްގެ ބަލި މުޅިން ރަނގަޅުކޮށްދީފިނަމަ... އަހަރެން ބޭބޭފުޅު އަރިހު ދަންނަވައިގެން ވާހަކަދައްކައިގެން ޒާއިމް މިނިވަންކޮށް އޭނާގެ އަމިއްލަ ޤައުމަށް ފޮނުވާލަދޭނަން..... އެއީ މީހެއްގެ ފިރިޔަކަށް ވީމަ އޮލީވިއާވެސް އޭނާގެ ފަހަތުން އުޅުން ހުއްޓާލަންޖެހޭނެ....."

"ޑެނިއަލްގެ ފަރުވާ ނާކާމިޔާބު ވެއްޖެއްޔާ؟ "އޮލީވިއާގެ ލޯފުޅުން ޝައުގުވެރިކަމުގެ ކުލަވަރު ފެނުނެވެ.

"އޭރުން ޒާއިމްއަކީ އޮލީވިއާގެ ފިރިޔަކަށް ހަދަން ކުރެވުނުހާ މަސައްކަތެއްކޮށްދޭނަން...."

"އަޅުގަނޑު ދޭނީ އެންމެ މަހެއް....މައްސަރެއްގެ ތެރޭގައި ޑެނިއަލްގެ ހާލަތަށް ކުރިއެރުމެއް ނުލިބިއްޖެއްޔާ އަޅުގަނޑު ފަހަރެއްގައިވެސް ޒާއިމް ދޫކޮށެއްނުލާނަން..."

އޮލީވިއާ ވަގުތީ ގޮތުން އެ ޝަރުޠަށް އެއްބަސްވެ ވަޑައިގަތީ ޑެނިއަލްއަށް ދުވަހަކުވެސް އެ ހާލަތުން އަރައިނުގަނެވޭނެކަން އެކަމަނާއަށް ހީފުޅުވެފައިވާލެއް ބޮޑުކަމުންނެވެ. ދުނިޔޭގެ އެތަން މިތަަނުން ކުޅަދާނަ ބޭސްވެރިން ގެނެސްގެން ކުރެވުނު ފަރުވާއިން ޑެނިއަލްއަށް ކުރިއެރުމެއް ލިބިފައެއްނުވެއެވެ. ވީއިރު އެއީ މުސްތަހީލް ކަމެކެވެ. މުސްލިމުންނަށް ބޭސްވެރިކަމުގެ ގާބިލުކަން

އޮލީވިއާގެ ހިތްޕުޅުގައި އުއްމީދުގެ އެތައް ހާސް ބައްތިތަކެއް ދިއްލިގެން ދިޔައެވެ.

***

މި ޝަރުޠުގެ ޚަބަރު ޒާއިމްއަށް ލިބިވަޑައިގަތުމާއެކު އެމަނިކުފާނު ﷲއަށް ހަމްދުކުރެއްވިއެވެ. މިނިވަންކަމުގެ އައްސޭރިއެއް ލިބިބަޑައިގަތުމުން އުއްމީދު ކަނޑާލައްވާކަށް ބޭނުންފުޅެއްވެސް ނޫނެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ގޮތުގައި ޑެނިއަލްގެ ނާރުތަކުގެ ބައްޔަށް ފަރުވާކުރާނެ މާހިރަކު މުޅި އަންދަލުސްގައިވެސް ހުރީ އެކަކެވެ. އެއީ އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ މަޝްހޫރު ބޭސްވެރިޔާ މެތިއުއެވެ.

ޒާއިމް ސިފައިންގެ މީހަކު މެދުވެރިކޮށް މެތިއުއަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި ޑެނިއަލްގެ ބަލީގެ ނިޝާންތައް ބަޔާންކޮށް އަވަހަށް ގަނޑުވަރަށް އައުމަށް އެދިވަޑައިގަތެވެ.

***

ޒާއިމްގެ ސިޓީފުޅު ލިބުމާއެކު މެތިއު އަވަސްވެގަތީ އެގަނޑުވަރަށް ދަތުރުކުރުމަށެވެ. ބޯ ހެދުންތަކާއެކު ރަޖާތައް އޮޅައިގެން ހުއްޓަސް ސްނޯ ފައިބަމުންދިޔަ ވަރުން ދަތުކުރުކުރުން އެހާ ފަސޭހައެއްވެސް ނޫނެވެ.ނަމަވެސް ކެތްރީންގެ ދަރިކަލުންނަށް ބޭސްފަރުވާކޮށްދިނުމުގައި ކިތަންމެ އުދަގޫތަކެއް ގިރާކުރަން ޖެހުނަސް ހަތްކަނޑު ހުރަސްކުރަން ޖެހުނަސް ހުއްޓާނުލަން އަޒުމް ކަނޑައެޅިއެވެ. މެތިއުއަށް ގަނޑުވަރާއި ހަމަޔަށް ފޯރީ އިރުއޮއްސުމާއި ގާތްވެފައިވަނިކޮށެވެ. ސިފައިންގެ މީހެއްގެ އެހީތެރިކަމާއެކު ބޭސް ދަބަސް ހިފައިގެން ގަނޑުވަރުގެ ކޮރިޑޯއިން ޑެނިއަލްގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މުޅި ގަނޑުވަރުގެ ތެރެވަނީ ދިއްލާ އަޅާފައެވެ. ޑެނިއަލްގެ ކޮޓަރިއާއި އަރާ ހަމަވިތަނާ އެތަނުން ނުކުމެވަޑައިގަތް ކެތްރީން ފެނުމާއެކު މެތިއުގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ.

"ކެތްރީން؟"

ކެތުރީން ހައިރާންފުޅުވެވަޑައިގަތެވެ. ހަޔާތުގައި ދެވަނަފަހަރަށް މެތިއު ފެނިވަޑައިގަތުމަކީ ހަމަ އަޖައިބެކެވެ. މެތިއު ކޮންމެ ފަހަރަކު އެކަމަނާގެ ހަޔާތަށް އަންނަނީ ސަލާމަތްކޮށްދޭ މީހެއްގެ ގޮތުގައެވެ. މިއީ މާޒީގެ އެންމެ ފުން އަދި އެންމެ އަސަރުގަދަ ދުވަސްތަކުގެ ސިއްރުވެރިޔާ ވެސް މެއެވެ. އޭނައާއި ޖޯންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދިނީ މެތިއުއެވެ.

"އަންކަލް..ހާލު ކިހިނެއްތޯ؟ ހީނުކުރާގޮތަކަށް ބައްދަލު މިވެވުނީ....އަޅުގަނޑު ވަރަށް އުފާވެއްޖެ.....ފުރަތަމަ އެއްޗެއް ކޭން ބައްލަވައިގެން އަރާމުކުރައްވާފައި ދަރިފުޅަށް ފަރުވާކުރެއްވުން ކިހިނެއްވާނެ؟"

ކެތްރީން މެތިއު ގޮވައިގެން ވަޑައިގަތީ ކާ ބަޔަށެވެ. ޚާދިމާއިން އަވަދިނެތި ފަރިއްކޮޅު ތައްޔާރުކުރުމުގައި އުޅުނެވެ. ކެތްރީންގެ އަމުރުފުޅަށް މެތިއުއަށް ކެއުން ގެނެވުނެވެ. މެތިއުއާއެކު މޭޒުކައިރީގައި ހުރި ގޮނޑިކޮޅެއްގައި އެކަމަނާ އިށީދެވަޑައިގަތެވެ.

"މެތިއު އަހަރެމެންގެ ދިރިއުޅުމުން ގެއްލުނު ފަހުން އެތައް އަހަރެއް ވެއްޖެ. ޖޯންގެ ޚަބަރެއްވިތަ؟"

މެތިއު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ އިޙްތިރާމުން ފުރިގެންވާ ކުލަވަރެކެވެ.

"ކެތުރިން..." މެތިއު މަޑުމައިތިރިކަމާއެކު ބުންޏެވެ. "ކަމަނާގެ ހިތާމަތަކަށް ނިމުމެއް އަންނަން ވަގުތު ޖެހިއްޖެ. ޖޯން ސަލާމަތުން އެބަހުރި..މުސްލިމުންގެ ތެރޭގައި...ކެތްރީން ބައްދަލުކުރައްވަން ބޭނުންފުޅުނަަމަ އެހީތެރިވެވިދާނެ.."

ކެތުރިންގެ އަނގަފުޅުމަތީގައި އަތްއެޅުނެވެ. ދެލޯފުޅު ވީ ކަރުނުން ފުރިފައެވެ. މާޒީގެ ހަނދާންތަކާއި އެކަމަނާގެ ހިތްޕުޅުގައިވާ ސުވާލުތަކުން ސިކުނޑި ފުރެމުން ދިޔައެވެ."މޭރީ ކޮބާ؟އެންމެން ސަލާމަތް ވިތަ؟"

"މޭރީވެސް ސަލާމަތްވި މާތް ރަސްކަލާނގެ އިރާދަކުރެއްވީތީ.......މޭރީ މުސްލިމްވެގެން ނަން ބަދަލުކުރީ...މޭރީގެ މުސްލިމް ނަމަކީ ބުތައިނާ......މުސްލިމުންގެ ރަސްގެފާނު ޣާޒީއާއި ކައިވެނިކޮށްގެން އާލަމް ލިބުނީ....ޣާޒީ އަވަހާރަވުމުން އެމަނިކުފާނުގެ ކޮއްކޯފުޅު ރަސްކަމަށް އަރާވަޑައިގަތީ...ހާލާއަކީ އެމަނިކުފާނުގެ ދަރިކަނބަލުން.........."

"މާތް ރަސްކަލާނގެއަށް ޝުކުރުހުރި...ތީ ވަރަށް އުފާވެރި ޚަބަރެއް...ޒާއިމްއަކީ ކާކު؟"ކެތުރިންއަށް ލިބިވަޑައިގަތް ހައިރާންކަން ދެގުނަވެގެން ދިޔައެވެ.

"ޒައިމްއަކީ ރަސްގެފާނު ޣާޒީގެ ފުރަތަމަ އަނބިކަބަލުން ޖަޒީރާގެ ދަރިކަލުން...ކެތްރީން..ޒާއިމްއަކީ އަޅުގަނޑުގެ މާފަ ދަރިފުޅު ހާލާގެ ފިރިކަލުން...އެދަރިކަލުން އަވަހާރަވި ޚަބަރު ލިބިފައިވަނިކޮށް ސިޓީފުޅެއް ލިބުނީ.. ހާލާވެސް ޒާއިމްގެ ދަރިއަކަށް ބަލިވެ އިނީ...ޒާއިމް ހައްޔަރުވެފައިވާކަން އެނގިއްޖެއްޔާ ބޭކާރު އުއްމީދަކަށްވެދާނެތީ އާލަމް އެދުނީ އިހަށް އެކަން ސިއްރުކުރަން...... "

"ހާލާ ކިހިނެއް؟ އަދިވެސް ހިތާމަކުރަނީ؟"

"ކެތްރީންއަށް އެންމެ ރަގަޅަށް އެކަން ދެނެވަޑައިގަންނަވާނީ....ކަމަނާ ޖޯންއަށްޓަކާ ރަސްކަމާއި ގަނޑުވަރު ދޫކުރައްވާފައި ވަޑައިގަތީ....ތެދުވެރި ލޯތްބެއް ހިތުގައި އުފެދިއްޖެއްޔާ އެ ލޯބި ހޯދަން އިންސާނަކު ފަރުބަދަވެސް ކަނޑާފާނެ..ހާލާއާއި ޒާއިމް ކުޑައިރުއްސުރެ އުޅެ ބޮޑުވީ އެކީގައި.........."

"އެކަމަކު އެއީ ދެބެންގެ ދެދަރިން ނޫންތޯ؟ ކައިވެނި ކުރެވުނީ ކިހިނެއް؟"

"މުސްލިމުންގެ ތެރޭގައި އެކަން ހުއްދަ..ޒާއިމްއާއި ހާލާއަކީ ލޯބީގެ މިސާލެއް.."

"ޑެނިއަލްގެ ބަލި ރަގަޅުވެއްޖެއްޔާ ޒާއިމް މިތަނުން ސަލާމަތްވާނެ...ޝަރުތަކީ އެއީ މެތިއު...ސަބަބަކީ އެއީ އޮލީވިއާގެ އަސީރަކަށްވީމަ...އެކަމަކު މެތިއުއަށްޓަކާ އޭގެ ކުރިންވެސް އޮލީވިއާ ގާތު ބުނެގެން އެކަމަށް މަސައްކަތްކޮށްދޭނަން.........."

މެތިއުގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ.

***

މެތިއު ގަނޑުވަރަށް ވަދެ ޑެނިއަލްގެ ކޮޓަރީގައި ބޭސްފަރުވާގެ މަސައްކަތް ފެށިއެވެ. ޒާއިމް ދެއްކި އިރުޝާދުތަކާއި މެތިއުގެ ޚާއްޞަ ތެޔޮތަކާއި ފަތްޕިލާވެލީގެ ފަރުވާއިން މަޑުމަޑުން ޑެނިއަލްގެ ދެފައިގެ ނާރުތަކަށް ދިރުން އަންނަން ފެށިއެވެ. ކުރިން އެއްވެސް އިޙްސާސެއް ނެތް ދެފައިގައި ވާގިޖެހި ޑެނިއަލްގެ އިނގިލިތައް ހަރަކާތްކުރަން ފެށި ދުވަހު ކޮޓަރީގައި ތިބި އެންމެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ.

ޑެނިއަލްގެ ހާލު ރަގަޅުވާން ފެށުމުން ހިތާމަކުރީ ހަމަ އެކަނި އޮލީވިއާއެވެ. މި މަންޒަރު ސިއްރުން ބަލަން ހުރި އޮލީވިއާގެ ގެ މުޅި ހަށިކޮޅުވެސް ތުރުތުރުއަޅައިގަތެވެ. އެކަމަނާގެ މޫނުފުޅުމަތިން ފެނުނީ އިންތިހާގެ ބިރުވެރިކަމެވެ.

"މިއީ ކޮންފަދަ އަޖައިބެއް؟" އޮލީވިއާ ހިތްޕުޅުން ވިދާޅުވިއެވެ.. "ޑެނިއަލްއަށް ހިނގޭގޮތް ވެއްޖެނަމަ... ބޮޑުދައިތަ ކެތުރިންގެ ޝަރުޠާއި އެއްގޮތަށް ޒާއިމް ފޮނުވަައިލަން ޖެހޭނީ..އެކަމަކު އެކަމެއް ނުކުރެވޭނެ....އެހެން ގޮތެއް ހޯދަން އެބަޖެހޭ..."

އޮލީވިއާ އެކަމަނާގެ އިތުބާރުކުރެވޭ ޚާދިމާއެއް ފޮނުވައިގެން މެތިއު ޑެނިއަލްއަށް ދޭން ތައްޔާރުކޮށްފައިވާ ބޭސްފުޅިއަށް ނުރައްކާތެރި ޒަހަރެއްގެ ކުނޑި އަޅާ އެ ފަރުވާ ހުއްޓުވުމަށް ސިއްރުން ރޭވިއެވެ. ނަމަވެސް، މެތިއުގެ ތޫނުފިލިކަމުން އެ ބޭހަށް ބަދަލެއް އައިސްފައިވާކަން ރޭކާލައި އޭނާ އަވަހަށް އެބޭސްފުޅި އުކާލައި ޑެނިއަލްގެ ފުރާނަ ސަލާމަތްކުރިއެވެ.

***

ގަނޑުވަރުގެ ތެރޭގައި ޒާއިމްއާއި އުވައިސްގެ ފުރާނައަށް ނުރައްކާވެފައިވަނިކޮށް ކެތުރިންއަށް ސިއްރު ޚާދިމެއްގެ ފަރާތުން ކުޑަ ސިޓީކޮޅެއް ލިބުނެވެ. އެ ސިޓީގައި ލިޔެފައިވަނީ އެންމެ ޖުމްލައެކެވެ:

"މާޒީގައި މެތިއުގެ ގޭގައި ކަންތައް ހިނގިގޮތާއި ތިޔަ ކަމަނާގެ ގެއްލުނު ތުއްޕުޅު ބޭފުޅާގެ ހަގީގަތް ބޭނުންފުޅިއްޔާ ގަނޑުވަރުގެ ފަހަތު ބަގީޗާގެ ދޮރާށި ކައިރިއަށް ވަޑައިގަންނަވާ..އަޅުގަނޑު ހަގީގަތް ކިޔާދިނުމުގެ ބަދަލުގައި އުވައިސްއާއި ޒާއިމް ސަލާމަތްކޮށްދެއްވާ.........."

އެ ސިޓީ ވިދާޅުވުމާއެކު ކެތުރިންގެ މުޅި ހަށިކޮޅު ރޫރޫ އަޅައިގަތެވެ. އެކަމަނާގެ ހަޔާތުގެ އެންމެ ވަރުގަދަ ސިއްރު ދަންނަ މީހަކު ގަނޑުވަރުގެ ކައިރީގައި ހުރިކަން އެނގިވަޑައިގަތުމުން ރޮޑްރިގޯއަށް ސިއްރުން ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އެކަމަނާ ދޮރާށި ކައިރިއަށް ވަޑައިގަތެވެ. ފިނިގަދަކަމާއެކު ކޯތާފަތްޕުޅަށް ފިޔާތޮށިކުލަ ގަދަވެފައިވިއެވެ.

އެތަނުގެ ގަހެއްގެ ދޮށުގައި ކަޅުކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރީ އުވައިސްގެ ބައްޕަ ފާރިސްއެވެ.

"ތިއީ ކާކު؟" ކެތުރިން ބިރުފުޅު ގަތް ނަމަވެސް ކައިރިއަށް ވަޑައިގަތެވެ. "އަހަރެންގެ މާޒީގެ ވާހަކަ ކަލެއަށް އެނގުނީ ކިހިނެއް؟"

ފާރިސް މަޑުމަޑުން އޭނާގެ މޫނުމަތިން ފޮތިގަނޑު ނަގާލިއެވެ. "ކެތުރިން... އަޅުގަނޑު މިއީ ކުރިން ރޮޑްރިގޯގެ ސިފައިންގެ ތެރޭގައި އުޅުނު އަދި މެތިއުގެ ގޭގައި ތިޔަ ކަމަނާއާއި ޖޯން ފިލައިގެން ތިބިއިރު އެތަނަށް ދިޔަ އެކަކު...."

ކެތުރިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. "ކަލޭ؟"

"އާދެ......." ފާރިސް އިސްދަށަށް ޖެހިއެވެ. "އަޅުގަނޑު މިއައީ ކަމަނާގެ ކިބައިން ބޮޑު އެހީތެރިކަމަކަށް އެދި...އަޅުގަނޑުގެ ދެދަރިންވަނީ މިގަނޑުވަރުގައި ހައްޔަރުވެފައި...އަޅުގަނޑުގެ އުފަން ދަރިފުޅު އުވައިސްއާއި ތިޔަ ކަމަނާގެ ދަރިކަލުން.......އެދަރިކަލުން ސަލާމަތްކޮށްގެން ގެންގޮސް ބޮޑުކުރީ އަޅުގަނޑު...."

"ކީކޭ ތިކިޔަނީ؟" ކެތުރިންގެ މޫނުފުޅު ރަތްވިއެވެ. "އަހަރެންގެ ދަރިކަލުންނޭ؟ އަަހަންނަށް އެނގިފައިވާ ގޮތުން އެއީ އަންހެންކުއްޖެއް..އަދި އެދަރިފުޅުވަނީ މަރުވެފައި.....ކާކު ބުނީ.........."

"ނޫން... އެއީ ދޮގެއް....." ފާރިސް ތަފްޞީލުކޮށްދިނެވެ. "އެރޭ ހަނގުރާމަ ހިނގިއިރު ތިޔަ ކަމަނާއަށް ލިބިވަޑައިގަތް ދަރިކަލުން ސަލާމަތްކުރީ އަޅުގަނޑު..ރޮޑްރިގޯ އަޅުގަނޑު ގާތު އެދުނީ ދަރިކަލުން ބަލަހައްޓަވަން.. އަޅުގަނޑު އެދަރިކަލުން ހަވާލުކުރީ އަސްމާއާއި..އެއީ އަންހެންކުއްޖެއްނޫން..އެދަރިކަލުންގެ ނަމަކީ ޒާއިމް....."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު