ހުޅުމާލޭގެ އެޕާޓްމަންޓަކަށް ހުއްދަނެތި ވަދެ، އެ ތަނުގައި އޮތް މޮބައިލް ފޯނެއް ވަގަށް ނެގި މައްސަލައިގައި މާލޭ / ހ. ވީސަންގެ، މުޙައްމަދު ނާއިފުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު އަދަބުގެ ބަދަލުގައި 32,400 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހާދިސާ ހިންގާފައިވަނީ، ތިނެއް މާރިޗު 2024 ވަނަ ދުވަހުގެ ހެނދުނު 7:00 ހާއިރުއެވެ. ނާއިފު ވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 10162 ގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަށް، އެތަނުގެ ވެރިފަރާތުގެ ހުއްދަނެތި ވަދެ، އެތަނުގެ ބަދިގެ ތެރޭގައި އޮތް ރެޑްމީ ބްރޭންޑުގެ ނޫކުލައިގެ ފޯނެއް ވަގަށް ނަގާފައެވެ.
މި މައްސަލައިގައި ދައުލަތުން ނާއިފުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ނާއިފު ވަނީ ދެ ދައުވާއަށް ވެސް އަމިއްލަ އިޚްތިޔާރުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ އިޖުރާއަތުގެ ދަށުންނެވެ.
ވައްކަމުގެ ކުށަށް އިއުތިރާފުވުމުން ކަނޑައެޅުނު ތިން މަހާއި 18 ދުވަހުގެ ޖަލު އަދަބު ވަނީ 21,600 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށްފައެވެ. މި ފައިސާ 18 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރަން ވަނީ އަމުރުކޮށްފައެވެ.
ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާ ގުޅިގެން ގާނޫނުލްއުގޫބާތުގެ ދަށުން އެކުއެކީގައި ކުރެވޭ ދައުވާތަކުގެ ތެރެއިން އަދަބު ކުޑަ ކުށަށް ދެބައިކުޅައެއްބައި އަދަބު ކަނޑައެޅޭތީ، މި ދައުވާގެ އަދަބަކަށް ކަނޑައެޅުނު އެއް މަހާއި 24 ދުވަހުގެ ޖަލު އަދަބު ވަނީ 10,800 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށްފައެވެ. މި ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަމުރުކޮށްފައެވެ.
ޤާޒީ އިބްރާހީމް ޒިހުނީ ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ނާއިފުގެ ކުށުގެ ރެކޯޑެއް ނެތުމާއި، މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވުމާއި، މިފަދަ ކުށްތަކުގައި ޖަލަށްލުމުން ދައުލަތަށް އުފުލަންޖެހޭ މާލީ އަދި އިދާރީ ބުރައަށް ބަލައި، ކުށުގެ ވެށިން ދުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން މަސްލަޙަތު ބޮޑުކަމަށް ފެންނަކަމަށެވެ.
ކޯޓުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އަދަބު މުރާޖައާކޮށް އަސްލީ ޖަލު އަދަބަށް ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިގެންވާކަން އަންގާފައެވެ.