ބަންސާލީގެ 'އިންޝާﷲ'ގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަނީ

ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަދި ބަތަލާ އާލިއާ ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށްއޮތް ފިލްމު "ލަވް އެންޑް ވޯ"އަށް ފަހު، ކުރިން މަސައްކަތް ހުއްޓާލާފައިވާ ފިލްމު "އިންޝާﷲ" ގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމަކީ ސަލްމާން ޚާން އަދި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާނެ ކަމަށް 2019 ވަނަ އަހަރު އިއުލާންކުރި ފިލްމެކެވެ. ނަމަވެސް، ޑައިރެކްޓަރާއި ސަލްމާންއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، އޭރު ވަނީ އެ ފިލްމުގެ މަސައްކަތް މެދުކަނޑާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މި ފަހަރު އެ ފިލްމުގެ މަސައްކަތް އަލުން ފަށަން ނިންމާފައިވަނީ ވާހަކައަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. ފިލްމުގެ އަސްލު ކޮންސެޕްޓް ދެމެހެއްޓި ނަމަވެސް، ސްކްރިޕްޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ބަންސާލީ މިހާރު އަންނަނީ ކުރަމުންނެވެ.

ފިލްމު "އިންޝާﷲ"ގެ ކުރިން އުފައްދަން ނިންމީ ސަލްމާން ޚާން އަދި އާލިއާ ބަޓް ހިމަނައިގެން--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނެ ފަރާތެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ސްކްރިޕްޓް އެއްކޮށް ނިމުމުގެ ކުރިން ކާސްޓިން ނިންމުމަކީ ބަންސާލީގެ އާދައަކަށް ނުވާތީ، މި ފަހަރު ފިރިހެން ލީޑް ރޯލުން ޒުވާން އެކްޓަރަކު ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އާލިއާ އާއި ބަންސާލީ އެކުގައި މަސައްކަތްކުރާ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21ގައެވެ. ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ޕޯސްޓަރުތައް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

comment ކޮމެންޓް