ސޮފްވާންގެ ތުހުމަތުތަކަށް ވީއޭއެމްގެ ރައްދު: ''އެއްވެސް މީހަކު ފްރޭމެއް ނުކުރަން، ފިޔަވަޅު އެޅީ އުސޫލުގެ ތެރެއިން''

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އޭޖީއެމްގައި އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފް-- ފޮޓޯ: ވީއޭއެމް

ޤައުމީ ސީނިއާ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗު އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު ސޮފްވާން އަޙްމަދުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، އޭނާއާ މެދު އިދާރީ ފިޔަވަޅު އެޅި މައްސަލައިގައި އޭނާ މީޑިއާތަކުގައި ދައްކަވަމުންދާ ވާހަކަތައް ދޮގުކޮށް ވީއޭއެމްއިން ތަފްސީލީ ނޫސްބަޔާނެއް ނެރެފިއެވެ.

ފަސް ސަފްހާގެ މައްޗަށް އެކުލެވޭ މި ނޫސްބަޔާނުގައި ވީއޭއެމުން ބުނެފައިވަނީ، ސޮފްވާންގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު މައްސަލަ ބެލުމަށްފަހު ކަމަށާއި، އޭނާ "ފްރޭމް" ކުރުމަށް އެސޯސިއޭޝަނުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.

ވީއޭއެމުން ހާމަކޮށްފައިވާ ގޮތުގައި، ޤައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިއަކަށް ސޮފްވާން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އިދާރީގޮތުން ބެލުމަށް 5 މެމްބަރުންގެ އެޑްހޮކް ކޮމިޝަނެއް އެކުލަވާލީ 5 އޮކްޓޫބަރު 2025 ގައެވެ.

އެ ކޮމިޝަނުން ވަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް އަޑު ރެކޯޑުކުރެވޭ ގޮތަށް ނަގާފައެވެ. އެގޮތުން އަނިޔާލިބުނު ކުޅުންތެރިޔާ ދީފައިވާ ބަޔާނުގައި، 2025 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފުރުސަތު ދިނުމަށްފަހު ޖިމަށް ގެންގޮސްގެން ސޮފްވާން އަމިއްލަ ވާހަކަތައް ދައްކައި، ދަންވަރު މެސެޖުކޮށް ހެދިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރަށެއްގައި ރެފްރީކަން ކުރަންގޮސް އުޅެނިކޮށް ފޯނު އަތުލުމާއި، ގެސްޓްހައުސްއެއްގެ ކޮޓަރިއަކަށް ވީޑިއޯ ކުރަމުން ވަދެ ފޯނު އަތުލައި "ޔޫ ޑޯންޓް ހޭވް އަ ޗޮއިސް" އޭ ބުނެ އެހެން ގެސްޓްހައުސްއަކަށް ގެންގޮސް، ޗެޓްލޮގްތަކާއި ވީޑިއޯ އާއިލާއަށް ދައްކާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށްގެން ތަކުރާރުކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ސޮފްވާންގެ އެދުމަށް އޭނާގެ ހާޒިރުގައި ނެގި ބަޔާނުގައިވެސް ކުޅުންތެރިޔާ ވަނީ ބިރުދައްކައިގެން ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތަކުރާރުކޮށް ބުނެފައިވާ ކަމަށް ވީއޭއެމުގެ ބަޔާނުގައިވެއެވެ.

އެޑްހޮކް ކޮމިޝަނުގެ ހޯދުންތަކަށް ބުރަވެ، 15 އޮކްޓޫބަރު 2025 ގައި ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުން ވަނީ ސޮފްވާން ހެޑް ކޯޗުކަމުންނާއި އެކްސްކޯއިން ވަކިކޮށް، ކުރިއަށް އޮތް 5 އަހަރަށް ވީއޭއެމްގެ އެއްވެސް މުބާރާތެއްގައި އޮފިޝަލެއްގެ ގޮތުން ނުވަތަ އިންތިޚާބީ/އައްޔަންކުރާ މަގާމެއްގައި މަސައްކަތް ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅާފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އުމުރަަށް ސަސްޕެންޑުކުރި ކޯޗު ސޮފްވާން-

މި ނިންމުން ސޮފްވާންގެ ފަރާތުން އެޕީލް ކުރުމުން، އެޕީލްސް ކޮމިޝަނުން 10 ފެބުރުއަރީ 2026 ގައި ނިންމީ އެޑްހޮކް ކޮމިޝަނުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، އަދަބަށް ލުޔެއް ދެވޭނީ އެސޯސިއޭޝަނުން ކަނޑައަޅާ ކައުންސެލިން ނުވަތަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ.

އެއަށްފަހު، 15 މާރިޗު 2026 ގައި ބޭއްވުނު ކޮންގްރެސްގެ ޖަލްސާއަށް މައްސަލަ ހުށަހެޅުމުން، މެމްބަރުން ވަނީ ސޮފްވާންގެ މިފަދަ މައްސަލަތައް ކުރިންވެސް އުޅޭކަމަށާއި ކުޅުންތެރިން ބްލެކްމެއިލް ކުރަން ފޮޓޯ ގެންގުޅޭ ކަން ފާހަގަކުރައްވާފައެވެ. އަދި ކޮންގްރެސްގެ އިއްތިފާގުން ވަނީ ސޮފްވާން އެކްސްކޯ މެމްބަރުކަމުން ވަކިކޮށް، މުޅި އުމުރަށް ވޮލީބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކުރުމަށް ފާސްކޮށްފައެވެ.

ނޫސްބަޔާނުގައި ވީއޭއެމުން އިތުރަށް ބުނެފައިވަނީ، ސޮފްވާން މީޑިއާތަކުގައި ދައްކަވާ ސައްހަނޫން ބަޔާނުގައި ސޮއިކުރުވަން އުޅުނު ކަމުގެ ވާހަކަތަކަކީ އޭނާގެ ސިކުނޑީގައި އުފައްދައިގެން އުޅޭ ވަސްވާސްތަކެއް ކަމަށެވެ. ބަޔާންތައް ނަގާފައިވަނީ އަޑު ރެކޯޑުކުރެވިގެން، 5 މެމްބަރުންގެ ކުރިމަތީގައި އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައިގެން ކަމަށްވާތީ ބަޔާންތަކަށް ބަދަލުުގެނެސްފައި ނުވާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ވީއޭއެމްގެ ފަރާތުން ދައުލަތުގެ އިދާރާއަކަށް ސޮފްވާންގެ މައްސަލަ ހުށަހަޅާފައި ނުވިނަމަވެސް، މައްސަލަ ބައްލަވަމުންދިޔަ ކަމާބެހޭ އިދާރާއަކުން އެދިގެން ލިޔެކިޔުންތައް ފޮނުވި ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، ސޮފްވާން "ފްރޭމް" ކުރި ކަމަށް ބުނާ މައްސަލަ، އަނިޔާލިބުނު ފަރާތެއްގެ ހައިސިއްޔަތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި، ފިޔަވަޅު އަޅާތާ އަހަރެއް ވާންއުޅޭއިރުވެސް ސޮފްވާން އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވަނީ، އެސޯސިއޭޝަނުން އަޅާފައިވާ އިދާރީ ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްކަން އޭނާވެސް ގަބޫލުކުރާތީ ކަމަށް ދެކޭ ކަމަށް ވީއޭއެމުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުންނަށް 19 ނޮވެމްބަރު 2025 ގައި ހުށަހެޅުނު ޖިނާއީ މައްސަލަ، ކާފީ ހެކި ނެތުމުގެ ސަބަބުން މި މަހުގެ 17 ގައި ފައިލްކުރުމާ ގުޅިގެން ސޮފްވާން ވަނީ ސޯޝަލް މީޑިއާއާއި މީޑިއާތަކުގައި ވީއޭއެމްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ ސަސްޕެންޑްކުރީ ޒާތީ ހަސަދަވެރިކަމެއްގައި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމަށް ބުނެފައެވެ.

ނަމަވެސް ވީއޭއެމުން ބުނީ، އެސޯސިއޭޝަނުގެ އެންމެ އިސް ޒިންމާއަކީ ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށާއި، އެސޯސިއޭޝަނުގެ ތަސައްވުރު ކިލަނބުކޮށް، ސައްހަނޫން މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފާސްކޮށްފައިވާ ގަވާއިދުގެ ދަށުން، އެސޯސިއޭޝަނާއި ހިންގާ ކޮމިޓީގެ އަގުވެއްޓޭ ގޮތަށް ވާހަކަދައްކައި ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެސޯސިއޭޝަނަށް ލިބިގެންވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު