މުޅި އުމުރަށްވެސް އާޖެންޓީނާއަށް ކުޅެން ބޭނުން، ދެން ނުފެންނާނެތީ ވަރަށް ދެރަވޭ: މެސީ

އާޖެންޓީނާގެ ޖާޒީގައި މެސީ ކުޅުނު ފަހު މެޗަށްފަހު ވާހަކަދައްކަނީ--

އާޖެންޓީނާ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު ފަހު މެޗަކީ މުޅި ކެެރިއަރުގަވެސް އެންމެ ދެރަވި ދުވަސް ކަމަށާއި ބޭނުންވަނީ ކުޅެވޭނަމަ މުޅި އުމުރަަށްވެސް އާޖެންޓީނާއަށް ކުޅުމަށް ކަމަށް ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ ގައުމީ ޓީމަށް އެންމެ ފަހު މެޗު ކުޅުނީ ރޭ ފަތިހު އޭނާގެ އުފަަން ގައުމު ކަމަށްވާ އާޖެންޓީނާގައެވެ. އެކުވެރިކަމުގެ މި މެޗުގައި އާޖެންޓީނާ ބައްދަލުކުރީ ބެނިން އާއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާޖެންޓީނާއެވެ.

1978، 1986 އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކުޅުންތެރިންނާއި އާއިލާގެ ކުރިމަތީގައި ހުރެ، އަސަރާއެކު ވާހަކަދައްކަމުން މެސީ ބުނީ ވާހަކަދައްކަންވެސް އުނދަގޫވާ ވަރަށް ހިތަށް އިޙްސާސްތައް ވަދެގެން އަންނަ ކަމަށާއި، އެންމެ ފުރަތަމަވެސް ހަނދާންވަނީ ދާދިފަހުން މަރުވި އޭނާގެ ބައްޕަ މަތިން ކަމަށެވެ.

މީގެ އިތުރުން 20 އަހަރަށްވުރެ ގިނަ ދުވަހު އާޖެންޓީނާގެ ޖާޒީގައި ކުޅެން ލިބުމަކީ އިންތިހާއަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި، މީގެ ފަހުން ޤައުމީ ޓީމުން ނުފެންނާނެތީ ވަރަށް ދެރަވާ ކަމަށް މެސީ ބުންޏެވެ. އާޖެންޓީނާއަށް ކުޅުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މުޅި އުމުރު ދުވަހުވެސް ޤައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށްވެސް އޭނާ ކަރުނައާއެކު ފާހަގަކުރިއެވެ.

މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ގިނަ ރެކޯޑުތަކާއެކު އެވެ. އެގޮތުން އޭނާ ވެފައިވަނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. އެއީ ޖުމްލަ 208 މެޗެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް އޮތީ މެސީގެ އަތުގައެވެ. އެއީ 126 ލަނޑެވެ.

ރަސްމީކޮށް މެސީ ކުޅުން ހުއްޓާލާފައިވަނީ ނިމިދިޔަ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު