ލެގޫންސް ސްޕޯޓްސް ކުލަބަށް 17 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

ލެގޫންސް ސްޕޯޓްސް ކުލަބަށް 17 އަހަރުފުރުމުގެ ގޮތުން ބޭއްވި ހަފުލާގެ ތެރެއިން--

ލެގޫންސް ސްޕޯޓްސް ކްލަބަށް 17 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ލެގޫންސް ދަނޑުގައި ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި، ވޭތުވެދިޔަ ތަނުގައި އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. މީގެއިތުރުން، ހަފްލާގައި ބައިވެރިވި އާންމު މެންބަރުންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 5 ފަރާތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަވާލުކޮށްފައެވެ.

މި ހަފްލާގެ ތެރެއިން އެ ކްލަބުގެ ސަޕޯޓަރުން ވަނީ ހަރުއަޑުން ވަރުގަދަ މެސެޖެއް ދީފައެވެ. އެގޮތުން ވައްކަމާއި، ނުހައްގު މުއްސަނދިކަމާއި، ކޮރަޕްޝަނާއި ރިޝްވަތު ބޭނުންކޮށްގެން ލެގޫންސް ސްޕޯޓްސް ކްލަބް ހަލާކުކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

ލެގޫންސް ސްޕޯޓްސް ކުލަބަށް 17 އަހަރުފުރުމުގެ ގޮތުން ބޭއްވި ހަފުލާގެ ތެރެއިން--

ހަފްލާގައި ބައިވެރިވި އިސްފަރާތްތަކުން ވާހަކަދައްކަވަމުން ވަނީ، ކްލަބުގެ ދަނޑުވަށައި ބަލާލުމުންވެސް ލެގޫންސްއިން ހޯދަމުންދާ ކުރިއެރުންތައް ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ލެގޫންސްއަކީ އެއް އާއިލާއެއްގެ ގޮތުގައި ތެދުވެރިކަމާއި، ކެރުމާއި، ހިތްވަރާއި ސާބިތުކަމާއެކު ބުރަ މަސައްކަތްކުރާ ކްލަބެއްގެ ގޮތުގައި ސިފަކުރައްވައި، ކްލަބުގެ ކާމިޔާބީތަކަށް ތައުރީފުކުރެއްވިއެވެ.

އިސްވެރިންގެ ވާހަކަފުޅުގައި ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދަކީ ލެގޫންސް ސްޕޯޓްސް ކްލަބް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފެނިގެންދިއުންކަން ފާހަގަކުރައްވައި، ކްލަބު ހިންގެވުމުގައި މިހާރު ހަރަކާތްތެރިވާ ގާބިލު ބޯޑަށް ހުރިހާ މެންބަރުންގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.

މި ހަފުލާ ނިންމާލާފައިވަނީ ވަރަށް ފުރިހަމަ ޑިނާ ނައިޓަކާއި، ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ އައިޓަމްތަކާއެކު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު