މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
ރައީސް އޮފީހުން ވަނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުފުޅުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހަށް ރައީސް އިރުޝާދުދެއްވި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ވަކިވަކި މަޝްރޫއުތައް، ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ރައީސް ބާރުއެޅުއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރަށްރަށުގައި ކުރިއަށް ގެންދަން ފަށައި، ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ކުރެއެވެ. ނަމަވެސް ސަރުކާރުން ވަނީ، މަޝްރޫއުތައް ލަސްވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށް ބުނެފައެވެ.