109 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޝިފާއު ގޭބަންދަށް ބަދަލުކޮށްފި

ހުސެއިން ޝިފާއު --

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 18ގައި ކްރިމިނަލް ކޯޓުންވަނީ ޝިފާއު 109 އަހަރަށް ޖަލަށްލައިފައެވެ. އަދި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާއެއް ވެސް ކުރިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝިފާއު ގޭބަންދަށް ދޫކޮށްފައި ވަނީ ސިއްހީ ފަރުވާ ދިނުމަށް ކަމަށެވެ. އަދި ފުރަތަމަ އެއް މަސް ދުވަހަށް އޭނާ ދޫކޮށްފައި ހުރި ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނޫންނަމަ ގޭބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ޖަލުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުންނާނެ ހާލަތްތަކެއް، ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލުކުރެވިދާނެ ކަހަލަ. އޭގައި އެބަ ހިމެނޭ އޭނައަށް ޖަލުގައި އޮވެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ނުވަތަ މެޑިކަލް ޕްރޮފެޝަނާއެއް ވިދާޅުވަނީ މިވެނި ކަމަކަށް މިވެނި މުއްދަތެއްގައި އެ ތަނަކަށް ގެންގޮސްގެން ފަރުވާ ދޭށޭ. ނުވަތަ އެ ފަރުވާއަކަށް އޭނާ އެކްސްޕޯސްކޮށްދޭށޭ. އަޅުގަނޑުމެންގެ ޖަލު ބަލަހައްޓާ ފަރާތްތަކަށް ޖަލުގައި އެ ފަރުވާ ނުދެވޭ ކަމަށްވާނަމަ، އެ ފަރުވާ ދެވޭ ގޮތަކަށް އެ މީހާ މޮނިޓާ ކުރެވޭހެން ދޫކޮށްފާނެ،" އިހުސާން ވިދާޅުވިއެވެ.

ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލައިގައި ދަށު ކޯޓުން ވަނީ ނިންމާފައެވެ.

ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. އެކަމަކު، އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ކުރިން ވަނީ އޭނާ ވަކިކުރިކަން ޔަގީން ކޮށްދެއްވައިފައެވެ. އެކަމަކު، ވަކިކުރި ސަބަބެއް ވިދާޅެއްނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު