"އެކްސްކިއުޒް މީ." ޒަރޫންގެ ކަންފަތުގައި ޖެހުނު އަޑާ އެކު ހަރަކާތް މަޑުޖައްސައިލެވުނެވެ. އެއީ ހަމަ އެ އަޑެވެ. އެ އަޑަށް އޭނާ ވަނީ އާދަވެފައެވެ. ކޮންމެ ދުވަހަކު އިވޭ އަޑެއްކަމަށް ވާތީއެވެ. އެހެންކަމުން އެ އަޑެއް އޭނާއަކަށް ނޯޅޭނެއެވެ. އާނއެކެވެ. އެއީ ނަހާ ނޫން އެހެން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ.

ނަހާއާ އެގޮތަށް ދިމާވާން އޭނާ އަދި ތައްޔާރެއް ނޫނެވެ. އެހެންނަމަވެސް، ދުނިޔޭގައި ހުރިހާކަމެއް ހިނގަނީ ތިމާ ބޭނުންވާ ގޮތަކަށް ނޫންވިއްޔާއެވެ. ހީ ވެސް ނުކުރާ ފަދަ ސަމާސާތައް ތަޤުދީރު ތިމާއާ ކުރާ ފަހަރުތައް ވެސް އާދެއެވެ. ޒަރޫން ފަސް އެނބުރުނެވެ. މަސައްކަތުގައި ބުރަކޮށް އުޅުމުން، އޭނާ ލައިގެން ހުރި އަންނައުނު ހުރީ ކިލާވެފައެވެ. އިސްތަށިގަނޑު ވެސް އޮތީ ހޭވިފައެވެ.

އޭނާއާ ދިމާލަށް އެނބުރުނު ޒުވާނާއަށް ބަލަހައްޓައިގެން ނަހާއަށް ހުރެވުނީއެވެ، ކުރިމަތީގައި ހުރީ އޭނާ ދެކެ ފަރިތަ މޫނެކެވެ. މި ވަގުތު މޫނުމަތިން ވަރުބަލިކަމުގެ އިތުރުން، ލައިގެން ހުރި އެއްޗެހިން ކިލާކަން ފެންނަމުން ދިޔަ ނަމަވެސް، އެއީ ހަމަ އެ ސޫރައެވެ. އެހެންޏާ މެސީމިޑްލް ޕާޓް ސްޓައިލަށް ކޮށާލާފައިވާ އިސްތަށިގަނޑު އޮމާންކޮށް އޮންނައިރު، މިއަދު ފެންނަނީ މުޅިން ވެސް ތަފާތު މަންޒަރެކެވެ. އިސްތަށިގަނޑު ވެސް އޮތީ އެކީ ހޭވިފައެވެ. އެހެންނަމަވެސް، އޭނާގެ ފިރިހެންވަންތަ ހަރަކާތްތަކަށް ބަދަލެއް ނާދެއެވެ. ނަހާއާ ދިމާލަށް ބަލައިލަމުން އޭނާ އާދައިގެ ފިޔަވަޅުތަކެއްގައި އައިސް ނަހާގެ ކުރިމައްޗަށް ހުއްޓުނެވެ. އެއާއެކު ނަހާއަށް ފައިން ފެށިގެން ބޮލާ ހަމައަށް ޒަރޫންއަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ޒަރޫންކަން ޤަބޫލުކުރަން އަދި ވެސް ދަތިވަނީއެވެ.

"ހައި... މަންޖޭ...." ޒަރޫން ހިނިތުންވެލިއެވެ. އޭނާ ނަހާއަށް އެހެން ގޮވައިލީ ގަސްތުގައެވެ. ކޮންމެވެސް ކަމެއް ނަހާއަށް ހަނދާންކޮށްލަދޭން ޒަރޫން މަސައްކަތްކުރަނީއެވެ. ނަހާއަށް ވެސް އަނގަ ހުޅުވައިލެވުނެވެ. މާ ކުރީގެ ހަނދާނެއް އޭނާގެ ސިކުނޑީގައި ޓަކި ދިނީއެވެ. ސައިކަލު ހުއްޓުނު ދުވަހު އޭނާއަށް ގަރާޖުން ފެނުނީ ޒަރޫންކަން ފަހުމްވި ހިނދު ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. ޒަރޫން އޭނާއަށް ނިސްބަތްކޮށް މަންޖޭ އޭ ކިޔާ ސަބަބު ވެސް ނަހާއަށް ވިސްނިއްޖެއެވެ. އޭނާ ޒަރޫންގެ މަތިން ހަނދާން ނެތަސް، ކެފޭއިން ޒަރޫންއަށް އޭނާ ފެނުނު ފުރަތަމަ ދުވަހު ވެސް ފާހަގަކުރެވުނީއެވެ. "މަންޖޭ" ކިޔާފައި އެކި ފަހަރު މަތިން ގޮވަނީ އެ ކަން ނަހާއަށް އަންގައިދޭންކަން އޭނާއަށް ރޭކާ މި ލީ އަދިކިރިޔާއެވެ.

"މަންޖެ... އެ ދުވަހު، އަހަރެން ސައިކަލު ހުއްޓިގެން..." ލިބިފައިވާ ހައިރާންކަން ފޮރުވުމަކީ ނަހާއަށް ފަސޭހަކަމަކަށް ނުވިއެވެ. އަޅައަޅައިގަންނަމުން ވާހަކަ ދެކެވުނު ނަމަވެސް އޭނާ އަހަން އުޅުނު އެއްޗެއް ޒަރޫންއަށް ފަހުމްވުމާ އެކު ބޯ ޖަހައިލިއެވެ.

"ޔެސް. އެ ދުވަހު ވެސް މިތާ ހުރީ އަހަރެން." ޒަރޫންއަށް ބުނެވުނެވެ. ކޮންމެ މީހަކު ވެސް ދުވާލު އެ ތަކެއް މީހަކާ ބައްދަލުވާނެއެވެ. އަދި އެ ބައްދަލުވާ ކޮންމެ ފަހަރަކު ކޮންމެ މީހަކު ހަނދާނުގައި ބެހެއްޓުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ބައެއް މީހުންނަކީ ސިކުންތުކޮޅަކަށް ތިމާގެ ޙަޔާތަށް އަންނަ މެހެމާނެކެވެ. އެ ވަގުތުކޮޅު ނިމުމުން ދެން ދުވަހަކު ވެސް ހަނދާން ނުވާ މީހެއްފަދައިން، އެ ސޫރަ ވެސް ހިތާ ސިކުނޑިން ފަނޑުވެދާނެއެވެ. އެހެންނަމަވެސް، ޒަރޫން ނަހާގެ މަތިން ހަނދާންހުރީ ސަބަބުތަކެއްގެ ސަބަބުންނެވެ. ނަހާގެ "ކޮޕަރ އެންބަރ" ކުލައިގެ ދެލޮލަކީ އޭނާ ނަހާ މަތިން ހަނދާން ހުރި ސަބަބެވެ. ރާއްޖޭގައި އެ ކުލައިގެ ކަޅިއެއް އޭނާއަށް އަދި ފެނިފައެއް ނުވެއެވެ.

"އަހަރެން އެނގޭ އިރު ވެސް، މި ހުރިހާ ދުވަހު ބުނެ ނުލާ!" ނަހާއަށް ބުނެވުނެވެ. ޒަރޫން ރައްދުގައި ނަހާއަށް ދިނީ މައުނަވީ ހިނިތުންވުމެކެވެ.

"މިތާތަ ޒަރޫން އަސްލު ވޯކްކުރަނީ؟ އެހެންވެތަ ހެނދުނުކޮޅު ބިޒީވަނީ؟" ނަހާއަށް ސުވާލުކޮށްލެވުނެވެ. ޒަރޫން އޭނާ ހުރި ގޮތާ ދޭތެރޭ ވިސްނާލާށޭ ބުނާ ފަދައަކުން، އަތުން އަމިއްލަ ހަށިގަނޑާ ދިމާލަށް މަތިން ފެށިގެން ތިރިއަށް އިޝާރާތްކޮށްލިއެވެ.

"ކިހިނެއް ނަހާއަށް ހީވަނީ؟" ޒަރޫން ބުނެލިއެވެ. އޭނާ ފުންކޮށް ނަހާއަށް ބަލައިލިއެވެ. އޭނާ އެގޮތަށް ފެނުމުން ނަހާގެ ހިތަށް އަރާނެ އެއްޗަކާ ދޭތެރޭ އެ ވަގުތު ވިސްނައިލެވުނެވެ. "މިވަގުތަށް އަހަރެން މީ މެކޭނިކްއެއްކަމަށް ހީކޮށްލާ!"

ޒަރޫންގެ މިޒާޖުގައި ހުންނަ ގޮތުން ސަމާސާކޮށް ހެދުމަކީ އޭނާ އާއްމުކޮށް ކުރާ ކަމެކެވެ. އެކަމަކުން ނަހާ ހައިރާނެއް ނުވެއެވެ. އެހެންނަމަވެސް، އޭނާ ޒަރޫންއާ މެދު ޝައުޤުވެރިވެއެވެ. ޒަރޫންއަކީ ހުނަރުން ފުރިގެންވީ ޒުވާނެކެވެ. ކެފޭއިން ދިމާވެ ވާހަކަ ދެކެވުނު ނަމަވެސް، ދުވަހަކު ވެސް ޒަރޫން އަދާކުރާ ވަޒީފާއާ ބެހޭގޮތުން ވާހަކަ ދެކެވިފައެއް ނެތެވެ. މަސައްކަތް ހުންނަ ގޮތުން މެންދުރު ކުރީގައި ފޮޓޯ ނެގުމުގެ އެއްވެސް ކަމަކަށް ވަގުތު ނުވާނެކަމުގައި ޒަރޫން ބުންޏަސް، ނަހާ ވެސް އޭރު މާ ބޮޑަށް އެކަންތައް ހޯދަން ނޫޅުނީއެވެ. ޒަރޫންގެ ޒާތީ ދިރިއުޅުމުގެ ކަންތައްތަކުގެ ތެރެއަށް ވަންނަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް، މި ގޮތަށް ޒަރޫން ފެނުމުން އިތުރަށް ޒަރޫން އެނގުމަށް އޭނާ ބޭނުންވާން ފެށިއެވެ.

ކިހިނެއްވެގެން ތިއައީ؟ ސައިކަލަށް ކަމެއް ވީތަ އަނެއްކާ؟" ޒަރޫން ބުނެލިއެވެ.

"ހޫމް. ދޮވެލަން ވެގެން. ދެން ފުރޮޅުން ވައި ވެސް ގޮސްފަ ހުރީ." ނަހާ ބުނެލިއެވެ.

"ކޮބާ ސައިކު؟" ޒަރޫން މަގުމައްޗަށް އަވަސް ނަޒަރެއް ދިނެވެ.

"ހުންނާނެ ސައިޑެއްގަ ޕާކުކޮށްފަ." ނަހާ ބުނެލިއެވެ.

"މިއަދު ބޭނުންވާނެތަ؟" ޒަރޫން އަނެއްކާ ވެސް އަހައިލިއެވެ.

"ކިހިނެއްވީ؟ ވަކި ވަގުތެއްގަތަ ސަރވިސް ދެވެނީ އަނެއްކާ؟" ނަހާ އަހައިލިއެވެ.

"ނޫނޭ އެހެންނެއް ނޫން. މަސައްކަތް ނިންމާލާފަ ދާންވެގެން މި ދަނީ. އެބައިން ޝޫޓެއް ހަވީރު. އެހެންވެގެން،" ޒަރޫން ބުނެލިއެވެ. "ލަސްވަންޏާ އޯކޭ އަހަރެން ބުނެލާނަން ބަ..."

"އޯކޭވާނެ މާދަމާ ހަވީރަށް ނިންމަ ދިނީމަ." ނަހާ އަވަސްއަވަހަށް ބުނެލިއެވެ.

"އޯކޭ..." ޒަރޫން ބުނެލިއެވެ.

"ޖޮބެއްގައި އުޅޭކަމަށް ހީކުރީ. ދެން ފްރީލާންސްކޮށް ފޮޓޮގްރަފީ މަސައްކަތްކުރަނީކަމަށް." ނަހާ ވަށައިގެން ގަރާޖަށް ބަލައިލުމަށް ފަހު އަނެއްކާ ވެސް ޒަރޫންއަށް ނަޒަރެއް ދިނެވެ.

"ހެނދުން ފެށިގެން ހަވީރު ވަންދެން އަހަރެން މީ މެކޭނިކްއެއް، ދެން އެއަށްފަހު ފޮޓޯގްރަފަރއެއް. އޯކޭއެއްނު." ޒަރޫން ބުނެލިއެވެ. އެއަށްފަހު އޭނާ ސައިކަލު ގެނެސް ގަރާޖަށް ވެއްދިއެވެ.

"ޑޯންޓް ވޮރީ. މާދަމާ ނަހާ މި ބަލާ އަންނަންދެން ރައްކާތެރިކޮށް ބަލަހައްޓަދޭނަން އިނގޭ... " ޒަރޫން ބުނެލިއެވެ.

"ތޭންކްސް." އެހެން ބުނެލުމަށް ފަހު ނަހާ ގަރާޖުން ގޮސް ނުކުމެލިއެވެ. އެ މަންޒަރު ބަލަން ހުރި ޒަރޫންއަށް ހިކިފައިވާ ތުންފަތުގައި ދޫ ހާކައިލާ ތެންމައިލެވުނެވެ. މޭޒުމަތީގައި ހުރި ފެންފުޅި ނަގާ ކޯވަރެއް ދަމައިލުމަށް ފަހު މޭޒުގައި ލެނގިލިއެވެ. ނަހާގެ ސައިކަލަށް އޭނާއަށް ބަލައިލެވުނެވެ. އެ ވަގުތު ވަރަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް އޭނާގެ ހިތުގައި ދައުރުވާން ފެށިއެވެ. އެ ގޮތަށް އޭނާ ފެނުމުން ނަހާ އޭނާއާ ދޭތެރޭ ދެކޭނެ ގޮތަކާ މެދު ޒަރޫންއަށް ވިސްނެމުން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ނަހާ އޭނާ ދެކެ ފޫހިވެދާނެހެއްޔެވެ؟ ޒަރޫންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެގޮތަށް ވިސްނެން މެދުވެރިވީ ސަބަބެއް ނޭނގި ނުތަނަވަސްވިއެވެ. ނަހާއަކީ ހަމައެކަނި ފެނިދެނިވި އުޅޭ މީހެކެވެ. އެއަށް ވުރެ ގާތް ގުޅުމެއް ދެންޏާ ދެވޭނީ ވެސް އެކުވެރިކަމުގެ ނަމެވެ. ވީއިރު އެ ގޮތަށް ވިސްނުނީ ކީއްވެގެންހެއްޔެވެ؟ ސިކުޑިން އެ ޚިޔާލު ނެރެ އެއްލައިލަން ބޭނުންވެފައި ޒަރޫން ހުއްޓެވެ.

އޭނާ އެހެން ހުއްޓާ ދޮރު ހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލީ ބައްޕަ ތައިމޫރެވެ.

"ދަރިފުޅު އަދިވެސް ނުނިމޭތަ؟ ބަންގި ވެސް ގޮވައިފި. ދޭ މަސައްކަތް ބަހައްޓާފަ ފެންވަރައިގެން ނަމާދުކޮށްލަން." ތައިމޫރު ބުނެލިއެވެ. އެއާއެކު، ޒަރޫން ތައިމޫރަށް ސަމާލުކަން ދިނެވެ. އޭނާ ތައިމޫރާ ކުރިމަތިލިއެވެ.

"އަނެއްހެން ނިމުނީމި. ދެން މާދަމާއަށް ދޮވެލަން ޖެހޭ ސައިކަލެއް ހުރީ. އޯކޭ ވާނެ މިއަދު ދެން ނުދޮވުނަސް، އޭނަ އަންނާނީ މާދަމާ ހަވީރު އޭ ބުނީ." ޒަރޫން އެހެން ބުނެލާފައި ފޮތް ލައްޕައިލިއެވެ.

މައްޗަށް އެރުމަށް ފަހު ފެންވަރާލައިގެން ޒަރޫން ދިޔައީ މިސްކިތަށެވެ. ނަމާދަށް ފަރުވާތެރިވުމަކީ ކުޑައިރުން ފެށިގެން އޭނާގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. ގަވައިދުން ނަމާދުކުރާތީ، ނަމާދެއް ދޫވެއްޖެނަމަ އުނދަގޫވެއެވެ. ހުރިހާ ޝުކުރެއް ހައްޤުވަނީ އޭނާގެ މައިންބަފައިން އޭނާއަށް ދިން ތަރުބިއްޔަތަށެވެ.

*****

އާދައިގެ މަތިން ޖެހިގެން އައި ދުވަހު ވެސް، ޒަރޫން، ކެފޭއަށް ކާއެއްޗެހި ހިފައިގެން ދިޔައެވެ. ނަހާ ނެތުމުން މިއަދު އެއްޗެހި ގުނާފައި ލާރި ދިނީ އެތަނުގައި މަސައްކަތްކުރާ އެހެން ދިވެހި ކުއްޖެކެވެ. ނަހާ އޮންނަނީ ނުގުނާ ފައިސާ ނުދޭން އަންގާފައެވެ. ނަހާގެ އުސޫލުތަކާއި އޭނާގެ ގޮތް އެނގޭތީ ނަހާ ކަންތައްކުރަން ބުނެފައިވާ ގޮތަށް ހުރިހާކަމެއް ވެސް ބެހެއްޓޭތޯ ހުރިހާ ކުދިން ވެސް މަސައްކަތްކުރެއެވެ. އޭނާއަކީ ހިތްތިރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. މުވައްޒަފުންނާ ގާތްކަން ބާއްވާ މީހެކެވެ. އެހެންނަމަވެސް، އެ ބުނާ ގޮތަކަށް ކަންތައް ނުކޮށްފިނަމަ ނަހާ ހިތްހަމައެއް ނުޖެހޭނެއެވެ. މި ވަގުތު ކެފޭއަށް ލިބިފައިވާ މަޝްހޫރުކަމާއި ކާމިޔާބީގެ ސިއްރަކީ ވެސް ނަހާ ގެންގުޅޭ އުސޫލުތައްކަން އެންމެންނަށް ވެސް އެނގެއެވެ.

ނަހާ ނެތުމުން ޒަރޫން މިއަދު ކޮފީ ބޯ ހިތެއް ނެތެވެ. މަސައްކަތްކުރަން ހުރި ޖެނީ ވެސް ޒަރޫން އަބަދު އައިސް ކޮފީއަށް އެދޭތީ ކޮފީއެއް ބޭނުންތޯ ސުވާލު ކޮށްލެވުނެވެ. އެހެން ނަމަވެސް، އޭނާ ހައިރާންވީ، ޒަރޫން އިންކާރުކުރުމުންނެވެ.

"މިއަދު ކުޑަކޮށް ބިޒީކޮށް މިއުޅެނީ... ތޭންކްސް." ޒަރޫން އެހެން ބުނެލާފައި ގޮސް ކެފޭއިން ނުކުތް އިރު، އޭނާގެ ހިތުގައި މާޔޫސްކަމެއް ވެއެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް، ނުވަތަ ޒަރޫންއަށް އެކަން ރޭކާ ނުލިޔަސް، ނަހާ ނުފެނުމުން އޭނާގެ ތަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ.

އެ ދުވަސްވީ ޒަރޫންއަށް ވަރަށް ބަދުނަސީބު ދުވަހަކަށެވެ. ނަހާ އޭނާގެ ސައިކަލު ބަލާ އަންނަ އިރު ގަރާޖުގައި ހުންނަން ބޭނުންވި ނަމަވެސް، އޭނާއަށް އެ ކަން ކުރެވޭ ގޮތް ނުވީ، ޒަލަފް ގޮވައިގެން ހުޅުމާލެ ދާން ޖެހުމުންނެވެ. އެހެންކަމުން ނަހާ އައިއިރު ގަރާޖުގައި ހުރީ ތައިމޫރެވެ. ޚުދު ނަހާ ވެސް ހުރީ ޒަރޫން ފެންނާނެކަމަށް އުންމީދުކޮށްގެންނެވެ. ތައިމޫރު ފެނުމުން ވެސް އޭނާއަށް ގަރާޖަށް ވަށައިގެން ބަލައިލެވުނެވެ. އެހެން ނަމަވެސް، ޒަރޫންގެ ހިލަމެއް ނެތެވެ. ޒަރޫން މަސައްކަތް ނިންމާފައި ދިޔަކަން ޔަޤީންވުމުން އޭނާ، ވެސް ސައިކަލުގައި ކެފޭއާ ދިމާލަށް މިސްރާބުޖެހިއެވެ.

*****

ޒަލަފް ލާފައި އައިސް ގޭގެ ސިޓިން ރޫމުގައި ހުރި ސޯފާގައި އޮށޯވެލައިގެން ޒަރޫން އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. މި ދިޔަ ދުވަސްތަކުގައި އަބަދު ވެސް މަސައްކަތުގެ ސަބަބުން ނަހާއާ ގުޅައިގެން، ނުވަތަ މެސެޖުކޮށްގެން ވާހަކަ ދައްކަން ޖެހޭ ވަގުތުތައް ގިނައެވެ. އެހެންކަމުން ކުއްލިއަކަށް އައި ބަދަލުން ޒަރޫންއަށް އުނދަގޫވީއެވެ. އޭނާއަށް ކުރާނެ ކަމެއް ނެތިފައި އޮވެވުނީއެވެ. ފޫހިކަން ވަނީ ވެރިވެފައެވެ. މަންމަ ވެސް ވީ ކޮޓަރީގައެވެ. ބައްޕަ ވީ ތިރީގައި ގަރާޖުގައެވެ. ގޭތެރެ އޮތީ ފަޅުކޮށެވެ.

ޒައިނަބު ކޮޓަރިން ނުކުތް އިރު ޒަރޫން އޮތް ގޮތުން އޭނާއަށް ވާހަކަ ދެކެވުނެވެ.

"ދަރިފުޅު މިއަދު ކަމެއް ނެތިފަތަ ތި އޮތީ؟" މި ދިޔަ ދުވަސްތަކުގައި ޒަރޫން އުޅުނު ގޮތް ވަރަށް ގާތުން، ޒައިނަބަށް ވެސް ވަނީ ފެނިފައެވެ.

"ހޫމް...ވަރަށް ފޫހި...،" ޒަރޫން ބުނެލިއެވެ. "ކަމެއް ވެސް ނެތް."

"މި ހަފްތާގެ ވަރަށް ބުރަކޮށް ދޯ އުޅުނީ. މިހާރު އެކަންތައް ވެސް އެކީ ނިމުނީ؟" ޒައިނަބު ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން އަދި ވެސް އެއްފަހަރު އަހައިލިއެވެ. މިފަހަރު ވެސް ޒަރޫން އާނއެކޭ ބުނެލިއެވެ.

*****

އެގޮތުގައި ހަފްތާއެއް ހޭދަވެގެން ހިނގައްޖެއެވެ. ރޭގަނޑެކެވެ. އާރޓްފިޝަލް ބީޗުގައި އޮތް އިވެންޓެއްގެ ފޮޓޯ ނަގާ ނިންމާލާފައި ޒަރޫންއަށް ހިންދެމިލެވުނު އިރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭނާ ލަސް ހިނގުމެއްގައި ގޮސް މަގަށް ނުކުމެލިއެވެ. ސައިކަލު ޕާކުކޮށްފައި ހުރީ ނަހާގެ ކެފޭގެ އެއްފަރާތުގައި ކަމުން އެ ދިމާލަށް ދިޔުމަށް ޒަރޫން މަގު ހުރަސްކޮށްލިއެވެ. "ކެފޭއާ ދިމާލަށް ބަލައިލި އިރު ތަނުގެ އެތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. ކެފޭ ބަންދުކުރީ ކަމުގައި ހީކޮށްގެން ހުއްޓާ، ދެން ލޮލުގައި އަޅައިގަތީ، ކެފޭއިން ނުކުތް ނަހާއެވެ. ކެފޭ ތަޅުލުމަށް ފަހު އަނެއް ފަރާތުގައި ހުރި ސައިކަލާ ދިމާލަށް ގޮސްފައި، ސައިކަލުގައި އިށީނުމަށް ފަހު ވެސް، އޭނާ ސައިކަލުން ފައިބައިފިއެވެ. ދެން ހިނގައިގަތީ އާޓިފިޝަލް ބީޗާ ދިމާލަށެވެ.

ޒަރޫން އިރުކޮޅަކު ނަހާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެކަނި މާ އެކަނި ނަހާ ގޮސް ބީޗަށް ވަނުމުން ޒަރޫންއަށް ވެސް ވެސް އެ ދިމާލަށް ހިނގައިގަނެވުނެވެ. އޭނާ ގޮސް އަނެއްކާ ވެސް މަގު ހުރަސްކޮށްލައިފިއެވެ. ނަހާގެ ފަހަތުން ޒަރޫން ހިނގަމުން ދިޔަ ނަމަވެސް، އޭނާ ދިޔައީ ހިލަން ނުވާހާ ދުރުމިން ބަހައްޓައިގެންނެވެ.

އެ ދިޔަ ގޮތަށް ގޮސް، ނަހާ ގޮސް އިށީނީ މޫދާ ދިމާލުގައި ހުރި ބެންޗެއްގައެވެ. ވަށައިގެން ބަލައިލަމުން ޒަރޫން މަޑުކޮށްލިއެވެ. ނަހާ މީހަކާ ބައްދަލުކުރަން އައީބާއޭ ހިތަށް އެރީތީއެވެ. އެހެންނަމަވެސް، އެ ގޮތުގައި އިރުކޮޅެއް ފާއިތުވެގެން ދިޔަ އިރު ވެސް، މީހަކު ނައެވެ. ޒަރޫން އެ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ހުރިތަނުގައި ހުއްޓެން މަޖުބޫރުވީ ނަހާ ކަރުނަ ފުހެލިތަން ފެނުމުންނެވެ. އޭނާ ހުރީ ނަހާގެ ފަހަތުގައި ކަމަށް ވިޔަސް، ނަހާގެ ހަރަކާތްތަކުން އެ ވަރު އޭނާއަށް ޔަޤީންވިއެވެ. ޒަރޫން އެ ތަނުގައި ހުރި ރުކެއްގައި ލެނގިލައިގެން މަޑުކޮށްލިއެވެ. ހިތް އެދުނީ ގޮސް ނަހާއާ ވާހަކަ ދައްކައިލާށެވެ. ވީ ގޮތް އޮޅުން ފިލުވައިލާށެވެ. ނަހާގެ ތަކުލީފުތައް ގުޅިފައިވަނީ ކޮންކަމެއްތޯ އެނގުމަށެވެ. އެހެންނަމަވެސް، ދާނެ ހިތްވަރެއް ޒަރޫންއަކަށް ނުލިބުނެވެ. އޭނާ ހަށިގަނޑު ސީދާކޮށްލީ ނަހާ ހަމަޖެހިލިކަން ޔަޤީންވުމުންނެވެ.

އާދައިގެ ފިޔަވަޅުތަކެއްގައި ޒަރޫން ގޮސް ނަހާގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

މީހަކު ހުއްޓުމުން ނަހާއަށް ވެސް ބަލައިލެވުނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ، ކެމެރާއެއްގެ އިތުރުން ދަބަހެއް އަޅުވައިގެން ހުރި ޒަރޫންއެވެ. ނަހާ ނޭފަތް ދަމައިލިއެވެ. މިހާރު ކަރުނަ ނައެއްކަމަކު، ރޮއިފައި ހުރުމުން، އެ ކަމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ނޭފަތްމަތި ކުޑަކޮށް ރަތްވެފައިވާ އިރު، މޫނުމަތީގައި ވެސް އެއްވެސް ދިރުމެއް ނެތެވެ. މާޔޫސްކަމާއި މޮޅިވެރިކަމުގެ އަސަރުތައް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެ ތަނުގައި ހުރި ލައިޓުތަކުގެ އޮރެންޖު އަލިކަމުގެ ތެރެއިން ނިކަން ރީއްޗަށް ޒަރޫންއަށް އެ ހުރިހާކަމެއް ވެސް ފާހަގަކުރެވުނެވެ. އެހެންނަމަވެސް، ނަހާ ރުއި ސަބަބާ ބެހޭގޮތުން ސުވާލުކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެތީ، އެ ކަން އޮޅުން ފިލުވާކަށް ޒަރޫން ނޫޅުނެވެ. ހިތުގައި އުފެދުނު ބޭޤަރާރުކަން ވަންހަނާކޮށްލަމުން އޭނާ ހިނިތުންވެލިއެވެ.

"ޒަރޫން..." ނަހާ ގޮވައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު