ވިލިމާލެ ޕޮލިހުން ބޭއްވި "އިސްރަށްވެހިންގެ އުފާ"ގައި އައިކެއާއިން ލޮލުގެ ސްކްރީނިންއެއް

އައިކެއަރއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ---

ބައިނަލްއަގްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަކޮށްގެން ބޭއްވި މި ހަވީރުގައި، އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންނަށް ލޮލުގެ ސްކްރީނިން ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

މި ހަރަކާތަކީ މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ލިބުނު އަގުހުރި ފުރުޞަތެއްގެ ގޮތުގައި އައިކެއާއިން ވަނީ ސިފަކޮށްފައެވެ.

ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރުމުގެ އިތުރުން، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން، އެ ފަރާތްތަކުގެ ލޮލުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އައިކެއާއިން ފާހަގަކުރިއެވެ.

އައިކެއާއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ---

އުމުރުން ދުވަސްވީ މީހުންނަކީ ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު މަތިވުން) އަދި އުމުރާ ގުޅިގެން މެކިއުލާ ހަލާކުވުން (އޭއެމްޑީ) ފަދަ ލޮލުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބަޔެކެވެ.

މީގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތަކުން ލޮލުގެ ސިއްހަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ލޮލުގެ ބައެއް ބަލިތަކަކީ އޭގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އަވަހަށް ބޮޑުވާ ބަލިތަކަކަށް ވާތީ، ލޮލުގެ ފެނުމަށް ބަދަލެއް ނައި ނަމަވެސް، ގަވާއިދުން ލޮލުގެ ފުރިހަމަ ޓެސްޓުތައް ހެދުން ވަރަށް މުހިންމެވެ. ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި މުސްކުޅިވުމުން ވާކަމެއް ކަމަށް ބަލައި ދޫކޮށްނުލައި، ޑޮކްޓަރަށް ދައްކައިގެން ބަލަންވާނެއެވެ.

މިފަދަ އަގުހުރި ހަރަކާތެއްގެ ތެރެއިން މުޖުތަމަޢު އެއްތަންކޮށް، މި ހަރަކާތުގައި ލޮލުގެ ސިއްހަތަށް ޚާއްޞަ އިސްކަމެއް ދިން ކަމަށްޓަކައި ވިލިމާލެ ޕޮލިހުންނަށް އައިކެއާގެ ފަރާތުން ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ. މިފަދަ އިޖުތިމާޢީ ބައިވެރިވުންތަކުގެ ޒަރީއާއިން، ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދުޅަހެޔޮ ފެނުމެއް ހޯދައިދިނުމަށް އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އައިކެއާއިން ދެއެވެ.

އައިކެއާ ހޮސްޕިޓަލުން އެޕޮއިންޓްމަންޓްތައް، އައިކެއާގެ ވެބްސައިޓުން ނުވަތަ 7201026 އަށް ވަޓްސްއެޕްއާއި ވައިބާ މެދުވެރިކޮށް ގުޅައިގެން ހެއްދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު