ދިރިއުޅުމަކީ އިމްތިހާނެކެވެ. ކުރު ދުވަސްކޮޅެއްގެ ވަގުތީ ފާލަމެކެވެ. ހިތާމައާއި އުފަލުގެ ފަސާނާއެކެވެ. ހިތާމައިގެ ވަގުތުގައި ﷲއަށް ވަކީލުކޮށް އުފަލުގެ ވަގުތުގައި ހަމްދުކުރާށެވެ. ހުރިހާ ވަގުތެއްގައިވެސް ﷲ ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކަށް ޝުކުރުކުރާށެވެ. ނަމާދާއި ޒިކުރުކުރުން އަދި ގުރުއާން ކިޔެވުން ފަދަ އަޅުކަމުން ހިތާއި ރޫހަށް ހަމަޖެހުން ހޯދާށެވެ. "
***
"އެންމެ އަޖައިބު ކަމަކީ ފުރަތަމަ ކައިވެނީގެ ހުށަހެޅުމާއެކު އައި އިބްރާހިމްބެ އަށްވެސް ބައްޕައަށް ނުގުޅޭތީ...."
"އަޅެ މިލްހާ ކިޑްނެޕްވީތަ؟" ރާފާ ދެލޯ ބޮޑުކޮށްލިއެވެ.
"ވިޔަފާރީގެ އައުޓްލެޓްތަކާއެކު ރާއްޖޭގައިވެސް އެމީހުންނަކީ ވަރަށް މަޝްހޫރު މީހުން.... އެފަދަ ބޮޑު ކުށެއް ކުރާނެހެން ހިޔެއްނުވޭ...ކޮންމެވެސް އެހެން މައްސަލައެއް......"
މިލްހާ އާއިލާއާއި ވަކިން ދިރިއުޅެމުންދިޔައީ އެމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ދިރިއުޅުމެކެވެ. އަދި މިހާރު އެމީހުންނަށް ކުރެވޭނެހާވެސް ކަމަކީ އިންތިޒާރުކުރުމެވެ.
އެމީހުންނަށް ނޭނގޭ ކަމަކީ މިލްހާ އެމީހުންނަށް އެންމެ ފުރަތަމަވެސް ސިޓީ ފޮނުވާފައިވާ ކަމާއި ދުވަސްތަކެއް ވަންދެން ޖަވާބެއް ލިބޭތޯ އިންތިޒާރުކުރަމުންދިޔަ ކަމެވެ.
ސްކޮޓްލެންޑަށް އައި ދުވަހުން ފެށިގެން މިލްހާ އިންތިޒާރުކުރަމުންދިޔަ މަންޒަރަކާއިއެކު ހޭލެވުނު ދުވަހެކެވެ. ބިއްލޫރި ދޮރުތަކުގައި ފިނި ހިފާފައި ހުރިއިރު ބަގީޗާތެރެއަށްވެސް ރިހި އުކާަލާފައިވާފަދައެވެ. ހެނދުނުގެ މަޑު އަލިކަމުގެ ތެރެއިން ގަސްތަކާއި ވިނގަނޑުތަކު ބަބުޅަމުން ދިޔައީ ތަފާތުގޮތަކަށެވެ. އޭނައަށް ދުވެފައިގޮސް ބިއްލޫރީގައި ދެއަތް ވިއްދަައިލަމުން ބޭރަށް ބަލައިލެވުނެވެ.
"މިހެނެއްނުވާނެ.."
ހޫނު ކަނޑުތަކާއި ނިމުމެއް ނެތް އަވިން ފުރިފައިވާ މާހައުލެއްގައި ބޮޑުވި އަންހެންކުއްޖަކަށް ސްނޯއަކީ އަބަދުވެސް ފޮޓޯއާއި ފިލްމާއި ވާހަކަތަކުން ފެނުނު އެއްޗެކެވެ. ހޭލާއިރު މުޅި ދުނިޔެ ހުދު ކުލައިން ފޮރުވިފައިވާ މަންޒަރު ފެންނާނެގޮތް ޚިޔާލަށް ގެނައުމުގައި އޭނާ އެތައް އަހަރެއް ހޭދަކުރިއެވެ.
އޭނާ ފަރުދާތައް މުޅިން އެއްފަރާތަކަށް ދަމައިލިއެވެ. ގަސްތަކުގައި ވަނީ ހުދު ކުލަ ހޭކިފައެވެ. މަޑު ހެނދުނުގެ އަލިކަމުގެ ދަށުން ވިނަގަނޑު ބަބުޅަމުންދިޔައިރު އޭނާ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ބަގީޗާ މުޅިން ބަދަލުވެފައިވާ ކަމަށް ދައްކައެވެ. މިލްހާ ހިނިތުންވެލިއެވެ. "ސުބުޙާނަﷲ، މިއީ ވަރަށް ރީތި މަންޒަރެއް....." އޭނާ އަވަސްއަވަހަށް ކުޑަދޮރު ހުޅުވައިލިއެވެ. އޭނާގެ މޫނުގައި ފިނިވައިރޯޅިއެއް ބީހިލަމުން ސިއްރެއް ބުނެލިފަދައެވެ. އޭނަ އުފަލުން ހަޅޭއްލަވައިގަނެފައި އަވަހަށް ދޮރު ލައްޕައިލިއެވެ.
ސިޙުރެއް ފެނުނު ކުޑަކުއްޖެއް ފަދައިން ބޭރަށް ބަލަހައްޓައިގެން އެތައް އިރެއްވާންދެން ހުރެވުނެވެ.
އޭނާ ހުރީ ސްނޯ ފެންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. ދުވަސްތައް ގުނަގުނަ އެވެ. އޭނާ އަވަސްއަވަހަށް އަލަމާރި ހުޅުވާލާފައި ފިނި މޫސުމްގެ ހެދުމެއް ނެގިއެވެ. އޭނާގެ އުފާވެރިކަމުގެ ބޮޑުކަމުން އަމިއްލަ ފައިވާނުގައި އަޅައިގަނެގެން ނުވެއްޓި ސަލާމަތްވީވެސް ކިރިޔާއެވެ. އަވަހަށް ބުރުގާ އަޅަން ފެށިތަނާ ޓަކިދިން އަޑުއިވުނެވެ. "މިލްހާ މެޑަމް"
"އެތެރެއަށް ވަދޭ...."
ބެސީ ދޮރު ހުޅުވިއެވެ. މިލްހާ ހެދުން އަޅައިގެން ބޭރަށް ދާން ތައްޔާރަށް ހުރިތަން ފެނުމުން ހައިރާންވިފަދައެވެ.
"ހާދަ އަވަހަށް ބޭރަށް ދާން........"
"ބަލާބަލަ....." މިލްހާ ކުޑަދޮރާއި ދިމާލަށް އިޝާރާތްކޮށްލިއެވެ.
"ފްރޮސްޓް........"
"އަހަރެންނަށް އެނގޭ....."
"މިބުނީ މިއީ އަދި ސްނޯއެއް ނޫނޭ......"ބެސީ ހިނިތުންވެލިއެވެ.
"އެކަންވެސް ދެނެހުރިން....."
"މިލްހާ އިންތިޒާރުކުރަނީ ސްނޯއަށްތަ؟"
"މިތަނަށް އައި ދުވަހުން ފެށިގެން.."
"އެހެންވިއްޔާ އަދި ކުޑަކޮށް މަޑުކުރަން ޖެހިދާނެ."ބެސީ މަޑުމަޑުން ހީގަތެވެ. މިލްހާގެ އުފާވެރިކަމާއި ސާދާކަމުން އެހެން މީހުންނަށްވެސް އުފާވެރިކަން ލިބޭފަދައެވެ.
"އަހަރެން އުމުރު ދުވަސް އިންތިޒާރު މިކުރަނީ އެދުވަހަށް......." މިލްހާ ގެ ލޯވެސް ޖަވާހިރެއްފަދައިން ވިދަ ބަބުޅައެވެ. އޭނަ އަނެއްކާވެސް ކުޑަދޮރާ ދިމާލަށް އެނބުރުނެވެ. "ބެސީ ތަޖުރިބާ ހުންނާނެހެން ވަރަށް ހީވޭ..ބުނެބަލަ..މިއަދު ސްނޯ ފައިބާނެހެން ހީވޭތަ؟"
"ފަހަރެއްގައި ހަމަ......."
"ހަމަ ތެދެއްތަ؟"
"ސްކޮޓްލެންޑަކީ ވަރަށް އަންދާޒާކުރަން އުނދަގޫ ތަނެއް...މޫސުމް ބަދަލުވާނެ ފަސޭހައިން....."
މިލްހާ އިރުކޮޅަކު ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. ކޮންމެވެސް ކަމެއް ހަނދާންވެގެން އޭނާގެ އުފާވެރިކަން ކުޑަކޮށް ގެއްލިގެންދާގޮތްވިއެވެ. ސަބަބަކީ އެ ޚަބަރު އެންމެ ބޮޑަށް ހިއްސާކުރަން ބޭނުންވި މީހުން ދުރުގައި ތިބުމެވެ. އޭނަ ބޭނުންވަނީ މަންމަމެންނަށްވެސް މި ރީތި މަންޒަރު ފެނުމެވެ. އުފާވެރިކަން ހިއްސާކުރުމެވެ.އޭނާ އެގައުމަށް އާދެވުމާއެކު ވީހާވެސް އަވަހަކަށް އޭނާގެ މައިންބަފައިންނަށް ސިޓީއެއް ލިޔެ އޭނާ ހުރީ ރައްކާތެރިކަމާއެކީ ކަމުގެ ޔަޤީންކަން ދިނެވެ. އޭނާ ސިޓީ ފޮނުވިތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ސިޓީ ގެއާ ހަމައަށް ފޯރިކަމެއްވެސް ނޭގެއެވެ.
***
ނާސްތާގެ ވަގުތު ޖެހުނިއިރު މިލްހާގެ އުފާވެރިކަން އަނބުރާ އައިސްފައިވެއެވެ. ސައި ކޮޓަރީގައި ސިފްރާން އިނީ އާދައިގެ މަތިން ސޫޓެއްލައިގެން ވަރަށް ރަސްމީގޮތަކަށެވެ. ސިފްރާންގެ ލޮލުގައި ވަގުތުން އަޅައިގަންނަވަރުގެ ފޯރިއަކާއެކު އޭނާ އެތަނަށް ވަނެވެ. ސިފްރަން ފެނުމާއެކު ތޫލި އަޑަކުން ސަލާމްގޮވައިލިއެވެ. ޓެބްލެޓުން ނަޒަރު ވަކިކޮށްލަމުން އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ސަލާމުގެ ޖަވާބު ދިނެވެ.
"މިއަދު މާ އުފާވެފައި ތިހިރީ ޔޯ؟"
"ދެންމެ ފްރޮސްޓް ފެނުނީ......"
ސިފްރާން މިލްހާއަށް ބަލަހައްޓައިގެން ހަމަ އިނީއެވެ. އޭނަ ލަދުގަންނަވަންހެއްޔެވެ؟ "އެއިން އެހާވަރުގެ ބޮޑު އުފަލެއް ލިބުނީ؟"
މިލްހާ އެޖުމްލައަށް އަޅައިނުލިއެވެ. ހެނދުނުގެ ނާސްތާ ކުރުމުގެ ކުރިން ސިފްރާންގެ ސަބަބުން އޭނާގެ ފޯރި ކަނޑުވާލުމުގެ އެއްވެސް ޚިޔާލެއް އޭނާގެ ނެތެވެ. އެއާ ޚިލާފަށް ކުޑަދޮރުތަކާއި ދިމާލަށް ބަލައިލަމުން އޭނާ ގޮނޑި ދަމައިލާފައި އިށީނެވެ. ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ.
ސިފްރާން ގެ އަތުގައި އޮތް ނޫހަށް އަނެއްކާވެސް ސަމާލުކަން ދިނެވެ.
އޭނަގެ ނަޒަރު ސިފްރާންގެ މޫނުން ނޫހަށް ދަތުރުކުރިއެވެ. އެންމެފަހުން ބަލައިލެވުނީ ހުސް ތައްޓެއްގެ ކައިރީގައި ހުރި ކަޅު ކޮފީ ތައްޓަށެވެ.
އޭނާ ބުމަ އަރުވައިލިއެވެ. "އަޑުއަހާބަލަ....."
"ކިހިނެއްވީ؟"ސިފްރާން ނޫސްކިޔަން އިނދެ ސުވާލުކުރިއެވެ.
"ސިފްރާން މިތާ އިނީމަ...."މިލްހާ އަތުން އިޝާރާތްކުރުމުން ސިފްރާންގެ ސަމާލުކަން ލިބުނެވެ.
"އާނ..އަހަންނަށްވެސް އެބަ ފެނޭ...އަހަރެން މިއިނީ މިތާ..." ސިފްރާން އޭނައަށް ބަލައިލީ މޮޔަ އެއްޗެއް ބުނުމުން ބަލާފާޑަކަށެވެ.
"ނޫނޭ މިބުނީ.....މާނައަކީ........." ކޮންމެވެސް ކަމެއް ޔަޤީންކުރާ ފަދަ ގޮތަކަށް ކާ ކޮޓަރީގެ ވަށައިގެން ބަލައިލިއެވެ. "ސިފްރާން ހަގީގަތުގައިވެސް މިތާގައި ނާސްތާ ކުރަނީ."
"އާންމުކޮށް އަހަރެން އެހެން ތަނެއްގައި ނާސްތާ ކުރާކަމަށް ހީކުރީ؟"
"ނޭނގެ. ނާސްތާގަޑީގައި އެހެން ދުވަހު ނުފެންނާތީ..." މިލްހާ ކޮނޑު އަރުވައިލިއެވެ.
ސިފްރާން އަނެއްކާވެސް ނޫހަށް ގެއްލުނެވެ. އޭނާ ސިފްރާނުގެ މޫނަށް ސިއްރުން ބަލައިލުމަށްފަހު އަނެއްކާވެސް ނާސްތާއަށް ސަމާލުކަން ދިނެވެ. އެހެންނަމަވެސް، ލޮލުގެ ހިމަކޮޅުން ބަލަން އޭނާއަށް މަޖުބޫރުވިއެވެ. ސިފްރާން ފެންނަނީ އެއްފަހަރާ ދެގޮތަކަށެވެ. އެތަނާއި އެއްވެސްވަރަކަށް ނުގުޅޭ އަދި ހަމައެއާއެކު އެތަނަށް ވަރަށް ފުރިހަމައަށް ގުޅޭ މީހެއްގެ ގޮތުގައެވެ. ކަޅު ކޮފީއާއި ނޫސް އަދި ހިމޭން ހެނދުނެކެވެ.
އެތަނުގައި ޓީވީއެއްނެތެވެ. ތެޅިފޮޅިގެން އުޅޭ މީހެއްނެތެވެ.
ސިފްރާންގެ ޢުމުރުގެ މީހަކު އެހާ އިހުގެ މީހެއްހެން އުޅެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އޭނާ އަނެއްކާވެސް ހައިރާންވެފައި ނޫހަށް ބަލައިލިއެވެ. މިޒަމާނުގައި ކަރުދާސް ނޫހެއް ކިޔަނީ ކާކު ހެއްޔެވެ؟
"ސިފްރާން ހާދަ މުސްކުޅި ފެޝަނެއް...." މިލްހާއަށް އެ ވާހަކަ ބުނެވުނީ ޚުދު އޭނާއަށްވެސް ނޭގިއެވެ. ބޭއިޚުތިޔާރުގައި އެ ލަފުޒުތައް ބުނެވުނުކަމަށްޓަކާ ކަންބޮޑުވިއެވެ. ނޭވާ ވެސް ހުއްޓުނެވެ. ސިފްރާން މަޑުމަޑުން ނޫސް ތިރިކޮށްލިއެވެ.
"ކީކޭ؟"
މިލްހާ ގެ ހުރިހާ ޝައުގެއް ކުރިމަތީގައި ހުރި ނާސްތާއަށް ހުއްޓުނެވެ." އެއްޗެކޭ ނުބުނަން...."
"އަހަންނަކީ މުސްކުޅި ފެޝަނަށް އުޅޭ މީހެކޭ..."
މިލްހާ ބަދިގޭ ދޮރާ ދިމާލަށް ބަލައިލިއެވެ. ނަސްރީނާއި ހަދީދު ކޮންމެ ވަގުތެއްގައިވެސް އެތަނަަށް ވަދެދާނެއެވެ.
އޭނާގެ ތުންފަތަށް ކުޑަ ވަންނިއެއް އެރިއެވެ." ނާސްތާ ގަޑީގައި ކަޅު ކޮފީ ބޮއިގެން ނޫސް ކިޔާތީ...."
"ދެން؟"
"ތިހެން އުޅޭވަރަށްވުރެ ޒުވާން ނޫންތަ؟ ހަމަ ތީނަ ފެނުނީމަ އަހަރެންގެ ކާފަމަތިން ހަނދާންވަނީ...."
ސިފްރާން ގެ ލޮލުގެ ތޫނުކަމުން އޭނަގެ މޫނަށް ހޫނުވާންފެށިއެވެ. "ޒުވާނުންނަށް ކޮފީ ބުއިމާއި ނޫސް ކިޔުން މަނާކަމަށް ވަކާލާތުކުރަން ތިއުޅެނީ؟"
މިލްހާއަށް އެ ވާހަކަތަކަށްދޭނެ ޖަވާބެއް ނޭގުނެވެ.
އެ ވަގުތު ކޮރިޑޯއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. ސިޓީ އުރަތަކެއް ހިފައިގެން ވަދެގެން އައީ ޚާދިމާއެކެވެ. "މިސްޓަރ ސިފްރާން."
އޭނަ ސިޓީ އުރަތައް ސިފްރާންގެ ތަށި ކައިރީގައި ރީތިކޮށް ބެހެއްޓިއެވެ. "ހެނދުނުގެ ސިޓީތައް....."
މިލްހާގެ ލޯ ޚާދިމާގެ ކޮންމެ ހަރަކާތަކަށް ހުއްޓުނެވެ. އެންމެފަހުން ނަޒަރު ހަރުލީ ސިޓީ އުރަތަކަށެވެ. އޭނާ އެއަށް ބަލަހައްޓައިގެން އިނެވެ.
"ކިހިނެއްވީ؟" ސިފްރާން އެކަން ފާހަގަކުރިއެވެ. އަދި ކޮފީތަށި ނަގައި ލަސްލަހުން ކޯވަރެއް ދަމައިލިއެވެ.
މިލްހާ އަނެއްކާވެސް ސިޓީ އުރަތަކަށް ބަލައިލިއެވެ. "އަހަރެންގެ އެއްވެސް އެއްޗެއް އޮވެދާނެބާވައޭ ހިރަށް އަރަނީ.."
ސިފްރާން ކުޑައިރުކޮޅަކު އޭނަގެ މޫނަށް ބަލަން އިނީ ދިރާސާކުރާފަދަ ގޮތަކަށެވެ.. "ކަމަކަށް އިންތިޒާރުކުރަނީތ؟"
"އަހަރެންގެ މައިންބަފައިން."
"އެމީހުންގެ ސިޓީއަކަށް އިންތިޒާރުކުރަނީ؟"
"އަހަރެން އެމީހުންނަށް ސިޓީއެއް ފޮނުވިން."
"ކޮންއިރަކު؟"
"ކުރީ ދުވަހަކު."
ސިފްރާންގެ ނަޒަރު މިލްހާގެ މޫނުގައި ހަރުލިއެވެ.
"އަހަރެންނަށް އެމީހުންނާ ފަސޭހައިން ނުގުޅެވެނީ ކީއްވެ؟" މިލްހާ ޖެހިލުންވިނަމަވެސް ސުވާލުކުރިއެވެ.
ސިފްރާން ޖޯޑު ތިރިކޮށްލިއެވެ.. "ތިބުނީ؟"
"މާނައަކީ... އަހަރެންނަށް އެމީހުންނަށް ވާހަކަދައްކައިލެވޭނީ ކިހިނެއްހެއްޔޭ"
"ވާހަކަދެއްކޭނެ..."
މިލްހާ ދެލޯ ބޮޑުކޮށްލިއެވެ. "އަހަރެންނަށް ގުޅޭނެ؟"
"އާނ...ދައްކަން ބޭނުންވާ ވާހަކައެއް އޮތްނަމަ އެ ވާހަކައެއް ދެއްކޭނެ."
"އަހަރެންގެ ފޯނެއް ނެތް."
ސިފްރާންގެ މޫނުމަތީގެ ކުލަވަރަކަށް އެއްވެސް ބަދަލެއް ނައެވެ. "ފޯނެއް އޮންނާކަށް ނުޖެހޭ ގުޅާކަށް."
މިލްހާ ބުމަ އަރުވައިލިއެވެ. "ދެން އަހަރެން މަންމަމެންނަށް ގުޅާނީ ކިހިނެއް؟"
އެ ސުވާލުން ހައިރާންވި ކަހަލަ ގޮތަކަށް ސިފްރާން ކުޑަވަގުތުކޮޅަކަށް މިލްހާއަށް ބަލަހައްޓައިގެން އިނެވެ. "މިގޭގައި ފޯނެއް ހުރޭ..."
"ކޮންތާކު؟"
"އަހަރެންގެ އޮފީހުގައި."
މިލްހާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. "ސިފްރާން ތި ވާހަކަ ދުވަހަކުވެސް ނުބުނޭ."
"ނުވެސް އަހަމެއްނު....."
އޭނާ އަނގަ ހުޅުވާލުމަށްފަހު އަނެއްކާވެސް ލެއްޕިއެވެ. އެއީ ޤަބޫލުކުރަންޖެހޭ އެހެނަސް އުނދަގޫވި ކަމެކެވެ. ސިފްރާންއާއި ވާހަކަދެއްކުމަކީ ފަސޭހަކަމެއްހެއްޔެވެ؟ ބީރައްޓެއްސަކަށްވުރެ ދުރުހެން ބައެއްފަހަރު ހީވެއެވެ. މިއަދު ތަންކޮޅެއް ތަބީއަތު ރަގަޅުހެން ހީވިއެވެ. އޭނަގެ އުފާވެރިކަމުން އަސަރުކުރީކަމަށް ވެދާނެއެވެ.
"ނަމަވެސް މެސެޖު ފޮނުވުމުގެ ކަންތައް؟" އޭނާ ކުރިއަށް ގެންދިޔައެވެ. "ނުވަތަ އީމެއިލް؟ ކޮންމެވެސް ތަނެއްގައި ކޮމްޕިއުޓަރެއް އެބަހުރިތަ؟ ނުވަތަ އެހެން އެއްޗެއް؟"
"މަންމަމެން އަހަރެންގެ ޚަބަރެއްނުވެގެން ކަންބޮޑުވެ ހާސްވެގެން އުޅެން ބޭނުމެއްނޫން... އަހަރެން ހުރީ ރައްކާތެރިކަމާއެކުކަން އެމީހުންނަށް އަންގަން ބޭނުން. އަދި އެމީހުންވެސް ތިބީ ރައްކާތެރިކަމާއެކުކަން އެނގެންވެސް ބޭނުން...."އޭނާގެ އިނގިލިތަކުން މޭޒުގެ އަރިފަށުގައި ހިފާ ބާރުކޮށްލެވުނެވެ.
"މަންމަމެންނަށް ގުޅަން ބޭނުންނަަމަ، ފޯނު ބޭނުންކުރޭ." ސިފްރާންގެ އަޑު މަށެވެ. ނަމަވެސް އެ އަޑުފުންކަމުން މިލްހާ ހަރަކާތްކުރުން ހުއްޓައިލިއެވެ.
"ނާސްތާއަށްފަހު އަހަރެންނަށް އެ ބޭނުންކުރެވިދާނެ؟"
ސިފްރާން އަނެއްކާވެސް ނޫސް ނެގިއެވެ. "ސުވާލުކުރުން ނިމިއްޖެއްޔާ...... އާނ."
"ގުޑް މޯނިން ޑާލިންސް...." ނަސްރީންގެ އަޑުން ކާ ކޮޓަރީގައި އޮތް ހިމޭންކަން ކެނޑުނެވެ.
އޭނާ އައިގޮތަށް ސިފްރާންގެ ބޮލަށް ބޮސްދިނެވެ.
"މޯނިން މަންމާ."
ސިފްރާންގެ ކުރިމަތީގައި ހުރި ގޮނޑީގައި ނަސްރީން އިށީންއިރު ހަދީދުވެސް ޖެހިގެން ހުރި
ގޮނޑީގައި އިށީނެވެ. އިރުކޮޅަކަށް ސިފްރާންވެސް މަންމައާއި ބައްޕައާއި ވާހަކަދެއްކިއެވެ. މިލްހާއާއި އޮތް ބީރައްޓެހިގޮތް އެއްވެސް ވަރަކަށް ނެތެވެ. މަންމަމެންނާއި ވާހަކަދައްކާއިރު ފެނުނީ އެހެން ސިފްރާންއެވެ. ނަސްރީން ސައި ތަރުމޯޒާއި ދިމާލަށް އަތްދިއްކޮށްލިތަން މިލްހާއަށްވެސް ފެނުނެވެ. ސިފްރާން އަވަހަށް ތެދުވެ މަންމައަށް ސައިތަށްޓެއް އަޅައިދިނެވެ.
ސިފްރާންއަކީ ބަލާބެލުމަށް ހަމަ އެ ސީރިޔަސް މީހުން ޖެހިލުންވާފަދަ ޝަޚުސިއްޔަތެއްގެ ވެރިޔެކެވެ. އެހާ ސީދާކޮށް ހުންނަ ހަމަޖެހޭ އަދި އެހާ ސިއްރުވެރި ޒުވާނާއެވެ.ކަނޑެއްހާ ފުން ދެލޮލުގައިވާ އެއްޗެއް އެހެން މީހަކަށް ވިސްނައިގަންނަން ފަސޭހައެއްނުވާނެއެވެ. ނަމަވެސް ނަސްރީން ހުންނައިރު ސިފްރާންގެ ކޮންމެވެސް ކަމެއް ބަދަލުވެއެވެ. މަންމަގެ ތަށި ހުސްވުމުގެ ކުރިން އޭނާއަށް އެކަން އެނގެއެވެ. މަންމަ ނާހަނީސް ހުރިހާ އެއްޗެއް ގާތްކޮށްލަދޭނެއެވެ. މިލްހާ ކުރިންވެސް އެކަން ފާހަގަކޮށްފައިވެއެވެ. މަންމަގެ ކައިރީގައި ހިނގާއިރު އޭނާ އަބަދުވެސް ހިނގުން މަޑުކޮށްލާ ގޮތެވެ. މަންމައަށްވުރެ އެއް ފިޔަވަޅު ނަމަވެސް ފަހަތުގައި ހުންނަނީ އިހުތިރާމް ކުރާވަރުން ހެން ހީވެއެވެ. އެތައް ފަހަރަކު ތަކުރާރުކޮށް އަޑުއަހާފައިވާ ވާހަކަތަކެއް މަންމަ ދެއްކިޔަސް އޭނާ ދުވަހަކުވެސް މަންމަގެ ވާހަކަ މެދުކަނޑައިނުލާ ގޮތެވެ. މަންމަ ވާހަކަދައްކާއިރު އޭނާ އަޑުއަހަން އިންނަ އަދަބުވެރިގޮތެވެ. ހަމައެކަނި މަޑު މަޑު ހޫމްއެއް އަޅުވައިލާފައި ނޫނީ ބުމަ އަރުވައިލި ނަމަވެސް، އޭނާ ހަޤީޤަތުގައިވެސް އަޑުއަހައެވެ. އަދި ނަސްރީން ކިތަންމެ ގިނައިން ޝަކުވާކުރި ނަމަވެސް އޭނާވެސް ދަރިފުޅު އެހާ ރަނގަޅަށް ދަނެއެވެ. ސިފްރާން ވަރުބަލިވެފައި ހުރިކަން ނޭހިޔަސް އޭނާއަށް އެނގެއެވެ. ނުކައިހުރިއްޔާ އެކަން ދެނެގަނެއެވެ. ސިފްރާންގެ މޫނަށް އެއް ފަހަރު ބަލައިލުމުންވެސް އެ ދުވަހު އޭނާއަށް ހިތާމަވެރިވިޔަސް ނޫނީ އުފާވެރިވިޔަސް އެނގެއެވެ. މަންމައާއި ދަރިފުޅުގެ އޮންނަނީ ވަރަށް ޚާއްސަ ގުޅުމެކެވެ.
***
ނާސްތާއަށްފަހު މިލްހާ މިސްރާބުޖެހީ ސިފްރާންގެ އޮފީހާ ދިމާލަށެވެ. އޭނާ ދޮރުމަތީގައި މަޑުޖެހިލިއެވެ. އެއީ އޭނާ މިތަނަށް އައި ފުރަތަމަ ފަހަރެވެ. މި ގެއަށް އައިފަހުން އެ ކޮޓަރި ކައިރިން އެތައް ފަހަރަކު އޭނާ ހިނގާފައި ވީނަމަވެސް އެތަނަށް ވަންނަންޖެހޭ ފަދަ ސަބަބެއް ދުވަހަކުވެސް މެދުވެރިއެއް ނުވެއެވެ. އެ އޮފީހަކީ އަބަދުވެސް ސިފްރާންއަށް އެކަނި ޚާއްސަ ތަނެއްގެ ގޮތުގައި ފެންނަ ތަނަކަށްވެފައި އެތަނަށް ވަންނަންވަރަށް މިލްހާ ޝައުޤުވެރިއެއް ނުވެއެވެ. އޭނަ އެހާ ޖެހިލުންކުޑައެއްވެސް ނޫނެވެ. ނަމަވެސް މިއަދުަ އޭނާ ކޮންމެހެންވެސް ފޯނު ބޭނުންވިއެވެ. މަންމަމެންގެ ހާލު ބަލައިނުލާ މާ ދުވަސްވެއްޖެއެވެ.
މިލްހާ ކުޑަކޮށް ވިސްނައިލުމަށްފަހު މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ނާސްތާ ނިމުނުގޮތަށް ސިފްރާން ގެއިން ނުކުމެގެން ދިޔުމުން އޭނާ އެތަނުގައި ނެތްކަން ޔަގީންވިއެވެ.
އެއް ފާރާއި ދިމާލުން ދިގު ކުޑަދޮރުތަކެއް ހުރިއިރު ހެނދުނުގެ ފަނޑު އަލިކަމުން ސަލާމަތްވުމަށް އޭގެ ފަރުދާތައްއް ހުރީ ކޮންމެވެސް ވަރަކަށް ދަމާލާފައެވެ. އަނެއް ފާރުގައި ހުރީ ކަޅު ކުލައިގެބޮޑު އަގުބޮޑު އަލަމާރިތަކެކެވެ. ހަރުގަނޑުގައި ތަފާތު ވައްތަރުގެ ފޮތްތަކެވެ.ދުވަސްވީ ފޮތްތަކާއި ބައެއް ލެދަރު ފޮތްތަކާއި އެހެނިހެން ކުލަކުލައިގެ ފޮތްތައް އަތުރާލާފައި ހުއްޓެވެ. ކުޑަދޮރު ކައިރީގައި ބޮޑު ލަކުޑި މޭޒެއް ހުއްޓެވެ. އޭގެ މަތީގައި ހުރިހާ އެއްޗެއް ހުރީ ވަރަށް ފުރިހަމައަށް އަތުރާފައެވެ. ކަރުދާސްތައް ހުރީ ރީތިކޮށް ބަހައްޓާފައެވެ. އެއްވެސް ބޭކާރު އެއްޗެއް ނެތެވެ. މިލްހާއެތެރެއަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ ނަޒަރު އެ ކޮޓރިތެރޭގައި ދަތުރު ކުރަމުންދިޔައެވެ. އޭނާ ހުއްޓުންއެރީ ކުރެހުންތައް ފެނުމުންނެވެ. އަގުބޮޑުހެން ހީވާ ކުރެހުންތަކެއް ފާރުގައި ހަރުކޮށްފައިވިއެވެ. އޭނާއާ އެންމެ ކައިރީގައި ހުރި ކުރެހުމާ ދިމާލުގައި މަޑުކޮށްލިއެވެ. އެއް ކުރެހުމުން ފެންނަނީ ރިހި ހަނދެއްގެ ދަށުގައި ފޮޅެމުންދާ ކުލައިގެ މާތަކެކެވެ. އަނެއް ކުރެހުމުން ފެންނަނީ ގަދަ ފާރެއްގައި އޮޅިފައިވާ ވެޔޮގަހެކެވެ. އަނދިރިކަމުގެ ތެރޭގައި އޭގެ ހުދު ފަތްތައް ވިދާ ބަބުޅާ ކަހަލައެވެ.
ބޭރުގައި އެ މާތައް ހުރިކަން އޭނާއަށް އެނގެއެވެ. އެ މާތަކުގެ މެދުގައި އޭނާ އެތައް ދުވަހެއް ވަންދެން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ގޭތެރޭގައި އެ މާތައް މިހެން ކުރަހާފައި ހުއްޓައި ދުވަހަކުވެސް ދެކެފައެއް ނުވެއެވެ.
އެ ކުރެހުންތަކުގައި ވަރަށް ޚާއްސަ އަމިއްލަ ގޮތްގަނޑެއް ހުއްޓެވެ.
އޭނާ މިތަނަށް އައި ސަބަބު ހަނދާންވިއެވެ. "ފޯނު....." ޑެސްކާ ކައިރީގައި ހުރި ކުޑަ މޭޒެއްމަތީގައި ހުރި ފޯނު ފެނުމާއި ހަމައަށް އޭނާގެ ލޯ އެތަންމިތަން ހޯދަމުންދިޔައެވެ. އޭނާ އަވަސްއަވަހަށް ގޮސް ރިސީވަރު ނެގިއެވެ. ފޯނުން ހަމަޖެހޭ ޑައިލް ޓޯނެއް އިވުނެވެ. މިލްހާ ހިނިތުންވެލިއެވެ. " މިއީ މަސައްކަތްކުރާ އެއްޗެއް....." އޭނަގެ ހެދުމުގެ ޖީބުން އޮޅާލާފައި އޮތް ކަރުދާސްކޮޅު ނެގިއެވެ. އޭގައި އޭނާގެ އަމިއްލަ އަތުލިޔުމުން ބައްޕަގެ ނަންބަރު ރީތިކޮށް ލިޔެފައި އޮތެވެ. އޭނާ ފަރުވާތެރިކަމާއެކު ނަންބަރު ޖެހިއެވެ.
އޭނަ ރިސީވަރު ކަންފަތުގައި ޖަހައިގެން ހުއްޓެވެ. އެއްވެސް އަޑެއް ނީވެއެވެ. މިލްހާ ބުމަ އަރުވައިލިއެވެ. އޭނާ މަޑުކޮށްލިއެވެ. އަދިވެސް އެއްވެސް އަޑެއް ނީވެއެވެ.
އޭނާ އަނެއްކާވެސް މަސައްކަތްކުރިއެވެ. މިފަހަރު އޭނާ މާ މަޑުމަޑުން ނަންބަރު ޖެހިއެވެ. ކުރިއަށް އޮތް ނަންބަރު ޖެހުމުގެ ކުރިން ކަރުދާސްކޮޅުގައިވާ ނަންބަރު ޗެކްކުރަމުންނެވެ. އަނެއްކާވެސް އެއްވެސް އަޑެއް ނީވެއެވެ.
މިލްހާގެ ބުމަ ގާތްވިއެވެ. "މަޑުކޮށްބަލަ.... އަހަރެންނަށް މި ނަމްބަރުތައް ޖެހުނީ ރަގަޅަށްތަ؟" އޭނާ އަނެއްކާވެސް ނަންބަރު ޗެކްކުރިއެވެ. ނޫނެކެވެ. އެއީ ރަނގަޅު ނަންބަރެވެ. އޭނާ އަނެއްކާވެސް ޑައިލްކުރިއެވެ. ލައިން މުޅިން ހިމޭންކޮށް އޮތެވެ. ދެން އޭނާ ހާރިސްގެ ނަންބަރަށް ގުޅަން މަސައްކަތkުރިއެވެ. އެއްވެސް އަޑެއް ނީވެއެވެ. ފޯނަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. "މި ފޯނަށް މިވީ ކިހިނެއް؟" އިންޓަރނޭޝަނަލް ކޯޑު ލައިގެންވެސް އޭނާ މަސައްކަތްކުރިއެވެ. ކޯޑާއި ނުލައިވެސް މަސައްކަތްކުރިއެވެ.
ގެއިން ފޯނެއް ލިބޭނެކަމަށް ސިފްރާން ބުނުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މިނެޓުކޮޅެއްގެ ތެރޭގައި މަންމަގެ އަޑު އިވިގެންދާނެ ކަމަށް އޭނާ ހީކުރިއެވެ. އެއާ ޚިލާފަށް، އޭނާ ހުރީ ސިފްރާންގެ އޮފީހުގައި މީހަކަށް ގުޅުނަނުދޭން ކަނޑައަޅައިގެން ހުރި ފޯނަކަށް ތަކުރާރުކޮށް ނަންބަރު ޖަހަާލަ ޖަހާލައެވެ.
އޭނާ މަޑުމަޑުން ރިސީވަރު ތިރިކޮށްލިއެވެ. އޭނާގެ ނަޒަރު އެ އާދަޔާޚިލާފު ކޮޓަރިތެރެއަށް ހުއްޓުނެވެ.
އޭނާއަށް ނުބައިކޮށް ކުރެވުނީ ކޮންކަމެއްކަން އޭނާއަކަށް ނުވިސްނުނެވެ. އޭނާ ކަރުދާސްކޮޅު ފަށްޖަހާލާފައި އަނބުރާ ޖީބަށްލިއެވެ. އޭނާ ޖެހޭނީ ކޮންމެވެސް މީހެއްގެ ކައިރީގައި މި ފޯނު މަސައްކަތްކުރާގޮތް އަހައިލުމަށެވެ. މިގޭގެ ކޮންމެ އެއްޗެއްގައިވެސް ސިއްރެއްވާފަދައެވެ. ދޮރާ ދިމާލަށް އެނބުރުމުގެ ކުރިން އޭނާގެ ލޯ މަލުގެ ކުރެހުމަކަށް ހުއްޓުނެވެ.
އޭނަ ނުކުންނަން އުޅެނިކޮށް ޑެސްކް ކައިރީގައި ހުރި ކުނިވަށިގަނޑަށް ލޯ ހުއްޓުނެވެ. އެހެން ކަރުދާސްތަކުގެ ދަށުން ނުކުމެފައި އޮތް ކުޑަ ހުދު ކަރުދާސްކޮޅެއް ނުފެނުނުނަމަ މިލްހާ އަޅާވެސް ނުލާ ދިޔައީހެވެ. އޭނާ ހުއްޓުނީ އެ ކަރުދާސްކޮޅު ކުރިން ދެކުނުހެން ހީވެފައެވެ. މިލްހާ ގުދުވެ، އެ ކަރުދާސްކޮޅު ދަމައިގަތެވެ. އެއީ ވީދާލާފައި އޮތް އެއްޗެކެވެ. ރީތިކޮށް ދެ ބަޔަކަށް ވީދާލާފައެއްވެސް ނޫނެވެ. އެތައް ސަތޭކަ އެތިކޮޅުތަކަށް ހަދާފައެވެ. ސަލާމަތުން އޮތީ ހަމައެކަނި ކުޑަ ތަންކޮޅެކެވެ. އޭނާ އެއަށް ބަލައިލުމާއެކު ލޯ ހަނިކޮށްލެވުނެވެ. އޭގައި ލިޔުންތަކެއް ހުއްޓެވެ. ކުޑަވަގުތުކޮޅަކަށް ލިޔެފައިވާ އެއްޗެއް މުޅިން ސާފެއް ނުވިއެވެ. އޭނާއަށް އެ އަތުލިޔުން އެނގުނެވެ. އެއީ ޚުދު އޭނާގެ އަތުލިޔުމެވެ. މިލްހާއަށް ނޭވާ ހިފައްޓާލެވުނެވެ. އޭނާ އެ ކަރުދާސްކޮޅަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ އޭނާގެ ސިޓީއެވެ. އޭނަ މައިންބަފައިންނަށް ލިޔުނު ސިޓީއެވެ.
ނުނިމޭ