"ވަގުތުން ނަމާދުކުރަން އިސްކަންދޭށެވެ. ވަޒީފާއާއި ސްކޫލަށް ދިޔުމާއި އެހެން ކަންތައްތަކަށް ފަރުވާތެރިވުމަށްވުރެ އެންމެ މުހިއްމުވާނީ ނަމާދެވެ. ތިބާގެ މައްޗަށް ނަމާދުކުރެވޭނީ ކޮން އިރަކުކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އޭގެ ކުރިން ހެއްދެވި ފަރާތަށް ތިބާގެ ވަގުތުތައް ހުސްކުރާށެވެ. ނަމާދުކުރުމާއި ޒިކުރުކުރުމުން ހިތަށް އުފާވެރިކަން ލިބޭނެއެވެ."

***

މިލްހާއަށް ނޭގުމަކީ އޭނާއަށް އެންމެ ބޮޑަށް އުނދަގޫކުރާ ކަންތައް ކަމަށްވެދާނެއެވެ. މިލްހާ ހީކުރަނީ މިއީ ހިމާޔަތް ލިބޭ އުފާވެރި މަންޒިލެއްކަމުގައެވެ. އޭނަ ހުންނަނީ އުފަލުންނެވެ. ބިރުގަންނަންޖެހޭ ސަބަބެއް ނެތެވެ.ހަގީގަތް އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟

ސިފްރާން ދުރަށް ހިނގައިގަތެވެ. އޭނާ މަޑުކޮށްގެން ހުރެ އަޑުއެހިކަން މިލްހާއަށް އެންގުމުގެ އެއްވެސް ޚިޔާލެއް އޭނާގެ ނެތެވެ.

***

ސިފްރާން ކޮޓރިއަށް ވަދެ އަތުކުރީގައިވާ ގަޑި ބޭލުމަށްފަހު ރީތިވާ މޭޒުމަތީގައި ބޭއްވިއެވެ. އަދި ފެންވަރަން ވަނުމުގެ ކުރިން އިރުކޮޅަކަށް އެނދުގައި ޖައްސައިލަންވެގެން ޓީޝާޓަކާއި ޖިންސެއްލުމަށްފަހު ކުޑަޮދުރު ކައިރީގައި ހުރި ސޯފާގައި އޮށޯވެލާ ކުޝަން މެޔާއި ޖައްސައިލިއެވެ. އޮފީހާ އަޅައިބަލާއިރު ގޭގެ ހާލަތު މާ ހިމޭންކޮށް ފެނުނު ނަމަވެސް ނުތަނަވަސްކަން އަދިވެސް އޭނާގެ ސިކުނޑިއަކުން ނުފިލައެވެ. އެއްލި ކަޅިއަކުން ފެނުނު މަންޒަރަކުން ރަގަޅަށް ބަލައިލެވުނެވެ. ބަގީޗާތެރެއިން ފެނުނީ މިލްހާއެވެ.

މިލްހާ ކަކޫމައްޗަށް ތިރިވެއިންއިރު ހެދުމުގެ އަތުކުރިވަނީ އޮޅާލާފައެވެ. ވައިރޯޅީގެ ގޯނާތަކުން ކޮންމެވެސް ވަރަކަށް ޝޯލް ހޫރެމުންދާއިރު އިސްތަށިގަނޑާއި ވަކިވެގެން ހިނގައިދާނެފަދައެވެ. މިލްހާގެ ކޯތާފަތުގައި ޗަކަ ރޮގެއް ދެމިފައިވިއެވެ. އެވީރާނާ ބަގީޗާ އަލުން ދިރުވަން ކުރާ މަސައްކަތުގެ ތެރެއަށް މުޅިން ގެއްލިފައެވެ. އެކުއްޖާ އެކަމަކާއި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނަ އިރުކޮޅެއްވާންދެން މިލްހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހިމޭންކަމާއެކު އިނެވެ. އޭނަ ވިސްނަންޖެހޭ މާ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ. ބޭނުންވާވަރަށްވުރެ ގިނައިރު އެހެން ބަލަން އިނދެވުނީ ކީއްވެކަމެއް އޭނައަކަށް ނުވިސްނުނެވެ. އެއާއެކު ބުމަ ގާތްވެ މޫނަށް ހަރުކަށިކަން ވެރިވިއެވެ.

***

މިލްހާ އޭނަގެ ނިތްކުރީގައި އަތުގެ ނުފުށުން ފޮހެލިއެވެ. "އިތުރު އެންމެ ގަހެއް އިންދާނީ." ފާއިތުވެ ދިޔަ ސާޅީހަކަށް މިނިޓްވާންދެން އޭނަ އަމިއްލަ ނަފުސަށް އެހެން ބުނެވުނު އަދަދެއްވެސް ނޭގެއެވެ. އޭނަގެ ކުރިމަތީގައި އޮތް ފަސްގަނޑުވެސް އޭނަގެ އަމިއްލަ ނަފުސަށް އޮތް އިތުބާރާއި ގޮތްދޫނުކުރުމުގެ ކުރިމަތީގައި އެއްބާރުލުން ދޭންފެށިއެވެ. ކުރިން ދުވަހު ގުޑައިނުލެވުނު މޫވެސް އުފުރައިލެވުނެވެ. ފަސްގަނޑު މަޑުވުމުން ކުދިކުދި މާގަސްތައް އެތަނުގައި އިންދައިފިއެވެ. އެންމެފަހުން އަތް ފޮޅާލާފައި ފަހަތަށް ޖެހި އަމިއްލަ މަސައްކަތަށް ތައުރީފުކޮށްލިއެވެ. އެއާއެކު ހަލާކުވެފައިވާ ހިސާބުގެ އެންމެ ކޮޅުގައިވާ އެއްޗެއް ލޮލުގައި އަޅައިގަތެވެ. އޭނަ ބުމަ އަރުވައިލިއެވެ.

އެއީ ތަންކޮޅެއް ޅަ ވެޔޮ ގަނޑެކެވެ. ފެހިކަން ގަދަ ވެޔޮ ގުދުގުދުލައްވަމުން ފަސްގަނޑު ފަޅާލާފައި ނިކުންނަނީއެވެ. ފަތްތައް ހުރީ ހިތެއްގެ ބައްޓަމަށެވެ. ވަރަށް ތާޒާވެފައި ވިދާ ބަބުޅައެވެ. މިލްހާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފަތެއްގައި އަތްލިއެވެ.

"މި އިންދި ހަނދާނެއް އަހަރެން ނުވޭ...." އޭނަ ވަށައިގެން ނަަޒަރު ހިންގައިލިއެވެ.

އަނެއްކާ މައްޗަށް ހެދިފައިވާ ކުދިގަސްތަކުގެ ތެރޭގައި ފޮރުވިފައި ކުރިންވެސް އޮތް ވެޔޮގަނޑެއް ހެއްޔެވެ؟ އެވެޔޮގަނޑު ކޮންމެވެސްވަރަކަށް ދުރަށް ފެތުރިފައިވއެވެ. އޭނަ އެ ވެޔޮގަނޑުގައި ހިފަހައްޓާފައި ދަމައިގަންނަން އުޅުނެވެ. ގުޑައެއްނުލިއެވެ.

އޭނަ މޫގަނޑުގެ ވަށައިގެންވާ ފަސްގަނޑުގެ ތެރެއަށް އިނގިލިތައް ވައްދައިލިިއެވެ.

"ދެން ގަދަ ނަހަދާ އަވަހަށް އަންނަން އުޅޭ..."

ވެޔޮގަނޑު ދެކޮޅުހެދިއެވެ. އޭނަ އަނެއްކާ އަތަށް ބާރުލާފައި ވެޔޮގަނޑު ދަމައިގަންނަން އުޅެނިކޮށް މީހަކު އޭނަގެ އަތުގެ ކުޑަހުޅުގައިި ހިފަހައްޓައިލިއެވެ. ކުއްލިއަކަށް ހިފާފައި ގާތަށް ދަމައިގަތްލެއް ބާރުކަމުން އޭނަގެ މެޔަށްވެސް ފިނިވިއެވެ.

"ކީއްތިކުރަނީ؟" ކަންފަތުގައި އެ އަޑު ޖެހުމާއެކު އޭނަގެ ނޭވާވެސް ހުއްޓުނެވެ. ދެނެފަރިތަ އަޑެކެވެ. އޭނަ ލަސްލަހުން އެނބުރި ބަލައިލިއެވެ. ސިފްރާން ހުރީ ފަހަތުގައެވެ. އައި ނައި ދިމާލެއްވެސް ނޭގުނެވެ. އަޑެއް ބަޑެއް ނީއްވާ ޖިންނިއެއްފަދައިން އެހެރީ ފަހަތުގައެވެ. ކުޑަވަގުތުކޮޅަކަށް ދެމީހުންނަށްވެސް ބަހެއްނުބުނެ ބަލަހައްޓައިގެން ތިބެވުނީއެވެ. ސިފްރާންގެ މޫނު ކުރިން ފެނުނުގޮތާއި މުޅިން ތަފާތެވެ. އަބަދު ފެންނަ ހަރުކަށިކަމާއި ސީރިޔަސްކަމެއް ނެތެވެ.

ސިފްރާންގެ ލޯ ހުއްޓިފައިހުރީއެ ވެޔޮގަނޑަށެވެ. "އެ ވެޔޮ އުފުރައިލަން އުޅުނީ؟"

މިލްހާ އޭނާގެ އަތަށް ބަލައިލިއެވެ. އެ އަތް އޮތީ އަދިވެސް ސިފްރާންގެ އަތުތެރޭގައި ހައްޔަރުވެފައެވެ.

"އަހަރެން....މްމްމް......" އޭނާގެ އިނގިލިތައް ކޮންމެވެސް ވަރަކަށް ބާރުވިއެވެ.

"ކީއްވެ؟"

"ސަބަބަކީ އެއީ ވީޑްއަކަށް ވާތީ........"އޭނާ ދެލޯ މަރައިލިއެވެ.

"އެއީ ބޭކާރު ގަހެއް ނޫން......" ސިފްރާންގެ ޖަވާބު އެހާ އަވަހަށް އައުމުން ޤަބޫލުކުރަން އުނދަގޫވެގެން އޭނައަށް ހެވޭގޮތްވިއެވެ.

"ބަލާބެލުމަށް ހަމަ އެހެން....."

"އެހެންވީރު ލޮލަށް ފެންނަ އެއްޗެހި ވަކިކުރަން ކަލެއަށް ނޭނގެނީ......"

ބަގީޗާތެރެ މުޅިން ހިމޭންވިހެން ހީވިއެވެ.

"އޭގައި ދެން އަތްނުލާތި....." ސިފްރާން ދަތްކުނޑިވިކައިލިއެވެ.

"ކީއްވެ؟"މިލްހާ އަނެއްކާވެސް އެ ގަހަށް ބަލައިލިއެވެ.

ސިފްރާން އެއްޗެއް ނުބުނެއެވެ. މިލްހާ ބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ. ސިފްރާން ޖަވާބެއް ނުދިނުމުން އޭނާގެ ހައިރާންކަން މަޑުމަޑުންގޮސް ރުޅިވެރިކަން ޚިޔާރުކުރިއެވެ."ގަހަކާ ހެދި އަހަރެންގެ އަތުގައި ތިހާ ބާރަށް ހިފީ..ލުއްސައިލަން އުޅުނީ......"

"އެ ވެޔޮ އުފުރައިލާ ނައްތައިލުމުން އަހަރެން ސަލާމަތްކުރީ........" ސިފްރާންގެ ކޯކަށިގަނޑަށް ބާރުވެލިއެވެ.

އޭނާގެ އަތުގެ ކުޑަހުޅުން ސިފްރާން ދޫކޮށްލުމުން އިނގިލިތައް ހުރި ތަނުގައި މިލްހާ ފިރުމައިލިއެވެ.

"ވަރަށް ތަދުވެއްޖެ.........." އޭނާ ހެދުމުގައި ހުރި ފަސްތައް ފޮޅައިލިއެވެ. "އެނގޭތަ؟ މީހަކަށް ނޭނގި ކަމެއް ގޯސްކޮށް ކުރެވުނިއްޔާ ގިނަ މީހުން ކަންކަން ސާފުކޮށްދެނީ."

ސިފްރާން އަތުގައި ހިފިގޮތުން އޭނާ ސިއްސުވާލާފައިވުމާއެކު ގަތްލަދުވަނީ ރުޅިއަށް ބަދަލުވެފައެވެ. "މި ގޭގައިވާ އެންމެން ޤާނޫނުތައް ހަދަން އެނގެނީ....އެއްވެސް އިރަކު ކަންތައް އޮންނަ ގޮތް ބުނެދޭން މަސައްކަތެއް ނުކުރޭ......"

ސިފްރާން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ބަލަން އުދަގޫވާފަދަ ތޫނު ލޮލެވެ. މިލްހާގެ ހިތް ތެޅިގަތަސް ހިތްވަރު އެއްކޮށްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަރެން މި ބަގީޗާގައި މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ..... އަހަރެންނަށް އަތްނުލެވޭނެ އެއްޗެއް ވާކަމަށް ދުވަހަކުވެސް ނުބުނަމެއްނު......"

"އެއީ މިލްހާ ބޭނުން ކޮންމެ އެއްޗެއް ނައްތައިލުމުގެ ހުއްދަ ލިބޭ ކަމެއް ނޫން."

"ތިކަމެއް ނޭގޭ....."

"މިލްހާ ސުވާލުކުރަންޖެހޭނެ."

މިލްހާ އެ ޖުމްލަ ޤަބޫލުނުކުރެވިހުރެފައި ހިނިގަނޑެއް ޖަހައިލިއެވެ. "ސިފްރާނާއި ސުވާލުކުރަންވީ؟"

"އާނ."

"ކޮންމެ ގަހަކާއި ބެހޭގޮތުން؟"

"މިލްހާގެ މިލްކު ނޫން ކޮންމެ އެއްޗަކާ ބެހޭގޮތުން......"

"އެހެންވިއްޔާ އަހަރެންގެ މިލްކަކީ ކޮން އެއްޗެއްކަން ބުނެދޭންވީނު........"މިލްހާ ބަގީޗާ ވަށައިގެން ބަލައިލިއެވެ.

ސިފްރާންގެ މޫނުމަތީގެ ކުލަވަރު ހަރުވިއެވެ.

"އެންމެ ރަނގަޅު."މިލްހާ މަޑުމަޑުން އޭނާގެ އަތް ތިރިކޮށްލީ އަމާންދޭފަދަ ގޮތަކަށެވެ.

"އަހަރެން އޭގައި އަތެއް ނުލާނަން."

ސިފްރާން އެހުރިގޮތަށް ބަލަން ހުރީއެވެ.

"އުފާވެއްޖެ؟"މިލްހާ ދުރަށް ބަލަން ފެށިއެވެ.

ސިފްރާންގެ ލޮލުގައިވާ ޝުއޫރުތައް ކިޔައިލަން ފަސޭހައެއްނޫނެވެ. "ރަނގަޅު........"

ސިފްރާން ދާން ހިނގައިގަތުމުން އޭނައަށް ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. ވަރަށް ތަފާތު ފިރިހެނެކެވެ. އޭނަގެ ފިރިމީހާގެ ގޮތުގައި ހުރީ ނަމެއްގައެވެ. ބީރައްޓެހި ގޮތްނޭގޭ ޒުވާނެކެވެ. އެހާވަރުން އޭނައާއި ކައިވެނިކޮށްގެން މިގެއަށް ގެނައި ބޭނުމަކީ ކޮބާހެއްޔެވެ؟ ހާރިސްގެ ޖުމްލަތައް މަތިން ހަނދާންވުމުން ހިތަށް ނުބައިގޮތެއްވިއެވެ. އެބުނާހެން މިހާ މުއްސަދި ފިރިހެނަކަށް ކޮންމެފަދަ އަންހެންކުއްޖެއްވެސް ލިބިދާނެއެވެ. އޭނައާއި ކައިވެނިކުރަން އާއިލާގެ މިހުން މަޖުބޫރުކުރީހެއްޔެވެ؟ އެހެންވިއްޔާ ސިއްރެއްވެސް އޮންނަންވާނެއެވެ. މިއާއިލާގެ މީހުން އޭނައަށް ކަމޭހިތައެވެ. ނަމަވެސް ނުރުހެނީ ސިފްރާންއެވެ.

ކޮންމެގޮތެއްވިޔަސް މިވެސް އިމްތިހާނެއް ނޫންހެއްޔެވެ؟ ﷲއަށް ދުޢާކޮށް ތަވައްކުލް ކުރުން ނޫންގޮތެއް ނެތެވެ.ހަޔާތުގެ މި ސަފުހާވެސް ރީތިކޮށް ފުރައިލަން ހިތް ނަސޭހަތްތެރިވިއެވެ.

މިލްހާ ބަގީޗާއިން ދުރަށް ޖެހިލިއިރު ސްކޮޓްލެންޑަށް މެންދުރުފަހުގެ އަވި މަޑުވަމުންދެއެވެ.

***

އުޑުމަތި ކަޅުވެ، ތަރިތައް ވިދަވިދާ ހުއްޓެވެ. އަދި ހޫނު ވައިރޯޅީގައި ކަނޑުގެ ތެތް ވަސް ހިފާލާފައި ހުއްޓެވެ. މިލްހާގެ ގޭގެ ބޭރުގައި، ރާފާ ހުރީ މަގުބައްތި ދަނޑިއަކަށް ލެނގިލައިގެންނެވެ. ހާރިސް އިނީ ތިރި ފާރުމަތީގައި މަގަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މިލްހާ އަހަރެމެން ހަނދާން ނެތުނީތަ" ރަފާ އޭނާއަށް ބަލައިލިއެވެ.

"އަހަންނަކީ އޭނަގެ ކޮއްކޮ...... ދޮންތަ ބޭނުންވިޔަސް އަހަރެން މަތިން ހަނދާނެއް ނައްތައެއް ނުލެވޭނެ ކަން ޔަގީން...."ހާރިސް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"މިލްހާ އެއްވެސް މެސެޖެއް ނުފޮނުވާ...." ރާފާ ނުތަނަވަސްވެފައި ބުންޏެވެ.

"ދޮންތަގެ އަތުގައި ފޯނެއް ނެތް..." ހާރިސް ޖަވާބުދިނެވެ.

"ހާރިސް ޕައިލެޓު ވަޒީފާ ފެށީމަ މިލްހާގެ ފޯނު ހާރިސްއަށް ދިނީ ނު....." ހާރިސް ކުޅެން އިން ފޯނަށް ރާފާ ބަލައިލިއެވެ.

"މިލްހާ އެހާވެސް ފޯނު ބޭނުންނުވަނީތަ؟ ދެން އެކޮޅުގައިވެސް ކިހާ ފޫހިވާނެ. އެހާ މުއްސަދި ބަޔަކަށް ކީއްވެ ފޯނެއް ގަނެނުދެވޭންވީ؟އަޖައިބެއް ނު......"

"ސްކޫލުން ދިމާވެގެން ފާޑެއްގެ މީހަކު ގުޅަން ފެށި ފަހުން ދޮންތަ ފޯނު ބޭނުމެއްނުވޭ......... ދޮންތަ ބުނީ ފޯނު ކަނޑަށް އެއްލައިލަން ވެސް ހިތަށް މާ ފަސޭހަކަމަށް..."

"ތިއީ ހަމަ މިލްހާ ބުނާނެ ގޮތް ތަފާތެއް ނެތި......."ރާފާ ހީނގަތެވެ.

ރާފާ އަނެއްކާވެސް ފުން ނޭވައެއް ލިއެވެ. "އެކަމަކު މިލްހާއަށް އީމެއިލެއް ކުރެވޭނެއްނު.....ނޫނީ މެސެޖެއް ފޮނުވަން މީހެއްގެ ކައިރީގައި ބުނެވިދާނެ... އޭނާ އެއް ނޯޓުވެސް ނުފޮނުވާ...އެކައްޗެއްވެސް..."

"މަންމައާއި ބައްޕަވެސް ކަންބޮޑުވޭ..... މަންމަމެން ކޮންމެ ދުވަހަކު ދޮންތައާއި ބެހޭގޮތުން ސުވާލުކުރޭ....މަންމައަށް ރަނގަޅަށް ނުވެސް ނިދޭ......" ހާރިސްއިނީ އިސްޖެހިފައެވެ.

"ރަނގަޅު... ބޭކާރު ކަންބޮޑުވުން އުފެއްދުމުގެ ހުނަރު އޭނާގެ ކިބައިގައި އަބަދުވެސް ހުރޭ......" ހާރިސް އެހެން ބުނުމުން ރާފާގެ ރުޅިވެރި ނަޒަރު އަމާޒުވިއެވެ.

"ޙާރިސް.....އެއީ ހުރި ހަމައެކަނި ދައްތަ،.... އޭނާއަށް ގުޅޭނެ ގޮތެއް ކޮންމެވެސް ގޮތަކުން ހޯދަބަލަ......."

"އޭނާ އެންމެ ކުޑަމިނުން މަންމައަށް ނުވަތަ ހާރިސްއަށް ގުޅާނެ ކަމަށް އުންމީދުކުރީ.. ނަމަވެސް އޭނާ ދިޔަފަހުން އެއްވެސް މީހަކަށް ޚަބަރެއް ނުވާތީ މިއީ އާދަޔާޚިލާފު ކަމެެއް......."

"އެންމެ އަޖައިބު ކަމަކީ ފުރަތަމަ ކައިވެނީގެ ހުށަހެޅުމާއެކު އައި އިބްރާހިމްބެ އަށްވެސް ބައްޕައަށް ނުގުޅޭތީ...."

"އަޅެ މިލްހާ ކިޑްނެޕްވީތަ؟" ރާފާ ދެލޯ ބޮޑުކޮށްލިއެވެ.

"ވިޔަފާރީގެ އައުޓްލެޓްތަކާއެކު ރާއްޖޭގައިވެސް އެމީހުންނަކީ ވަރަށް މަޝްހޫރު މީހުން.... އެފަދަ ބޮޑު ކުށެއް ކުރާނެހެން ހިޔެއްނުވޭ...ކޮންމެވެސް އެހެން މައްސަލައެއް......"

މިލްހާ އާއިލާއާއި ވަކިން ދިރިއުޅެމުންދިޔައީ އެމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ދިރިއުޅުމެކެވެ. އަދި މިހާރު އެމީހުންނަށް ކުރެވޭނެހާވެސް ކަމަކީ އިންތިޒާރުކުރުމެވެ.

އެމީހުންނަށް ނޭނގޭ ކަމަކީ މިލްހާ އެމީހުންނަށް އެންމެ ފުރަތަމަވެސް ސިޓީ ފޮނުވާފައިވާ ކަމާއި ދުވަސްތަކެއް ވަންދެން ޖަވާބެއް ލިބޭތޯ އިންތިޒާރުކުރަމުންދިޔަ ކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު