90 އަހަރުގެ ޖަޕާނު ބޮޑީބިލްޑަރުގެ ދުޅަހެޔޮކަމުގެ ސިއްރު

އުމުރުން 90 އަހަރުގެ ތޯޝިސޫކޭ ކަނަޒާވާ--ފޮޓޯ/އިންޑިއާޓުޑޭ

ޖަޕާނަށް ނިސްބަތްވާ އުމުރުން 90 އަހަރުގެ ތޯޝިސޫކޭ ކަނަޒާވާއަކީ މިއަދުވެސް ބޮޑީބިލްޑިންގްގެ ދާއިރާގައި ވަރުބަލިކަމެއްނެތި ޙަރަކާތްތެރިވަމުން އަންނަ ނަމޫނާ އެތުލީޓެކެވެ. އޭނާގެ ހަށިގަނޑުގެ ވަރުގަދަކަމުގެ އިތުރުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ އޭނާ ގެންގުޅޭ އާދައިގެ ސާދާ ކެއިންބުއިމުގެ ވައްޓަފާޅިއަށެވެ.

ޢުމުރަކީ ހަމައެކަނި ޢަދަދެއްކަން ސާބިތުކޮށްދެމުން އަންނަ ކަނަޒާވާއަކީ، ޖަޕާނުގައި ބާއްވާ ފިޓްނަސް މުބާރާތްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ޗެމްޕިއަނެކެވެ. އެގޮތުން، އޭނާއަށް 90 އަހަރު ފުރުނުތާ އެންމެ ދުވަހެއްގެ ތެރޭގައި "އޯލް ޖަޕާން މާސްޓާސް ފިޓްނަސް ޗެމްޕިއަންޝިޕް"ގެ 85 އަހަރުން މަތީގެ ކެޓަގަރީން އެއްވަނަ ހޯދައި، އޭނާ ވަނީ 19 ވަނަ ފަހަރަށް ޤައުމީ ތަށި އުފުލައިލުމުގެ ޝަރަފު ހޯދައި، އިންޓަނެޓުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

ކަނަޒާވާގެ ސާބިތުކަމުގެ އިތުރުން ގިނަ ބަޔަކު ހައިރާންކުރުވި ކަމަކީ އޭނާގެ ކެއުމުގެ ވައްޓަފާޅިއެވެ. ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މަހުގެ އެއްވެސް ބާވަތެއް ބޭނުންނުކޮށް، އޭނާ މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ތަރުކާރީ އާއި ގަސްގަހާގެހިން ލިބޭ ކާނާއަށެވެ. މީގެ އިތުރުން އޭނާގެ މި ދަތުރަކީ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވޯޒެނެގާއާ ވެސް ގުޅިފައިވާ އަސަރުގަދަ ދަތުރެކެވެ.

އުމުރުން 90 އަހަރުގެ ތޯޝިސޫކޭ ކަނަޒާވާ އޭނާގެ ގޭގައި--ފޮޓޯ/އިންޑިއާޓުޑޭ

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ކަނަޒާވާ ބުނެފައިވަނީ، ޢުމުރުން 50 އަހަރުގައި އަލުން ބޮޑީބިލްޑިންގްގެ ތެރެއަށް ވަންފަހުން މިއަދާ ހަމައަށްވެސް އޭނާ އެއްވެސް މަހުގެ ބާވަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އޭނާގެ ދުވަހުގެ ކެއުން ބިނާވެފައިވަނީ ޖަޕާނުގެ ސަޤާފީ އާދައިގެ ކާނާގެ މައްޗަށެވެ.

އެގޮތުން ހެނދުނުގެ ނާސްތާގައި ޢާންމުކޮށް ބޭނުންކުރަނީ 'ބްރައުން ރައިސް' އާއި، ޕްރޮޓީންއިން މުއްސަނދި ބާވަތެއް ކަމަށްވާ 'ފާމެންޓް ކޮށްފައިވާ ސޯޔާ ބީންސް' އަދި މިސޯ ސޫޕެވެ. މެންދުރު އަދި ރޭގަނޑުގެ ކެއުމުގައި 'ބްރައުން ރައިސް 'އާއެކު (ޖަޕާނުގެ ސީޒަނިންގްއެއް) ބޭނުންކުރާއިރު، ދުވާލަކު ތިން އިރު ޕްރޮޓީން ޑްރިންކް ބޮއެއެވެ. ޒަމާނީ އެކި "ލޯންޖެވިޓީ" ޑައިޓްތަކަށް އޭނާ ތަބައެއް ނުވެއެވެ.

މަސް ބޭނުންނުކޮށް ބޮޑީބިލްޑިންގް ހަދާ އެތުލީޓުންގެ ތެރޭގައި ކަނަޒާވާގެ އިތުރުން ނިމާއި ޑެލްގާޑޯ އަދި އަނިލް ގޮޗިކާރު ފަދަ ވެޖިޓޭރިއަން އަދި ވީގަން އެތުލީޓުންވެސް ހިމެނެއެވެ.

ކަނަޒާވާ ޤަބޫލުކުރާ ގޮތުގައި މުސްކުޅިވުމަކީ ހުއްޓުވޭނެ ކަމެއް ނޫން ނަމަވެސް، ފައިދާހުރި ކެއުމާއި ތަމްރީނުތަކުގެ އެހީގައި ޢުމުރުން ދުވަސްވުމުގެ އަސަރުތައް ލަސްކުރެވިދާނެއެވެ. އޭނާގެ އަމާޒަކީ 130 އަހަރާ ހަމައަށް ދުޅަހެޔޮކަންމަތީ ދެމިހުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކަސްރަތާއި ކެއިންބުއިމުގެ ޒަރީއާއިން ޢުމުރުން ދުވަސްވުން ލަސްކުރުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު ދުނިޔޭގައި އަންނަނީ އިތުރުވަމުންނެވެ.

ޢުމުރުން 34 އަހަރުގައި ބޮޑީބިލްޑިންގް ހުއްޓާލުމަށްފަހު، އަނބިމީހާގެ އެދުމުގެ މަތިންނާއި އާނޯލްޑް ޝްވޯޒެނެގަގެ ނުފޫޒާއެކު އޭނާ އަލުން މި ދާއިރާއަށް ނުކުތީ ޢުމުރުން 50 އަހަރުގައެވެ. މި ނިންމުމުގެ މައިގަނޑު ސަބަބަކީ ބަލި ޙާލަތުގައި އުޅުނު އަނބިމީހާއަށް އުފާވެރިކަން ގެނެސްދިނުމެވެ. އަނބިމީހާ ވަކިވެދިޔަ ނަމަވެސް، ކަނަޒާވާ އަދިވެސް ހިތްވަރާއެކު ދަނީ ކުރިއަށެވެ. އޭނާގެ މިހާރުގެ އަމާޒަކީ ވޯލްޑް ޗެމްޕިއަންޝިޕްގެ 60 އަހަރުން މަތީގެ ކެޓަގަރީގައި ވާދަކުރުމާއި، އޭނާ އެންމެ ސަޕޯޓްކުރާ އާނޯލްޑް ޝްވޯޒެނެގާއާ ބައްދަލުކުރުމެވެ.

ދިގު ޢުމުރަކާއި ދުޅަހެޔޮ ސިއްޙަތަކީ ހަމައެކަނި ކެއުމުން ޙާސިލުވާ ކަމެއް ނޫނެވެ. އެއީ ރަނގަޅު ޖެނެޓިކްސް އާއި ދިގު މުއްދަތުގެ ތަމްރީނުތަކާއި، ދިރިއުޅުމުގެ ރަނގަޅު އާދަކާދައިގެ އިތުރުން، ސާބިތުކަމާއެކު ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަން ކަނަޒާވާ ދަނީ ސާބިތުކޮށްދެމުންނެވެ.

comment ކޮމެންޓް