ހިމަބިހީގެ އެކްޓިވް ކޭސްއެއް މިހާރު ނެތް ކަމަށާއި، ރާއްޖެ އޮންނާނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މީގެ ކުރިން ކަނޑައަޅައިފައިވާ ގޮތަށް ބަލި ކޮންޓްރޯލް ވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލައިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައެވެ.
އެ ބައްޔާ ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ގީލާ ވިދާޅުވީ، ހިމަބިހި ޖެހޭ މީހުންގެ ނިސްބަތް މިހާރު ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް މަދުން މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ. އެކްޓިވްކޮށް ބަލި މީހެއް މި ވަގުތަކު ނެތް އަޅުގަނޑުމެންގެ ތެރޭގައި. އެހެންވީމަ ބަލި މިއަދު ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ފާހަގަ މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.
ގީލާ ވިދާޅުވީ އެ ބަލި ރާއްޖެ އެތެރެވީ ބޭރު ގައުމުތަކަށް ޒިޔާރަތް ކޮށްފައި އައިސްފައިވާ މީހުންނާއި ރާއްޖެއަށް އައިސްފައިވާ ބޭރުގެ މީހުންގެ ފަރާތުން ކަމަށެވެ. ނަމަވެސް، މިހާތަނަށް 16،000އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފައިވާއިރު، އޭގެ ސަބަބުން ބަލި އަލަށް ފެންނަ މިންވަރު މަދުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މި ބަލި މި ދާ ގޮތަށް ގޮސް ނިމުމަކަށް، އިތުރު ބަލި މީހަކު ނުފެނި ބަލި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް، މި ބަލި ކޮންޓްރޯލް ކުރުމުން ރާއްޖެއަށް ލިބިފައި އޮތް ކާމިޔާބީއަށް އެއްވެސް ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވިއެވެ.
"އެ ކާމިޔާބީ އެ ގޮތަށް ދެމެހެއްޓި އަޅުގަނޑުމެންނަނީ މީސަލްސް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވާ ފާހަގަކުރުން ހަމަ އެގޮތަށް ދެމިއޮންނާނެ."
އެޗްޕީއޭއިން އެންމެ ފަހުން ހިމަބިހީގެ ތަފާސްހިސާބުން އާންމުކޮށްފައިވަނީ މި މަހުގެ 15ގައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، މި މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ބަލި ޖެހުނީ އެންމެ ފަސް މީހުންނަށެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.