ގިނަ އަދަދެއްގެ ޑުރަގު ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތަށް ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށްފި

މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި: ގިނަ އަދަދެއްގެ ޑުރަގު ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތަށް ނޭޕާލްގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/ ފުލުހުން

ގިނަ އަދަދެއްގެ ޑުރަގު ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތުގައި، ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އަންހެނެއް ކަމަށްވާ އީތްރާނީ ގަލެ ކަމަށެވެ.

ބަންދު އަމުރުގައި ވަނީ ދެ މީހުންގެ ހަށިގަނޑުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ތަކެތީގެ ބަރުދަން ހާމަކޮށްފައިނުވެއެވެ.

އެ ދެ މީހުންގެ ބަންދު މުއްދަތު އިއްޔެ ޖެހިއިރު، އެ ދެ މީހުންނަށް ވެސް ސިއްހީ ފަރުވާ ދެމުންދާތީ، ބަންދު މަޖިލިސް ކުރިއަށްގެންދިޔައީ ދެ މީހުންގެ ޣައިރު ހާޒިރުގައެވެ. އެ ދެ މީހުންނާ ދެކޮޅަށް ވެސް، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ކުރުމުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

އެހެންވެ، ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ. އަދި ދެ މީހުން ކޯޓަށް ހާޒިރު ކުރެވޭ ހާލަތަށް ސިއްހީ ހާލަތު ދިޔުމުން ކޯޓަށް ހާޒިރު ކުރުމަށް ވަނީ އަންގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް ބިދޭސީން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މި ގައުމުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، ވަކި މިންވަރެއްގެ މަސްތުވާތަކެތި އެތެރެކުރުމުން މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

comment ކޮމެންޓް