އެޑް ޝީރަންގެ ޓުއާއިން ވަކިކުރުމުން މެކްލެމޯރު 'ފްރީ ޕެލެސްޓައިން' ޓުއާއެއް އިއުލާންކޮށްފި

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯރު--ފޮޓޯ/ވެރައިޓީ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯރު، ފަލަސްތީނަށް ތާއީދުކޮށް ގޮވާލި ގޮވާލުންތަކާ ގުޅިގެން އެޑް ޝީރަންގެ 'ލޫޕް ޓުއާ'އިން ވަކިކުރުމާ ގުޅިގެން، 'ފްރީ ޕެލެސްޓައިން'ގެ ނަމުގައި ޚާއްޞަ މިއުޒިކް ޓުއާއެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.

މެކްލެމޯރު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އަންނަ މަހު އަޔަލޭންޑުގެ ޑަބްލިންއިން ފަށާ މި ޓުއާއިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ކަމަށެވެ. މެކްލެމޯރު އެޑް ޝީރަންގެ ޓުއާއިން ވަކިކުރުމާ ގުޅިގެން، އެ ޓުއާގައި ބައިވެރިވާ މިއުޒިކީ އެހެން ފަންނާނުންވެސް ވަނީ ޓުއާ ދޫކޮށްލާފައެވެ. ނަމަވެސް އެޑް ޝީރަން ވަނީ މެކްލެމޯރު ވަކިކުރުމުގެ ނިންމުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި، އެއީ އިވެންޓް އިންތިޒާމުކުރި ފަރާތުގެ ނިންމުމެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މެކްލެމޯރު ބުނެފައިވަނީ، ވޭތުވެދިޔަ ހަފުތާތަކުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އާންމުންގެ ބޮޑު ހޭލުންތެރިކަމެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އަޑުތައް ކަނޑުވާލުމަށް މަހުޖަނުން ކުރަމުންދާ މަސައްކަތްތަކާއި، މިފަދަ ދަނޑިވަޅެއްގައި ފަންނާނުންގެ ކިބައިން އުއްމީދުކުރެވޭ ކަންކަން ސާފުވެގެންގޮސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ލަވަކިޔުންތެރިޔާ މެކްލެމޯރު އެޑް ޝީރަންއާ އެކު--ފޮޓޯ/ވެރައިޓީ

އޭނާ އިތުރަށް ބުނީ، އޭނާއަށް ދިމާވި މި ޙާދިސާއަކީ އެންމެ ފަންނާނަކަށް ނުވަތަ އެންމެ ސްޓޭޖަކަށް އެކަނި ނިސްބަތްވާ ކަމެއް ނޫން ކަމަށެވެ. ސްޓޭޖުމަތީގައި ދެއްކޭނެ ވާހަކަތަކާއި، އަޑުއުފުލުން މަނާ މައުޟޫޢުތައް ނިންމުމުގެ ބާރު މަހުޖަނުންގެ އަތްމައްޗަށް ދިއުމަކީ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. މެކްލެމޯރު ވަނީ، ނުކުމެދާނެ ނަތީޖާއަކަށް ބެލުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބި ފަންނާނުންނާ ގުޅުން ބަދަހިކުރަމުންދާ ކަމަށްވެސް ބުނެފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މި ޓުއާ އިންތިޒާމުކުރަން ޖެހުމުގެ ސަބަބުން ބައެއް ތަފްސީލުތައް އަދިވެސް ހަމަޖައްސަމުންދާ ކަމަށާއި، ނަމަވެސް މިއީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި މަސައްކަތް ކުރިއަށްގެންދާންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.

މި ޓުއާގެ ފުރަތަމަ ކޮންސަޓް އަންނަ މަހުގެ 26 ވަނަ ދުވަހު އަޔަލޭންޑުގެ ޑަބްލިންގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮކްޓޯބަރު 29ގައި ފްރާންސްގެ ޕެރިސްގައި އަދި އޮކްޓޯބަރު 30ގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ކޮންސަޓްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެއިތުރުން އެމެރިކާގެ ޝޯތައް ބޭއްވޭނެ ތާރީޚުތައް ކުރިއަށް އޮތް ހަފުތާގައި އިއުލާންކޮށް، ޓިކެޓް ވިއްކަން ފެށޭނެ ކަމަށްވެސް އޭނާ މަޢުލޫމާތު ދެއެވެ.

މި މައްސަލަ މީގެ ކުރިން ފެންމަތިވެގެންދިޔައީ، ނިއު ޖާސީގައި އޮތް އެޑް ޝީރަންގެ ކޮންސަޓެއްގައި ޕާފޮމެންސް ހުށަހަޅައިދެމުން މެކްލެމޯރު ފަލަސްތީނަށް މިނިވަންކަން ދިނުމަށް ގޮވާލައި، ކޮލަމްބިއާ ޔުނިވަސިޓީގައި އިހުތިޖާޖުކުރި ފަރާތްތަކަށް ނިސްބަތްކޮށް އޭނާ ތައްޔާރުކުރި "ހިންޑްސް ހޯލް" ލަވަ ހުށަހަޅައިދިނުމުންނެވެ. މި ހާދިސާއަށްފަހު މި މަހުގެ 14 ވަނަ ދުވަހު އޭނާ ޓުއާއިން ވަކިކުރުމުން، މެކްލެމޯރު ވަނީ ސްޓޭޑިއަމްތަކުގެ ވެރިން ގުޅިގެން އޭނާ ބޭރުކޮށްލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް