ހަލުވިކަމާއެކު ހިމަބިހި ފެތުރޭތީ ބަންގްލަދޭޝްގެ 3.4 މިލިއަން ކުދިންނަށް ވެކްސިން ދެނީ

ބަންގްލަދޭޝްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ނުރައްކާތެރިކޮށް ހިމަބިހި (މީސަލްސް) ފެތުރެމުންދާތީ، ވެކްސިން ނުޖަހާ ތިބި 3.4 މިލިއަން ކުދިންނަށް އަމާޒުކޮށްގެން މުޅި ގައުމުގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް އެ ގައުމުން ފަށައިފިއެވެ.

މިއަދު ފެށި މި ކެމްޕޭނަކީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކެމްޕޭނުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ހަ މަހާއި 59 މަހާ ދެމެދުގެ ކުދިންނަށެވެ. އާންމުކޮށް މި ވެކްސިން ދެނީ ނުވަ މަހުން ފެށިގެން ނަމަވެސް، ބަލިމަޑުކަން އިންތިހާއަށް އިތުރުވެފައިވާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ވެކްސިން ދޭންފަށާ އުމުރު ހަ މަހަށް ދަށްކޮށްފައެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި، މިވަގުތު ދުނިޔޭގައި އެންމެ ބޮޑަށް ހިމަބިހި ފެތުރެމުންދަނީ ބަންގްލަދޭޝްގައެވެ. ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ މާރިޗު މަހުގެ 15 އިން ފެށިގެން މިހާތަނަށް މި ބަލީގައި 1،087 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އަދި ބަލި ޖެހުނު ކަމަށް ޝައްކުކުރެވޭ 187،000 އެއްހާ ކޭސް ރިޕޯޓުކޮށްފައިވާއިރު، 165،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މި ބަލިމަޑުކަން މިހާ ބޮޑަށް ފެތުރެން ދިމާވި މައިގަނޑު ސަބަބަކީ، 2024 އަދި 2025 ވަނަ އަހަރު ބަންގްލަދޭޝްއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގަވާއިދުން ދެމުންދިޔަ ވެކްސިން ޕްރޮގްރާމްތަކަށް ބުރޫއެރުމެވެ. އޭގެ އިތުރުން ވެކްސިން ހޯދުމުގައި ދިމާވި ދަތިތަކާއި ވެކްސިން ކެމްޕޭންތައް ފަސްކުރަން ޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ވެކްސިން ނުދެވި ދިފާއީ ބާރު ވަނީ ދަށްވެފައެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ކުއްލި ހާލަތްތަކުގައި 20 މިލިއަނެއްހާ ކުދިންނަށް ވެކްސިން ދީފައިވީ ނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ކުދިން ވެކްސިން ފުރިހަމަނުކޮށް ތިބިކަން މާހިރުން ފާހަގަކުރެއެވެ.

މި ދަނޑިވަޅަކީ ޑެންގީ ހުން ވެސް އެ ގައުމުގައި އިތުރުވަމުންދާ ވަގުތަކަށް ވުމުން ސިއްހީ ނިޒާމަށް ބޮޑު ބުރައެއް ވަނީ އުފުލަން ޖެހިފައެވެ. ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އަލަށް ފެށި މި ކެމްޕޭނުގެ ސަބަބުން ވެކްސިން ނުލިބި ތިބި ކުދިންނަށް ރައްކާތެރިކަން ލިބި، ބަލި ފެތުރުން ހުއްޓުވުމަށާއި މީހުން މަރުވާ މިންވަރު މަދުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް