މިއަދު އެކި ހިސާބަށް ވިއްސާރަކޮށް، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ: މެޓް

މާލެއަށް ބޯކޮށް ވާރޭވެހެނިކޮށް، ބަޔަކު ސައިކަލެއްގައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް މިއަދު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓުން މިއަދު 18:00އާ ހަމައަށް ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ.

މިގޮތުން، ދެކުނުގެ އަތޮޅިތަކަށް ވައިޖެހޭނީ، ދެކުނާ ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ.

އެ އިދާރާއިން ލަފާކުރި ގޮތުގައި، ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މީގެއިތުރުން، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެނިހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

ރާޅުގެ އުސްމިނަށް ބަލާއިރަށް، ދެކުނުގެ ކަނޑުތަކުގައި ހުންނާނީ ދެ ފޫޓާ ހަތަރު ފޫޓާ ދެމެދުގައެވެ. އަދި، އުތުރާ މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ބުނީ، ތިން ފޫޓާ ހަ ފޫޓާ ދެމެދުގައި ކަމަށެވެ.

މި ދުވަސްވަރު އެކި ހިސާބަށް ވިއްސާރަކުރަމުން އަންނައިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅައިގެން ދިމާވެދާނެ ކަމަކަށް ތައްޔާރުވުން މުހިންމުވެ.

comment ކޮމެންޓް