މެޓާގެ އާ ވީއާރު އައިނު ދައްކާލައިފި، 3ޑީކޮށް ފިލްމްތައް ބަލައިލެވޭނެ

ގޭގައި ތިބެގެން ސިނަމާ ފެންވަރުގައި 3ޑީ ފިލްމުތައް ބަލާލެވޭނެ މަގުފަހިކޮށްދޭ، މެޓާ ކުންފުނީގެ އެންމެ ފަހުގެ އީޖާދު "މެޓާ ވީއާރު ގްލާސަސް" ރަސްމީކޮށް ދައްކާލައިފިއެވެ. ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ކަމަށް ބެލެވޭ މި އައިނާއެކު، މުނިފޫހިފިލުވުމާއި ވަރޗުއަލް ރިއަލިޓީ (ވީއާރު) ބޭނުންކުރުމުގެ މުޅިން އާ ތަޖުރިބާއެއް އާންމުންނަށް ލިބޭނެއެވެ.

މި އައިނު މެދުވެރިކޮށް 3ޑީ ފިލްމުތައް ބެލުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި މެޓާއިން ވަނީ ޑިޒްނީ ފަދަ ބޮޑެތި ކުންފުނިތަކާއެކު ޕާޓްނަޝިޕް ހަދާފައެވެ. އެގޮތުން ޑިޒްނީ ޕްލަސް މެދުވެރިކޮށް މާވެލްގެ 'އެވެންޖާސް' އާއި 'ބްލެކް ޕެންތާ' ފަދަ މަޝްހޫރު ފިލްމުތައް 3ޑީކޮށް ބަލާލެވޭނެއެވެ. މީގެއިތުރުން، މިއީ އައިމެކްސް އެންހާންސްޑް ސެޓިފިކޭޝަން ލިބުނު ފުރަތަމަ ވީއާރު އައިނަށްވާއިރު، މަޝްހޫރު ޑިރެކްޓަރު ޖޭމްސް ކެމެރޮންއާ ގުޅިގެން ޚާއްޞަ 3ޑީ ފިލްމުތަކެއް ވެސް މި ވަސީލަތަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުކޮށް ބޭނުންކުރާ އައިނަކާ ދާދި އެއްގޮތް ސިފަޔަކަށް ފަރުމާކޮށްފައިވާ މި ވީއާރު އައިނުގެ ބަރުދަނުގައި ހުންނަނީ އެންމެ 100 ގްރާމެވެ. މިއީ އެ ކުންފުނީގެ މެޓާ ކުއެސްޓް 3 އާ އަޅާބަލާއިރު ފަސްގުނަ ލުއި އަދަދެކެވެ. މެގްނީޒިއަމް އެލޯއިން އުފައްދާފައިވާ މި އައިނުގެ ބަރުދަން ލުއިކުރުމަށްޓަކައި، ކޮމްޕިއުޓިން ބަޔާއި ބެޓެރީ ވަނީ ވަކި "ޕަކް" އެއްގެ ގޮތުގައި އައިނާ ގުޅާލެވޭގޮތަށް ބޭރުގައި ބަހައްޓާފައެވެ. ޖީބުގައި ހަރުކޮށްލެވޭ މި ޕަކުން މެދުކެނޑުމެއްނެތި ތިން ގަޑިއިރު ވަންދެން މިއައިނު ބޭނުންކުރެވޭނެއެވެ.

މި ވީއާރު އައިނުގެ ބަރުދަނުގައި ހުންނަނީ އެންމެ 100 ގްރާމް ----

މި އައިނުގައި ހިމެނެނީ މައިކްރޯ-އޯއެލްއީޑީ ޓެކްނޮލޮޖީގެ 5ކޭ އިންފިނިޓް ޑިސްޕްލޭއެކެވެ. ސިނަމާ ފެންވަރުގެ ސާފު މަންޒަރުތައް ފެންނާނެހެން ޑޯލްބީ ވިޝަން އަދި އިމާސިވް ސައުންޑް ފޯރުކޮށްދިނުމަށް ޑޯލްބީ އެޓްމޯސްގެ އަޑު އިވޭނެ ނިޒާމުވެސް މިއައިނުގެ ފްރޭމްގައި ވަނީ ހިމަނާފައެވެ. އަދި ކުއާލްކޮމްގެ އާ ސްނެޕްޑްރެގަން ރިއަލިޓީ އެލީޓް ޕްރޮސެސަރުގެ ބާރުގައި މަސައްކަތްކުރާ މި އައިނުން، ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނަ "ޕާސްތުރޫ" ކެމެރާ މެދުވެރިކޮށް ރައްކާތެރިކަމާއެކު އައިނު ބޭނުންކުރެވޭނެއެވެ.

އެއްވެސް ކޮންޓްރޯލަރެއް ބޭނުންކުރުމެއްނެތް މި އައިނު ކޮންޓްރޯލް ކުރެވެނީ އަތުގެ އިޝާރާތުންނާއި، އެސްފިޔަޖަހާލުމުން އަދި އަޑު މެދުވެރިކޮށެވެ. މެޓާ އޭއައި ސިސްޓަމް އޮޕަރޭޓިން ސިސްޓަމާ ސީދާ ގުޅުވާލެވިފައިވާއިރު، ކޮންމެ މޭޒެއްގެ މަތީގައިވެސް ވާޗުއަލް ކީބޯޑެއް އުފައްދައިގެން މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން މެކް އަދި ވިންޑޯޒް ކޮމްޕިއުޓަރުތަކާ ގުޅާލައިގެން އަމިއްލަ ވާޗުއަލް ސްކްރީންތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބެއެވެ.

ބަރުދަން ލުއިކުރުމަށްޓަކައި، ކޮމްޕިއުޓިން ބަޔާއި ބެޓެރީ ވަނީ ވަކި "ޕަކް" އެއްގެ ގޮތުގައި އައިނާ ގުޅާލެވޭގޮތަށް ފަރުމާކޮށްފައި ----

ފިލްމުތަކުގެ އިތުރުން އެންބީއޭ އާއި އީއެސްޕީއެން ފަދަ ކުޅިވަރު މެޗުތައް 8ކޭ ފެންވަރުގައި ވަށައިގެންވާ މާހައުލެއްގައި ބެލުމުގެ ފުރުސަތާއި، ވަޓްސްއެޕް ނުވަތަ ޒޫމް މެދުވެރިކޮށް "ހޮލޯގްރާމް" ޓެކްނޮލޮޖީގައި ވީޑިއޯ ކޯލް ކުރުމުގެ ގާބިލުކަން ވެސް މި އައިނުގައިވެއެވެ.

މެޓާއިން ހާމަކޮށްފައިވާ ގޮތުގައި މި އާ ވީއާރު އައިނު ރަސްމީކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ. މި ވަސީލަތް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 1,299.99 އެމެރިކާ ޑޮލަރުގެ އަގުގައެވެ.

comment ކޮމެންޓް