އޭއައި ތައާރަފުވިޔަސް ބެލުންތެރިން އަދިވެސް އެދެނީ ހަގީގީ މަންޒަރުތަކަށް: ޓޮމް ކްރޫޒް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް--ފޮޓޯ/އެންޑީޓީވީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ފިލްމީ ދާއިރާއަށް ތަޢާރަފުވުމަކީ ވާނޭ ކަމެއް ކަމުގައި ވިޔަސް، ބެލުންތެރިން އަދިވެސް އެންމެ ބޮޑަށް ބޭނުންވަނީ ޙަޤީޤީ އަދި އަސްލު އުފެއްދުންތަކުގެ އިހުސާސް ތަޖުރިބާކުރުމަށް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ބުނެފިއެވެ.

ފިލްމީ ސިނާޢަތުގައި އޭއައި އަދި އާދަޔާ ޚިލާފު ޓެކްނޮލޮޖީތައް ބޭނުންކުރުމާ މެދު މިހާރު ވަނީ ވަރުގަދަ ބަހުސެއް އުފެދިފައެވެ. ބައެއް ފަންނާނުން މިފަދަ އައު ކުރިއެރުންތަކަށް މަރުހަބާ ކިޔާއިރު، އަނެއް ބަޔަކު ދަނީ އޭގެ ސަބަބުން ފަންނީ ދާއިރާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހޮލީވުޑްގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކާމިޔާބު އެކްޓަރު، ކްރޫޒް މިހެން މި މައުޟޫއަށް ވާހަކަ ދައްކާފައިވަނީ ދާދިފަހުން، އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި 'ބަފްޓާ ލައިފް އިން ޕިކްޗާސް' މަޝްވަރާ ބައްދަލުވުމުގައެވެ.

އޭއައިއާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ކްރޫޒް ފާހަގަކުރީ، މިއީ ހުއްޓުވޭނެ ބަދަލެއް ނޫން ކަމަށާއި، އެހެންނަމަވެސް އާންމުންގެ މައިގަނޑު ޝައުގުވެރިކަން އަދިވެސް ހުރީ އަސްލު މަންޒަރުތައް ބެލުމަށް ކަމަށެވެ. އަދި އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކުން އަސްލު ފަންނުވެރިކަން ދެމެހެއްޓުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޓޮމް ކްރޫޒް، އޭނާގެ ކުރިއަށްއޮތް ފިލްމު "ޑިގާ"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

މީގެ އިތުރުން، ސިނަމާތަކުގައި ފިލްމު ބެލުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ކްރޫޒް ބުނީ، އެއީ ޚާއްސަ އަދި ތަފާތު ތަޖުރިބާއެއް ކަމަށެވެ. ސްޓްރީމިންގް ޚިދުމަތްތަކަކީ ވެސް މުހިންމު ވަސީލަތެއް ކަމަށް ގަބޫލުކުރި ނަމަވެސް، ބޮޑު ސްކްރީނުން ފިލްމެއް ބެލުމުން ލިބޭ ފަދަ ފުރިހަމަ އިހުސާސެއް އެހެން އެއްވެސް ވަސީލަތަކުން ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ކްރޫޒް ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮސްކާ ހާސިލުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު އަލެހަންދްރޯ ގޮންޒާލޭޒް އިނާރިޓޫގެ ފިލްމު 'ޑިގަ'އިންނެވެ. މިއީ 'ބާޑްމޭން' އަދި 'ދަ ރެވެނަންޓް' ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން އިނާރިޓޫއާއެކު ކްރޫޒް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ދުނިޔެއަށް ކުރިމަތިވާ ބޮޑު ކާރިސާއަކުން އިންސާނިއްޔަތު ސަލާމަތްކުރެވޭނީ ހަމައެކަނި އޭނާއަށް ކަމަށް ދައްކަން މަސައްކަތްކުރާ، ބާރުގަދަ ޝަޚްސިއްޔަތެއްގެ މައްޗަށެވެ. ފިލްމުގައި ކްރޫޒް ފެނިގެންދާނީ 'ޑިގަ ރޮކްވެލް' ކިޔާ ތެލުގެ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. އޭނާގެ ކުންފުނީގެ އަމަލުތަކުގެ ސަބަބުން ތިމާވެށީގެ ނުރައްކާތެރި ކާރިސާއެއް އުފެދި، އޭގެ ސަބަބުން ނިއުކްލިއާ ހަނގުރާމައެއްގެ ބިރުވެރިކަމާ ކުރިމަތިލާންޖެހެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަންނަ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހަށެވެ.

comment ކޮމެންޓް