ކޮފީ ބޮއިގެން ޔޫލިއާ ދިޔަ އިރު ވެސް ޒަރޫން އެ ތަނުގައި އިނެވެ. އޭނާ ހީވީ ޔޫލިއާ ދާނެ އިރަކަށް އިންތިޒާރުކުރަމުން ދިޔަ ހެންނެވެ. ޔޫލިއާ ގޮސް ނުކުތްތާ ގިނަ އިރެއް ނުވެ ޒަރޫން ގޮނޑިން ތެދުވިއެވެ. އެއަށް ފަހު ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ.

ނަހާއަށް ޒަރޫންއަށް ބަލައިލެވުނެވެ. ޒަރޫން އޭނާއަށް ބަލަހައްޓައިގެން ހުރި އިރު އެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނަން ނަހާއަށް ދަތިވިއެވެ. އޭނާ ބުމަ އަރުވައިލިއެވެ.

"ޔެސް؟" ނަހާ ސުވާލުކޮށްލިއެވެ. ޒަރޫން ކަމެއް ބޭނުންވީކަމުގައި ނަހާ ހީކުރިއެވެ.

"ފޮޓޯގްރާފަރެއް ބޭނުންވެގެންތަ ތި އުޅެނީ؟" ޒަރޫން ސުވާލުކޮށްލިއެވެ. އެއާއެކު ނަހާއަށް އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެވުނެވެ. އޭނާއާ ޔޫލިއާ ދެއްކި ވާހަކަތައް ޒަރޫންއަށް ރަނގަޅަށް އަޑު އިވިއްޖެކަން ނަހާއަށް ޔަޤީންކުރެވުނެވެ. ޒަރޫން އެ ސުވާލުކޮށްލި ސަބަބު ހޯދަން ބޭނުންވި އިރު ތަފާތު ސުވާލުތައް ހިތަށް ވެރިވިއެވެ. ޒަރޫން އަނެއްކާ އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން އުޅެނީ ހެއްޔެވެ؟ މީހަކު ހޯދައިދޭން އުޅެނީހެއްޔެވެ؟ ނަހާ އެންމެފަހުން ބޯ ޖަހައިލިއެވެ.

"އޯކޭ، ފޮޓޯ ނަގާފަ އެޑިޓްކޮށް ޕޯސްޓަރސް ވެސް ހައިދޭނެ މީހަކު ދޯ ބޭނުންވަނީ؟" ޒަރޫން ޔަޤީންކަން ބޭނުންވެފައިވާ ފަދައަކުން ސުވާލުކޮށްލިއެވެ. އެއާއެކު މި ފަހަރު ވެސް ނަހާ ބޯ ޖަހައިލިއެވެ.

"ޑޫ ޔޫ ނޯ ސަމްވަން ހޫ ކޭން ޑޫ ދެޓް؟" ނަހާ ސުވާލުކޮށްލިއެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔައެވެ. ފަސޭހަ ގޮތަކަށް މީހަކު ލިބިދާނެކަމުގެ އިޝާރާތެއް ޒަރޫންގެ ކިބައިން އޭނާއަށް ލިބެމުން ދިޔައީތީއެވެ. ނަހާގެ ސުވާލަށް މި ފަހަރު ޒަރޫން ބޯ ޖަހައިލިއެވެ. އެއަށްފަހު، އޭނާ ވާހަކަ ދެއްކިއެވެ.

"އަހަންނަށް އެނގޭ ރީޒަނަބަލް އަގެއްގެ ތި ކަން ކޮށްދޭނެ މީހެއް." ޒަރޫން ބުނެލިއެވެ.

"އެހެންވިއްޔާ އަހަންނަށް އޭނަގެ ނަންބަރު ދީބަލަ.،" ނަހާ އޭނާގެ ފޯނު ނަގަމުން ނަންބަރު ޖަހަން ތައްޔާރުވެލިއެވެ. "ނޫނީ އޭނަގެ އިންސްޓަރގްރާމް އައިޑީ އެއްކަހަލަ އެއްޗެއް؟"

ނަހާ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ފެނި، ޒަރޫންގެ ގާތަށް ހިނި އަންނަ ގޮތް ވި ނަމަވެސް، އޭނާ އެތެރެއަށް ހިނިގަނޑު ހިންދައިލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅުނުހެން އަނގަ ހަރަކާތްކޮށްލާފައި ވެސް މަޑުޖެހިލިއެވެ. އެއަށްފަހު އަމިއްލަ ނަފްސަށް ވާހަކަ ދައްކާހެން ބޯ ޖަހައިލިއެވެ. އަދި ނަހާއަށް ބަލައިލިއެވެ. ޒަރޫން ފޯނު ނަންބަރު ކިޔައިލިއެވެ. ނަހާ އޭނާގެ ފޯނުގައި ނަންބަރު ލިޔެފައި އަނެއްކާ ވެސް ޒަރޫންއަށް ބަލައިލިއެވެ.

"ކޮންނަމެއްތަ އޭނައަށް ކިޔަނީ؟" ނަހާ ސުވާލުކޮށްލިއެވެ.

"އަހަރެން ނަންބަރު ދިނީނު މީ، ދެން ގުޅާލައިފަ ނަން އަހާލަބަލަ." ޒަރޫން ހުރީ ހިނިއައިސްފައެވެ. ނަހާއަށް ދެ ބުމަ ގާތްކޮށްލެވުނެވެ. ޒަރޫން އޭނާއާ ސަމާސާކުރަނީ ހެއްޔެވެ؟ އޭނާގެ މޫނުމަތިން ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަސަރުތައް ޒަރޫންއަށް ނުފެންނަނީ ހެއްޔެވެ؟ ޒަރޫން އޭނާއަށް އެ ދިނީ އަނެއްކާ ރަނގަޅު ނަންބަރެއް ހެއްޔެވެ؟ ނަހާ ހުރި ގޮތަށް ހުއްޓާ ޒަރޫން އަނެއްކާ ވެސް އޭނާގެ ފޯނަށް އިޝާރާތްކޮށްލަމުން، ގުޅާށޭ ބުނެލިއެވެ. ނަހާ މި ފަހަރު ޒަރޫންއަށް އިތުބާރުކޮށްފައި، އެ ނަންބަރަށް ޑައިލްކޮށްލައިފިއެވެ. ރިންގުވާން ފެށުމާ އެކު ކައިރިން ފޯނެއްގެ ވައިބްރޭޝަންގެ އަޑު އިވުނެވެ. ދެން ފެނުނީ ޖީބަށް އަތް ލާފައި ޒަރޫން އޭނާގެ ފޯނު ނެގި ތަނެވެ. ނަހާ ބަލަހައްޓައިގެން ހުއްޓައި ކަންފަތުގައި ފޯނު ޖައްސައިލައިފިއެވެ.

"ހަލޯ..." އަޑު ނަހާއަށް އިވުނީ ހަމައެކަނި ފޯނަކުން ނޫނެވެ. ކައުންޓަރު ކައިރީގައި ހުރި ޒަރޫންގެ އަޑު ވެސް ރީއްޗަށް އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. ނަހާއަށް އޭނާގެ ދެ ބުމަ ގޮށްޖަހައިލެވުނެވެ.

"އިޒް ދިސް އަ ޖޯކް ފޮރ ޔޫ؟" ފޯނު ކަންފަތާ ދުރުކޮށްލަމުން، ކަނޑައިލި، ނަހާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެ ވަގުތު އެ ތަނުގައި ތިބި ބައެއް މީހުންގެ ނަޒަރުތައް ވެސް އެ މީހުންނަށް ހުއްޓުނެވެ. ނަހާ އެ ކުރިކަމަކުން ޒަރޫންއަށް ވެސް ވަށައިގެން ބަލައިލެވުނެވެ. ނަހާ މާފަށް އެދިފައި އަނެއްކާ ވެސް ޒަރޫންއަށް ބަލައިލިއެވެ.

"އަހަރެންގެ ނަންބަރު ހޯދަން ތި ނޫން ގޮތެއް ނޭނގުނީތަ؟" ދެބުމަ ގޮށްޖަހައިލަމުން ކައުންޓަރުގައި އަތް އަޅުވައިލުމަށް ފަހު، ނަހާ ބުނެލިއެވެ/

"އޯހް ހެލޯ! އެކްސްކިއުޒް މީ، އަހަރެން ކޮންމެހެން ނޫޅެމޭ ތި މަންޖެގެ ނަންބަރު ހޯދަކަށް." ޒަރޫން ބުންޏެވެ.

"ދެން އެހެންވީ އިރު...." ނަހާއަށް ދަތްކުނޑި ވިކައިލެވުނެވެ. ޒަރޫންގެ މަޤްސަދަކީ ކޮބައިބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ވާހަކަ ދައްކަދައްކާ ހުއްޓާ ޒަރޫން އޭނާގެ ވާހަކަ މެނދުކަނޑައިލައިފިއެވެ.

"ތި ގުޅުނީ ރަނގަޅު މީހާއަށޭ. އަހަންނޭ ފޮޓޮގްރަފަރއަކީ." ޒަރޫން ކައުންޓަރާ ކުޑަކޮށް ކައިރިއަށް ޖެހިލާފައި ކައުންޓަރުމަތީގައި އެއްއަތް އަޅުވައިލިއެވެ.

ނަހާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރުތައް ގާތުން ދިރާސާކުރަމުން ދިޔަ ޒަރޫން ހީނލިއެވެ. އޭނާ ދެ ބުމަ އަރުވައިލިއެވެ. ނަހާ ހުރި ގޮތުން އޭނާގެ ވާހަކަ ޤަބޫލުނުކުރާނަކަން ފަހުމް ވާކަށް ޒަރޫންއަކަށް އުނދަގުލެއް ނުވިއެވެ. އޭނާ، ބޯ ޖަހައިލީ ނަހާއަށް ޔަޤީންކަން ދޭން ބޭނުންވެފައިވީ ފަދައަކުން ނަމަވެސް، ނަހާ ހުރީ އޭނަގެ ވާހަކަ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. ޒަރޫންއަށް ބަލަހައްޓައިގެން އަދިވެސް ހުރީ ރުންކުރު ގޮތަކަށެވެ. އޭނާގެ ދެ ބުމަ އޭރު ވެސް ވަނީ ގާތްވެފައެވެ.

"އަދި ވެސް ޤަބޫލެއްނުކުރެވޭ؟" ޒަރޫންއަށް ބުނެވުނެވެ. ނަހާ ހުރި ގޮތަށް ހުރީއެވެ.

"އައެމް ސީރިއަސް ޒަރޫން..." އިރުކޮޅަކު އެހެން ހުރުމަށް ފަހު، ނަހާއަށް ބުނެވުނެވެ. ޒަރޫންގެ ތުންފަތްމަތީގައިވި ލާނެތް ހިނިތުންވުމުގެ ސަބަބުން އޭނާއަށް ޒަރޫންގެ ވާހަކަ ޤަބޫލުނުކުރެވެނީއެވެ. ނަހާއަށް ހީވަނީ ޒަރޫން އޭނާ ތަޅުވަނީކަމަށެވެ. ދޮގު ހަދަނީކަމުގައެވެ. ނުވިތާކަށް އެއީ އޭނާގެ ނަންބަރު ހޯދަން ދެއްކި ބަހަނާއެއް ކަމަށެވެ. ޒަރޫންއަށް އިތުބާރުކުރެވުނުކަމުގެ މޮޔަ ހީކުރެވުނެވެ. އެކަމަކު އޭނަގެ ނަންބަރު ޒަރޫން ހޯދަންވީ ކީއްވެހެއްޔެވެ؟ ނަހާއަށް ވިސްނައިލެވުނެވެ.

"އަހަރެން ވެސް. ސީރިއަސް އޭ... ޤަބޫލުނުކުރެވެންޏާ އިންސްޓަގްރާމް ޕޭޖު ގެ ނަން ވެސް ފޮނުވަދީފާނަން. ޖަހާލަބަލަ ލެންސް ބައި ރެން. އޭރުން ފެންނާނެ." ޒަރޫން ބުނެލިއެވެ. ނަހާ އިންސްޓަގްރާމްގައި ޒަރޫން އެބުނި ނަން ޖަހާފައި ހޯދައިލިއެވެ. ޒަރޫން ބުނިހެން އެ ނަން ކިޔާ ޕޭޖެއް ފެނުނެވެ. އޭނާ އެ ޕޭޖް ހުޅުވައިލި ތަނުން ޒަރޫން، ވާހަކަ ދެއްކިއެވެ.

"އަހަރެން ގޮސްލަނީ އިނގޭ. ރަނގަޅަށް ބަލާލައިފަ ގޮތެއް ނިންމާފަ ގުޅައިލާ! ނޫނީ މެސެޖެއްކޮށްލާ! އޭރުން ދެން ކުރިއަށް ދާންވީ ގޮތާ ދޭތެރޭ ވިސްނިދާނެ. ފޮޓޯގްރަފީ، އެޑިޓިން އަދި ޕޯސްޓަރސް ވެސް އަހަރެން ހަދައިދެން، ގްރެފިކް ޑިޒައިނިން ވެސް." އެހެން ބުނެލުމަށް ފަހު، ޒަރޫން ގޮސް އެތަނުން ނުކުމެއްޖެއެވެ.

ނަހާއަށް ޒަރޫން ކެފޭއިން ނުކުތްތަން ބަލަން ހުރެވުނެވެ. އެ ވަގުތު އޭނާއަށް އިތުރުކަމެއް ކުރެވޭ ގޮތެއް ނުވީ ކަސްޓަމަރަކު އައުމުންނެވެ. ނަހާއަކީ އެތަނުގެ ވެރިޔާ ނަމަވެސް، މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަކީ އޭނާއަށް އުފާވެރިކަން ލިބޭ ކަމެކެވެ. ކެފޭގައި ހޭދަކުރާ ވަގުތު، ތަނުގައި މަސައްކަތްކުރާ މީހުންނެކޭ ނަހާއެކޭ އެއްވެސް ތަފާތެއް ނުހުންނާނެއެވެ. އޭނަ އުޅޭ ގޮތުން އެއީ އެ ކެފޭގެ ވެރިމީހާކަން ވެސް މީހުންނަކަށް ނޭނގޭނެއެވެ. އަމުރުކޮށްލަކޮށްލާ އަމިއްލަ މީހާ ބޮޑު ގޮނޑީގައި އިނުމަކީ ނަހާ އެއްގޮތަކަށް ވެސް ގަޔާވާކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ، އެ ތަނުގެ މުވައްޒަފުންނާ އެކު މަސައްކަތުގައި ހަރަކާތްތެރުވި ތަން ކުރިއަރުވާށެވެ. އެ ގޮތަށް އުޅޭ އިރު، ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި، އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންތައްތަކާއި، ކަމުނުދާ ކަންތައްތައް ވެސް ފާހަގަކުރެވެއެވެ. އަދި ގެންނަންޖެހޭ ބަދަލުތައް ފަސޭހައިން ދެނެގަނެވެއެވެ.

*****

ގެއަށް ދިޔުމަށްފަހު ޒަރޫން އެންމެ ފުރަތަމަ ވެސް ވަނީ ގަރާޖަށެވެ. އޭރު ބައްޕަ އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. ކުރަންޖެހޭ މަސައްކަތެއް މި ވަގުތަކު ނެތެވެ. އެހެންކަމުން ޒަރޫން ވެސް އެރީ މައްޗަށެވެ. އޭރު މަންމަ ގޭތެރެ ފޮޅަންވެގެން އުޅެއެވެ. ޒަރޫން އެންމެ ފުރަތަމަ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަކީ އާދައިގެ ވަރެއްގެ ކޮޓަރިއެކެވެ. ސިންގަލް އެނދެއް ބަހައްޓާފައި ތިން ދޮރުފަތް ލީ އަލަމާރިއެއްގެ އިތުރުން، ޑްރެސިލްޓޭބަލަކާއި، ޗެސްޓް ޑްރޯވަރއެއްގެ އިތުރުން ކަބަޑެއް ހުއްޓެވެ. އޭގެ އިތުރުން ސްޓަޑީ ޓޭބަލްއަކާއި، ގޮނޑި އެއް ވެސް ހުއްޓެވެ. އޭގެ މަތީގައި ކޮންޕިއުޓަރ ސިސްޓަމެއް ހުރި އިރު، ނޯޓު ފޮތެއް ވެސް ކައިރީގައި ބާއްވާފައި އޮތެވެ. ޗެސްޓްޑްރޯވަރ މަތީގައި އޭރު ވެސް ޒަރޫން ގެންގުޅޭ ކެމެރާތަކާއި އޭގެ ބައެއް ސާމާނުތައް ހުއްޓެވެ. ކޮޓަރި ތެރެއިން ފެންނަނީ ސާފުތާހިރުކަމާއި، ތަރުތީބުކަމެކެވެ. އެނދުގެ ބެޑުޝީޓު އޮތީ، އޮމާންކުރެވިފައެވެ. ބާލީސްތައް ވެސް ވަނީ ރީތިކޮށް ބަހައްޓާލެވިފައެވެ. ކޮޓަރި ތެރެއިން ވެސް ދުވަނީ ލުއިލުއި މީރުވަހެކެވެ. ޒަރޫން ގޮސް މަޑުކޮށްލީ ޗެސްޓް ޑްރޯވަރ ކައިރީގައެވެ. ކެމެރާ ނެގުމަށް ފަހު، ކުޑަ ހުރަފުސްކޮޅެއް ފޮޅައިލިއެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އެހެން ހުއްޓައި ތިރިން މަންމަ އޭނާއަށް ގޮވައިލި އަޑު ކަންފަތުގައި ޖެހުނެވެ. ހަމައެއާ އެކު ޒަލަފްއަށް ގޮވި އަޑު ވެސް މެއެވެ. ޒަރޫން ތިރިއަށް ދަމުން ޒަލަފްގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު ބޯ ދިއްކޮށްލިއެވެ. އޭރު ޒަލަފް ފެންނާކަށް ނެތެވެ. އޭރު އެނދުމަތީގައި އަޅައިފައި އޮތް ބެޑްޝީޓް އޮތީ ރޫ ޖެހިފައެވެ. ބާލީސްތައް ވެސް އޮތީ އެ ގޮތް މި ގޮތަށެވެ. އެއް ބާލީސް މުށިތައް މަތީގައި އޮތް އިރު، ޒަލަފްގެ ބައެއް އަންނައުނުތައް އެނދުމަތީގައި ހުއްޓެވެ. ޒަރޫންއަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ. ޒަލަފް ފާޚާނާ ދޮރު ހުޅުވައިލާފައި، ނުކުތުމާއެކު ކޮޓަރިއަށް ބޯ ދިއްކޮށްގެން ހުރި ޒަރޫން ފެނި ދިޔައީ ސިހިގެންނެވެ. އޭނާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ.

"ޑްރެމެޓިކް ވާނެ ކަމެއް ނެތް. މަންމަ އެ ގޮވަނީ ސައިބޯން. އާދޭ ތިރިއަށް." ޒަރޫން ބުނެލިއެވެ. އެއަށްފަހު ދޮރު ލައްޕައިލާފައި އޭނާ ތިރިއަށް ފޭބިއެވެ. އޭރު، މޭޒުމަތި ވަނީ ތައްޔާރުކޮށްފައެވެ. ތައިމޫރު ވެސް އިނެވެ.

"ކޮބާ ޒާލް؟" ޒައިނަބު އަހައިލިއެވެ.

"އެބަ އާދޭ..." ޒަރޫން ވެސް ގޮސް ގޮނޑިއެއް ދަމާލާފައި އިށީނދެލިއެވެ. އިރުކޮޅެއް ނުވެ، ޒަލަފްވެސް އަތުވެއްޖެއެވެ.

"މިއަދު ކޮލެޖަށް ދާން ނުޖެހޭ ދުވަހެއްތަ؟" ޒައިނަބު ސުވާލުކޮށްލިއެވެ.

"މިރޭ...." ޒަލަފް ކުރު ޖަވާބެއްދިނެވެ. ޒައިނަބު އެންމެންނަށް ސައި އަޅައިދިނެވެ.

"ދެން އިށީނދޭ ޒައި..." ތައިމޫރު ހީނލަމުން ބުނެލިއެވެ. ޒައިނަބު ވެސް ގޮނޑީގައި އިށީނެވެ. އެންމެން އެކުގައި ސައިބޯން ފެށިއެވެ. ސުފުރާމަތިން މަދީ ހަމަ އެކަނި ތަސާމާއެވެ. މީހަކާ އިނދެގެން ތަސާމާ ދިޔަތާ ދެ އަހަރުވެފައިވާ އިރު އަދި ވެސް ތަސާމާ ނެތުމުގެ ފަޅުކަން އެންމެންނަށް އިޙްސާސްކުރެވެއެވެ.

"މަންމާ... ފެން...." ޒަލަފްއަށް ބުނެވުނެވެ. ޒައިނަބަށް ހަނދާންނެތިގެން ފެން ނޭޅި ހުރިކަން ރޭކާލީ ދެނެވެ. އޭނާ ތެދުވަން އުޅުނު ވަގުތު، ތައިމޫރު ޒައިނަބުގެ އަތުގައި އަތް ޖައްސައިލާފައި މަޑުކުރުމަށް އެދުނެވެ.

"ޒައި މަޑުކުރޭ...." އެހެން ބުނެލުމަށް ފަހު ތައިމޫރު ތެދުވިއެވެ. އަދި ގޮސް 4 ބިއްލޫރި ތައްޓާ ބޮޑު ފެންފުޅިއެއް ހިފައިގެން އައެވެ. ތަށިތަކަށް ފެން އަޅައިލަމުން ކޮންމެ މީހަކާ ތަށި ކައިރިކޮށްލިއެވެ. ޒައިނަބުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ތައިމޫރު އޭނާ ދެކެ ވާ ލޯތްބާ މެދު ޝައްކުކުރާނެ ޖާގައެއް އިނދެގެން މިވީ 38 އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް ތައިމޫރު އޭނާއަކަށް ނުދެއެވެ. ތައިމޫރަކީ ކިތަންމެ ބުރަކޮށް އުޅެމުން ވެސް ލޯބިވާ ޢާއިލާއާއި، އަނބިމީހާއަށް ވަގުތު ދޭ މީހެކެވެ. އެ ފަދަ ކުދިކުދި އަމަލުތަކުން ވެސް އޭނާ ޢާއިލާ ދެކެވާ ލޯބި ފާހަގަކުރެވެއެވެ. ޒައިނަބު ބަދިގޭގައި އުޅޭ އިރު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަބަދު ވެސް ތައިމޫރު ކުރާ ހިތުން ކުރާ ކަމެކެވެ. ފަހަރެއްގައި ވެސް އެއީ ފިރިހެނުން ކުރަން ލަދުވެތި ނުވަތަ ހުތުރު ކަމެއްގެ ގޮތުގައި ތައިމޫރު ނުދެކެއެވެ. ދަރިންގެ ކުރިމަތީގައި ވެސް ތައިމޫރަކީ އެ ކަހަލަ ކަންކަމުގައި ނަމޫނާ ދައްކާ މީހެކެވެ. އަންހެނުންނަކީ އެމީހުންގެ އަޅުންނެއް ނޫނެވެ. އެއީ ގެއަށް ގެންނަ ނޯކަރުންނެއް ވެސް ނޫނެވެ. އެހެންނަމަވެސް، އެއީ އެމީހުން ފިރިހެނުންގެ، ލޯތްބާއި ޙަމްދަރުދީއާ ކުލުނު އެންމެ ހައްޤުކަން ބޮޑު މީހުންނެވެ. ޒައިނަބު އޭނާއަށް ބަލަން އިން ގޮތުން ތައިމޫރުގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. އޭނާ ޒައިނަބުގެ އަތުގައި ލޯތްބާ އެކު ފިރުމައިލިއެވެ. އެ މަންޒަރު ފެނުނު ޒަލަފް ޒަރޫންގެ ފައިގައި އޭނާގެ ފައިން ކޮއްޓައިލިއެވެ. އެއަށްފަހު، ލޮލުގެ އިޝާރާތުން އެ މަންޒަރު ދައްކައިލިއެވެ. މަންމައާއި ބައްޕައާ ދެމެދު އޮންނަ ލޯތްބަކީ ޒަލަފްމެންނަށް ނަމޫނާއެކެވެ. ދުވަހަކު ވެސް ދެ މީހުން އަރައިރުންވެ ޒުވާބު ކުރާ އަޑެއް އޭގެ ތެރެއިން އެއް ކުއްޖަކަށް ވެސް އިވިފައެއް ނެތެވެ. އަބަދު ވެސް ފެންނަނީ އެ ދެމެދުގައި އޮތް ލޯތްބެވެ.

މައްސަލަ ނުޖެހޭ ގުޅުމެއް ނޯންނާނެއެވެ. ކިތަންމެ ލޯބިން އުޅޭ ދެމަފިރިއެއްގެ ޙަޔާތުގައި ވެސް ދެބަސްވުންތައް އުފެދޭނެއެވެ. ހިތްހަމަނުޖެހޭ ފަހަރުތައް އަންނާނެއެވެ. ޚުދު ތައިމޫރާއި ޒައިނަބު ގެ ޙަޔާތުގައި ވެސް އެ ކަހަލަ ކަންތައްތައް ކުރިމަތިވިއެވެ. އެހެންނަމަވެސް، ދުވަހަކު ވެސް އެ ފަދަ އިޝާރާތެއް އެ ދެ މީހުންގެ ފަރާތުން ދަރިންނަށް ދެވިފައެއް ނެތެވެ. ހިތްހަމަނުޖެހޭ ފަހަރުތަކުގައި މައްސަލަތައް ހައްލުކުރަނީ ދެ މީހުން ވާހަކަ ދައްކައިގެންނެވެ. ޒުވާބުކޮށް އަރައިރުންވެގެންނެއް ނޫނެވެ. ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ކޮންމެ ކަމަކާ ދެމީހުން އެކުގައި އެއްބަސް ކިޔައިގެން ކުރިމަތިލުމަކީ އެމީހުންގެ އެންމެ ބޮޑު އަޒުމެވެ. އެ ގުޅުމުގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއީއެވެ. ތައިމޫރު 17 އަހަރުގައި ޒައިނަބާ ކައިވެނި ކުރި އިރު ޒައިނަބުގެ އުމުރަކީ އެންމެ 16 އަހަރެވެ. ޅައިރު ފެށުނު އެ ގުޅުމުގެ ބިންގާ މިއަދާ ހަމައަށް އައި އިރު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެގެން ގޮސްފައެވެ. އެ ބިންގާގެ އަސާސަކީ ފަނޑުވުން ނުވާ ގޮތެއްގައި ދެ ހިތުގައި ވި ލޯތްބެވެ. އެ ކައިވެނި މިއަދާ ހަމައަށް ދެމިގެން ދިޔަ ސަބަބަކީ އެކަކު އަނެކަކަށް ކުރާ ޤަދަރާއި އިޙްތިރާމެވެ. މާފުކުރުމާއި މާފަށް އެދުމުގެ ރީތި އާދައެވެ. ދެމަފިރިންގެ ދެމެދުގައި ކަންތައްތައް ސިއްރުނުކުރުމެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް، އެއްވެސް ޖެހިލުމެއްނެތި އެ ކަމެއް އެކަކު އަނެކަކާ ހިއްސާކުރެވޭ ވަރުގެ ގާތް އެކުވެރިކަމެއް އެ ދެމެދުގައި ވެއެވެ.

*****

ޒަރޫންއަށް އިރުއިރު ކޮޅަކާ ފޯނަށް ބަލައިލެއެވެ. އިންތިޒާރުކުރެވެމުން ދިޔައީ ނަހާގެ މެސެޖަކަށެވެ. ނުވަތަ ކޯލަކަށެވެ. އޭނާގެ ފޮޓޯތައް ނަހާއަށް ކަމުދިޔަބާއޭ ނުވަތަ ނޫންބާއޭ ވެސް ޒަރޫންގެ ހިތަށް އަރަމުން ދިޔައެވެ. ބައްޕައާ އެކު ގަރާޖުގައި އުޅުނު އިރު ވެސް އިރުއިރުކޮޅަކާ ޒަރޫންއަށް ފޯނަށް ބަލައިލެވެއެވެ. އެކަން ތައިމޫރަށް ވެސް ފާހަގަކުރެވިއްޖެއެވެ. އެންމެފަހުން އޭނާ ޒަރޫންއާ ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ތަނަކަށް ދާންވެފަ އޮތީތަ؟" ތައިމޫރު އަހައިލިއެވެ. އެއާއެކު ޒަރޫން ނޫނެކޭ ބުނެލަމުން މަސައްކަތަށް ސަމާލުކަން ދިނެވެ. މުޅި ދުވަސް ވެސް އޭނާ ހޭދަކުރީ އެ ފަދަ ގޮތަކަށެވެ. އެންމެފަހުން އިރު އޮއްސި، ރޭގަނޑު، ވި އިރު ވެސް ނަހާގެ އެއްވެސް އިޝާރާތެއް ޒަރޫންއަކަށް ނުލިބުނެވެ. އޭނާ ކުޑަކޮށް މާޔޫސް ވިއެވެ. އޭނާ ހުރީ ހަމަ ޙަޤީޤަތުގައި ވެސް އެކަށީގެންވާ އަގަކަށް އެކަންތައް ނަހާކޮށް ކޮށްދޭން ނިންމައިގެންނެވެ. ނަހާގެ މޫނުމަތިން ފެނުނު އަސަރުތަކުން، އެކަމަށް ނަހާ ބޭނުންވެފައިވާ މިންވަރު އޭނާއަށް އިޙްސާސްވީތީއެވެ. އެހެން ނަމަވެސް، އަލުން އިސްވެ ދެން ނަހާ ގާތު އެ ވާހަކަ ނުދައްކަން އޭނާ ނިންމިއެވެ. މިހާރު އެއްފަހަރު އަމިއްލައަށް ނަހާ ގާތު ބުނެވިއްޖެއެއް ނޫންހެއްޔެވެ؟ ވީއިރު ގޮތެއް ނިންމުމުގެ އިޚްތިޔާރު ދެން ދޭންވާނީ ނަހާއަށެވެ.

ފެންވަރައިލައިގެން ނުކުތް ޒަރޫން ސްޓޭންޑުގައި އަޅުވާލާފައި ހުރި ނިދަން ލާ ސޯޓު ނަގާ ލަމުން އައިސް އެނދުގައި އޮށޯތީ ލައިޓުތައް ވެސް ނިއްވައިލާފައެވެ. އޭސީގެ ލައިޓުގެ އައްޔަށް ލޯ ހޭނިލަން އިރުކޮޅެއް ނެގިއެވެ. ޗާރޖަށް ޖެހުމަށްފަހު ސައިޑުކަބަޑުމަތީގައި ފޯނު ބާއްވަމުންގައިމަތީގައި ރަޖާ އަޅައިލިއެވެ. އަދި ލޯ މަރައިލީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، ފޯނުގެ "ބީޕް" އަޑާ އެކު އޭނާއަށް ވަގުތުން ޗާރޖަށް ޖަހައިފައިވާ ފޯނާ ދިމާލަށް ބަލައިލެވިއްޖެއެވެ. ޗާޖުން ފޯނު ނައްޓައިލަމުން، އޭނާ އައިސްފައިވާ މެސެޖަށް ބަލައިލިއެވެ. އުންމީދުކުރި ގޮތަށް އެއީ ނަހާގެ މެސެޖެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު