ޢިލްމީ ޚިދުމަތްތެރިޔާ ޑރ. މުޙައްމަދު ޢަލީގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި؛ ކަށުނަމާދު އިޝާ ނަމާދަށްފަހު

ޑރ. މުޙައްމަދު ޢަލީ: ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި --

ދައުލަތަށާއި ޢިލްމީ ދާއިރާއަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު، އެމަނިކުފާނުގެ މޫނުފުޅުދެއްކުން މިއަދު ހަވީރު 16:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

އުމުރުފުޅުން 67 އަހަރުގައި ޑރ. މުޙައްމަދު ޢަލީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އޮސްޓްރޭލިއާއިން ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. މުޙައްމަދު ޢަލީ ވަނީ ސަރުކާރުގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ސަރުކާރުގެ ޚިދުމަތް މާރިޗު 28، 1985 ގައި މަޖީދިއްޔާ ސްކޫލުގެ ޖިއޮގްރަފީ ޓީޗަރެއްގެ ގޮތުގައި ފެއްޓެވި ނަމަވެސް، އެމަނިކުފާނު އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރެއްވީ ތިމާވެށީގެ ދާއިރާއިންނެވެ. އެގޮތުން 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ އެކި ދިރާސާތައް ހައްދަވައި، އެ ދާއިރާއިން މީހުން ހޭލުންތެރިކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ޑރ. މުޙައްމަދު ޢަލީ ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީކަމާއި، ޕްލޭނިންގ އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީގެ މަގާމު ހިމެނެއެވެ. މީގެއިތުރުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

ސިޔާސީ ގޮތުން ޤައުމީ ޕާޓީ އަދި ޢަދާލަތު ޕާޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. މުޙައްމަދު ޢަލީއަކީ ސައިންސާއި ކީރިތި ޤުރުއާނުގެ ޢިލްމު ގުޅުވައިގެން މީޑިއާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމުގެ އިތުރުން، އެމަނިކުފާނަކީ އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތުކުރާ ކޮމިޓީގެ ވެސް މެންބަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު