މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމްގެ ނަންފުޅުގައި އޮތް ކ. މާލެ، ހ. މާދޫފިޔާއިން އޭނާއަށް ލިބިވަޑައިގަންނަވާ ބައި، އަނބިކަނބަލުން ޢާއިޝަތު ނަޝީދާއަށް ހިބައިން ދެއްވައި، އެ ހިބަ ސައްޙަކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން ނިންމެވި މި މައްސަލައިގެ ހުކުމުގައިވަނީ، ހ. މާދޫފިޔާ (871.25 އަކަފޫޓުގެ އަމިއްލަ ގޯތި) ގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލުން އާދަމް ޢާޒިމަށް ލިބިވަޑައިގަންނަވާ ބައި، އޭނާގެ މިލްކުން ކަނޑައި އަނބިކަނބަލުން މއ. ޗަނބޭލީމާގެ، ޢާއިޝަތު ނަޝީދާއަށް ހިބަކޮށްދިނުމުން އެ ހިބަ އޭނާ ގަބޫލުކުރައްވާފައިވާތީ، މިއީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ނިމިފައިވާ ސައްޙަ ހިބައެއް ކަމަށެވެ.
ޤާޟީ ޢަލީ ޢަބްދުﷲ ބެއްލެވި މި މައްސަލައިގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މާދޫފިޔާއިން އާދަމް ޢާޒިމްގެ ބައި އަނބިކަނބަލުންނަށް ހިބައިން ދިނުމާމެދު އޭނާގެ މަންމަ ޢާއިޝަތު މޫސާއާއި، އަންހެންދަރިކަނބަލުންވެސް އިޢުތިރާޟެއް ނުކުރައްވައެވެ. އަދި އާދަމް ޢާޒިމާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އިންތިޒާމު ކ. މާލެ، މ. ސީނުކަރަންކާގޭގައި ހަމަޖެހިފައިވާކަން ވެސް ޝަރީއަތަށް ބަޔާންދީފައިވެއެވެ.
މީގެއިތުރުން، އެ ގޯއްޗަކީ ރަހުނުކޮށްފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ތަނެއް ނޫންކަމާއި، އާދަމް ޢާޒިމްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތްކަން ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ގޯތީގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ފަރާތެއް ވާނަމަ އެކަން އެންގުމަށް ކޯޓުން ކުރި އިއުލާނާ ގުޅިގެންވެސް އެއްވެސް ފަރާތަކުން ދައުވާއެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އަނބިމީހާއަށް ހިބައިން މުދާ ދިނުމަށް ގާނޫނީ ހުރަހެއް ނެތުމާއެކު، ސިވިލް ކޯޓުން ވަނީ ހ. މާދޫފިޔާއިން އާދަމް ޢާޒިމަށް ލިބިވަޑައިގަންނަވާ ބައި އޭނާގެ އަނބިކަނބަލުން ޢާއިޝަތު ނަޝީދާއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.