ދުނިޔޭގެ އެދުންވެރިކަމަށްވުރެ އާޚިރަތުގެ ކާމިޔާބީ މާ ހެޔޮކަން ބޮޑެވެ. ކޮންމެ ނިޢުމަތަކީ އިމްތިޙާނެކެވެ. އަދި ކޮންމެ ހިނދުކޮޅަކީ ﷲ އާ ކުއްތަންވުމަށް ލިބޭ ފުރުޞަތެކެވެ. ހިތަށް ހަމަޖެހުން ލިބެނީ ދުނިޔޭގެ އެދުންތަކުގެ ފަހަތުން ދުވެގެންނެއް ނޫނެވެ. ނަމަވެސް، ﷲ ގެ ހަނދުމަކުރުމާއި، ތަޤުވާވެރިކަމުގެ ތެރެއިންނެވެ.

***

ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު އޮލިވިއާއަށް ހުއްޓުން އަރާ ވަޑައިގަންނަވާގޮތްވިއެވެ. އެކަމަނާގެ މުގާބަލާ މިކުރައްވަނީ މަރުގެ އެތިފަހަރަކުން އެކަމަނާ ސަލާމަތްކޮށްދެއްވި ޒުވާނާއާއިއެވެ.

"ތިޔައީ ކާކު؟" އޮލިވިއާ ތުރުތުރުއަޅާ އަޑަކުން އެއްސެވިއެވެ.

"އަހަރެން މިއީ މި ބިމާއި އަހަރެންގެ ލޯބި ދިފާޢުކުރާ މުޖާހިދެއް......" ޒާއިމް ސާބިތުކަމާއެކު ވިދާޅުވިއެވެ.

ހާލާ ވަޑައިގެން އޮލިވިއާގެ ފަހަތުން ހަމަލާދެއްވާން އުޅުއްވުމުން އޮލިވިއާ ފަހަތަށް ޖެހިވަޑައިގެން އަސް އަނބުރާލެއްވިއެވެ. ނަމަވެސް އެކަމަނާގެ ނަޒަރު ޒާއިމްގެ މޫނުފުޅުން ނެއްޓޭގޮތެއް ނުވިއެވެ.އެ ދޭތެރެއަށް އެވަގުތު ހަނގުރާމަވެރި ފައުޖެއްވަދެ އޮލީވިއާއާއި ޒާއިމް ދުރުވުމުން އިންތިހާއަށް ހިތާމަފުޅުކުރެއްވިއެވެ. އަސް ދުރަށް ދުއްވަވާލެއްވިއިރު ލޯފުޅަށް ފެނިވަޑައިގަތީ ޒާއިމްގެ އަރިހުގައިވާ އަންހެން ބޭފުޅާގެ ރީތިކަމެވެ. ހިތްޕުޅުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑު އަނދަންފެށުމުން ކެތްނުކުރެވޭވަރުވިއެވެ. އެކަމަނާގެ ސިކުނޑިފުޅުގައިވަނީ ޒާއިމް ހައްޔަރުކުރައްވާ ގަނޑުވަރަށް ގެންދެވުމެވެ. އެ އަންހެންކުއްޖާ ގަތުލުކުރެއްވުމެވެ. އެނޫންގޮތަކަށް ހިތްޕުޅުގައިވާ އަލިފާންގަނޑު ނިއްވައެއް ނުލެވޭނެއެވެ.

***

ހަނގުރާމައިގެ ފުރަތަމަ ދުވަސް ނިމި އުޑުމައްޗަށް އަނދިރިކަން ވެރިވެއްޖެއެވެ. ފިނި ވަޔާއެކު ދުމުގެ ވަސް މުޅި ފަރުބަދަތަކުގެ ތެރޭގައި ހިފާފައިވާއިރު މުސްލިމުންގެ ކޭމްޕުގައި ވަނީ ވަރުބަލިކަމާއި ކަންބޮޑުވުމެވެ. ބައެއް ހަނގުރާމަވެރިން ތިބީ ޒަޚަމްވެ ކުރިއަށް އޮތް ދުވަހުގެ ނުރައްކާތެރިކަމާމެދު ފިކުރުބޮޑުވެފައެވެ. ރޮޑްރިގޯގެ ބިޔަ ލަޝްކަރު ހުރިހާ ދިމާލަކުން ނުކުމެ އެމީހުންނަށް ހަމަލާދިނީ ވިސްނާނުލާ ތިއްބައެވެ. ޒާއިމްގެ އިރުޝާދުގެ ދަށުން ފިލާ ތިބި ހަގުރާމަވެރިންވެސް ކާމިޔާބުވީކަމަށް ހީކޮށް ނުކުމުގެން އައުމުން ދިމާވި ހާދިސާއެކެވެ. އެކަމާއި ފަހުން ހިތާމަކުރިޔަސް އެތައް ބަޔަކަށް މުުސީބާތް ޖެހުނެވެ.

ޒާއިމް ކޭމްޕުގެ މެދުގައިވާ ބޮޑު އަލިފާންގަނޑު ކައިރިއަށް ވަޑައިގަތްއިރު ޒުވާން ހަނގުރާމަވެރިން އެތަނުގައި އިށީދެގެން ތިއްބެވެ. ޒާއިމްގެ ހަށިކޮޅުގައިވާ ދަނގަޑު ދަހަނާގައިވަނީ ހަނގުރާމައިގެ ނިޝާންތަކެވެ. އެ އައްޑަނައަށްވެސް އެތައް އެތިފަހަރެއް އަރާފައިވިއެވެ. އެމަނިކުފާނުގެ އަރިހުގައި ހުންނެވި ހާލާގެ ނަޒަރުގައި ވީ ފަޚުރުވެރިކަމެވެ.

ޒާއިމްގެ ނަޒަރު ހުއްޓިވަޑައިގަތީ އަލިފާންގަނޑުން އަރަމުންދާ ކަނިތަކަށެވެ. އުވައިސް ކޮޅަށް ތެދުވެ އެމަނިކުފާނުގެ އަރިހަށް ވަޑައިގަތްއިރު ނިތްކުރީގައި ފޮތިގަނޑެއް އޮޅާލާފައިވިއެވެ.

"އަމީރު...އަޅުގަނޑުމެންގެ ވަރަށް ގިނަ މުޖާހިދުން ޝަހީދުވެއްޖެ..އެތައް ބަޔަކު ޒަޚަމްވެފައި....މާދަން ހަނގުރާމަ..."

"ތިޔަބައިމީހުންގެ ދެލޮލުން އަހަރެންނަށް ފެންނަނީ ބިރުވެރިކަމެއް ނޫން... ތިޔައީ ވަރުބަލިކަން......" ޒާއިމް ވިދާޅުވިއެވެ. "ހަނދާން ކުރަންވީ އިރުއޮއްސޭ ކޮންމެ ފަހަރަކީ ކާއިނާތުގެ ނިމުމެއްނޫންކަންް..... އެއީ އާ ފަތިހަކަށް ތައްޔާރުވުމަށް ދެވޭ ފުރުސަތެއް....."

ހަނގުރާމަވެރިން އިސްއުފުލާލައި ޒާއިމްއަށް ބަލަން ފެށިއެވެ. އުވައިސްއަށްވެސް އެ ބަސްފުޅުތަކުން އަސަރުކޮށް ލޮލުން ކަރުނަ ހިލުވައިލިއެވެ.

"ހިތްވަރުގަދަ މުޖާހިދުންނޭ.....ވަރުގަދަ ސިންގާއެއް އުފެދެނީ އަމާން އައްސޭރިއަކުން ނޫން...... އެއީ ޖަންގަލީގައި ތޫފާންތަކުގެ ތެރޭގައި ވޭނާއި ކެތްތެރިކަމުގެ ތެރެއިން އުފަންވާ އެއްޗެެއް........" ޒާއިމްގެ އަތްޕުޅު އަލިފާންގަނޑާއި ދިމާލަށް ދިއްކޮށްލެއްވިއެވެ. "އަހަރެމެންގެ ހަށިގަނޑުން އޮހޮރޭ ކޮންމެ ދާ ތިއްކަކީ އަހަރެމެންގެ އީމާންކަމާއި އަހަރެމެންގެ ލޯބި އަދި އަހަރެމެންގެ ބިން ދިފާޢުކުރުމަށް ލިބޭ ބާރެއް....ދުޝްމަނުންގެ ލަޝްކަރު ކިތަންމެ ބޮޑަސް، އެމީހުންގެ ހިތުގައިވަނީ ނަފްރަތާއި އަނދިރިކަން.... އަހަރެމެންގެ ހިތުގައިވަނީ ޙައްޤުގެ ނޫރު........"

ހާލާވެސް ކަނޑިކޮޅު އުފުލައިލެއްވިއެވެ.

"ޒާއިމްގެ ބަސްފުޅަކީ ހަގީގަތް....." ހާލާގެ އަޑުފުޅުގައިވަނީ އިންތިހާ ހިތްވަރެވެ. "އަހަރެމެންގެ ފަހަތުގައިވަނީ މި މާތް އިސްލާމްދީން... އަހަރެމެންގެ އާއިލާތައް.. އަހަރެމެންގެ އަގީދާ..... ބިރުގަންނަންވީ އަހަރެމެންނެއް ނޫން..ބިރުގަންނަންވީ އަހަރެމެންގެ ސާބިތުކަން ފެނި ދުޝްމަނުން...."

ޒާއިމް ހާލާގެ އަތްޕުޅުގައި ހިފަހައްޓަވާލައްވަމުން އެންމެންނާ ދިމާލަށް ބައްލަވައިލެއްވިއެވެ.

"މާދަމާގެ އިރުއޮއްސޭނީ އަހަރެމެންގެ ނަޞްރާއެކުގައި އިންޝާﷲ....ތިޔަ ހިތްވަރުގަދަ މުޖާހިދުންގެ ހިތްތަކުގައިވާ އަލިފާން ނިއްވާނުލާ.... އަހަރެމެންނީ އަންނަނިވި ޖީލުތަކަށްޓަކައި ތާރީޚު ލިޔާނެ މުޖާހިދުންކަމަށް ވާންވީ...."

ޒާއިމްގެ ހިތްވަރުލިބޭ ވަރުގަދަ ވާހަކަފުޅުން މުޅި ލަޝްކަރުގެ ހިތްތަކުގައި ފޯރިއާއި ޖޯޝްގެ އަލިފާން ރޯވެގެން ދިޔައެވެ. އެންމެން އެކުގައި ތަކުބީރުގެ އަޑުން މުޅި ފަރުބަދަތައް ގުގުމާލިއެވެ. ކުރިން ތިބި މާޔޫސްކަން މުޅިން ފިލައި، އެމީހުންގެ ދެލޮލުން ފެންނަންފެށީ ނުގުޑާފަދަ ހިތްވަރާއި އަޒުމެވެ.

***

ރޭގަނޑުގެ ފިނިކަން އިންތިހާއަށް ގަދަވެފައިވަނިކޮށް ކްރިސްޓިއަނުންގެ މައި ކޭމްޕުގެ ތެރޭގައި އޮލިވިއާ އިނީ ފުން ވިސްނުމަކަށް ގެއްލިވަޑައިގެންފައެވެ. އެކަމަނާގެ ޚިޔާލުފުޅުގައި ރަސްކަން ކުރައްވަމުން ގެންދެވީ މުސްލިމުންގެ ހިތްވަރުގަދަ މުޖާހިދެވެ. ޒާއިމްގެ މޫނުފުޅާއި އެ ހައިބަވަންތަކަން އެއްފަހަރުވެސް ހިތްޕުޅުން ފިލައިގެން ނުދިޔައެވެ.

އޮލީވިއާ އޭނާގެ ލަޝްކަރުގެ އިސް ކޮމާންޑަރުންނަށް ވަރުގަދަ އޯޑަރެއް ދިނެވެ. "ކޮންމެ ގޮތެއް ހަދާފައިވެސް، މާދަމާގެ ހަނގުރާމައިގެ ތެރެއިން އެ މުސްލިމް ލީޑަރ އަހަރެންގެ ޓެންޓަށް ގެނެސްދޭންވާނެ...."

"ސާހިބު ކަމަނާ...އޭނަގެ އިސްތަށިފުޅު ނޫނީ ހެޔޮ ހާލުގައި ހުއްޓާތޯ ؟"

"އޭނައަށް އަނިޔާނުކޮށް ހައްޔަރުކޮށްގެން ގެނެސްދޭންވީ...."އޮލީވިއާ ކޯފާއިސްކުރެއްވިނަމަވެސް އެކަން މޫނުފުޅުން ނުދައްކަވައެވެ. ޒާއިމްގެ ހަށިކޮޅުގައި ކުޑަ ކޫރުމެއްވެސް އެޅެން އެކަމަނާ ނޭދެއެވެ. އެކަމަނާގެ ހިތްޕުޅުގެ މުރާދަކީ ޝުކުރުވެރިވުމެވެ. އިހުސާންތެރިވެ ވަޑައިގަންނަވަންވެސް ބޭނުންފުޅުވިއެވެ. ސަބަބަކީ ޒާއިމް އެދުވަހު ސަލާމަތްކޮށް ނުދެއްވިނަމަ އެ ޖަނަވާރުގެ ޝިކާރައަކަށް ވެ ވަޑައިގަތީހެވެ.

ދެފަރާތަށް ފުރޮޅިވަޑައިގެން ހިތާމަފުޅު ކުރައްވަމުން ގެންދެވިއިރު ނިދީގެ އަސަަރެއްވެސް އެލޯފުޅުގައި ނުވެއެވެ.

***

ގަނޑުވަރުގެ ބޮޑު ކޮޓަރީގެ ތެރޭގައި ވަނީ ނާމާން ހަމަހިމޭންކަމެކެވެ. އުއްބައްތިތަކުގެ އުޖާލާކަމުގެ ތެރޭގައި ގާޒީއާއި ހައިތަމްގެ މަންމާފުޅު ތަޚުތުގައި އިންނެވީ އިންތިހާއަށް ހައިބަތުގަދަ ކޮށް މުޅި މަސްރަޙަށް ނަޒަރު ހިންގަވައިގެންނެވެ. ދެ ދަރިކަލުން އަވަހާރަވުމަށްފަހު ގަނޑުވަރުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ ބާރު އޮތީ އެކަމަނާގެ އަތްޕުޅުގައެވެ. ޖަޒީރާވެސް އެވަގުތު އެތަނުގައި އިންނެވިއެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވެދެވަޑައިގަތް ބުތައިނާގެ މޫނުފުޅުމަތިން ފެންނަނީ ކެތްތެރިކަމެއްނެތް ކުލަވަރެކެވެ.

"ކީއްކުރަން ކަމަނާ ތިވަޑައިގަތީ؟" ޖަޒީރާ ކޯފާގެ އަޑުފުޅަކުން ވިދާޅުވިއެވެ. އަބަދާއަބަދު ރާބިއާގެ އަރިހުގައި އެކަމަނާގެ ޝަކުވާ ކުރެއްވުމަކީ ބުތައިނާގެ ދުވާލުގެ ތާވަލުގެ ބަޔެއްހެން ހީވެއެވެ.

ބުތައިނާ ރާނީ ރާބިޢާއަށް އިޙްތިރާމް އަދާކުރެއްވުމަށްފަހު ސީދާ ޖަޒީރާގެ ލޯފުޅަށް ނަޒަރު ހުއްޓަވައިލެއްވިއެވެ.

"އަޅުގަނޑު މިއައީ މުޅި ޝާހީ އާއިލާއާ ގުޅިފައިވާ ބޮޑު ސިއްރެއްގެ ޙަޤީޤަތް ހޯދަން......" ބުތައިނާގެ އަޑުފުޅުގައިވަނީ ގޮންޖެހުމުގެ އަސަރެވެ. "އަޅުގަނޑުގެ ފުރަތަމަ ފިރިކަލުން ޣާޒީ އަވަހާރަވީއިރު ހަގީގީ ދަރިކަލަކަށް ހުންނެވީ އާލަމް... އަދި ހައިޘަމްގެ ދަރިކަނބަލަކީ ހާލާ.....ނަމަވެސް... ޒާއިމްއަކީ ކޮންބޭފުޅެއްތަ؟"

ޖަޒީރާގެ ރާނީގެ މޫނުފުޅުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. "ތިޔަވިދާޅުވަނީ ކީކޭތޯ؟ ބުތައިނާ މޮޔަފުޅުވީތޯ؟ ޒާއިމްއަކީ މި ތަޚުތުގެ ހައްގުވެރިޔާ....."

"ނޫން....." ބުތައިނާ އަޑުުފުޅު ގަދަކުރެއްވިއެވެ. "ޒާއިމްއަކީ ޣާޒީގެ ދަރިކަލެއް ނޫން...އެދަރިކަލުން އުފަންވުމާއި ކަމަނާއާއި ހަމަޔަށް ދަރިކަލުން ގެނެވުނު ގޮތާމެދު ސުވާލުތައް އެބަހުރި.....އެދަރިކަލުންގެ އަތްޕުޅުގައިވާ ނިޝާނާއި ކުލަތަކަކީ މުސްލިމް ރަސްކަލެއްގެ ނަސަބުން އައިސްފައިވާ ސިފަތަކެއްނޫން ކަމަށް ވާހަކަ އެބަ ދެކެވޭ....ގަނޑުވަރުގެ ޚާދިމާއިންތައްވެސް ސިއްރުން އެވާހަކަ ދައްކާ އަޑުއިވޭ...... ތިޔަ ފޮރުވަނީ ކޮންފަދަ ބޮޑު ސިއްރެއްތޯ؟އަޅުވެރިކަމުގެ ތާޖު އަޅުއްވައިގެން ހުންނަވާ މަކަރުވެރިކަމާއި ވައްކަމުގެ ތެރެއަަށް ވެދެވަޑައިގަންނަވަން ދީނުގައި އޮތްތޯ އަމިއްލަ ހިތްޕުޅާއި ސުވާލުކުރައްވާ....ވައްކަން ކުރަނީ ހަމައެކަނި ޚަޒާނާއަށް އަތް ބާނައިގެނެއްނޫން...."

ޖަޒީރާ އިންތިހާއަށް ކޯފާވެ ގޮނޑިކޮޅުން ތެދުވެވަޑައިގަތެވެ. "ހުއްޓާލައްވާ.....ތިޔައީ ހަސަދަވެރިކަމުން ފުރިގެންވާ ދޮގު ވާހަކަ ފުޅުތަކެއް.... ޒާއިމްއަކީ އަޅުގަނޑުމެންގެ ލެއާއި ފަޚުރު... ކަމަނާ ތިޔަ އުޅުއްވަނީ އަޅުގަނޑުމެންގެ އާއިލާގެ ތެރޭގައި ފިތުނަ އުފައްދަަވައި، ކަމަނާގެ ދަރިކަލުން އާލަމްއަށް ތަޚުތު ހޯދައިދެއްވަން...."

އެ ދެބޭފުޅުންގެ ނުރުހުމުގެ ބަސްތަކުގެ މެދުތެރެއިން، ތަޚުތުގައި އިންނެވި ރާނީ އެކަމަނާގެ އަސާކޮޅު ބިންމަތީގައި ޖައްސަވާލެއްވިއެވެ. އެ އަޑާއެކު މުޅި ކޮޓަރިކޮޅު ހިމޭންވިއެވެ.

"ހުއްޓާލާ ދެން....." ރާނީ ރާބިޢާގެ އަޑުފުޅު ނުކުތީ އިންތިހާއަށް ބާރުގަދަކޮށް އަމުރުވެރި ގޮތަކަށެވެ. "މިއީ ހަނގުރާމައިގެ ނުރައްކާތެރި ވަގުތެއް.... ބުތައިނާ...ކަމަނާ ތިޔަ ކުރާ ތުހުމަތުތަކުގައި އެއްވެސް ޙަޤީޤަތެއްވާނަމަ، ދައްކަންޖެހޭނީ ހެކި....ޖަޒީރާ....ކަމަނާގެ ދެލޮލުން އަހަރެންނަށް ފެންނަނީ ސިއްރުކުރަން އުޅޭ ބިރުވެރިކަމެއް.... ހަނދާންކުރޭ..... މި ގަނޑުވަރުގެ ތެރޭގައި ސިއްރުވެފައިވާ ކޮންމެ ޙަޤީޤަތެއް ފަޅާއަރާނެ....ކަމަނާ ފާފައެއްކުރިނަމަ އަދަބު ލިބޭނެ......."

ރާނީ ރާބިޢާގެ އެ އިންޒާރާއެކު ބުތައިނާ ނުލަފާ ހިނިފުޅަކާއެކު ފަހަތަށް ޖެހިވަޑައިގެންނެވިއިރު ޖަޒީރާގެ ހިތްޕުޅަށް ފިނިވެ ޒައިމްއާއިމެދު ބިރުފުޅުގަންނަގޮތްވިއެވެ.

***

ރާނީ ރާބިޢާއާއި ޖަޒީރާގެ ކުރިމަތިން ނުކުމެވަޑައިގެން ބުތައިނާ އަވަސް ފިޔަވަޅުތަކެއްގައި ވަޑައިގަތީ އެކަމަނާގެ ދަރިކަލުން އާލަމް ގެ ކޮޓަރިކޮޅާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެވަޑައިގެން ދޮރު މަޑުމަޑުން ލެއްޕެއްވުމަށްފަހު އެކަމަނާ ވަށައިގެން ބައްލަަވައިލެއްވީ މީހަކު އަޑުއަހާފާނެތީއެވެ.

އާލަމް އިންނެވީ އެމަނިކުފާނުގެ ހަނގުރާމައިގެ ހެދުމާއި ކަނޑިކޮޅު ތައްޔާރުކުރާށެވެ. މަންމާފުޅު ވަދެވަޑައިގެންނެވި ތަން ފެނިވަޑައިގެން އާލަމް އިސްއުފުލާ ބަައްލަވާލެއްވިއެވެ.

"މަންމާ... ކިހިނެއްވީ؟ މޫނުފުޅުމަތިން އެހާ ކަންބޮޑުވުން ފެންނަނީ ކީއްވެ؟" އާލަމް ސުވާލުކުރެއްވިއެވެ.

ބުތައިނާ އާލަމްގެ ކައިރިއަށް ޖެހިވަޑައިގެންފާ ކޮނޑުގައި ހިފަހައްޓަވާލައްވަމުން މަޑުމަޑުން ނަމަވެސް އިންތިހާއަށް ވަރުގަދަ އަޒުމަކާއެކު ވިދާޅުވިއެވެ."އާލަމް.. މަންމަމެންނަށް ވަގުތެއް ނެތް. ޒާއިމްއާއި ހާލާގެ ގާތަށް ލަޝްކަރު ގޮވައިގެން ހަނގުރާމައަށް ދާން އަވަހަށް ތައްޔާރުވޭ...."

އާލަމް އަޖައިބުފުޅުވެފައި މަންމައަށް ބަލައިލިއެވެ. "ޒާއިމްއާއި ބައިވެރިވާން މަންމަ އެދިވަޑައިގަންނަވަނީ؟"

"ނޫން...." ބުތައިނާގެ ދެލޯފުޅުން ފެނުނީ ނުލަފާ ވިދުވަރެކެވެ. "ޒާއިމްއާ ބައިވެރިވާން ދާނީ ހަމައެކަނި ދެއްކުމަކަށް...އެހެން މީހުނަށް ޝައްކުނުވާނެ ގޮތަށް އަމަލު ބަހައްޓަން ޖެހޭނެ....އަދާވާތްތެރިކަމަކީ އަހަރެން އެއްގޮތަކަށްވެސް ގަބޫލެއް ނޫން..އެހެންނޫނަސް އީސާއީންނާއި ހަނގުރާމަ ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުދެކެން..ދަރިފުޅުމެންގެ ކާފައަކީ އީސާއީއެއް... ރޮޑްރިގޯގެ ބޮޑު ލަޝްކަރާ ދެކޮޅަށް ތިޔަ ކުރާ ހަނގުރާމައިން ލިބޭނެ އެއްވެސް ނަޞްރެއް ނެތް. އެއީ މުޅި އާއިލާއާއި ރަސްކަން ހަލާކުގެ ތެރެއަށް އުކާލުން..މިވަގުތު ބޭބެ ތާރިގުވެސް އެފްރިކާގައި ހުންނެވިކަން ނަސީބެއް..އެހެންނޫންނަމަ ޒާއިމްއަށް އެހީވާނެ....ބޭބެއަކީވެސް ޒާއިމްފަދައިން ދީނަށް އާދަޔާ ޚިލާފު ލޯތްބެއް ޖެހިފައިވާ މުޖާހިދެއް........."

ބުތައިނާ އާލަމްގެ މޫނަފުޅަށް ނަޒަރު ހުއްޓަވާލެއްވިއެވެ. "ކޮންމެ ގޮތަކުންވެސް... ރޮޑްރިގޯއާއި އޭނާގެ ލަޝްކަރު ލައްވައި ޒާއިމްގެ ކަންތައް ނިންމައިލާ.... ޒާއިމް ހަނގުރާމައިގެ މައިދާނުން ނައްތާލުމަށްފަހު މަންމަމެން ޖެހެނީ ރޮޑްރިގޯއަށް ބައިޢަތު ހިފަން ... އެއީ އަހަރެމެންގެ ފުރާނައާއި މި ތަޚުތު ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ...."

އާލަމްގެ ވެސް ހިނިފުޅުވަޑުވައިލެއްވިއެވެ. "މަންމާ... މަންމަ ގެ ވާހަކަފުޅަކީ އަޅުގަނޑުގެ ހިތުގައިވެސް އޮތް ވާހަކަ... ޒާއިމްއަކީ މި ތަޚުތަށް ހުރި އެންމެ ބޮޑު ހުރަސް. އަޅުގަނޑު ސިއްރުން ރޮޑްރިގޯއަށް މެސެޖު ފޮނުވައި ޒާއިމް އަތުލައިގަނެވޭނެ ގޮތް ރާވާނަން. އަދި ހަނގުރާމައިގެ ތެރޭގައި ޒާއިމް ބަލިކޮށްލުމަށްފަހު ރޮޑްރިގޯގެ ކުރިމަތީގައި އަމާންދީ މި ރަސްކަމުގެ ބާރު ނަގާނަން.....މާމަ މާ އުމުރުން ދުވަސްވެއްޖެ....."

"ވަރަށް ރަނގަޅު...." ބުތައިނާ އާލަމްގެ އިސްތަށިފުޅުގައި ފިރުމާލެއްވިއެވެ. "ޣާޒީގެ ހަޤީޤީ ދަރިއަކީ ތިއީ.. ތަޚުތު ޙައްޤުވަނީ އާލަމްއަށް.... ޒާއިމްގެ ނަސަބާމެދު ބޮޑެތި ޝައްކުތަކެއް އެބަހުރި... އޭނާއަށް މި ރަސްކަން ލިބުނަދީގެން ނުވާނެ....."

އާލަމްއާއި އޭނާގެ މަންމަ ބުތައިނާ ހަނގުރާމައިގެ ތެރެއިން ޒާއިމްގެ ދުވަސް ދުއްވާލައި ރޮޑްރިގޯއަށް ބައިޢަތު ހިފުމުގެ މަކަރުވެރި ރޭވުން ފުރިހަމައަށް ރާއްވަމުން ގެންދެވިއެވެ.

***

ގަނޑުވަރުގެ ފަހަތުގައިވާ ރީތި ބަގީޗާއަށް އިންތިހާއަށް ކަންބޮޑުވެފައިވާ މޫނަކާއެކު ޖަޒީރާ ނުކުމެވަޑައިގަތެވެ. ރޭގަނޑުގެ ފިނި ވައިރޯޅިތައް އެކަމަނާގެ ހެދުންކޮޅުގައި ބައްދާލަމުން ދިޔައެވެ.ަ ހަނދުގެ އަލި ފެންގަނޑަށް އެޅިގެން ދިއްލެމުން ދިޔައެވެ. ނަމަވެސް، އެކަމަނާގެ ހިތްޕުޅުގައިވަނީ ބަޔާންކުރަންދަތި އަނދިރިކަމެކެވެ.

އެކަމަނާ މަޑުމަޑުން ހިންގަވާފައި ވަޑައިގެން ބަގީޗާގެ ފެންގަނޑުކައިރީގައިވާ ގާގަނޑެއްގެ މަތީގައި އިށީދެވަޑައިގެންނެވިއެވެ. ހިތްޕުޅަށް ވެރިވެފައިވަނީ ބުތައިނާގެ ވާހަކަތަކެވެ. އާލަމް އާއި ޒައިމްގެ ތަފާތެވެ.

އާލަމްއަކީ ޣާޒީގެ ހަޤީޤީ ލެޔެވެ. ނަމަވެސް އެމަނިކުފާނުގެ ދިރިއުޅުން ވަނީ ނުބައި މަގުން ގޮސްފައެވެ. ސިއްރުން ރާފޮދު ހިއްޕެވުމާއި ފާހިޝް ކަންކަމުގައި ވަގުތު ހޭދަކުރެއްވުމާއި ތަޚުތާއި ބާރުގެ ބޭނުމުގައި ކޮންމެފަދަ ނުބައި ކަމެއްވެސް ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާ ފަދަ ނުބައި ސިފަފުޅުތަކެއް އެމަނިކުފާނުގެ ކިބައިގައި ވަނީ އަށަގަނެފައެވެ.

އަނެއްކޮޅުން ޒާއިމްއަކީ އެކަމަނާގެ އަމިއްލަ ލެޔަށް ނުވިޔަސް އެމަނިކުފާނުގެ ހިތްޕުޅުގައިވަނީ އިސްލާމީ މަތިވެރި އަޚްލާޤެވެ. ތަޤުވާވެރިކަމާއި ﷲ އަށް އޮތް ކިޔަމަންތެރިކަމާއި އުންމަތަށް އޮތް ވަފާތެރިކަމެވެ. ތަޚުތު ޙައްޤުވަނީ އަދި މި ޤައުމު ސަލާމަތްކުރެވޭނީ ޒާއިމް ފަދަ ދީންވެރި ހިތްވަރުގަދަ ލީޑަރަކަށްކަން ރާނީއަށް ފުރިހަމައަށް އެނގިވަޑައިގަންނަވައެވެ.

ރާނީގެ ހިތްޕުޅު ކުދިކުދިވަމުންދިޔައީ މުޅި އަންދަލުސްގެ ޙާލަތާމެދު ޚިޔާލުފުޅުކުރައްވާފައެވެ.

'އަހަރެމެންގެ މުސްލިމުންނަށް މިވަނީ ކިހިނެއްވެފައިހެއްޔެވެ؟' ރާނީ މޮޅިވެރިކަމާއެކު އުޑުމައްޗަށް ބައްލަވާލެއްވިއެވެ.

މިއަދު މުސްލިމުންގެ އިއްޒަތް ގެއްލި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވަމުން އެދަނީ އެމީހުން ދީނާ ދުރުވުމުންނެވެ. ރަސްކަމާއި ތަޚުތުގެ ދެވިހިފާފައިވާ ވަރުން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަމިއްލަ އަޚުންގެ ލޭއޮހޮރުވައި ދުޝްމަނުންގެ ފައިބުޑަށް ތިރިވާންވެސް މުސްލިމް ވެރިން ފަސްނުޖެހެއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ މުޅިން ނެތިގޮސްފައެވެ. ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ އެދުމާއިގެންނެވެ.

"މިފަދަ ނުބައި ދީނާ ދުރު ބަޔަކު ވެރިކަމުގައި ތިބޭނަމަ... އަންދަލުސްއިން އިސްލާމީ ނޫރު ނިވި މުސްލިމުންގެ ޒަމާން މުޅިން ނިމިގެންދާކަށް މާގިނަ ދުވަހެއް ނެތެވެ...." ރާނީގެ ދެލޯފުޅުން ކަރުނަފޮދު ތިކިޖަހަންފެށިއެވެ. "އާލަމް ފަދަ ނުބައި އަމިއްލަ އެދުންބޮޑު ވެރިޔއަކަށް ތަޚުތު ލިބިއްޖެނަމަ މި ބިން މުޅިން ހަލާކުވެގެންދާނެ....."

ރާނީ ދުޢާކުރެއްވުމަށް ދެއަތްޕުޅު އުފުލާލެއްވިއެވެ. ޒާއިމްއަށް ނަސްރުދެއްވައި މި އުންމަތް އަލުން ހިދާޔަތުގެ މަގަށް މާތްﷲ އަނބުރާ ގެންނަވާނެކަމުގެ ފުން އުންމީދާއެކުގައެވެ.

***

ހަަފްތާއެއް ހާ ދުވަސްވާންދެން ހޫނުކޮށް ހަނގުރާމަ ހިނގިއިރުވެސް ޒާއިމް އަތުލުމުގައި އީސާއީންގެ ކޮމާންޑަރުންނަށް ކާމިޔާބު ނުވިތާގައި އެ ލަޝްކަރަށް ބޮޑެތި ގެއްލުންތައް ވާން ފެށިއެވެ. އެންމެފަހުން ކާފަރުންގެ ހިތްތަކަށް ބިރުވެރިކަންވަނީ ދުރުން އައި އެހެން ލަޝްކަރެއް ފެނިފައެވެ. ޒާއިމްމެންނަށް އެހީތެރިވެދޭން އައި ލަޝްކަރެއްކަން އެނގިވަޑައިގަތުމުން އޮލިވިއާގެ ހިތްޕުޅަށް ދަތިފުޅުވިއެވެ. ކޮންމެހެން ހަނގުރާމައިން ބަލިވެގެނެއްނޫނެވެ. ޒާއިމް އަތްޕުޅުން ދޫވެގެން ދާކަމަށްޓަކައެވެ.

އެރޭ މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ގާސިދަކު އޮލީވިއާއާއި ބައްދަލުކުރަން އައެވެ. އެމީހާ ހުރީ މޫނު ނިވާކޮށްގެންނެވެ.

"ތިއީ ކާކު؟" އޮލީވިއާ ސުވާލުކުރެއްވިއެވެ.

"ޢަޅުގަނޑުމެންގެ އަމީރު އާލަމް ފޮނުއްވީމަ މިއައީ...."އެމީހާއާއި އޮލީވިއާއާއި ދެމެދުގައި ދެކެވުނު ވާހަކަތަކުން އޮލީވިއާގެ މޫނުފުޅުގެ ކުލަ އަލިވެގެން ދިޔައެވެ. ކާމިޔާބުގެ ކޮޅުމަތި ފެނިވަޑައިގަތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު