"ތިބާާ ގެ އެންމެ ބޮޑު ދުޝްމިނަކީ ތިބާއަށް ކޮންޓްރޯލްނުވާ ނަފުސެވެ."

***

"އަހަރެން އޭނަ ދެކެ ވަރަށް ބިރުގަނޭ........."

މިލްހާގެ ހިތްވެސް ހުއްޓުނު ފަދައެވެ. ކުޑަ ސިކުންތުކޮޅަކަށް، އޭނާ ހަމައެކަނި އެ ޖުމްލައަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ދަތުރުކޮށް ލޯލިތައް ކޮޅަށް ޖެހުނެވެ.

އޭނަ ވަގުތުން ނުބައި ދިމާލަށް ވިސްނުން ގެންދާން ވީ ކީއްވެހެއްޔެވެ؟ މިއީ ފަހަރެއްގައި ހަމަ އާދައިގެ އެއްޗަކަށް ވެދާނެއެވެ. ކޮންމެވެސް މީހަކު މި ވާހަކަ ކިޔުމަށްފަހު އެމީހެއްގެ ޚިޔާލެއް ލިޔެފައި ބާއްވަނީކަމަށް ވެދާނެ ނޫންހެއްޔެވެ؟ އެ ފޮތަކީ އޭގެ އޭގެ ޒާތުގައި ސިއްރުތަކުން ފުރިގެންވާ ވާހަކައެކެވެ. އަނދިރި ގެތަކާއި ޝައްކު އުފެދޭ މީހުންނާއި ތަޅުލާފައިވާ ދޮރުތަކުގެ ފުރަގަހުގައި ސިއްރުތައް ފޮރުވާފައި ހުންނަ ފަދަ ވާހަކައެކެވެ. އެފަދަ ފޮތެއް ކިޔަމުންދާއިރު މީހަކު މާ ބޮޑަށް ދެން އެއަށް ވަދެ ޚިޔާލެއް ފައުޅުކޮށްލުމަކީ ކަންބޮޑުވެ ބޯ ގޮއްވަން ވީކަމެއް ނޫނެވެ. އެހާ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެއާއި ކައިރީގައި ހުރި ސަފްޙާތަކަށް އޭނާ ބަލައިލީ އޭނާއަށް ދޫކޮށްލެވި ގެއްލިފައި އެއްވެސް ކަހަލަ އިތުރު ހެއްކެއް އޮތްކަމަށެވެ. އެ ވަގުތު ލައިބްރަރީން ބޭރުން ކޮންމެވެސް ދިމާލަކުން ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. އޭނާ ވަގުތުން ގަނޑުވާގޮތްވިއެވެ. ހަދަންވީގޮތެއް ރޭވުމުގެ ކުރިންވެސް އޭނާގެ އިނގިލިތައް ޙަރަކާތްކުރިއެވެ. އެ ކަރުދާސްކޮޅު ފޮތުގެ ގަނޑުތަކުގެ ދެމެދަށް ލައި ފޮތް ލެއްޕިއެވެ. އެ ޙަރަކާތް އެހާ އަވަސްވެފައި އަމިއްލަ އިޚުތިޔާރުން ބޭރުގައި ކުރެވުނު ކަމަކަށް ވުމުން އޭނާ އަމިއްލަ ނަފުސާ މެދު ހައިރާންވިއެވެ. އޭނާ އެ ފޮރުވީ ކީއްވެ ހެއްޔެވެ؟ އޭނާ ވައްކަމެއް ނުކުރެއެވެ. އެ ކަރުދާސްކޮޅު އެތާ އޮތްކަންވެސް އޭނާއަށް ކުރިން ނޭނގެއެވެ.

ލައިބްރަރީގެ ދޮރު ހުޅުވުނެވެ. ދޮރުމަތީގައި ހުރީ ސިފްރާންގެ ބޮޑުދައިތަ ނާއިލާއެވެ. އެއް އަތުން ދޮރުފަތުގެ އަރިމަތީގައި މަޑުމަޑުން ހިފަހައްޓާލައިގެންނެވެ. އޭނާ ލައިގެން ހުރީ މަޑު ކްރީމް ކުލައިގެ މައްޗެކެވެ. އަދި އޭގެ މަތިން ދިގު މަޑު ނޫ ކުލައިގެ ކާޑިގަނގެއް ލާފައި އޭގެ އަތުކުރި އޮޅާލާފައެވެ.. އޭނާގެ އަތުގައި ނާޒުކު ރަން ކުލައިގެ ގަޑިއެއް އޮތެވެ. އެ މޫނުގައި ހަމަޖެހޭ ވިސްނުންތެރި ގޮތެއް ހުއްޓެވެ.

ނާއިލާގެ ނަޒަރު މުޅި ކޮޓަރިއަށް ހިންގާލުމަށްފަހު އޭނަގެ މޫނުގައި ހަރުލިއެވެ. "މިލްހާ ހަމަ ފިލައިގެން މިތާ އުޅެން؟"

އޭނަ ހިނިތުންވެލިއެވެ. "ލައްބަ.....ވާހަކައެއް ކިޔައިލަނީ..."

ނާއިލާ އެތެރެއަށް ވަދެފައި ދޮރު ލައްޕައިލި މަޑު އަޑުވެސް އެ ހިމޭން ކޮޓަރީގައި ވަރަށް ބާރަށް އިވުނުހެން ހީވިއެވެ. އެ ކޮޓަރިއާ އެންމެ ގުޅޭ މީހަކީ ނާއިލާހެން ހީވެއެވެ. އޭނާ އެތަނުގައި ހިނގާބިނގާވެ އުޅުނީ އެތަނުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މީހެއްގެ ފަސޭހަކަމާއިއެކުއެވެ.

ނާއިލާ ކައިރިއަށް އައިއިރު އެ ނަޒަރު މިލްހާގެ އުނގުގައި އޮތް ފޮތަށް ހުއްޓުނެވެ. "ކޮން އެއްޗެއް ކިޔަނީ؟"

އޭނަ ތިރިއަށް ބަލައިލިއެވެ. "ސިއްރު ވާހަކައެއް."

"ސިއްރު ވާހަކައެއް؟"

"ލައްބަ........"

"އެކަހަލަ އެއްޗެހި ކަމުދަނީތަ؟"ނާއިލާ ބުމަ އަރުވައިލިއެވެ.

"ވަރަށް ކަމުދޭ." އޭނަ ބޯޖަހައިލިއެވެ.

"ކީއްވެ؟"

މިލްހާ އެކަމާ ވިސްނައިލިއެވެ.

"ކެރެކްޓަރުތަކަށް އެނގުމުގެ ކުރިން ވާން އުޅޭ ގޮތެއް ހޯދަން މަސައްކަތް ކުރަންވެގެން...."

"ހޫމް... ތިބުނި އެއްޗެއް އެނގިއްޖެ."ނާއިލާއަށް ހެވުނެވެ.

"ނާއިލާ ދައްތައަށް ކަމުދަނީ ކޮން ކަހަލަ އެއްޗެއް؟" މިލްހާއެހިއެވެ.

"އޯހ، ކޮންމެފަދަ ފޮތެއްވިޔަސް ކިޔައިލެވޭ....މައްސަލައަކީ ކުރިން ލިބުނުހާ ވަގުތު މިހާރު ފޮތްތަކަށް ނުދެވޭ...."

ނާއިލާ ގަޑިއަށް ބަލައިލިއެވެ.

"އަހަރެމެން މިއަދު ކުޑަ ކަމަކު ސިޓީއަށް ދާން މި އުޅެނީ. ދާން ބޭނުންތަ؟"

"އަހަރެމެންގެ ބައެއް މަސައްކަތްތައް އެބަހުރި. ކުދިން ބޭނުންވޭ ކޮންމެވެސް އެއްޗެހިތަކެއް ބަލަން."

" ޔަޤީންތަ؟"

"ނުވާންވީ ކީއްވެ؟"އޭނަ ބުނެލިއެވެ. "މިތަނަށް އަދި ކިރިޔާ މިއާދެވުނީ....."

"އެހެންވީމަ ކިއްތަވީ؟"

"އަހަރެން ބޭނުމެއް ނޫން އުނދަގުލަކަށް ވާން."މިލްހާ ފަސްޖެހުނެވެ.

ނާއިލާ އޯގާތެރި ނަޒަރަކުން އޭނާއަށް ބަލައިލިއެވެ. "މިލްހާ މިހާރު ތީ މި އާއިލާގެ މީހެއް."

***

ބޭރުން ބަލާއިރު ގަނޑުވަރު ފެންނަނީ މުޅިން ތަފާތުކޮށެވެ. މިލްހާއަށް ކުޑަދޮރުތަކުން ބަގީޗާ ފެނިފައި އޮތް ނަމަވެސް، އެތަނުގައި ހިނގާލުމުން މުޅި ގޯތިތެރެ އެއީ ކިހާ ބޮޑު ތަނެއްކަން މާ ބޮޑަށްވެސް ވިސްނުނެވެ.

ހެނދުނުގެ އިރުގެ އަލި ވިނަގަނޑުގެ މަތީގައި ހޫނުކަމާއެކު އެޅިފައި އޮތެވެ. ވައިގެ ތެރޭގައި ތެތް ފަސްގަނޑާއި މާތަކުގެ މީރުވަސް ހުއްޓެވެ. އަދި ގަސްތަކުގެ ފުރަގަހުން ކޮންމެވެސް ތަނަކުން ދޫނިތައް އެކި އަޑުއަޑުން ގޮވަމުންދިޔައެވެ.

ރާހާއާއި ސާރާ މަގު ކައިރީގައި އިންތިޒާރުކުރަމުން ދިޔައެވެ.

ކައިރިން ބަލާއިރު އެ ދެކުދިން އެއްގޮތްވިޔަސް ކުޑަނަމަވެސް ތަފާތުކަން ހުރިކަން މިންވަރު މިލްހާއަށް ފާހަގަވިއެވެ.

ދެ ކުދިންގެ ތެރެއިން އަނގަ ގަދަވެފައި ޖެހިލުންކުޑައި ރާހާއެވެ. އެކުއްޖާ ލައިގެން ހުރީ މަޑުފިޔާތޮށި ކުލައިގެ ހެދުމެކެވެ، އަދި އެހެން މީހުންނަށް ލަސްވާތީ ހިތްހަމަނުޖެހިފައި ހުރި މީހެއްގެ ކުލަވަރު އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

ސާރާ ހުރީ އޭނާގެ ކައިރީގައި ބުދެއްހާ ހިމޭނުންނެވެ. ނިކަން ނާޒުކު ފާޑެއް ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ގަތާފައި އެއްް ކޮނޑުމައްޗަށް ވައްޓާލާފައެވެ. މަޑު ރީނދޫ ކުލައިގެ ހެދުމާއި ގުޅޭފަދަ ދިގު އިސްޓާކީނަކާއި ތޮފިގަނޑެކެވެ. އަދި ސާރާގެ ހެދުމުގައި ހުރި ރޫ ރަނގަޅުކުރަން ދެ އަތުން ފަރުވާތެރިކަމާއެކު އަތް ކާއްތަމުން ދިޔައެވެ.

މިލްހާ އެކުދިންނަށް ބަލަންހުރިކަން ރާހާއަށް ފާހަގަވިއެވެ. "ކިހިނެއްވީ؟"

"ކަމެއް ނުވޭ..."އޭނަ ހީލިއެވެ.

"ޢެކަމަކު ހާދަ ވަރަށް ބަލަނީ..."

" މިއުޅެނީ މި ކުދިން ވައްތަރުކަމުން ވަކިކުރަން ނޭނގިގެން."

ަ"އަދިވެސް ނޭނގެނީތަ؟ ހަމަ ސިފްރާންއެކޭ އެއްގޮތް..."ރާހާ ބުނެލިއެވެ.

ސާރާ ނުހޭންވެގެން އަނގަމަތީގައި އަތްއެޅިއެވެ.

ރާހާއާއި ސާރާ ކުރިއަށް ދުވެފައި ދިޔައިރު އެކުދިންގެ ވާހަކަދެއްކުން އެއް މައުޟޫޢަކުން އަނެއް މައުޟޫޢަށް އަވަސްއަވަހަށް ބަދަލުވަމުންދިޔައެވެ. މިލްހާ ހިނގަމުންދިޔައީ ނާއިލާއާއި އެކީގައެވެ.

އެވަގުތު މިލްހާގެ ލޮލުގައި އަޅައިގަތް މަންޒަރަކުން ހުއްޓި އެދިމާލަށް ބަލަން ފެށިއެވެ. ނާއިލާވެސް އެނބުރުނެވެ. މިލްހާ ބަލަހައްޓައިގެން ހުރީ މައި ބަގީޗާއާއި ވަކިކުރަން ވެގެން ހިލައިގެ ކުޑަ ފާރެއް ރާނާފައިވާ ބިމެއްގެ ސަރަޙައްދަކަށެވެ. އެއީ ވަށައިގެންވާ އެހެން ހުރިހާ ތަންތަނާ މުޅިން ތަފާތު ތަނެކެވެ.

ގަނޑުވަރުގެ ގޯތިތެޤރެ ވަރަށް ރަނގަޅަށް ބަލަހައްޓައި ޒީނަތްތެރިކޮށްފައި އޮތް ނަމަވެސް، މި ކަންމަތި އޮތީ މުޅިން ހަނދާންނެތިފައިވާ ތަނެއްހެންނެވެ. ވިނަގަނޑު ހުރީ އެއްވަރަކަށް ނޫނެވެ. ކުރީގެ މާ ބަގީޗާތަކުގެ ދެމެދުން ފަސްގަނޑު ތެރެއިން މާ އަޅާ ކުދި ގަސް ވަނީ ހެދިފައެވެ. ބައެއް ގަސްތައް އެކަަތި އަނެކައްޗާއި އޮޅުލެވިފައިވާއިރު އަނެއް ބައި ގަސްތައް ހުރީ ހަމައެކަނި ހިކިފައިވާ ދަނޑިތައް ގޮތުގައެވެ. މެދުގައި ބޮޑު ގަހެއް ހުއްޓެވެ، އޭގެ ގޮތްޕާއި ފަތްތައް ހުރީ މަދުންނެވެ.

ނާއިލާ ވެސް އެ ދިމާލަށް ބަލައިލިއެވެ. އޭނާގެ ތުންފަތުގައި މަޑު ހިނިތުންވުމެއް ވިއެވެ. "އަހަރެމެންގެ ބަގީޗާ ބަލަހައްޓާ މީހަކު ނުހުރޭ."

މިލްހާ ކަކޫ މައްޗަށް ތިރިވިއެވެ. "ބަގީޗާ ބަލަހައްޓާ މީހާއަށްވީ ކިހިނެއް؟"

"އޭނާ ދިޔައީ މީގެ މަސްތަކެއް ކުރިން .....އޭނަގެ އަނބިމީހާއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭތީ."

ނާއިލާ ކޮނޑުގައި އޮތް ދަބަހުގެ އަތްގަނޑު ރަނގަޅުކޮށްލިއެވެ. "އޭނާ ނިންމީ އޭނާގެ އަނބިމީހާއާ އެކު ގޭގައި މަޑުކުރަން..... އަހަރެން އޭނާއަށް ކުށްވެރިއެއް ނުކުރާނަން....އެކަހަލަ ހާލަތެއްގައި ގެއެއްގެ ނޯކިރީކަން ކުރުމަށްވުރެ މާ ބަނޑު އަންހެނުންނާއެކު ހުރުން އައުލާކަން ބޮޑެއްނު...."

މިލްހާ އެއްބަސްުވުމުގެ ގޮތުން ބޯ ޖަހައިލަމުން ހިކިފައިވާ ފަތްތަކެއް އެއްފަރާތަކަށް ޖައްސައިލިއެވެ. އެތަނުން ކުޑަކޮށް ފެހި ކުލައެއް ފެންނަން ހުއްޓެވެ. "މި މަރެއް ނުވޭ......"

ނާއިލާ ކުޑަ ހައިރާންކަމަކާއެކު އޭނާއަށް ބަލައިލިއެވެ. "ގަސް ހެއްދުމާއި ބެހޭގޮތުން އެނގޭތަ؟"

"ކުޑަކޮށް." މިލްހާ ފަސްގަނޑުގައި އަތްޖައްސައިލިއެވެ. "މަންމަ ގޭގައި ގަސް ހައްދާ. އަހަރެން އެކަމުގައި އެހީތެރިވަން...."

ރާހާ އެނބުރި އައިސް މިލްހާގެ ކޮނޑުމަތިން ބަލައިލިއެވެ. "ތި ގަސް ރަނގަޅުކޮށްލެވިދާނެތަ؟"

މިލްހާ ވަށައިގެން ބަލައިލިއެވެ. "އިންޝާﷲ......."

މިލްހާ ނާއިލާގެ ފަހަތުން ހިނގައިގަތް ނަމަވެސް، އެއް ފަހަރު ފަހަތަށް އެނބުރި ބަލައިލިއެވެ. އެ މަންޒަރު އޭނާއަށް އުނދަގޫކުރީ ކީއްވެކަމެއް އޭނާއަކަށް ބުނެދޭކަށް ނޭނގުނެވެ. ފަހަރެއްގައި ބަގީޗާގެ ބާކީ ބައި އެހާ ރީތިވުމުން ކަމަށްވެދާނެއެވެ. ނުވަތަ ދިރޭ އެއްވެސް މަޚުލޫގެއް އަޅާނުލާ އެއްލާލާފައިވާތަން ދެކެން އޭނާ ނުރުހޭތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ބަގީޗާ މަސައްކަތު އަންގިއެއް ހޯދަން މީހެއްގެ ކައިރީގައި ބުނަން އޭނާ ހިތާހިތުން ނިންމިއެވެ. އޭނާއަށް އެންމެ ކުޑަވެގެން ވީނގަނޑު ސާފުކޮށްލެވިދާނެ ނޫންހެއްޔެވެ؟

***

މެންދުރުގެ ވަގުތު ވަރަށް އަވަހަށް ފާއިތުވެގެންދިޔައެވެ. ސާރާ އެންމެ ފުރަތަމަ ދާން ބޭނުންވީ ފޮތް ފިހާރައަކަށެވެ. ރާހާ ބޭނުންވީ ޖަނަވާރު ވިއްކާ ތަނަކަށް ދިޔުމަށެވެ. ސާރާ ޝަކުވާކުރީ އެމީހުން އެންމެ ފަހުން ބާޒާރުކުރަން ނުކުތްދުވަހުވެސް ދިޔައީ ޕެޓް ޝޮޕަކަށް ކަމުގައި ބުނެއެވެ. ރާހާ ހިތްހަމަނުޖެހިފައި ބުނެލީ އެތަނަށް ވަނީ ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.

"ސާޅީސް މިނިޓު ވަންދެން ބެލިން،" ސާރާ ބުނެލިއެވެ.

"އެއީ ސާޅީސް މިނިޓެއް ނޫން."

"އެއީ ސާޅީސް މިނިޓު."

"އެއީ ދިހަ މިނިޓު."

"ރާހާ ކޮންމެ ކުއްތާއަކާ ބެހޭގޮތުން ފިހާރައިގެ މީހާ ގާތުން ސުވާލުކުރީމެއްނު...."

"އަހަރެންނަށް ކުއްތާ ކަމުދާތީ....""

"އެކަމަކު ރާހާ ކުއްތާއެއް ނުގެންގުޅެމެއްނު....."

"ރަގަޅަށް ތިބުނީ.... އެހެންވެގެންނޭ އަހަރެން އެވަރަށް ބެލީ......"

އެމީހުންގެ ފަހަތުގައި ހުރެ މިލްހާ ހީނލިއެވެ.

ގެއިން ނުކުތްއިރުއްސުރެ އެ ކުދިން އެކަމާ ވާދަކޮށް ޒުވާބުކުރަމުންދިޔައިރު ނާއިލާ ހުރީ ނިކަން ހަމަޖެހިގެންނެވެ. އެ ކުދިންގެ އަޑު އަހާ އެކަމަށް މުޅިން އާދަވެފައެވެ. އެމީހުންގެ ކާރު އެންމެ ފަހުން ގެއާ ތަންކޮޅެއް ދުރަށް ދިޔައެވެ.

ގަސްތަކުގެ ފަހަތަށް ގޮސް ގަނޑުވަރު ގެއްލެންދެން މިލްހާ ބަލަހައްޓައިގެން އިނެވެ. މަގުގެ ދެފަރާތުގައި ހުރީ ހިލަ ފާރުތަކާއި ރީނދޫ އަދި މުށި ކުލައަށް ބަދަލުވަމުންދިޔަ ޖަންގަލި ފަދަ ގަސްތަކެވެ. އޭނާ ރަށުގައި ފެންނަން އާދަވެފައި ހުރި ފެހި ކުލަގަދަ ގަސްތަކެއް ނޫނެވެ. މިތަނުގެ ގަސްތަކުގެ ފަތްތައް ވަނީ ރަތުލޯ ރަސްޓް ކުލައަށާއި، ރީނދޫ އަދި އޮރެންޖު ކުލައަށް ބަދަލުވެފައެވެ، ވައިރޯޅިއަކުން ފަތްތައް މަގުމައްޗަށް ބުރައިގެންދިޔައެވެ.

ރާހާ ކާރުގެ ކުރިއަށް ޖެހިލިއެވެ.

"ބަލަ، މިލްހާ. ހައިލޭންޑްގެ ގެރިތައް." ރާހާ އިޝާރާތްކުރި ދިމާލަށް މިލްހާ ބަލައިލިއެވެ.

އެސޮރުމެންގެ މުށި އަދި ރަތް ކުލައިގެ އިސްތަށިގަނޑުތައް ހުރީ ވަރަށް ބޯކޮށެވެ. މީހަކު ކެހެރި ރަޖާގަނޑެއް އެއްލާލާފައިވާހެންނެވެ. ކާރު ދާ ތަން ފެނިފައި އޭގެއިން އެއް ގެރި ބޯ ހިއްލައިލިއެވެ، އޭގެ ދިގު ދަތްތައް ފެންނާނެ ހުއްޓެވެ.

"އެހެރީ އިސްތަށިގަނޑު ކޮށަން ޖެހިފައިހެން ހީވަނީ،" އޭނާ މިތަނުން ފެންނަ ތަފާތު ޖަނަވާރުތައް ދެކެ ހައިރާންވެފައި މިލްހާ ބުންޏެވެ. އޭނާގެ ރަށުގައި އޭނާއަށް އެނގެނީ ހަމައެކަނި ބުޅަލެވެ.

މިލްހާގެ މޫނުމަތިން ފެނުނު ހައިރާންކަން ނާއިލާއަށް ފާހަގަވިއެވެ. "ސްކޮޓްލެންޑް ރަނގަޅަށް ފެނުނު ފުރަތަމަ ފަހަރުތަ؟"

މިލްހާ ބޯޖަހައިލިއެވެ. "މި ކަހަލަ ރީޠީތަނަކަށް އަހަރެން ދުވަހަކުވެސް އަދި ނުދަން..."

"އަދި މިކަމަށް އާދަވާނެ."

"އެހެންވާނެކަމާއިމެދު ޝައްކު..."." ނާއިލާ ލޯގަނޑުން އޭނާއަށް ބަލައިލިއެވެ. "ހުރިހާ އެއްޗެއް ފެންނަނީ ކޮންމެވެސް ވާހަކަފޮތެއްގެ ތެރެއިން އައިސްފައިވާހެން......"" މިލްހާ އިތުރުކުރިއެވެ.

ކާރުން ފޭބުމަށްފަހު އެމީހުން ހިނގަން ފެށީ ހިނގާ މަގުންނެވެ. ކައިރީގައި ހުރި ކެފޭއަކުން ކޮފީގެ މީރުވަހާއި، ފިހެމުންދިޔަ މީރު އެއްޗެއްގެ ވަސް ދުވަމުންދިޔައެވެ. މަގުގެ ދެފަރާތުގައި ރޭގެ ވާރެއިން ތެމިފައިވާ ވެއްޓިފައިވާ ފަތްތައް ހުއްޓެވެ. މިލްހާ ހީކުރިވަރަށްވުރެ ފިނިވިއެވެ. ގަނޑުވަރުގެ އެތެރެ ހޫނުކަމުން މިތަނުގެ ފިނިކަން އޭނާއަށް ހަނދާންނެތުނީއެވެ.

ކުޑަ ދުރުމިނެއްގައި ބިއްލޫރިގަނޑު ފުސްވެފައިވާ އަދި ބޭރުގައި އަތުން ލިޔެފައިވާ މެނޫއެއް ހުރި ކުޑަ ބޭކަރީއެއް ހުއްޓެވެ. ބޭކަރީން ހޫނު ފޮނިތޮށި އާއި ބަޓަރުގެ މީރުވަސް ދުވަމުންދިޔައެވެ. ނާއިލާ އެމީހުން އެތާ މަޑުކުރުވީ އަވަހަށް މެންދުރުގެ ކެއުމެއް ކާލުމަށެވެ. ހޫނު ޕާއި އާއި ސޮސެޖް ރޯލެވެ.

އެންމެން ކައި ނިމުނުއިރު އިރުމެދު ޖެހިއްޖެއެެވެ.

މިލްހާ ނާއިލާ ކައިރިން ގަޑިންވީއިރު އަހައިލިއެވެ. އަދި ކޮންމެވެސް ތަނެއްގައި ނަމާދުކޮށްލަން މަޑުކޮށްލެވިދާނެތޯ އެހިއެެވެ.

ސާރާއާއި ރާހާ ތިބީ ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ. "ނަމާދުކުރަންތަ؟"

އެއީ ނާއިލާ ވެސް ވިސްނާފައި އޮތްކަމެއްނޫނެވެ. މިލްހާ ހޯދަމުން ދަނިކޮށް ނަމާދުކޮށްލާނެ ތަނެއް ފެނުނީ މޯލެއްގެ ތެރޭގައި ހުރި ޑްރެސިންގް ރޫމެއްގެ ތެރެއިންނެވެ.

މިލްހާ ވުޟޫކޮށްގެން އޭނާގެ ނަމާދު ހެދުން ފަތުރައިލިއެވެ. އޭނާ އެނބުރުނުއިރު ރާހާއާއި ސާރާ ތިބީ ބަލަހައްޓައިހެންނެވެ.

"ކިހިނެއްވީ؟ނަމާދުކޮށްލަން ބޭނުންވަނީތަ؟"

އެ ދެކުދިން އެކަކު އަނެކަކަށް ބަލައިލިއެވެ.

"އަހަރެމެންނަކަށް މުޅިއަކުން ނޭނގެ އެކަން ކުރާކަށް." ސާރާ ބުނެލިއެެވެ.

"އެއީ މައްސަލައެއް ނޫން." މިލްހާ ހިތްވަރުދިނެވެ.

"ކިޔަންވިީ ދުއާއެއް ނޭނގެ،" ރާހާ އިތުރުކުރިއެވެ.

މިލްހާ ހިނިތުންވެލިއެވެ.

"މިވަގުތަށް މިގޮތަށް ހަރަކާތްކުރާނީ...." އެ ދެކުދިން އޭނާގެ ފަހަތުން ގޮސް ހުއްޓުނެވެ. ނަމާދުކުރަން އެކުދިންވެސް މަސައްކަތްކުރިއެވެ. މެދުތެރެއިން ސާރާ ރާހާއަށް ބަލާފައި ހޭންފެށިއެވެ. ރާހާ މަޑުމަޑުން އެއްޗެކޭ ބުނެފައި ކުޑަކޮށް ކޮށްޕައިލިއެވެ. މަޑުން ހުންނަން އެންގިއެވެ.

ނަމާދަށްފަހު ސާރާ ސުވާލުކުރިއެވެ. "އަހަރެމެން ކޮންމެ ދުވަހަކު ނަމާދުކުރަންޖެހޭތަ؟"

މިލްހާ އެ ސުވާލާ މެދު ވިސްނައިލިއެވެ. "ސަބަބަކީ ﷲ އަހަރެމެން ހެއްދެވީ... ސާރާ. ނަމާދަކީ އެކަލާނގެ ހަނދުމަކޮށް، އަހަރެމެންނަކީ އެކަލާނގެ މިލްކެއްކަން އަންގައިދޭ އެއް ގޮތް."

ރާހާ ދަތްދޮޅީގައި އަތް ވިއްދައިލިއެވެ. "އަހަރެމެން ހަނދާންނެތިއްޖެނަމަ މާތް ރަސްކަލާނގެ ކޯފާވެވަޑައިގަންނަވާނެތަ؟"

"ބައެއްފަހަރަށް އެންމެންނަށްވެސް ހަނދާންނެތޭނެ. މުހިންމު ކަމަކީ އަނެއްކާ ހަނދާންކުރުން...ހަނދާންނެތިޔަ ނުދޭން މަސައްކަތްކުރުން." މިލްހާ ކުދިންނަށް ދޭހަވާވަރަށް ބުނެދިނެވެ.

ރާހާ ބުމަ އަރުވައިލިއެވެ. "އަހަރެމެންގެ ބައްޕަ ނަމާދެއް ނުކުރޭ......" މިލްހާ ކުޑަވަގުތުކޮޅަކަށް ހިމޭންވިއެވެ. މިލްހާގެ މެޔަށް ފިނިވިއެވެ. ބުނަންވީ އެއްޗެއްނޭގުނެވެ. ސިފްރާންގެ ފަރާތުން އެނގުނީ މިކުދިންގެ ބައްޕައަކީ މުސްލިމެއް ނޫންކަމެވެ.

"އެހެންވީމަ ދީނާއި ބެހޭގޮތުން ކިޔަވާ ނުދޭ ދޯ..."

މިލްހާގެ ހިތަށް މަޑުމޮޅިކަން ވެރިވިއެވެ. އޭނާގެ އަމިއްލަ ގެއާއި ނަމާދުކުރަން ހަނދާންކޮށްދޭ މަންމައާއި ބަންގިގޮވާ އަޑުއިވިގެން ކަންކުރަންވީ ގޮތް އެނގޭ އާދައިގެ ހާލަތް އޭނާ ހަނދާނަށް އައެވެ. އެއީ އޭނާ ބޮޑުވެފައިވަނީ އެފަދަ ދީނީ ތަނަކަށްވުމާއެކު އެކަމާއި ދުރު ހިސާބަކަށް އައުމުން ވާނެ ގޮތަކާއިމެދު އޭނާ ދުވަހަކުވެސް ވިސްނާފައެއް ނުވެއެވެ. ރަނގަޅު ގެއެއްގައި ބޮޑުވުމުގެ ނަޞީބު ލިބުނުކަމަށްޓަކައި މިލްހާ ހިތާހިތުން ޙަމްދުކުރިއެވެ.

މިލްހާގެ ޚިޔާލުތައް ކައިވެންޏާ ދިމާލަށް ދަތުރުކުރިއެވެ. ފިރިމީހާއަކީ ހަމައެކަނި އަންހެންކުއްޖަކު ލޯބިވެހެން ޚިޔާރުކުރަން ޖެހޭ މީހެއް ނޫނެވެ. ކައިވެންޏަކީ ގެއެއް ބިނާކުރުމެވެ. އަދި އެ ގެއެއްގެ ތެރޭގައި ދެމީހުން އެކަކު އަނެކެއްގެ ދިރިއުޅުމަށް އަސަރު ފޯރުވަމުންދާނެއެވެ. އަދި އެންމެ ފަހުން އެމީހުންގެ ދަރިންނަށްވެސްމެއެވެ.އެއީ މުސްލިމް އަންހެނަކު އީމާންނުވާ ފިރިހެނަކާ ކައިވެނިކުރުން އިސްލާމްދީނުގައި މަނާކުރައްވާފައިވާ ސަބަބުކަމަށްވެސް ވެދާނެއެވެ.ފިރިމީހާއަކީ އާއިލާގެ އެންމެ މުހިންމު މަގާމުގައި ހުންނަ މައިގަނޑު މާއްދީ އެހީތެރިކަން ފޯރުކޮށްދޭ މީހާ ކަމަށްވާތީ އޭނާ ގެންދާ މިސްރާބަކުން މުޅި ގޭގެ ދީނީ ކަންކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެއެވެ.

"އަހަރެމެންނަށް ދަސްކޮށްދެވިދާނެތަ؟" ރާހާ އެހިއެވެ.

"ހޫމް... އެނގޭ އެއްޗެއް ދަސްކޮށްދެވިދާނެ."

"އެންމެ ފުރަތަމަ މިކަން ހަނދާންކުރާތި: ﷲ އީ އެންމެ ކައިރީގައި ވޮޑިއިގަންނަވާ ފަރާތް..އެކަލާނގެ އަބަދުވެސް ތިކުދިންގެ އަޑުއައްސަވައި ހުރިހާކަމެއް ދެކެވޮޑިގެންވޭ.... ބޭނުން ކޮންމެ ވަގުތަކު ތިކުދިންނަށް ހެއްދެވި ފަރާތާއި ވާހަކަ ދެއްކޭނެ. އެހީއަށް އެދެވިދާނެ.. ޝުކުރުކުރެވިދާނެ.. ބިރުގަނެއްޖެނަމަ އެކަން ދަންނަވައި ކުށެއްކުރެވުނީމަ ފާފަ ފުއްސެވުމަށް އެދި ދެންނެވިދާނެ،"

"މީހަކު ވަރަށް ގޯސް ކަމެއް ކޮށްފިނަމަ ﷲ އެކަން ދެނެވޮޑިގެންނަވާނެ؟" ރާހާ ޝައުގުވެރިވިއެވެ.

މިލްހާ ބޯޖަހައިލިއެވެ."ލައްބަ...."

"އަހަރެންގެ ދޫންޏެއް ހުރިކަން އެނގޭތަ؟"

މައުޟޫޢު އެހާ އަވަހަށް ބަދަލުވުމުން މިލްހާއަށް ހެވުނެވެ. "ދޫންޏެއް؟"

ރާހާ ޖަވާބުދިނީ ސީރިޔަސްކޮށެވެ. " ވަރަށް ކުޑަ....."

ސާރާ އަނގަޔަށް ގޮތެއް ހެދިއެވެ. "ކުޑައެއް ނޫން، އެއީ އަހަރެމެންގެ އަތަށްވުރެ ބޮޑު."

"އެހެންވީމަ ކުޑައޭ...." ރާހާ ބުމަ ކައިރިކޮށްލިއެވެ.

މިލްހާ އެ ދެކުދިންގެ މޫނަށް ނަޒަރު ހިންގައިލިއެވެ. "އެދޫނި ކޮބާ؟"

ރާހާގެ މޫނުމަތީގެ ކުލަވަރު އާދަޔާޚިލާފަށް ސީރީޢަސްވިއެވެ. އޭނާ އަޑު މަޑުކޮށްލިއެވެ. "ސިފްރާން އެ ކާލައިފި...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު