"މުޅި އުމުރަށް އެކީގައި އުޅުނަސް ބައެއްފަހަރު މީހަކު ދަސްނުވެ ހުރެދާނެއެވެ. އެކި އިންސާނުންގެ މިޒާޖާއި ވިސްނުމާއި ނިކަން ތަފާތުވާނެއެވެ. ތިބާއަށް ވީ އެންމެ ރަގަޅަށް މީހުންނާއިމެދު އަމަލުކުރާށެވެ. އަދި ބަދަލުގައި އެއްޗެއް ލިބިދާނެކަމަށް އުއްމީދުނުކުރުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ. ﷲއަށްޓަކާ އެހެން މީހުންނަށް ލޯބިވެ އިހުސާންތެރިވުމަކީ އެންމެ ރަގަޅު މިސާލެވެ."
***
"މިތާ ފުރަގަހުގައި ވަނީ ކޮން އެއްޗެއް؟"މިލްހާގެ ތުންފަތުގައިވާ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ.
"އަހަރެމެންނަކަށް ނޭނގޭ..."އެ ދެ ކުދިން ކޮނޑު އަރުވައިލިއެވެ.
"ދެން ހުއްދަނެތްކަން އެނގެނީ ކިހިނެއް؟"
"ސިފްރާން ބުނީ...." ރާހާ ޖަވާބުދިނެވެ.
މިލްހާ އަނެއްކާވެސް އެ ދޮރާ ދިމާލަށް ބަލައިލިއެވެ. އެ ގޭގައި އުޅެވުނީ އަދި އެންމެ ދުވަހަކަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އަބަދުވެސް އެހެން ދޮރަކާއި އެހެން ކޮޓަރިއަކާއި އެހެން ގަވާއިދެއް ފެންނަމުން އެބަ ދެއެވެ.
މިލްހާއަށް އިތުރު އެއްޗެއް އަހަން ފުރުސަތު ލިބުމުގެ ކުރިން ރާހާ ސާރާގެ އަތުގައި ހިފައި ދަމައިލިއެވެ. "އަހަރެމެން ދާން ޖެހިއްޖެ...."
"ކޮންތަނަކަށް؟"
"ހެދުން ބަދަލުކުރަން." ރާހާ ޖަވާބުދިނެވެ. މިލްހާ އެ ކުދިންގެ ނިދާ ހެދުންތަކަށް ބަލައިލަމުން ހީނލިއެވެ. "މާނައަކީ ނިދާ ހެދުމުގައި ތިބެފައި އެނދުން ފުންމައިލިގޮތަށް މިތަނަށް ތިޔަ ގެނައީ ؟"
"އަހަރެމެން ބޭނުންވީ އެންމެ ފުރަތަމަ މިލްހާއަށް ބަގީޗާ ދައްކަން." އެ ކުދިން ހީނލަމުން ކުދި ފިޔަވަޅުތަކުގައި ދުއްވައިގަތެވެ.
މިލްހާ އެކުދިންގެ ފަހަތުން ނުކުމެފައިވެސް ކާރެއް އަންނަ އަޑުއިވުމާއެކު ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
ގޭގެ ކުރިމައްޗަށް ކަޅު ކުލައިގެ ކާރެއް މަޑުކޮށްލާފައި ފޭބީ ސިފްރާންއެވެ. އޭނަ ހުރީ ރީތިކޮށް އިސްތިރި ކޮށްފައިވާ ސޫޓަކާއެކު ކަޅު ކޯޓެއް ގަޔަށް މަހާލައިގެންނެވެ. އަބަދުވެސް ވިޔަފާރީގެ ބައްދަލުވުމަކަށް ތައްޔާރަށް ހުންނަ މީހެއް ފަދައިންނެވެ.
ސިފްރާން ޑްރައިވަރާއި ކުޑަ ހިނދުކޮޅަކަށް ވާހަކަދެއްކިއެވެ.
ސިފްރާންއަކީ އޭނާގެ ފިރިމީހާއެވެ. ނަމަވެސް އަދިވެސް އޭނާއަށް ފެންނަނީ ބީރައްޓެއްސެއްގެ ގޮތުގައެވެ. އެހެންވެ ސިފްރާން ބަލައިލުމުގެ ކުރިން ގެއަށް ވަންނަން މަސައްކަތްކުރިއެވެ.
ސިފްރާން ވިސްނަމުންދިޔައީ އޭނާގެ ސްޓަޑީގައި ހުރި ލިޔުންތަކާއި މެންދުރުގެ ކުރިން ކުރަންޖެހޭ ފޯނު ކޯލަކާއިމެދުގައެވެ. އެއްވެސް ވަރަކަށް ސިޑިބަރި ކައިރީގައި އަންހެނަކު ހުރެދާނެކަމަށް ހިތަކަށް ނާރައެވެ.
އޭނަ އެތެރެއަށް ވަނުމާއެކު ސިކުންތުކޮޅަކަށް ނަމަވެސް އޮޅުން އަރާގޮތްވިއެވެ. ހަމަ ޔަގީނާއި ގާތަށް ހީކުރީ އެ އަންހެންކުއްޖާ ކަމަށެވެ. އެ ހެދުމެވެ. އެ ޚާއްސަ ކުލައެވެ. އެއް އަތުން ސިޑީގެ އަތްގަނޑުގައި މަޑުމަޑުން ހިފަހައްޓައިގެން ފާރުގައި ހުރި ކުރެހުމަކަށް ބަލަހައްޓައިގެން ހުރި ގޮތްވެސް ތަފާތެއްނެތެވެ.
އެ ދެނެފަރިތަކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ހައިރާންކަމެއް ލިބި ނޭވާ ހުއްޓޭގޮތްވިއެވެ. މިއީ ގޯހެކެވެ. ވާނެ ކަމެއް ނޫނެވެ. މުޅިން މުސްތަހީލްކަމެކެެވެ.
ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މުޅި މާހައުލު ފުސްވިއެވެ. އެއާއިއެކު އެތާހުރި އަންހެންކުއްޖާ އެނބުރުނެވެ. އެއާއެކު ހަގީގަތުން ފަރުދާ ކެހުނެވެ. އޭނާއަށް ކުށްހީއެއް ކުރެވުނީއެވެ. މިތާ މިހިރީ މިލްހާއެވެ. ސިފްރާނުގެ މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. އެހެން ދިމާލަކަށް ނަޒަރު ހުއްޓައިލިއެވެ. އެހާ ޖެހިލުންވިކަމަށްޓަކާ އަދި ވުން އެކަށީގެންނުވާ ކަމަކަށް އުއްމީދުކުރެވުކަމަށްޓަކާ އަމިއްލަ ނަފުސްދެކެ ނުރުހުންވިއެވެ.
ސިފްރާން އޭނާގެ ލެދަރު ކޭހުގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރެފައި އިނގިލިތަކަށް ބާރު ކޮށްލެވުނެވެ.
މިލްހާ ޔަޤީންކަން ކުޑަ ހިނިތުންވުމަކާއެކު އޭނާއަށް ބަލައިލިއެވެ. "ސިފްރާންގެ މަސައްކަތް ހާދަ އަވަހަށް ފެށެނީ....އިރު ނާރަނީސް....."
ސިފްރާން މަޖުބޫރުވެގެން އޭނާގެ މޫނުމަތީގެ ކުލަވަރު ކުރީގެ ގޮތަށް ބަދަލުކޮށްލިއެވެ.
"ނާސްތާކޮށްފިންތަ؟" ސިފްރާން ގަޑިއަށް ބަލައިލިއެވެ. "އޯ....ނާސްތާ އަށެއްގައި ދޯ....."
"މޭޒުމަތީގައި ކާތަކެތި ހުއްޓައި ކާން ވަކި ގަޑިއަކަށް މަޑުކުރަންޖެހެނީ ކީއްވެކަމެއް އަދިވެސް ނުވިސްނޭ....." މިލްހާ ބުނެލިއެވެ. ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ބުނެވުމުން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ.
ސިފްރާން ބުމަ އަރުވައިލިއެވެ. "ރޭގަނޑާއި ހެނދުނުގެ ކެއުންތައް ރޭވިފައި ހުންނަނީ އެންމެންގެ ގަޑިތަކަށް ފެތޭގޮތަށް......"
"އެކަމާއި ނުވިސްނާ.... ރަނގަޅު ޝެޑިއުލެއް ލިބޭނެ....އަހަރެން އެކަން ޔަޤީންކުރާނަން. ކުރަންޖެހޭނެ ކަމަކަށް އުއްމީދުކުރަނީ ކޮންކަމެއްކަން ހަނދާންކުރަން އުނދަގޫވާކަށް ނުޖެހޭނެެއްނު....."ސިފްރާން އިތުރުކުރިއެވެ.
އޭނަ ބޯޖަހައިލިއެވެ.
"އެއީ ބޮޑު އެހީއަކަށް ވާނެ....." މިލްހާ ހިނިގަނޑެއް ޖަހައިލީ އެދޭތެރޭގައިވާ ގަނޑުފެން ވިރުވައިލުމުގެ މަގުސަދުގައެވެ. "އެކަމަކު އެހެން ވާހަކައެއްވެސް އެބައޮތް.. މި ގޭގެ ކޮޓަރިތަކަށްވުރެ ގަވާއިދުތައް ގިނަހެން އަހަރެންނަށް ހީވާން ފަށައިފި."
ސިފްރާން ބުމަ އަރުވައިލިއެވެ. މިގޭގައި ހިނިތުންވުމަކީ ކިހާ އުނދަގޫކަމެއްކަން އިރުކޮޅަކަށް ހަނދާންނުނެތުނީ ހަމަ ކިރިޔާއެވެ. މި ކޮޓަރިތަކުން އެފަދަ އަޑެއް އިވުމަކީ ކޮންކަހަލަ ކަމެއްކަން އޭނާއަށް ހަނދާންނެތުނީއެވެ.
މިލްހާއަށް ކުއްލިއަކަށް ކޮންމެވެސް ކަމެއް ހަނދާންވިއެވެ. "ސިފްރާން....އެބައޮތް ވާހަކައެއް ބުނަން...."
"ބުނޭ...."
"އަހަރެންގެ ހެދުންތައް."
ސިފްރާން އޭނާއަށް ބަލައިލިއެވެ. "އެއީ ކިހިނެއްވީ؟"
"އެތަކެތި ވަނީ ގެއްލިފައި.... ހުރިހާ އެއްޗެއް. ގެއިން އަހަރެން ގެނައި ހުރިހާ އެއްޗެއް." އޭނާ އަމިއްލަ ހަށިގަނޑަށް އިޝާރާތްކުރިއެވެ. "މިއީ އަހަރެންގެ އެއްޗެއް ނޫން. އަލަމާރީގައި ހުރި އެހެން ހެދުންތަކަކީވެސް އަހަރެންގެ އެއްޗެއް ނޫން. ކުރިއަށް އޮތް ފަސް އަހަރު އަހަރެންލާން ފުދޭވަރަށް އައު ހެދުންތައް އެތާ އެބަހުރި...ހެދުންތަކަށް ވީގޮތެއް ނޭގުނު...އެ ބެހެއްޓިތަނެއް އަހައިލެވިއްޖެއްޔާ ރަަގަޅު..."
ސިފްރާންއަށް އަމިއްލަ ނަފުސު ހުއްޓުވުމުގެ ކުރިން އޭނާގެ އަޑު ބާރުވެލިއެވެ. "މިލްހާ ބުނަން ވާހަކައެއް....ތި ކޮޓަރީގެ އަލަމާރި ހުރީ ހެދުންތަކުން ފުރިފައ.ި...ނާސްތާ ތައްޔާރުކޮށްދީފައި ހުންނާނެ.ޚާދިމާއިން އެތިބީ ޚިދުމަތުގައި ...ބުނި ކޮންމެ ކަމެއް ކޮށްދޭން.....އަދި ބޭނުންވާ ހުރިހާ އެއްޗެއް އެބަހުރި. ދެން ހިތްހަމަނުޖެހެނީ ކޮންކަމަކާހެދި؟"
އޭނަ ސިފްރާންއަށް ބަލަހައްޓައިގެން ހުރިއިރު މޫނުމަތީގެ އުޖާލާކަން މަޑުމަޑުންގޮސް އެއްކޮށް ފިލައިގެންދިޔެވެ. ކުޑަ ސިކުންތުކޮޅަކަށް އޭނާ އެއްވެސް އެއްޗެއް ނުބުނެ ހުރީ ހަމަ ގަނޑުވެފައެވެ.
"އަހަރެން ހިތްހަމަނުޖެހުނީއެއް ނޫން." އޭނާ މަޑުމަޑުން ބުނެލިއެވެ.
"އަހަރެންނަށް އެނގޭ މިއީ ސިފްރާންގެ ގެކަން. އަހަންނަކީ މިތަނަށް އާ މީހެއްކަން ވެސް އެނގޭ. މި އާއިލާ ގައި އުސޫލުތަކާއި ގަވައިދުތައް ހުންނާނެކަންވެސް އެނގޭ، އަދި މަސައްކަތްކުރަމުން މިދަނީ އެކަން އަމިއްލަ ނަފުސަށް ވިސްނައިދޭން... އެކަމަކު އަހަރެން އަމިއްލަ ގެއިން ނުކުތީ އިއްޔެ. މައިންބަފައިންނާއި ކޮއްކޮއާއި އެކުވެރިން އަދި މުޅި އުމުރުދުވަހު ދަންނަ ހުރިހާ އެއްޗެއް ދޫކޮށްފައި......."
އޭނާގެ އިނގިލިތަކުން އޭނާ ލައިގެން ހުރި ހެދުމުގައި ތަންކޮޅެއް ބާރަށް ހިފައިލެވުނެވެ.
"އެހެންވެ ހޭލިއިރު އަމިއްލަ ހެދުންތައްވެސް ނެތްކަން އެނގުމުން އެހެން ބުނީ.... އެއީ އަހަރެންގެ ދިރިއުޅުމުގެ ކުޑަ ބައެއް، ކުޑަ ހަނދާންތަކެއް... އެއަށް އަލްވަދާޢު ކިޔުމުގެ ފުރުޞަތުވެސް ނުލިބި ގެއްލިގެންދިޔަ ކަހަލަ އިޙުސާސެއް ކުރެވެނީ........." ޙަޤީޤަތުގައި މިހާރު ކޮޓަތީގައި ހުރި ހެދުންތައް ވަރަށް ރީތިވެފައި އޭނާއަށް އެ އެއްޗެހި ކަމުދިޔައެވެ. އޭނަ އެކަމާއިމެދު ޝަކުވާ ކުރަން އެހާ ބޭނުމެއްވެސް ނޫނެވެ. އޭނަގެ ހިތުގެ ވާހަކަ އިއްވުމުން ސިފްރާން އޭނަގެ އިހުސާސްތަކަށް ގަދަރުކުރިހެން ހިޔެއްނުވެއެވެ. ޔަގީނުންވެސް ސިފްރާންގެ އެ ތޫނު ބީރައްޓެހި އަޑުގެ ސަބަބުން އޭނާއަށް ކުޑަކޮށް އުދަގޫވެ އަސަރުކުރިއެވެ. ފެންކަޅިވިއެވެ.
ސިފްރާންގެ ކެތްތެރިކަން ކުޑަވަމުންދާކަން އަމިއްލައަށް އިހުސާސުވިއެވެ. "އަހަރެންގެ މަންމަ މަސައްކަތްކުރީ މިލްހާއަށް ހުރިހާކަމެއް ފަސޭހަކޮށްދޭން."
"އަހަންނަށް އެނގޭ.." އޭނަ އެއްޗެއް ބުނަން އުޅެފައި ކުއްލިއަކަށް އަނގަ ލައްޕައިލިއެވެ. ސިފްރާންފަދަ ޒުވާނަކަށް މިލްހާ ބާ ހެދުންތަކާއިހެދި ޝަކުވާކުރުމަކީ ހެއްވާކަމަކަށް ވެދާނެއެވެ. އޭނާއަކަށް އެ އިޙުސާސެއް ނުވިސްނޭނެއެވެ.
އޭނަ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ސިފްރާންގެ ނުތަނަވަސްކަން ދުރުކޮށްދޭން މައުޟޫ ބަދަލުކޮށްލިއެވެ. "ސިފްރާން ތިދަނީ ރަގަޅު ނާސްތާއެއް އެއްކޮށްލަންތަ؟ ހަމައެކަނި ކޮފީއަކުން ފުއްދަައިލަނީކަމަށް........"
ސިފްރާން ކުޑަވަގުތުކޮޅަކަށް އޭނާއަށް ބަލައިލިއެވެ. "ކާކު ބުނީ؟"
"ބަދިގެއިން ކޮންމެވެސް ކުއްޖެއް......"
ސިފްރާންގެ މޫނުމަތީގެ ކުލަވަރަށް މާ ބޮޑު ބަދަލެއް ނައެވެ. ނަމަވެސް އޭނާގެ ލޮލުން ފެނުނީ ނުރުހުމެވެ. އޭނާގެ އާދަތަކާއި މިޒާޖަކީ އެހެން މީހުން މުނިފޫހިފިލުވަން ވާހަކަދައްކައިލެވޭ މައުޟޫޢަކަށް ވެގެން ނުވާނެއެވެ.
"މިލްހާ މި ގެއަށް އައިސް މިވީ އެއް ދުވަހަށްވުރެ ކުޑަ ވަގުތުކޮޅެއް....." ސިފްރާންގެ އަޑު މަޑެވެ. ނަމަވެސް އޭނައަށް އެ އަޑުން ނުރައްކަލެއްގެ ސިގްނަލް ލިބި ހަށިގަނޑު ހުންނަވަރަށްވުރެ ސީދާކޮށްލެވުނެވެ. "އަހަރެން ކާ އެއްޗަކާއި މަސައްކަތްކުރާ ގަޑިއަކާއި ނިދާ ގަޑިއަކާއި ނުވަތަ ހެނދުނުގެ ވަގުތުތަކުގައި ކަންތައްކުރާ ގޮތަކާ މެދު މިލްހާ ކަންބޮޑުވާކަށް ނުޖެހޭނެ. މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އެމީހުންނަށް އޮންނާނެ....މިލްހާގެ މަސްއޫލިއްޔަތުތައް މިލްހާއަށް... އޮންނާނެ. އެނގިއްޖެތަ؟"
މިލްހާ އޭނާއަށް ބަލަހައްޓައިގެން ހުރީ އެތައް އިހުސާސްތަކެއް ނެތިކޮށްލަން މަސައްކަތްކުރަމުންނެވެ.
"މިލްހާ ކަމެއް ބޭނުވެއްޖެނަމަަ ސީދާ އަހަންނާއި ސުވާލުކުރޭ... ނޭގޭ ކަމެއް އޮތިއްޔާ އަހަރެން ކައިރިއަށް އާދޭ. އަހަރެންގެ އާދަތަކާ ބެހޭގޮތުން ޚާދިމާއިންނާއި ސުވާލުކުރާކަށް ނުޖެހޭނެ."
އޭނަ ބުދެއްފަދައިން ހިމޭންވިއެވެ. ކުޑަ ސިކުންތުކޮޅަކަށް އޭނާ ހަމައެކަނި ސިފްރާންގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. ސިފްރާން ފުރަތަމަ ރެސްޓޯރެންޓުން ފެނުނުއިރު ތަފާތެވެ. މިހާރު މި ގޮތަށް ވާހަކަދައްކަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ހީވާ ކަހަލައެވެ. އޭނާ އަމިއްލައަށް އޭނަ ގަދަކަމުން މިގެއަށްވަދެ ސިފްރާންގެ ދިރިއުޅުމަށް ހުރަސްއަޅައި މިގޭގައި ހުންނަން އެދުނީއެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. އެކަން ފެށީވެސް އޭނާއެއް ނޫނެވެ.
މިލްހާ ހިމޭން ހޯލުތެރޭގައި ހުރީ އިސްޖެހިފައެވެ. އެގެއަށް ބޭނުންނުވާ ބީީރައްޓެހި މީހެއްކަމުގެ ލަދުވެތި އެކަނިވެރި އިޙހުސާސުން ހިތް ފުރި ބާރުވެ ލޯ ތެމޭގޮތްވިއެވެ. ނަމަވެސް ހިމޭންކަމާއިއެކު ބާރެއްނެތްކަން ދައްކުވާދިނުމަށްވުރެ އަމިއްލަ އިއްޒަތުގެ ދިފާއުގައި ވަކާލާތުކުރުމުގެ ހައްގު އޮންނާނެއެވެ. ވަކި ގިންތިއެއްގެ ތެރޭގައެވެ.
"އަހަރެން ސިފްރާންގެ އާދަތަކާ ބެހޭގޮތުން ސުވާލެއް ނުކުރަން...." އޭނާ މަޑުމަޑުން ބުނެލިއެވެ. "އަހަރެން ބެސީމެން ކައިރިން އެހީ ސިފްރާންއަކީ އަހަރެންގެ ފިރިމީހާ ކަމުގައި ހީކުރެވުނީމަ.....ނާސްތާ ތައްޔާރުކުރަން...."
ސިފްރާންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. "އަހަންނަށް ނާސްތާ ތައްޔާރުކުރާކަށް މިލްހާ ނުޖެހޭނެ...ޚާދިމާއިން ތިބީ އެކަމާއި ހަވާލުވެގެން....އަދި އަހަރެންގެ އަނބިމީހާގެ މަގާމުގައި ހުރުމުގެ މާނައަކީ އަހަރެންކުރާހާ ކަމެއް އެނގުމެއްވެސް ނޫން.."
"ނޫން." އޭނާ ބޯ ހޫރައިލިއެވެ. "އެހެން މާނަކޮށްފައެއްނޫން........"
ސިފްރާންގެ ފުރަގަހުގައި ހުރި އުސް ކުޑަދޮރުތަކުން ހެނދުނުގެ އަލިކަން ވަދެ އޭނާގެ މުށިކުލައިގެ އިސްތަށިގަނޑު އިތުރަށް ވިދާ ރަންކުލަ އަޅުވަމުންދިޔައީ ފަށުވިކޮޅެއްފަދައިންނެވެ.
"އަހަރެންގެ މަސައްކަތެއް އެބައޮތް.... މެންދުރުގެ ކުރިން ގިނަ ވަގުތު ހުންނާނީ އަހަރެންގެ ސްޓަޑީ..މިލްހާ ކަމެއް އޮތިއްޔާ، މާނައަކީ އަހަރެން ކައިރީގައި އަހަންޖެހޭ ފަދަ ކޮންމެހެން ބޭނުންވާ ސުވާލެއް އޮތްނަމަ އަޔަސް ހަމަ ރަގަޅުވާނެ.."
އޭނާ ކޯޓު ބާލައި އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި އެހެން ދިޔަ ޚާދިމާއަކާއިހަވާލުކުރިއެވެ. އެ ޚާދިމާ ހަމަ އާދަވެފައިވާކަމަށް ފަދައިން އެ ކޯޓު ހިފައިގެން ކޮރިޑޯއިން ދުރަށް ގޮސް ގެއްލުނެވެ.
ސިފްރާން އަނެއްކާވެސް މިލްހާއަށް އެނބުރުނެވެ. "މިގޭގައި ކުރާނެކަމެއް ނޭގިގެން އުޅެން ނުޖެހޭނެ...ބަގީޗާ އެއޮތީ...ފޮތެއް ކިޔައިލަން ބޭނުންނަމަ ލައިބްރަރީ.....އަދި ބޭރަށް ދާން ބޭނުންނަމަ ދެވިދާނެ، އެކަމަކު ގޭގެ ގޭޓުން ބޭރަކަށް ނޫން. ނޫންނަމަ ސާޗް ޕާޓީއެއް ފޮނުވަން ޖެހިދާނެ."
ސިފްރާންގެ ވާހަތަކުން ބީރައްޓެހިކަން އިތުރަށް އިހުސާސްވިއެވެ. އެއީ އޭނާގެ އާ ކައިވެނީގެ އަނބިމީހާއަށްވުރެ ބޮޑަށް ގެއަށް އައިސް ހުރި މެހެމާނަކަށް އިރުޝާދުދޭ ފަދަ ގޮތެކެވެ.
މިލްހާ މަޖުބޫރުވެގެން ކުޑަކޮށް ހިނިތުންވެލިއެވެ. "އަހަރެން އަމިއްލައަށް ވަގުތު ހޭދަކުރާނެ ގޮތެއް ހޯދައިގަނެވިދާނެ...."
ސިފްރާންގެ ފިޔަވަޅުތަކުގެ އަޑު ސަންގުމަރުމަރު ތަޅުންގަނޑުގައި މަޑުވަމުންގޮސް، ސިޑިން މައްޗަށް އަރައިގެންދާންދެން މިލްހާ ބަލަން ހުއްޓެވެ.
އޭނާގެ އެ އާދަޔާޚިލާފު މޫޑާ މެދު ވިސްނަން ހުއްޓައި އަނެއް ކޮރިޑޯއިން އަނެއްކާވެސް އާ ޚާދިމާއެއް އައީ ދެންމެ އިސްތިރިކޮށްފައިވާ ފޮތިތަކެއް ހިފައިގެންނެވެ.
މިލްހާ ފެނުމުން އެ އަންހެންމީހާ މަޑުޖެހުނެވެ. ކުޑަ ސިކުންތުކޮޅަކަށް އޭނާގެ މޫނު ކުލަ އެއްކޮށް އޮއްސުނެވެ. އޭނާ ނަޒަރު ތިރިކޮށްލިއެވެ. "މެޑަމް."
މިލްހާ ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. "މޯނިންގް."
ޚާދިމާ ބޯޖަހައިލަމުން ކުރިއަށް ހިނގައިގަނެފައި އަނެއްކާވެސް ހުއްޓުނެވެ. އަދި އަނެއްކާވެސް މިލްހާއަށް ފަރުވާތެރި ނަޒަރަކުން ބަލައިލިއެވެ. އޭނަގެ ހެދުމަށެވެ. އޭނާގެ މޫނަށެވެ. އަދި އަމިއްލަ ނަފުސު ހުއްޓުވަން ވެސް ނޭނގި ހުރެ ޚާދިމާ މަޑުމަޑުން އަހައިލިއެވެ. "މިސިޒް ހަދީދު؟"
މިލްހާ ބުމަ އަރުވައިލިއެވެ. "ހޫމްމމމް؟
ޚާދިމާގެ މޫނުގެ ފިޔާތޮށި ކުލަ އެކީ ފިލައިގެންދިޔެވެ. އޭނާ އަވަސްއަވަހަށް ހިނގައިގަތްއިރު ދުއާއެއް ކިޔާފަދަ ގޮތަކަށް ތުންފަތް ހަރަކާތްކުރިތަން މިލްހާއަށް ފެނުނެވެ. މިލްހާ ހައިރާންވިއެވެ. އެ ޚާދިމާގެ ހަރަކާތްތަކުގައި ހުރި އާދަޔާ ޚިލާފުގޮތުން ނަގައިގަންނަންވީ ކިހިނެއްކަން ނޭގި އެތަނުގައި ހުއްޓައި މައި ދޮރު ހުޅުވޭ އަޑަށް އޭނާގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އޭނާ އެނބުރުނެވެ.
ނަސްރީނާއި ހަދީދު އެކުގައި ގެއަށް ވަދެގެން އައެވެ. އެމީހުން ބޭރުގައި އުޅޭތާ ފުދޭ ވަރަކަށް ވަގުތު ވެއްޖެކަން އެނގެއެވެ. ނަސްރީންގެ ލުއި ކާޑިގަން ވަނީ ކޮނޑުގައި ރީތިކޮށް އަޅުވާފައެވެ. އަދި ހެނދުނުގެ ފިނިވައިގެ ސަބަބުން އޭނާގެ ކޯތާފަތް ހުރީ ރަތްވެފައެވެ. ހަދީދުވެސް ހުރީ ހަމަ އެހާ ތާޒާކޮށެވެ. އޭނާ ލައިގެން ހުރި ހިނގާ ބޫޓުގައި ވެލި ހޭކިފައިވަނީ ބަގީޗާގެ މަގުތަކުގައި ހިނގުމުން ކަން ނޭގެއެވެ.
މިލްހާ ސީދާވެލިއެވެ. "އައްސަލާމް އަލައިކުމް"
ނަސްރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. "ވައަލައިކުމުއްސަލާމް ޑިއަރ."
ނިސްރީން އޭނާގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. "ރަނގަޅަށް ނިދުނުތަ؟"
"ލައްބަ............" އޭނަ ޖެހިލުންވި ނަމަވެސް ހިނިތުންވެލިއެވެ، ކުޑަކޮށް ލަދުގަންނަގޮތްވެސްވިއެވެ. އޭނާ ހޭލީ ފަތިހުއެވެ. އެއަށްފަހު އެނދުގެ އަރިމަތީގައި އިނދެ އިރުކޮޅަކަށް ލޯ މަރައިލާނީ ކަމަށް އަމިއްލަ ނަފުސަށް ކިޔަމުންދިޔަަ ހަނދާންވިއެވެ. ފާހަގަކުރެވުނު ގޮތުގައި އެ ކުޑަ ވަގުތުކޮޅު ވަނީ އޭނާ ހީކުރިވަރަށްވުރެ މާ ބޮޑަށް ދިގުލައިގެން ގޮސްފައެވެ.
ނަސްރީނާއި ހަދީދު ހެނދުނު ހިނގާލާފައި އަންނާތަން ބަލަން ހުރިއިރު ވިސްނުނީ ގޭގައި އެންމެ ފަހުން ހޭލި މީހަކަށްވެސް އޭނަ ވެދާނެ ކަމެވެ. އެދެމަފިރިން ކުރިންވެސް ބޭރަށް ގޮސް ގޯތިތެރޭގައި ހިނގާލައި އަދި އޭނާ ހަމަޖެހިލައިގެން ނިދާފައި އޮތް ވަގުތު އެހެން ކަންކަންވެސް ކޮށްފައިވާނެއެވެ.
"ހިނގާލަން ދިޔައީތޯ؟" މިލްހާ އެހިއެވެ.
ނަސްރީން ބޯޖަހައިލިއެވެ. "އަހަރެމެން އާންމުކޮށް ހިނގާލަން ދަނީ ނާސްތާގެ ކުރިން... ގޭގައި ތިބެގެން ވަގުތު ނަގާލާވަރަށްވުރެ ހެނދުނުގެ ރީތިކަން މާ ބޮޑު..."
ހަދީދު މަޑުމަޑުން ހީނލިއެވެ. "ނަސްރީން ބަގީޗާދެކެ ލޯބިވާވަރު ހަމަ ބޮޑީ..."
"އަހަރެމެންނާއެކު ނާސްތާއަށް އާދޭ." ނަސްރީން ބުންޏެވެ، މިލްހާ އޭނާ ކުރިން ނާސްތާކޮށްފިކަމަށް ބުނެލީ ކަންބޮޑުވެފައެވެ. އޭނަ ގަވައިދުތައް މުގުރަނީހެއްޔެވެ؟ އެގެއެއްގެ އުުސޫލުތަކާއި ހަމަތައް ހިފަހައްޓަން "މެހުމާން" ވެސް ޖެހޭނެ ނޫންހެއްޔެވެ؟ ނަސްރީނާއި ހަދީދު ނާސްތާއަށް ދާން ހެދުން ބަދަލުކުރަން ދިޔުމުން މިލްހާ އަނެއްކާވެސް އެކަނިވިއެވެ.
އޭނާ ސިފްރާންއާ މެދު ވިސްނައިލިއެވެ. އެ ފިނި އަޑެވެ. އޭނާގެ އަނބިމީހާގެ ގޮތުގައި ހުރެ އޭނާގެ ދިރިއުޅުމަށް ދައުވަތު ނުދެނީސް ވަދެގަތް ބީރައްޓެއްސެއް ފަދައިން އޭނާގެ އާދަތަކާ މެދު ނުވިސްނުމަށް ބުނި ގޮތެވެ.
މިލްހާ ފިނި ނޭވައެއް ދޫކޮށްލިއެވެ. އޭނާއަށް މާ ބޮޑަށް ޝައުޤުވެރިވެވުނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ސިފްރާންއަކީ ހަމަ އުނދަގޫ މީހެއް ކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތަކަށް ވިޔަސް، ހެނދުނުގެ ވަގުތު ސިފްރާންއާއި މެދު ވިސްނައިގެން ތަބީއަތު ގޯސްކޮށްލަން އޭނާ ބޭނުމެއް ނުވިއެވެ.
އޭނާ ލައިބްރަރީއާ ދިމާލަށް ބަލައިލިއެވެ. އެއީ ތަންކޮޅެއް އަމާން ތަނަކަށްވެދާނެއެވެ.
މިލްހާ ވަންއިރު ލައިބްރަރީ އޮތީ ހިމޭންކޮށެވެ. އުސް ކުޑަދޮރުތަކުން އިރުގެ އަލި ވަދެ، ކާޕެޓާއި ފޮތު ރެކްތަކުގެ މައްޗަށް ރީތިކޮށް އެޅިފައިވެއެވެ. އޭނާ ކޮންމެވެސް ފޮތެއް އިޚުތިޔާރުކުރުމުގެ ކުރިން ކުޑައިރުކޮޅަކަށް ރެކްތަކުގެ ދެމެދުގައި ހިނގާލައި ހެދިއެވެ. އެއަށްފަހު ކުޑަދޮރު ކައިރީގައި ހުރި ސޯފާ ގޮނޑިއެއްގައި އިށީނދެ ފޮތް ހުޅުވިއެވެ.
އެއާއެކުަ ފޮތުގެ ގަނޑުތަކުގެ ދެމެދުން ކަރުދާސްކޮޅެއް ސޮއްސާލައިގެންގޮސް ތަޅުންގަނޑުމައްޗަށް ޖެހުނެވެ. މިލްހާ ބުމަ އަރުވައިލިއެވެ. އޭނާ ގުދުވެ އެ އެއްޗެއް ނެގިއެވެ. އެއީ މި ފޮތުގެ ބައެއް ނޫނެވެ. ކަރުދާސްކޮޅު ހުރީ ދުވަސްވެފައި ކައިރިފަށް ރީނދޫވެފައެވެ. އަދި ގިނަ ބައިތަކުގައިވަނީ އަތުލިޔުމެވެ. އޭނާ އެ އަނެއް ފަރާތަށް އަނބުރައިލިއެވެ. އެބައިގާ އެއްވެސް އެއްޗެއް ނެތެވެ. މިލްހާ ރެކްތަކާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ކުރިން ކޮންމެވެސް މީހަކު އެ ފޮތް ބޭނުންކުރީ ކަމަށްވެދާނެއެވެ. އެންމެ ކުރިން ނަޒަރު ހުއްޓުނީ ފުރަތަމަ ސަފުހާއަށެވެ. އޭނާ އެ ބައި ކިޔަން ގަސްތެއް ނުކުރެއެވެ.
"މިފަހަރު މަޑުން ހުރެވިދާނެ ކަމަށް އަހަރެން ހީކުރީ....." އެ ޖުމްލަ ކިޔައިލުމާއެކު މިލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ޖެހިގެން އޮތް ބައި ކިޔައިލިއެވެ.
"އަހަރެންގެ ކިބައިން އޭނާ ބޭނުންވަނީ ކޮންކަމެއްކަން އަހަރެންނަކަށް ނޭނގެ."
މިލްހާ އެ ލަފުޒު ބަލަހައްޓައިގެން ހުއްޓެވެ. ކޮޓަރިތެރެ ކުއްލިއަކަށް މާ ބޮޑަށް ހިމޭންވިހެން ހީވިއެވެ. އޭނާ އިތުރަށް ކިޔަންފެށިއެވެ.
"އެންމެން ބުނަނީ އަހަރެންނަށް ކުށްހީއެއް ކުރެވެނީކަމަށް..... އެކަމަކު އަހަންނަށް ލޮލުގެ ކުރިމަތިން ފެންނަ ކަންތައް ދޮގުކުރެވޭނެތަ؟....."
މިލްހާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އެ ސަފުހާގެ އެންމެ ތިރިއާ ކައިރީގައި އަތުލިޔުން ހުރީ އަވަސްއަވަހަށް އަދި ރަނގަޅަށް ގަލަމުގައި ހިފަހައްޓާލެވޭވަރުވެސް ނުވެ ހުރެ ލިޔެފައިވާ ގޮތަކަށެވެ.
"އަހަރެން އޭނަ ދެކެ ވަރަށް ބިރުގަނޭ........."
މިލްހާގެ ހިތްވެސް ހުއްޓުނު ފަދައެވެ. ކުޑަ ސިކުންތުކޮޅަކަށް، އޭނާ ހަމައެކަނި އެ ޖުމްލައަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ދަތުރުކޮށް ލޯލިތައް ކޮޅަށް ޖެހުނެވެ.
ނުނިމޭ