"މިހާރު ތިހެން އުޅޭތާ އަހަރެއް ވަނީ...،" ކަމްރާންއަށް ބުނެވުނެވެ. "ހަމަ ގޮތް ދޫނުކުރާނީތަ؟"

ނަހާ! ދަރިފުޅު! ބައްޕަ މި ދައްކާ ވާހަކައެއް އަޑު އިވޭތަ؟ ހިނގާ ދެން ގޮތް ދޫކޮށްފަ ގެއަށް ދާން." ނަހާ އެއްޗެއް ނުބުނުމުން އަނެއްކާ ވެސް، ކަމްރާން ބުނެލިއެވެ. ދަރިފުޅާ އޭނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދުރުކޮށްލަން އޭނާ ބޭނުމެވެ.

"ގެއަށް ދާން ބޭނުންނުވަނީ ކީއްވެގެންކަން ބައްޕައަށް އެނގޭނެ! ގެއިން އަހަރެން ނުކުތީ އެނބުރި ދާގޮތަކަށް ނޫން. ދުވަހަކު ވެސް ނުދާނަން." ނަހާގެ އަޑުގައި ސާބިތުކަންވެއެވެ.

"ބައްޕަ ބޭނުން ހުރިހާ...." ކަމްރާންއަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ނަހާ އޭނާގެ ވާހަކަ ހުއްޓުވިއެވެ.

"ޕްލީޒް... ދާކަށް ބޭނުމެއް ނޫނޭއެއްނު މި ބުނަނީ." ނަހާގެ އަޑު ތަންކޮޅެއް ބާރުވެލި ނަމަވެސް، ވަށައިގެން ބަލައިލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

"ގެއަށް ދާކަށް ބޭނުމެއް ނޫން." މި ފަހަރު ވާހަކަ ދެއްކީ މަޑުންނެވެ. އިޙްތިރާމް ކުޑަ ވާގޮތަށް ބައްޕައާ ވަހަކަ ދައްކާކަށް ޚުދު އޭނާ ވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ހިތުގައިވާ ޝަކުވާތަކުގެ ސަބަބުން އަމިއްލަ ހިތުގެ މައްޗަށް ބާރު ނުފޯރުވެނީއެވެ. ރުޅި އާދެވެނީއެވެ. ރުންކުރުވެ ހިތްހަމަނުޖެހެވެނީއެވެ. ނަހާގެ ވާހަކަ އަޑު އަހަން އިން ކަމްރާންގެ މޫނުމަތިން މާޔޫސްކަމާއި ނާއުންމީދުގެ އަސަރުތައް ފާޅުވެލިއެވެ.

"އިތުރު އެއްވެސް ކަމެއް ބޭނުންވަންޏާ ބައްޕަ ކައިރީގަ ބުނާތި!" ގޮނޑިން ތެދުވެލަމުން ކަމްރާން ބުނެލިއެވެ. އޭނާ ނަހާއަށް ހިނިތުންވެލާފައި ގޮސް ނުކުތުމާ އެކު، ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވައިލަ ދިނެވެ. ކަމްރާން ކާރަށް އަރާ އިށީނދެލުމަށް ފަހު ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން ހުރި ނަހާއަށް އަވަސް ނަޒަރެއް ދިނެވެ.

"ގެއަށް ހިނގާ." ކަމްރާން އެހެން ބުނެލުމާ އެކު، ޑްރައިވަރު ވެސް ކާރު ދުއްވައިލިއެވެ.

ނަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ގެއަކަށް ނުދާނަމޭ ބުނެލި ވަގުތު ބައްޕަގެ މޫނުމަތިން ފެނުނު މާޔޫސްކަން ފާހަގަވި ނަމަވެސް، އެނބުރި ގެއަށް ދާ ޚިޔާލެއް އޭނާގެ ނެތެވެ. މިގޮތަށް އުޅެން އޭނާއަށް މާ ހިތަށް ފަސޭހައެވެ. އެހެން ނަމަވެސް ދެންމެ ވާހަކަ ދެއްކުނު ގޮތުން ދެރަވީ ބައްޕަގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ބައްޕަގެ ކާރު ލޯ މަތިން ގެއްލެންދެން ނަހާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ފޯނު ވައިބްރޭޓް ވާން ފެށުމުން، ނަހާ ދަބަސްތެރޭގައި އޮތް ފޯނު ނެގިއެވެ. ގުޅަނީ ޔޫލިއާއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާ އެކު، ނަހާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި އުފާވެރި ހިނިތުންވުމެއްވިއެވެ.

"މިހާރު އަހަރެން މަތިން ހަނދާން ވެސް ނުހުރޭ ދޯ! ތިން ދުވަސް ވީ ގުޅާ ވެސް ނުލާތާ!" އެންމެ ފުރަތަމަ ވެސް ނަހާ ޝަކުވާކޮށްލިއެވެ. ޒާތީ ކަންތައްތައް ހިއްސާނުކުރި ނަމަވެސް، އެއީ އޭނާއަށް ހެޔޮ އެދޭ ގާތް ރަޙްމަތްތެރިއެކެވެ. އަދި މިހާރު ވާހަކަ ދައްކައި ކަންތައްތައް ކޮންމެ ވެސް ވަރަކަށް ހިއްސާކުރެވޭ މިތުރަކީ ވެސް އެއީއެވެ.

ކެފޭ ހުޅުވާ މާލީ ގޮތުން ހަމައަކަށް އެޅިލުމުން ނަހާ ވެސް މިހާރު އުޅެނީ، އެއް ރޫމުގެ އެޕަރޓްމެންޓެއް ހިފައިގެން ވަކިންނެވެ. އޭނާ ބަދަލުވީ މި ދިޔަ ހަފްތާގެ ތެރޭގައެވެ. ޔޫލިއާ ނުފެނުމުން ޝަކުވާކުރެވުނު ސަބަބަކީ ވެސް އެއީއެވެ. ހަޤީޤަތުގައި އޭނާއަށް މިއަދު އެ ލިބޭ ކާމިޔާބީގައި ޔޫލިއާގެ ހިއްސާ ވަރަށް ބޮޑެވެ. ބައްޕަ އަތުން ލޯނެއް ނަގައިގެން އެ މަސައްކަތްކުރުމަށް ޔޫލިއާ ހިތްވަރު ނުދިންނަމަ މި ހުވަފެން އަދި ވެސް އޮންނާނީ ހުވަފަނެއްގެ ގޮތުގައެވެ.

"ސޮރީ ނާ... އަސްލު މި ދުވަސްކޮޅު ވަރަށް ބިޒީ... ހަމަނޭވާ ވެސް ނުލާ މި އުޅެނީ. އެކަމަކު އައި ޕްރޮމިސް މާދަން ހެނދުނު ގަޑީގަ ގޮސްލާނަން އިނގޭ... " ޔޫލިއާ ބުނެލިއެވެ.

"ބަލާނަމޭ އާދެވޭތޯ!" ނަހާ ބުނެލިއެވެ.

"އަދި އެހެންކަމަކަށާ އެއްކޮށޭ މިގުޅީ ވެސް. ނަހާ ބުނީމެއްނު ފޮޓޮގްރާފަރެއް ހޯދާ ވާހަކަ. އަހަރެންގެ ކަޒިންއެއް އުޅޭ ފޮޓޯ ނަގާ. އަހަރެން އޭނައާވާހަކަ ދައްކައިލާ ނަހާ ބޭނުންވާ ގޮތް ކިޔައިދެންތަ؟ އޭރުން ފަހަރެއްގަ ކުޑަ އަގެއްގަ ނަހާ ތިބުނާ ކަންތައް ކޮށްދީފާނެ.،" ޔޫލިއާ ބުނެލިއެވެ. ނަހާ އާނބަސް ދިނުމުން ޔޫލިއާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. "ކެފޭ ކަންތައްތައް އޯކޭތަ؟"

"ހޫމް، ވަރަށް ބަރާބަރަށް ދަނީ." ނަހާ ބުނެލިއެވެ.

*****

ޒަރޫން ކެފޭއަށް މަންމަ ހަދާ ފޮނި އެއްޗެހި ހިފައިގެން ދާތާ ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. އެއީ ވެސް އާދައިގެ ދުވަހެކެވެ. ކޮތަޅުތައް ހިފައިގެން ގޮސް ޒަރޫން އެތެރެއަށް ވަން އިރު ނަހާ އުޅެއެވެ. ކައުންޓަރުމަތީގައި ކޮތަޅުތައް ބަހައްޓަމުން، ޒަރޫން ނަހާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނަހާ އާދައިގެ މަތިން ކޮތަޅުތަކުން ކޮންޓެއިނަރުތައް ނަގާފައި ކޮންމެ އެއްޗެއް ވަކިވަކިން ގުނަންފެށިއެވެ. އެ މަންޒަރު ބަލަން ހުރި ޒަރޫން ބޯ ކަހައިލިއެވެ. ހީވީ ކޮންމެ ވެސް އެއްޗެއް ބުނަން ބޭނުންވެފައި ހުރިހެންނެވެ. ހަމަ ކޮންމެ ދުވަހަކު ނަހާ އެގޮތަށް ކަންތައް ކުރެއެވެ. ގުނާފައި ނޫނީ ފައިސާއެއް ނުދެއެވެ. ޒަރޫންއަށް އެއްޗެއް ނުބުނެ ހުރުން ވީ ދަތިކަމަކަށެވެ. ކޮންމެ ދުވަހަކު ވެސް ފޫހިކަމެއްނެތި ނަހާ އެ ގޮތަށް އަމަލުކުރަނީ ކީއްކުރަން ބާއޭ ޒަރޫންގެ ހިތަށް އަރައެވެ.

"ހަމަ ކޮންމެ ދުވަހަކު ތިގޮތަށް ގުނަން ޖެހޭތަ؟" ޒަރޫންއަށް އަހައިލެވުނެވެ. އެއާއެކު، ނަހާގެ ހަރަކާތްތައް މަޑުޖެލިއެވެ.

"ހޫމް..." އާދައިގެ ގޮތަކަށް ނަހާ ބުނެލިއެވެ.

"ދުވަހަކު ވެސް މަދެއް ނުވެއެއްނު.،" ޒަރޫން ބުނެލިއެވެ. "ކޮންމެ ވައްތަރަކުން 15 ސްލައިސް އަށް ވާވަރަކުން ނޫންތަ ލާރި ދެނީ؟ އެހެންވީމަ ކޮބާ ގުނުމުގެ ބޭނުމަކީ؟ މިއަދު ނެތޭ ހުރެވޭކަށް. މާދަން އައިމަ ލާރި ދީ ދެން."

ޒަރޫން ދާންވެގެން އެނބުރިލި ނަމަ ވެސް ނަހާގެ ޖުމްލައާ އެކު ހުއްޓުނެވެ. އޭނާ ނަހާއަށް ބަލައިލިއެވެ.

"މަޑުކުރޭ ގުނާ ނިމެންދެން. ގުނާ ނިމުނީމަ ލާރި ހިފައިގެން ދޭ!" ނަހާ ބުނެލިއެވެ.

ނަހާގެ ސަބަބުން ޒަރޫން ޖެހުނީ މަޑުކުރާށެވެ.

"މަންޖޭ! މިހާ ދުވަސްވީ އިރު ވެސް ހަމަ އެއްގޮތަކަށް ވެސް އިތުބާރު ނުކުރެވެނީތަ؟ ވަކިވަކިން ނުގުނި ޔަސް ވެދާނެޔޭ..." ޒަރޫން ބުނެލިއެވެ. އެއާއެކު ނަހާ ޒަރޫންއަށް ބަލައިލިއެވެ. އޭނާ ދެ ބުމަ ކުޑަކޮށް ގާތްކޮށްލިއެވެ.

"މަންޖޭއޭ. ތި ނޫން އެއްޗެއް ކިޔަން ނޭނގުނީ. އަހަރެންގެ ނަމަކީ ނަހާ. އެހެން ކިޔާ..." ނަހާ ބުނެލިއެވެ.

"އަޅެ ދެން، ކޮންމެ ވެސް ވަރެއްގެ އިތުބާރެއް ވެސް ކުރަން ވާނެ ދޯ." ޒަރޫން ބުނެލިއެވެ.

"ކުރިން ގެންނަ މީހާ ވެސް ގައިމު ތިހާ ޝަކުވާއެއް ނުކުރޭ. އަހަރެން ކުރާނެކަމެއް ކޮށް ނިމިގެން ފައިސާ ދިނީމަ އޭނަ ދާނެ. ކީއްވެތަ ތި..." ނަހާއަށް ޒަރޫންގެ ނަމެއް ނޭނގެއެވެ. އޭނާ މަޑުޖެހުނީ އެހެންވެގެންކަން އެނގުނު، ޒަރޫންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ޒަރޫން." ނަހާއަށް ބަލަން ހުރެ ޒަރޫން ބުނެލިއެވެ.

"ޒަރޫން.... ކީއްވެތަ އެހާ ކެތްތެރިކަން ކުޑައީ؟" ނަހާ ބުނެލިއެވެ.

"ކެތްތެރިކަން ކުޑައީ އެއް ނޫނޭ. އެކަމަކު ހަމަ ކޮންމެ ދުވަހަކު...." މިފަހަރު ޒަރޫންއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ނަހާ އޭނާއަށް ބަލައިލި އިރު ހުރީ ދެބުމަ ގޮށްޖަހައިލައިގެންނެވެ. ނަހާއަށް ބަލައިލަމުން ޒަރޫން އޭނާގެ އަނގައިގައި ޒިބު އެޅުވީކަމަށް ބުނެ އިޝާރާތްކޮށްލާފައި ދެއަތް މައްޗަށް އުފުއްލައިލާ އަމާން ދިނެވެ. އެވަގުތު ނަހާގެ "ކޮޕަރ އެންބަރ" ކުލައިގެ ދެލޮލުން އޭނާއަށް ބަލައިލި ގޮތުން މެއަށް ފާޑެއްގެ ގޮތެއް ވެލީއެވެ. ފަހަރުގައި އެ ދެލޮލުގެ ޖާދޫގައި އޭނާ ޖެހުނީއެވެ. ނޫނީ ނަހާގެ ރުޅިވެރިކަމުން ކުޑަކޮށް ޖެހިލުންވީއެވެ.

"ޒަރޫން ދޯ... އަހަންނަށް އެނގޭ ދުވަހަކު ވެސް މި މަދު ނުވާނެކަން. އެ ދުވަހެއްގަ ގެންނަ ކޮންމެ ވައްތަރަކުން 15 އެތިކޮޅު ޔަޤީނުންވެސް ހުންނާނެކަން. އަހަރެން މި ގުނަނީ ކޮންމެހެން މަދުވާނެތީ އެއް ނޫން. އެކަމަކު ކޮންމެ ދުވަހަކު ވެސް ބައެއް އެއްޗެހިން އެއް ސްލައިސް ނޫނީ ދެ ސްލައިސް ގިނަވެފަ ހުރޭ. ތި ފޮނުވާ މީހާ ބުނޭ 15 އެތިކޮޅަށް ވާވަރަށް ފައިސާ ދޭށޭ. ބާކީ ވީމަ އުކާނުލާންވެގެން ފޮނުވަނީ އޭ. އެކަމަކު އަހަރެން ބޭނުމެއް ނުވެޔޭ އެއަށް ފައިސާ ނުނަގާ ހުންނާކަށް. އެހެންވެ ގުނަނީ. ކޮންމެ ސްލައިސްއަކަށް ޖެހޭ ވަރު އެއްކޮށްފަ އަހަރެން ލާރި ދެނީ. ފަހަރުގަ ވެދާނެ ޒަރޫން އާވީމަ ނޭނގެނީ ކަމަށް. ކުރިން އައި މީހައަށް ވެސް އެނގޭނެ އަހަރެން ކަންތައްކުރަނީ މި ގޮތަކަށް ކަން." ޒަރޫންއަށް ބަލައިލަމުން ނަހާ ވާހަކަ ދެއްކިއެވެ. ޒަރޫންއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އެހެންނަމަވެސް ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު ވާހަކަ ދެއްކިއެވެ.

"އެހެން ވެސް ބުނެލީމައެއްނު އެނގޭނީ. ކޮންމެ ދުވަހަކު އަހަރެން އައިސް މިތާ ބަހައްޓާފަ މަންޖެ ތި ގުނާ އިރު، އަހަރެން މި ހުންނަނީ ވާނުވާގަ ވިއްޔަ." ޒަރޫން ބުނެލިއެވެ.

"ނަހާ... އަހަރެންގެ ނަމަކީ ނަހާ....ކޮން މަންޖެއެއްތަ؟" ނަހާ ދެބުމަ ގޮށްޖަހައިލިއެވެ.

"އޯކޭ... ނަހާ...." ޒަރޫން ބުނެލިއެވެ.

"މި އޮތީ ލާރި. ކަސްޓްރަމަރސް އަރ ވެއިޓިން. ނައު ކޭން ޔޫ ޕްލީޒް ލީވް!.." ނަހާ ބުނެލިއެވެ. އެއާއެކު ޒަރޫން ދެބުމަ އަރުވައިލިއެވެ. ނަހާ އިޝާރާތްކުރީ ފަހަތަށެވެ. އޭރު އޯޑަރު ދޭންވެގެން ދެމީހަކު ތިއްބެވެ. ޒަރޫންއަށް ބޯ ކަހައިލެވުނެވެ. އޭނާ ހުރިގޮތަށް ހުންނަން ފެށުމުން ނަހާ އަނެއްކާ ވެސް ދާށޭ ބުނެ އިޝާރާތްކޮށްލިއެވެ.

"ވަން އެސްޕްރެސޯ..." ޒަރޫން ބުނެލިއެވެ.

"އެކްސްކިއުޒް މީ؟" ނަހާއަށް ބުނެވުނެވެ.

"އަހަރެންގެ އޯޑަރ. އެސްޕްރެސޯއެއް." ޒަރޫން ބުނެލިއެވެ. އެއަށް ފަހު އޭނާ ކަޑު ނަގާ ލާރި ދައްކާނީ ކާޑުންކަމުގައި ބުނެލިއެވެ.

"ޖެނީ... 1 އެސްޕްރެސޯ ޕްލީސް..." އޯޑަރު ނަގަމުން ނަހާ ގޮވައިލީ އެ ރެސްޓޯރެންޓުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާ ޖެނީއަށެވެ. ޒަރޫން އެއަށް ފައިސާ ދެއްކުމުން ނަހާ އަނެއްކާ ވެސް ކައުންޓަރާ ދިމާލުން އެއްފަރާތް ވެލުމަށް ޒަރޫންއަށް އިޝާރާތްކޮށްލިއެވެ. ޒަރޫން ވެސް މާފަށް އެދިފައި ގޮސް، އެއްފަރާތުން ކައުންޓަރާ ކައިރީގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލިއެވެ. އިރުކޮޅެއް ނުވެ އޭނާގެ އޯޑަރު ހިފައިގެން ޖެނީ އަތުވެއްޖެއެވެ. ކޮފީ ޖޯޑު ބަހައްޓާފައި ދިޔުމުން ޒަރޫންއަށް އަނެއްކާ ވެސް ބަލައިލެވުނީ ނަހާއަށެވެ. އެޕްރޮން އެއް އަޅައިގެން އަންނަމުންދިޔަ ކަސްޓަރމަރުންގެ އޯޑަރު ނަގަމުން ހީނލާފައި ވާހަކަ ދައްކަމުން ދިޔަ ނަހާ ފެނުމުން އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ނަހާ ހީނލައިގެން ހުންނަ އިރު، އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވާހެން ހީވެއެވެ. އެ ދެލޮލުގައި ހުރީ އާދަޔާޚިލާފު ވިދުމެކެވެ.

ކުރިމަތީގައި ހުރި ކޮފީ ޖޯޑުން އެތިފޮތެއް ބޯލި ޒަރޫންގެ ނަޒަރު އޭރު ވެސް ހުއްޓިފައިވަނީ ނަހާއަށެވެ. ނަހާއަށް ވެސް ޒަރޫން އޭނާއާ ދިމާލަށް ބަލަމުން ދިޔަކަން ފާހަގަ ވީ ކަންނޭނގެއެވެ. ޒަރޫންއާ ދިމާލަށް ބަލައިލައިފިއެވެ. އެއާއެކު ޒަރޫންއަށް ތެޅިގަނެވުނެވެ. މީހާ ހަމައަކަށް އެޅިކަމުން އަތުގެ ބޮޑު ވާ އިނގިލި ދައްކައިލަމުން ކޮފީއަށް އިޝާރާތްކޮށްލީ ކޮފީ ބަރާބަރުކަމަށް ބުނުމުގެ ގޮތުންނެވެ. ނަހާ ޒަރޫންއާ ދިމާލަށް ބަލަން ހުރެފައި ދެން ހުރި ކަސްޓަރމަރަށް ސަމާލުކަން ދިނެވެ.

ކެފޭގެ ދޮރު ހުޅުވައިލާފައި، އެތެރެއަށް ވަތް ޔޫލިއާ ފެނުމާއެކު، ނަހާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ނަސީބަކުން ކައުންޓަރު ދޮށުގައި މީހަކު ވެސް ނެތެވެ. ނަހާ ވެސް ކުޑަކޮށް ކައުންޓަރުން ބޭރަށް ނުކުމެލާ ޔޫލިއާގެ ގައިގައި ބައްދައިލިއެވެ.

"ބުނޭ ކޯންޗެއް ބޭނުމީ؟ ކޮފީއެއް ނޫނީ މިލްކް ޓީއެއް؟" ފުޅާ ހިނިތުންވުމަކާ އެކު، ނަހާ އަހައިލިއެވެ.

"މިގަޑީގަ ކޮފީ އެއް ދޯ ރަނގަޅުވާނީ." ޔޫލިއާ ބުނެލިއެވެ.

"ޝުއަރ...... ބައިދަވޭ ކިހިނެއްވީ ކަޒިން؟ އޭނަ އޯކޭވިތަ؟" ނަހާ ސުވާލުކޮށްލިއެވެ. ޔޫލިއާއަށް ބަލައިލި އިރު ނަހާގެ މޫނުމަތިން ފެނުނީ އުންމީދުގެ ކުލަވަރެވެ.

"ނޫން. އޭނަ ބުނީ މި ދުވަސްކޮޅަކު ނުވާނެޔޯ. ހަމައެކަނި ފޮޓޯ ނެގިދާނެޔޯ. އެކަމަކު އެޑިޓްކޮށް ކަންތަކެއް ނުކުރެވޭނެޔޯ މި ދުވަސްކޮޅަކު." ޔޫލިއާ ބުނެލިއެވެ.

"ދެން އަހަރެން އޭރު ބެލި އިންސްޓަރ ޕޭޖުގެ މީހާއަށް މެސެޖުކޮށްލާނީ. އޭނަ އޯކޭވާނެ ކަންނޭނގެ." ނަހާ ބުނެލިއެވެ.

"އޭނަ އަގު ބޮޑެއްނު އެކަމަކު. އަޅެ އެހެން މީހެއް ލިބޭތޯ ބަލަން ވީނު." ޔޫލިއާ ބުނެލިއެވެ.

"އޯކޭވާނެ ދެން. އެއްވެސް މީހަކު ހުރިހާކަމެއް ކޮށްދޭކަށް އެއްބަހެއް ނުވޭ. ފޮޓޯނަގާ މީހެއްވިއްޔާ ޕޯސްޓަރސް ހެދޭ ކަމަކަށް ނުވޭ!" ނަހާ ބުނެލީ އިތުރު ގޮތެއް ނެތުމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އޭނާ އެ މަސައްކަތްކުރަން ބޭނުންވެއެވެ. ކެފޭ އިސްތިހާރުކުރުމަށް އިންޓަގްރާމަށް ލާނެ ފޮޓޯތަކުގެ އިތުރުން އެ ތަނުން ލިބެން ހުންނަ އެއްޗެހީގެ ފޮޓޯއާއި ޕޯސްޓަރތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން އޭނާ ބޭނުމެވެ. އޭގެ އިތުރުން ކެފޭގައި ހުންނަ ޓީވީއިން މެނޫއާއެކު އެ އެއްޗެހީގެ ފޮޓޯ ފެންނަ ގޮތަށް ހަދަން ވެސް ބޭނުމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވައްތަރުގެ ކާ އެއްޗެހި ވެސް ތަޢާރަފްކުރަން ނިންމާފައިވާ އިރު، އެ އެއްޗެހީގެ ފޮޓޯތައް ވެސް ނަގަން ޖެހެއެވެ. އެހެންކަމުން އެއީ ފުދޭވަރަކަށް ޚަރަދު ހިނގާނެކަމެއްކަމުގައި ނަހާއަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް، ގިނަ މީހުން ކިޔާ އަގު މާ ބޮޑީއެވެ. މި ޒަމާނުގައި ކޮންމެ ކަމެއް ކުރުމަކީ ވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމެކެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ގޮސްފައިވާ އިރު، ކޮންމެ މީހަކު ވެސް ބޭނުން ވަނީ ފައިސާއެވެ. ކުރާ މަސައްކަތާ ނުބައްދަލު އަގުތައް ކިޔާ ސަބަބަކީ ވެސް ދިރިއުޅުމުގެ ޙާލަތެވެ. ނަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ކޮފީ ބޮއިގެން ޔޫލިއާ ދިޔަ އިރު ވެސް ޒަރޫން އެ ތަނުގައި އިނެވެ. އޭނާ ހީވީ ޔޫލިއާ ދާނެ އިރަކަށް އިންތިޒާރުކުރަމުން ދިޔަ ހެންނެވެ. ޔޫލިއާ ގޮސް ނުކުތްތާ ގިނަ އިރެއް ނުވެ ޒަރޫން ގޮނޑިން ތެދުވިއެވެ. އެއަށް ފަހު ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު