އިންޑިއާގެ ތަމަޅަ ސިނަމާގެ ތާރީޚުގައި މުޅިން އަލަށް، ތަމަޅަ ފިލްމެއްގެ ހޮލީވުޑް ރީމޭކެއް ހެދުމުގެ މަސައްކަތް ބޮޑު ސްޓޫޑިއޯއަކުން ފަށައިފިއެވެ.
މި ތާރީޚީ ކާމިޔާބީ ހޯދާފައިވަނީ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ އިސް ރޯލުން ފެނިގެންދިޔަ، 2024 ވަނަ އަހަރު ނުކުތް ކާމިޔާބު ތުރިލާ ފިލްމު "މަހާރާޖާ"އެވެ.
މި ފިލްމު އުފެއްދި ދަ ރޫޓް، ތިންކް ސުޓޫޑިއޯސް އަދި ޕެޝަން ސުޓޫޑިއޯސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ތަމަޅަ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، "މަހާރާޖާ" ވެގެންދާނީ ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯއަކުން އުފައްދާ ފުރަތަމަ ތަމަޅަ ރީ-މޭކް ކަމަށެވެ. ނިތިލަން ސާމިނާތަން އުފައްދާފައިވާ މި ތުރިލާ ފިލްމުގައި ވިޖޭ ސެތުޕަތީގެ އިތުރުން އަނުރާގް ކަޝްޔަޕް، ސަންޗަނާ ނާމިދާސް، ނަޓީ ސުބްރަމާނިއަމް އަދި މަމްތާ މޯހަންދާސް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
ފިލްމު "މަހާރާޖާ"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިން--ފޮޓޯ/އިންޑިއާޓުޑޭމީގެ ދެ އަހަރުކުރިން ސިނަމާތަކަށް ނެރުނު މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ގޭގައި ހުރި 'ލަކްޝްމީ' ނަމަކަށް ކިޔާ ކުނިއަޅާ ވަށިގަނޑެއް ގެއްލިގެން ފުލުހަށް މައްސަލަ ހުށަހަޅާ ބައްޕައެއްގެ ދިރިއުޅުމުގެ މައްޗަށެވެ. ބެލުންތެރިންނަށް ފުރަތަމަ މިއީ ވަރަށް އާދައިގެ މައްސަލައެއްގެ ގޮތުގައި ފެނުނު ނަމަވެސް، ފުލުހުންގެ ތަހުގީގުގެ ތެރެއިން އޭގެ ފަހަތުގައިވާ ބޮޑު އަދި ނުރައްކާތެރި ހަގީގަތްތަކެއް ހާމަވެގެންދެއެވެ.
ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަނިވެސް 199.20 ކުރޯޑު އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 23.8 މިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ.