ރޭސިންގެ ދުވެލީގެ ޖޯޝުގެ ތެރެއިން އަބަދުވެސް ހިނިތުންވުމާއެކު ފެންނަ އެކުވެރި މޫނު މިއަދު ވަނީ ގެއްލިފައެވެ. ދިވެހި ރޭސިން ކޮމިއުނިޓީގައި އެންމެންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އަލީ ޝަހުމީ (އަލިއްކޯ) ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ވަނީ މި ދުނިޔެއާ ވަކިވެފައެވެ.
އޭނާގެ ކުއްލި ވަކިވުމާއެކު، މުޅި ރޭސިން އާއިލާއަށް ލިބިގެންދިޔައީ ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ. އޭނާގެ ޖަނާޒާގެ ކަންކަން މިއަދު ވަނީ ނިންމާލައިފައެވެ.
އަލިއްކޯގެ މި ކުއްލި ވަކިވުމަކީ އޭނާގެ ގާތް އެކުވެރިންނަށް ގަބޫލުކުރަން ވެސް ދަތިވި ހިތްދަތި ހަގީގަތެކެވެ. ކެންސަރު ބަލީގެ ޝިކާރައަކަށް އޭނާ ވެފައިވާކަން އެނގުނުތާ އަދި ވީ އެންމެ ހަފުތާއެކެވެ. އިތުރު ފަރުވާއަށް އިންޑިއާއަށް ދިޔަތާ ދެވަނައަށް ވީ ދުވަހު އޭނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ އެކުވެރިންނާއި އާއިލާގެ ހިތްތައް ކުދިކުދި ކޮށްލުމަށްފަހުގައެވެ.
އަލިއްކޯގެ ގާތް އެކުވެރިއަކު 'ސަން'އާ ހިއްސާކުރި ވާހަކަތަކުން އެކަނިވެސް އޭނާގެ މިޒާޖާއި ހިތްހެޔޮކަން ހާމަވެއެވެ.
"އަލިއްކޯ އަކީ އެންމެންނާވެސް ވަރަށް ގުޅިގެން އުޅޭ، އެންމެންނާވެސް ވަރަށް ގާތް ގުޅުމެއް ގެންގުޅޭ ވަރަށް މަޖާ ރައްޓެއްސެއް. ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ޓީމާ ގުޅުނު ފަހުން ވަކިން އެކުވެރިކަން ބަދަހިވެ، ވަކި ނުކުރެވޭ ވަރު ވެފައި ހުރި ރައްޓެއްސެއް އެއީ،" އެކުވެރިޔާ ކިޔައިދިނެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އަލިއްކޯ އަކީ ކޮންމެ ކަމަކަށް ގޮވާލިޔަސް އަބަދުވެސް ތައްޔާރަށް ހުންނަ ހީވާގި، އެހީތެރިވެދޭ ޒުވާނެކެވެ. ރޭސިން ކޮމިއުނިޓީގައި އަލިއްކޯ އެހާ މަގުބޫލު މީހަކަށް ވެގެންދިޔަ މައިގަނޑު ސަބަބަކީވެސް އެއީއެވެ.
އަލިއްކޯގެ މިއަދު ވަކިވި ނަމަވެސް، އޭނާ ދޫކޮށްދިޔަ ހަނދާންތަކަކީ ދުވަހަކުވެސް ފަނޑުވާނެ ހަނދާންތަކެއް ނޫނެވެ.
"އަލިއްކޯގެ ހަނދާންތަކަކީ އަހަރުމެންނާ ދުވަހަކުވެސް ވަކިނުވާނެ ހަނދާންތަކެއް،" އެކުވެރިން ބުންޏެވެ.
އަލިއްކޯ ވަކިވެދިޔައީ ރޭސިން އެކުވެރިންނާއި އާއިލާގެ އޭނާގެ ހިނިތުންވުން ފޮހެލައި، އެކުވެރިންގެ ހިތްތަކުގައި ފުން ލޯތްބާއި ހިތާމަވެރި ހަނދާންތަކެއް ބާއްވާފައެވެ.