އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގެ ގްރޫޕް 'އޭ' ގައި ދިވެހިރާއްޖެއާއެކު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ފްރާންސާއި ދެކުނު އެފްރިކާ ހިމެނިއްޖެއެވެ.
މިއަހަރުގެ އޮކްޓޫބަރު 22 އިން 31 އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ވާދަކުރާނީ އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ. ފީފާ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު ފާސްކޮށްފައިވާ އުސޫލުގެ ދަށުން، މި މުބާރާތުގައި ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނޭ ޓީމުތައް--އެގޮތުން ތަފާތު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ މިއަހަރުގެ ބައި ފިރިހެން ކުދިންނަށް ޚާއްޞަކޮށްގެން އަޒަރުބައިޖާންގައި ބާއްވާއިރު، އަންނަ އަހަރުގެ މުބާރާތް އޮންނާނީ އަންހެން ކުދިންނަށެވެ. އަދި 2028 ވަނަ އަހަރުން ފެށިގެން ދެން އޮންނާނީ އަންހެން އަދި ފިރިހެން މުބާރާތް ވަކިވަކިން ބަހާލައިގެން، މެމްބަރު ގައުމުތަކަށް ދައުވަތު ދޭ އުސޫލުންނެވެ.
ފީފާގެ ހާއްސަ ފަންޑެއްގެ ދަށުން ހިންގާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ހުރިހާ ގައުމެއްގެ ޝާމިލުވުން އިތުރުކުރުމާއި، ކުޑަކުދިންގެ ފުޓްބޯޅަ ހުނަރުތައް ކުރިއެރުވުމަށް މަގުކޮށައިދިނުމެވެ.
މި މުބާރާތް ބޭއްވުމުގެ ފުރުސަތު ދެނީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ގާއިމުވެފައިވާ ގައުމުތަކަށެވެ. އެގޮތުން، އަޒަރުބައިޖާނަކީ އަންނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމަށްވުމުން، އެ ގައުމު މިހާރުވެސް އޮތީ ފީފާގެ ބޮޑު މުބާރާތެއް ބޭއްވޭފަދަ ފުރިހަމަ ތައްޔާރީއެއްގައެވެ.
މި މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން މިވަގުތު ވާދަނުކުރެވޭނީ ހަމައެކަނި ނޭޕާލަށެވެ. އެއީ ފީފާއިން ދާދިފަހުން މުއްދަތެއް ނެތްގޮތަށް ނޭޕާލް ސަސްޕެންޑްކޮށްފައިވާތީއެވެ. މުބާރާތުގެ ތާވަލަށް ބަލާއިރު، ފުރަތަމަ ދުވަހު ޓީމު ރެޖިސްޓްރޭޝަން އޮންނައިރު، ދެވަނަ ދުވަހު އޮންނާނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން ކޮލިފިކޭޝަން ސްޓޭޖުގައި 6 ނުވަތަ 7 ޓީމު ހިމެނޭހެން ޖުމްލަ 32 ގްރޫޕް އޮންނާނެއެވެ. އަދި ކޮމްޕެޓިޝަން ސްޓޭޖުގައި 32 ޓީމު ވާދަކުރާނީ 7 ޑިވިޝަނެއްގައެވެ.