އދ. ހަންޏާމީދޫގައި ކުރިއަށްދާ ފްލޯފިކްސް ހަންޏާސް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ހަންޏާމީދޫގެ އަމިއްލަ ގްރޫޕަކުން އެ ރަށުގެ މުއައްސަސާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކު ކްލަބް މޯލްޑިވްސްއާ ގުޅިގެން އިންތިޒާމުކުރާ މި ފޯރިގަދަ ފުޓްސަލް މުބާރާތުގައި މިއަހަރު ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ކަޓައްޕާ އެފްޓީ އަތުން 11-2 ގެ ބޮޑު ތަފާތަކުން މޮޅުވެ، ނެކްސަސް ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފައެވެ.
މި މެޗުގައި ނެކްސަސްގެ މިފްޒާލް އަބްދުއްނާސިރު ހަތަރު ލަނޑު ޖެހިއިރު، ޝަނާން ރަޝާދު، އިބްރާހީމް ރިމާހް އަދި އަހްނަފް ޒާހިރުން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު، އަދި އަލީ އަހްލަމް އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ.
އދ. ހަންޏާމީދޫގައި ކުރިއަށްދާ ފްލޯފިކްސް ހަންޏާސް ކަޕް 2026 ގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާމީގެއިތުރުން، ރިއަލިޓީން ވަނީ 3-0 އިން ނެމިސް ސްޕޯޓްސް ކްލަބް ބަލިކޮށް، 6 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނައިގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ނެމިސްއަށް ތިން ޕޮއިންޓު ލިބުނުއިރު، ތިން މެޗުން ވެސް ބަލިވި ކަޓައްޕާ ނިންމާލީ ގްރޫޕުގެ ފުލުގައެވެ.
ގްރޫޕް އޭގެ ފަހު މެޗުގައި މިޑްލް ކްރައުޑާއި ދަ ކްލަބު ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ދަ ކްލަބަށް އެއްވަރުކޮށްދިން ލަނޑު ފަހުވަގުތު ކާމިޔާބުކުރީ ޝުއައިދު ސައީދެވެ. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބުނުނަމަވެސް، ގޯލުގެ ތަފާތުން ގްރޫޕް އޭގެ އެއްވަނަ ހޯދީ މިޑްލް ކްރައުޑެވެ. ދެވަނަ ދަ ކްލަބަށް ލިބުނުއިރު، ކުޅުނު ދެ މެޗުން ވެސް ބަލިވި ޒިލެފީ ވަނީ މުބާރާތުން ކަޓާފައެވެ.
ސެމީ ފައިނަލް މެޗުތައް ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނެއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ މިޑްލް ކްރައުޑާއި ރިއަލިޓީއެވެ. ދެވަނަ ސެމީގައި ނެކްސަސް އިން ދަ ކްލަބާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެރޭ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ނެކްސަސް އާއި ރަނަރަޕް މިޑްލް ކްރައުޑް މިފަހަރު ވެސް ސެމީއަށް ދިޔައިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެފްސީ ސްލޭޔާސް އާއި 2023 އަދި 2024 ގެ ޗެމްޕިއަން ލަކުޑި ޓީމު މިއަހަރު ވާދައެއް ނުކުރެއެވެ. ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ވަނީ ކަނޑައަޅާފައެވެ.