ރަނގަޅު ނަތީޖާއެއް ނެރެވޭ ހިސާބުން ބުރުގެ ހާލަތު ރަނގަޅުވާން ފަށާނެ: ކޯޗު

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުރު ސްޕޯޓްސްގެ ކޯޗު ރޮޑްރިގޭޒް--

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބުރު ސްޕޯޓްސް ކްލަބް ބަލިވެފައިވާއިރު އެ ޓީމަށް ކުރިމަތިވެފައި އޮތް ހާލަތު ބަދަލުކުރަން އެންމެ މެޗެއްގެ ނަތީޖާއިން ވެސް ބޮޑު ތަފާތެއް އަންނާނެ ކަމަށް އެ ޓީމުގެ ސްޕެއިން ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޑްރިގޭޒް ފާހަގަކުރި ގޮތުގައި ދިއްދޫ އަތުން ބަލިވި މެޗަށް ފަހު ޓީމުގެ ކުޅުންތެރިންގެ މޫނުމަތިން ފެނުނީ ނުހަނު ދެރަވެފައި ތިބި މަންޒަރެވެ. ސަބަބަކީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގޯލެއް ޖަހައި މެޗު އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުނުވުމެވެ.

އެއާއެކު ދާދި ފަހުން ބޭއްވި ޓީމު ބައްދަލުވުމަށް ކުޅުންތެރިން އައީ "ނެގެޓިވް" ވިސްނުމެއްގައި ކަމަށް ވިޔަސް، އެ ބައްދަލުވުމުގައި މެޗުތަކުގެ ވީޑިއޯ ބަލައި، ޓީމުން ރަނގަޅަށް ކޮށްފައިވާ ކަންކަމަށް ފޯކަސް ކުރުމުން ކުޅުންތެރިންގެ މޫނުމަތިން ހިތްހަމަޖެހުމާއި އިތުބާރު އަލުން ފެންނަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ޓީމު އެންމެން އެއްކޮށް ވާހަކަ ދައްކަމުން މި އަންނަނީ މި ހުރިހާ ކަމަކާ ގުޅޭގޮތުން. އަހަރެމެންނަށް ގޯލެއް ޖެހި، ރަނގަޅު ރިޒަލްޓެއް ނެރެވޭ ހިސާބުން ދެން ހުރި ހުރިހާ ކަމެއް ބަދަލުވާނެ. ކުޅުންތެރިން ގަބޫލުކުރޭ މި ކުރާ މަސައްކަތް" ޓީމުގެ މިހާރުގެ ހާލަތާމެދު ވާހަކަދައްކަމުން ރޮޑްރިގޭޒް ބުންޏެވެ.

އޮޑިއަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެ ޓީމާ ހަވާލުވި ޕޯޗުގަލްގެ ކޯޗު ރުއީ ގްރެގޯރިއޯއާ އެކު އޮޑިން ކަންކަން ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރިއެވެ. އަދި ލީގުގެ ފުރަތަމަ މެޗުން މާޒިޔާ އަތުން އޮޑި ބަލިވި ނަމަވެސް، އެ ޓީމުގެ ކުޅުމުން ބޮޑު ތަފާތެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

މިއީ ރޮޑްރިގޭޒްގެ ކޯޗުކަމުގައި ބުރުން ކުޅޭ ދެވަނަ މުބާރާތެވެ. ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕްގައި ބުރު ކުޅުނު ތިން މެޗުން ވަނީ ބަލިވެފައެވެ. އެއީ ނިއު ރޭޑިއަންޓް އަތުން 5-0 އިން، މާޒިޔާ އަތުން 2-1 އިން އަދި އޮޑި ސްޕޯޓްސް ކްލަބް އަތުން 2-0 އިންނެވެ. މީގެއިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ބުރު ވަނީ ހއ. ދިއްދޫ ފުޓްބޯޅަ ޓީމު އަތުން 1-0 އިން ބަލިވެފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށް ބުރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު