ތިން އަހަރުތެރޭ 1.3 ޓަނުގެ ޑްރަގު އަތުލައި މަނީ ލޯންޑަރިންގެ 23 މައްސަލައެއް ބަލައިފައިވޭ: އިޙްސާން

މިނިސްޓަރު އިޙްސާން: ވިދާޅުވީ މި ސަރުކާރު ހަވާލުވިތާ ތިން އަހަރު ދުވަހުގެތެރޭ 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައި 23 މައްސަލައެއް މަނީ ލޯންޑަރިންގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށް -- ފޮޓޯ/ ޕީއެސްއެމް

މި ސަރުކާރު ހަވާލުވިތާ ތިން އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައި މަސްތުވާތަކެތީގެ 23 މައްސަލައެއް މަނީ ލޯންޑަރިންގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން މިއަދު ހަވީރު އޮތް ދަންފަޅީގައި މައުލޫމާތު ދެއްވަމުން އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނުން އޭރު އެކަށީގެންވާ ތަނެއް ނެތް ކަމަށެވެ.

މަސްތުވާތަކެތީގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ފަހު ސަޕްލައިކޮށް މީހުންނަށް ބަހާ ބެހުން ހުއްޓުވުމާއި މަސްތުވާތަކެއްޗަށް ދެވިހިފައިފައި ތިބި މީހުން ދުރުކުރުމަށްޓަކައި ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅައިފައިވާ ކަން އިޙްސާން ފާހަގަކުރެއްވިއެވެ.

"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ އެންމެ ހަރުކަށި އަދަބޭ، އެއީ މަރުގެ އަދަބޭ، ދިވެހިރާއްޖެއަށް ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވަކި އަދަދަކަށް ވުރެ މަތިން ވެއްޖިއްޔާ އަދި ދޭނީ މަރުގެ އަދަބޭ، އެ ޑިސިޝަން ނަންގަވައިފައި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ސަޕޯޓާ އެކުގައި މިހާރު އެ އޮތީ ގާނޫނަށް އެ ބަދަލު ގެނެއްސަ،" އިޙްސާން ވިދާޅުވިއެވެ.

ހަމަ އެއާއެކު އިޙްސާން ވަނީ، އިންތިޚާބެއް ގާތްވާ ކޮންމެ ފަހަރަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކޮންމެ ބަޔަކު ސިޔާސީވެރިންނާ ވާހަކަ ދައްކައި ޖަލުން މިނިވަންވާ ކަން ފާހަގަކުރައްވައިފައެވެ. ދެން އަންނަ ސަރުކާރަކުން ވެސް އައިސް އެ މީހުން ހައްޔަރުކުރުމަށްފަހު ކޮންމެ އިންތިޚާބަކާ ދިމާކޮށް އަލުން ދޫކޮށްލާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް ވިދާޅުވީ މި ސަކަރާތް ހުއްޓަންޖެހޭނެއޭ، އެހެންވީމާ އިމީޑިއަޓްލީ ރައީސް ގެންނެވި ބަދަލަކީ ޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެ ގާނޫނުން ދެއްވައިފައި އޮންނަ ބާރުތައް ދޫކޮށްލެއްވީ، މާނައަކީ އަފޫއާންމެއް ނުދެވޭނެޔޭ އެ މީހުންނަށް ޖަލުގެ މުއްދަތު ކުރެއް ނުކުރެވޭނެޔޭ، ރައީސް އަމިއްލަފުޅަށް ނިންމެވީ ރައީސްގެ އަތްޕުޅުގައި އޮތް ބާރު ދޫކޮށްލައްވަން، ސަބަބަކީ އެ ރިސްކު ނަގަން ބޭނުންފުޅުނުވީ، ދިވެހި ރައްޔިތުންނާ މެދު ރައީސް ވިސްނައިވަޑައިގަތީ، އިންތިޚާބަކާ ދޭތެރޭއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ބައެއް ތަފާސްހިސާބުތައް ވެސް އިޙްސާން ދެއްވި ޕްރެޒެންޓޭޝަންގައި އާންމުކުރެއްވިއެވެ.

އެގޮތުން ފުލުހުންގެ ބައެއް ތަފާސްހިސާބުތަކަށް އަލިއަޅުވައިލައްވައި އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކުރާ އެއް ތަނަކަށް ފުލުހުން 180 ފަހަރު ވަތް ކަމަށެވެ.

މަސްތުވާތަކެތި ސަޕްލައިކުރެވޭ ވަރު މަދުކުރުމަށްޓަކައި އެކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް 508 އޮޕަރޭޝަނެއް ހިންގައި، މި ސަރުކާރު އައިފަހުން މިހާތަނަށް 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެ، އެ މަސްތުވާތަކެއްޗާ ގުޅުންހުރި 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން 17،000އެއްހާ ރާފުޅިތައް ރަށްރަށަށް ގެންދަނިކޮށް އަތުލައިގެންފައިވާ ކަމަށާއި، ރާ އެތެރެކުރާ ބައެއް ފަރާތްތަކުގެ ހުއްދަ ވެސް ހިފަހައްޓައިފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވިގޮތުގައި ފުލުހުންގެ ތެރޭ ވަކި ޚާއްސަ ޚިދުމަތެއް ގާއިމުކޮށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅަން ވާނީ ފަށައިފައެވެ.

"އެ ތަނުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޑްރަގްސް އެތެރެކުރާ އަސްލު މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅިގެންދާނެ،" އިޙްސާން ވިދާޅުވިއެވެ.

ހަމަ އެއާއެކު ކާގޯއާއި ޕޯސްޓު މެދުވެރިކޮށް އެތެރެކުރާ މުދަލާއި ޕެކޭޖުތައް ކުރިއަށް ވުރެ ބޮޑަށް ސްކޭންކޮށް ކޮންޓްރޯލްޑް ޑެލިވަރީގެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުގެ އަސްލު ހޯދައި، މައްސަލަތައް ތަހުގީގުކުރަމުންދާނެ ކަން އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް ޒަމާންވީ އެންމެ ބޮޑު އެއް މައްސަލައެވެ. ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1،903 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އެއީ މިއަހަރުގެ މިހާތަނަށް ހުށަހެޅި 8،912 މައްސަލައިގެ 21.4 އިންސައްތައެވެ.

comment ކޮމެންޓް