"ތަސްކީން...." ޒަރޫންއަށް ކެފޭގެ ނަން ކިޔައިލެވުނެވެ.

ތަފާތު ނަމެކެވެ. ނަން ކިޔާލުމުން އަޅައިގަންނަ ޚާއްޞަ ގޮތެއް ހުއްޓެވެ. އެއީ އޭނާ ދުވަހަކު ވެސް އަޑު އެހި ނަމެއް ނޫނެވެ. ޒަރޫން ގޮސް ކެފޭއަށް ވަނެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަލައިގަތީ އިންޓީރިއަރގެ ހިތްގައިމު ކަމާއި، ފުރިހަމަކަމެވެ. އެ ތަނުގައި ހުރި ގޮނޑިތަކުން ފެށިގެން ގޮސް އޯޑަރުކުރަން ހުންނަ ކައުންޓަރާއި، ޑެސަރޓް ޑިސްޕްލޭގެ އިތުރުން ކައުންޓަރާ ދިމާލުގައި އެލުވާފައިވާ ޕެންޑަންޓް ލައިޓުތަކުން ވެސް ތަނުގެ ފުރިހަމަކަން ފެންނަމުންދިޔައެވެ. ގްރޫޕް ހަދައިގެން އަންނަ މީހުންނަށް އިށީނދެވޭހެންނާއި، އެކަނި، ކިޔަވަން ނުވަތަ މަސައްކަތްކޮށްލުމަށް އަންނަ މީހުންނަށް ވަކިން ތިބެވޭ ގޮތަށް ވެސް ގޮނޑިތަކާއި މޭޒުތައް ފަރުމާކޮށްފައިވެއެވެ. ޕޭސްޓަލް ފިޔާތޮށި އަދި ފެހިކުލައިގެ އިތުރުން މަޑުމަޑު މުށި ކުލައެއް ތީމްއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ކެފޭ ކިތަންމެ ހާ ވެސް ފުރިހަމައެވެ. އޭގެ އިތުރުން އެ ތަނަށް އިތުރު ފުރިހަކަމެއް ގެނެސްދެމުން ދިޔައީ ފާރުތަކުގައި ހަރުކޮށްފައިވާ ޕްލާސްޓިކް ފިޔާތޮށިކުލައިގެ މާތަކުންނެވެ. އެއް ބިތުގައި "ތަސްކީން" ޖަހާފައިވާއިރު އޭގެ ވަށައިގެން ހިތެއްގެ ބައްޓަމަށް މާތަކެއް ހަރުކޮށްފައިވެއެވެ. އަދި އޭގެ ވަށައިގެން ދިއްލޭގޮތަށް ލެޑްލައިޓްތައް ހަރުކޮށްފައި ހުއްޓެވެ. އޭގެ އިތުން އެ ތަނުން ލިބޭ ކާތަކެތީގެ މެނޫ ފެންނަ ގޮތަށް ޓީވީއެއް ވެސް ކައުންޓަރާ ދިމާ މަތީގައި ހަރުކޮށްފައި ހުއްޓެވެ.

ޒަރޫން ކައިރިވެލީ ކައުންޓަރާއެވެ. އަދި އޭނާގެ އަތުގައި ހުރި ކޮތަޅުތައް ކައުންޓަރު މަތީގައި ބަހައްޓައިލިއެވެ.

"އެކްސްކިއުޒް މީ..." އޭނާއާ ފުރަގަސްދީގެން ކޮންމެ ވެސް ކަމެއްކުރަން ހުރި އަންހެން ކުއްޖާއަށް ބަލައިލުމަށް ފަހު، ޒަރޫން ގޮވައިލިއެވެ. އެއާއެކު އެ ކުއްޖާ އެނބުރިލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވުމާ އެކު ކުރީގެ ހަނދާނެއް އައިސް ޒަރޫންގެ ސިކުނޑީގައި ޓަކި ޖަހައިލައިފިއެވެ. އާނއެކެވެ. އެ ދެ ލޯ އޭނާގެ ހަނދާނުން ފުހެލެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ އެ "ކޮޕަރ އެންބަރ" ކުލައިގެ ލޮލެވެ. އެ ތޫނު ކަޅިރަވައެވެ. ހަމަ އެ ސިހުރެއް ފަދަ ބާރު އެކުލެވޭ ދެ ލޮލެވެ. ޒަރޫންއަށް އެއްޗެއް ބުނަން ނޭނގިފައި ހުރެވުނީއެވެ. އެ ސޫރަ އޭނާއަށް ރަނގަޅަށް ހަނދާންވީއެވެ. އެއީ މީގެ ހަތަރު ވަރަކަށް މަސް ކުރިން އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. ދުވަސްވުމުގެ ސަބަބުހން ކޮންމެވެސް ވަރަކަށް އެ ސޫރަ ސިކުނޑީގެ ތެރޭގައި ފަނޑުވެފައި ވިޔެއްކަމަކު އެ ދެ ލޯ ފެނުމާއެކު، ވަގުތުން ސިކުނޑީގެ ކަނެއްގައި ޤައިދުވެފައިވި ހަނދާންތަކެއް ހޭލައިގަތްފިއެވެ. އެ ދުވަހުގެ ހަނދާންތައް އާލާވެގެން ދިޔައެވެ.

"ޔެސް؟" ނަހާއަށް ބުމަ އަރުވައިލެވުނެވެ. އޭނާގެ ހަނދާނަށް އެ ޒުވާނާ އައި ހެނެއް ހިޔެއްނުވެއެވެ. ނޫނީ އެ ދުވަހު ފެނުނު އިރު ހުރި ގޮތާ މިއަދު ފެނުނު އިރު ހުރި ގޮތް ތަފާތުކަމުން ނޭނގުނީއެވެ. ކައުންޓަރު މަތީގައި ހުރި ކޮތަޅުތަކަށް ބަލައިލުމަށް ފަހު، އަނެއްކާ ވެސް ނަހާ ކުރިމަތީގައި ހުރި ޒުވާނާއަށް ނަޒަރު ހުއްޓައިލިއެވެ.

"މީ... މި އެއްޗެހި ހިފައިގެން މިއައީ..." ހައިރާންވެފައިވާ އެ ނަޒަރު ދެނެގަނެވުނު ފަދައަކުން ޒަރޫން ބުނެލިއެވެ.

"މީ... ކާކުގެ؟ އަނެއް... ޒައި.. ޒައިނަބު ދައްތަ؟" ނަހާއަށް އަހައިލެވުނެވެ. އާއްމުކޮށް އެއްޗެހި ހިފައިގެން އަންނަ މީހާ އެ ގޮތަށް އައިސްއައިސް އޭނާއަށް އެ މީހާ ވަނީ ދަސްވެފައެވެ. އެހެންކަމުން، މިއަދު އެހެން މީހަކު އައުމުން، އޭނާއަށް އެހެން އަހައިލެވުނީއެވެ.

"ހޫމް..." ޒަރޫން ބުނެލިއެވެ. އެއާއެކު ނަހާ ބަލައިލީ އޭނާގެ އަތުކުރީގައި އޮތް ގަޑިއަށެވެ. އާއްމުކޮށް އަށެއް ޖަހާއިރު ގެންނަ އެއްޗެހި މިއަދު އެ އައީ ފަނަރަ މިނެޓް ލަހުންނެވެ. ކެފޭގައި އޭރު ވެސް ކޮންމެ ވެސް ވަރަކަށް މީހުން ތިއްބެވެ. އޭގެ އިތުރުން އޭރު ވެސް ބައެއް މީހުން އަންނަމުން ދިޔައެވެ. ކެފޭގައި މަސައްކަތްކުރާ އެހެން ކުއްޖަކަށް ގޮވާލާފައި އަންނަމުން ދިޔަ މީހުންގެ އޯޑަރުތައް ނެގުމަށް ނަހާ ބުނެލިއެވެ. އެއަށްފަހު، ކޮންޓެއިނަރތައް ހިފައިގެން އުނދަގޫނުވާނޭހެން އެއްފަރާތަކަށް ޖެހިލިއެވެ.

"ވަރަށް ލަސްވެއްޖެ މިއަދު. ކުރިން ދުވަހަކު ވެސް މިހާ ލަހެއް ނުވޭ." ނަހާއަށް ބުނެވުނެވެ. އޭނާ ހީކުރީ މިއަދު ކޮންމެ ވެސް ކަމެއް ދިމާވެގެން އެއްޗެހި ނުފޮނުވެނީކަމަށެވެ.

"އާނ ސޮރީ.. ކުޑަކޮށް ލަސްވީ...،" ޒަރޫން ބުނެލިއެވެ. އަދި ކޮތަޅުތަކަށް އިޝާރާތްކޮށްލިއެވެ. "އޯކޭ ދޯ..."

"މަޑުކޮށްލާ!" ނަހާ ބުނެލިއެވެ. އެއަށްފަހު އޭނާ ކޮތަޅުގެ ގޮށް މޮހައިލުމަށް ފަހު، ޑިސްޕޯސަބަލް ތަށިތައް ނަގާ އެ ހުޅުވަން ފެށިއެވެ. ނަހާ ކުރަން އުޅޭކަމެއް ޝައުޤުވެރިކަމާ އެކު، ބަލަން ޒަރޫން ހުއްޓެވެ. ހުރިހާ އެއްޗެއް ކެނޑުމަށް ފަހު، ކޮންމެ އެއްޗެއްގައި ހުރި ވަރު ނަހާ ގުނަމުން ދިޔަތަން ބަލަހައްޓައިގެން ޒަރޫންއަށް ހުރެވުނީއެވެ.

"ހޫމް... ކެރެމަލް ޕުޑިން 10 ޕީސެސް، ކޮކޮނަޓް ޕުޑިން 10 ޕީސެސް، ބްރައުނީސް، ޓޯޓަލ 16 ޕީސެސް... ޗީސް ކޭކް 16 ޕީސެސް... ކަޕްކޭކް.. 1... 2... 3..." ނަހާ ގުނަމުން ދިޔައެވެ.

އެއްޗެއް ނުބުނަން ހިތުލައިގެން ހުރި ނަމަވެސް، ނަހާ ކޮންމެ އެއްޗެއް ވަކިވަކިން ގުނަން ފެށުމުން ޒަރޫންއަކަށް ނުހުރެވުނެވެ.

"ހާދަ އިތުބާރު ނުކުރެވެޔޭ ދޯ! ތީގަ ހުންނާނެ ހަމައަށް." ޒަރޫންއަށް އެންމެފަހުން ބުނެވުނެވެ. އޭނާއަށް މާނަ ނެގުނީ މުޅިން ގޯސްކޮށެވެ. ނަހާއަށް ވެސް މަސައްކަތް މަޑުޖައްސައިލުމަށް ފަހު ޒަރޫންއަށް ބަލައިލެވުނެވެ. ޒަރޫންގެ މޫނުމަތިން، ފެންނަމުން ދިޔަ ކުލަވަރުތަކުން ޒަރޫން ވިސްނަމުންދާ ގޮތް ނަހާއަށް އަންދާޒާކޮށްލެވުނެވެ.

"އިތުބާރު ނުކުރެވޭތީ އެއް ނޫން." އަމިއްލަ މީހާގެ ދިފާޢުގައި ނަހާއަށް ބުނެވުނެވެ. ގުނާ ނިންމާލާފައި، މަޑުކޮށްލަން ބުނެފައި ގޮސް އޭނާ ކައުންޓަރު ވަތްގަނޑު ހުޅުވައިލާފައި، އެ އަށް ވާވަރަށް ފައިސާ ނެގިއެވެ. އަދި އައިސް ޒަރޫންއަށް ދިއްކޮށްލިއެވެ.

"އަހަރެން އެއްޗެހި ގުނަނީ ކޮންމެހެން މަދުވާތީއެއް ނޫން. ދުވަހަކު ވެސް އެއްވެސް އެއްޗެއް މަދުވެފައެއް ނެތް.،" ނަހާ ބުނެލިއެވެ. "އަން.."

އޭނާ އެއަށް ވާވަރަށް ފައިސާ ޒަރޫންއަށް ދިއްކޮށްލިއެވެ. ޒަރޫން އޭގައި ހިފި ވަގުތު ދެމީހުންގެ އަތް އެކަކު އަނެކަކުގެ އަތުގައި ބީހިލިއެވެ. ނަހާ އަވަސްއަވަހަށް އަތް ދަމައިގަތެވެ. އެއަށްފަހު، އޭނާ ޝުކުރު އަދާކުރިއެވެ. އަދި ކުރަން ހުރި މަސައްކަތަށް އެނބުރިލިއެވެ. އާއްމުކޮށް މި ގަޑިއަކީ ކެފޭއަށް ވަރަށް ބާރު ބޮޑުވާ ގަޑިއެކެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުން ހެނދުނުގެ ސައި އަދި ކޮފީ ބޯން އަންނަ ތަނަކަށް އެ ކެފޭ ވަނީ ވެގެން ގޮސްފައެވެ. ގިނަ ދުވަސްދުވަހު ކެފޭއިން ޖާގައެއް ވެސް ނުލިބޭނެއެވެ. އެއްޗެހި މީރުވެފައި، ތަން ހިތްގައިމުކަމުން ޒުވާނުންގެ މެދުގައި ކެފޭގެ މަޤްބޫލުކަން ވަނީ އިތުރުވެގެން ގޮސްފައެވެ. ކެފޭގެ ޑިސްޕްލޭގައި ހުންނަ ފޮނި ކާތަކެއްޗަކީ ވެސް މީހުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ އެއްޗެއްސެވެ. މަދު ދުވަހަކު ނޫނީ ކޮންމެ ދުވަހަކު ވެސް ގެންނަ ހުރިހާ އެއްޗެއް ހުސްވެއެވެ.

ނަހާއަށް ބަލައިލުމަށް ފަހު ޒަރޫން ވެސް އެ ތަނުން ދާންވެގެން ހިނގައިގަތެވެ.

ޒަރޫން ގޮސް ނުކުތުމާ އެކު ނަހާއަށް ވެސް ލެއްޕުނު ދޮރާ ދިމާލަށް ބަލައިލެވުނެވެ. ކޮންމެ ވެސް ތަނަކުން ފެނުނު ވައްތަރު ޖެހި ނަމަވެސް، އެއްގޮތަކަށް ވެސް އޭނާގެ ހަނދާނަކަށް ނައެވެ. މާގިނަ އިރު ވިސްނާކަށް އެ ވަގުތަކު އޭނާއަކަށް ނުހުރެވުނެވެ. މީހުންގެ އޯޑަރުތައް ތައްޔާރުކުރުމަށް އޭނާ އަވަސްވެގަތެވެ. ނަހާއަކީ ކެފޭގެ ވެރި މީހާ ނަމަވެސް، އޭނާ ވެސް ކެފޭގައި އަމަލީ ގޮތުން ހަރަކާތްތެރިވެއެވެ. ހަމަ އެއާއެކު އޭނާ ގިނަ ވަގުތު ވެސް ހޭދަކުރަނީ ކެފޭގައެވެ. "ތަސްކީން" ވެފައިވަނީ އޭނާގެ ހިތުގެ އެކަނިވެރިކަން ފިލުވައިދީ އެ ހިތަށް ފިނިކަން ގެނެސްދީ އުދާސްކަމުން ދުރުކޮށްދޭ ތަނަކަށެވެ.

ތަސްކީން ޚާއްޞަކޮށްފައިވަނީ އެކިއެކި ޤައުމުތަކަށް ޚާއްޞަ ތަފާތު ވައްތަރުގެ ބުއިންތަކަށާއި، ކާތަކެތީގެ އިތުރުން، އެކި ވައްތަރުގެ ކޮފީގެ އިތުރުން ބައެއް ކަހަލަ ހެދިކާއަށެވެ. އެ ތަން އެހެން ތަންތަނާ ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެހެންތަންތަނުން އާއްމުކޮށް ނުލިބޭ ފަދަ ޚާއްސަ ބުއިންތަކާއި ކާއެއްޗެހި އެ ތަނުން ލިބޭތީއެވެ. އެ ގޮތުން ޕާކިސްތާނާއި، ތުރުކީގެ އިތުރުން އޭޝިޔާގެ ވަރަށް ގިނަ ގައުމުތަކުގައި ޚާއްޞަ އެކި ކަހަލަ އެއްޗެހި އެ ތަނުން ލިބެއެވެ. ދިވެހިންނަށް އައު ރަހަތަކެއް ތަޖުރިބާ ކޮށްލަން ލިބުނު ތަނަކަށް ތަސްކީން ވަނީ ވެފައެވެ.

ތަސްކީން ކެފޭ ހުޅުވިތާ މިހާރު ތިން މަސް ފާއިތިވެގެން ގޮސްފައިވާއިރު، ހީކުރި ވަރަށް ވުރެ ރަނގަޅަށް ކެފޭގެ ހުރިހާކަމެއް ވެސް ކުރިއަށް ދާތީ، ނަހާ ހުންނަނީ އެ ކަމާ ވަރަށް ހިތްހަމަޖެހިފައެވެ.

*****

"ތަސްކީން." ސައިކަލަށް އަރާ ދުއްވައިލުމުގެ ކުރިން ވެސް ކެފޭއަށް ބަލައިލާފައި ޒަރޫން އެ ނަން ކިޔައިލިއެވެ. ސައިކަލުގެ ދުވެލި އާދައިގެ ވަރެއްގައި ބަހައްޓައިގެން ދުއްވާފައި ގެއާ ހިސާބަށް ގޮސް މަގުގެ އެއްފަރާތުގައި ޕާކުކޮށްލިއެވެ. ގަރާޖަށް ވަނުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ އެރީ މައްޗަށެވެ. އޭރު މަންމަ ގޭތެރެ ސާފުކުރަން ވެގެން އުޅެއެވެ.

"އެ އެއްޗެހި ކެފޭއަށް ލާފަތަ ޒަރޫ ތިއައީ؟" ޒައިނަބު ސުވާލުކޮށްލިއެވެ.

"މަންމަ ވެސް ދޮންތަހެން ޒަރޫ ކިޔަން ފެށީ ދޯ!. ތި ހެން ނުކިޔާށޭ ބުނެފީމޭ ކިތަންމެ ފަހަރަކު. ހީވަނީ އަންހެނަކަށް ގޮވާހެން." ޒަރޫންއަށް ބުނެވުނެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"އެއީ ދޮންތަ އެހެން ކިޔާ އަޑު އިވިއިވި ބައެއް ފަހަރު ކިޔެނީ..." ޒައިނަބު ގާތަށް ހިނި އަންނަ ގޮތްވިއެވެ. ޒަރޫ ކިޔުމަކީ ޒަރޫން އެއްގޮތަކަށް ވެސް ރުހޭކަމެއް ނޫންކަން އެނގުނު ނަމަވެސް، ބޭއިޚްތިޔާރުގައި ބައެއް ފަހަރު އެހެން ކިޔައިފައި އޭނާއަށް ވެސް ގޮވައިލެވެނީއެވެ.

"އަން މަންމާ، މި އޮތީ ރުފިޔާ..." ޖީބުގައި އޮތް ވޮލެޓުން ނެގި ރުފިޔާ ޒައިނަބަށް ދިއްކޮށްލަމުން ޒަރޫން ބުނެލިއެވެ. ޒައިނަބު އޭގައި ހިފަމުން ހިނިތުންވެލިއެވެ.

"އަދި ވެސް މީހަކު ނުވޭތަ؟" ޒައިނަބު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"ނުވޭ މަންމާ...ވަރަށް އަގު ބޮޑޭ އެ މީހުން ކިޔާވަރު." ޒަރޫން ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ؟ އަދި ވެސް ބަލާލަދޭތި!." ޒައިނަބަށް ބުނެވުނެވެ.

"މަންމަ ކީކުރަން މީހަކު ހޯދަނީ.؟ ކޮންމެ ދުވަހަކު ތި އެއްޗެހި ކެފޭއަށް ގެންގޮސްދީފާނަމޭ." ޒަރޫން ބުނެލިއެވެ.

"ދަރިފުޅަށް އުނދަގޫ ނުވާނެތަ؟" ޒައިނަބަށް އަހައިލެވުނެވެ.

"އުނދަގުލެއް ނުވާނެ! މާ ދުރެއް ވެސް ނޫނެއްނު. ތި ލާފަ އައިސް ވެސް ދެން ކުރަންޖެހޭ ކަންތައް ކުރެވިދާނެ.،" ޒަރޫން ބުނެލިއެވެ. "އެހެން ނޫނަސް މީހަކު ހޯދަންޏާ އަނެއްކާ އިތުރަށް އަތުން ލާރި ދާނީ."

ޒަރޫންއަކީ ވިސްނޭ ޒުވާނެއްކަން ޒައިނަބަށް އެނގެއެވެ. އަމިއްލަ ވަގުތާއި، އަމިއްލަ އުފާތައް ޤުރުބާންކޮށްފައި ވެސް އޭނާ ޢާއިލާއަށް އެހީތެރިވާނެކަން ޒައިނަބު ދަނެއެވެ.

"ކޮބާތަ ޒާލް؟" ޒަލަފް ފެންނަން ނެތުމުން ޒަރޫންއަށް ސުވާލުކޮށްލެވުނެވެ.

"ނިދަނީ ހެން ހީވަނީ." ޒައިނަބު ބުނެލިއެވެ.

"އަޅެ ރޭގަ ވެސް ފަތިސް ނަމާދަށް ދާންވެގެން ހާދަ ވަރަކަށް ގޮވީމޭ. ހިލާ އެނދުން ހިއްލާނުލި." ޒަރޫންއަށް ބުނެވުނެވެ.

"ރެން ދިޔަފަހުން މަންމަ ވެސް ގޮވީމޭ އެ ވަރަށް. އެކަމަކު ވެސް ތެދުވިއްޔާ ތާ..." ޒައިނަބަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

ޒަރޫންއާ ޒަލަފްއަކީ އެއްބަނޑު އެއްބަފާ ދެބެންނަށް ވިޔަސް، އުޑާއި ބިމާހާ ފަރަޤުގެ ތަފާތު ދެބެންގެ ދެމެދުގައި ހުރެއެވެ. އެއީ އެކެއްގެ ދެ ދަރިންނޭ ބުނާހާ ވެސް ނުވާނެއެވެ. ޒަލަފްއަކީ ޒަރޫންގެ އިދިކޮޅެވެ. ކަންތައްތައް ކުރުމުގައި އެހާ ފަރުވާކުޑަ ވާނެއެވެ. ބުނާކަމެއް ވެސް ކުރެވޭނީ ކިޔަކިޔާ އަނގަ ވާޅުވާ ފަހުންނެވެ. އޭނަ ހުންނާނީ ޒައިނަބު ކަމެއްގައި ކިޔާފާނެތީ ބިރުންނެވެ. ކަމަކު ކިޔަން އުޅޭހެން ހީވަންޏާ އެ ކަމަކުން ރެކިގަންނަން ވަރަށް މަސައްކަތްކުރާނެއެވެ. އަދި ކަމަކު ކިޔައިފިއްޔާ އެ ތަކެއް ބަހަނާއެއް ދައްކާފައި ނޫނީ އެ ކަމެއް ކުރެވޭކަމަކަށް ނުވާނެއެވެ. ހަޤީޤަތުގައި ޒަލަފްގެ މިޒާޖުގައި އެ ސިފަތައް އަށަގަތީ ޢާއިލާގެ އެންމެ ހަގު ކުއްޖާއަށް ވީތީ ކުޑަ އިރުން ފެށިގެން މާ ބޮޑަށް ދޫދެވުނީތީއެވެ. ބޯ ހަރުކަމާއި ގޮތް ދޫނުކުރުމުގެ ސިފަ ޒަލަފްގެ ކިބައިގައި ކޮންމެ ވެސް ވަރަކަށް ހުއްޓަސް، އެއީ ބަސްނާހާ ނުކިޔަމަންތެރި ކުއްޖެކޭ ނުބުނެވޭނެއެވެ. މަންމައާއި ބައްޕައާއި ޢާއިލާގެ އެހެން މީހުންނަށް އިޙްތިރާމް ނުކުރާ ދަރިއެކޭ ވެސް ނުބުނެވޭނެއެވެ. ބައެއް ގޯސް އާދަތަށް ކަށީގައި ހަރުލާފައި ހުއްޓަސް ޒަލަފް ވެސް ގޯހެއް ނޫނެވެ.

"ތިރިއަށް މި ދަނީ. ބައްޕަ ބިޒީކަމުން، ނުވެސް ކެރޭނެ އެކަނި ދޫކޮށްލާކަށް." ޒަރޫން ބުނެލިއެވެ. ޒައިނަބު ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ.

*****

އޮފީހުގައި މަސައްކަތްތަކެއް ކުރަން އިން ކަމްރާން ގެއަށް ދާން ނުކުތް އިރު ހަވީރު ހަތަރެއް ޖަހަނީއެވެ. ޑްރައިވަރު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ކާރުގެ ދޮރު ހުޅުވައިލަ ދިނުމާ އެކު އިށީނދެ ކަމްރާން ހަމަޖެހިލިއެވެ. ބުރަދުވަހަކަށް ފަހު، އަރާމުކޮށްލަން ބޭނުންވެފައިވާ މިންވަރު އޭނާގެ މޫނުމައްޗަށް ބަލައިލަމުން އެކަނި ވެސް ފާހަގަވެއެވެ. ޑްރައިވަރު ކާރު ދުއްވައިލީ ގެއާ ދިމާލަށް ނަމަވެސް، ވަކި ހިސާބަކަށް ކަމްރާންގެ ޚިޔާލު ބަދަލުވިއެވެ. އޭނާ އެދުނީ ނަހާގެ ކެފޭއަށް ދިޔުމަށެވެ. އެއާއެކު ޑްރައިވަރު ކާރުގެ މިސްރާބު އަނބުރައިލައިފިއެވެ. އެ ހިސާބަށް ދެވުމާއެކު ކާރު ޕާކުކޮށްލުމަށް ފަހު، އޭނާ އައިސް، ކާރުގެ ދޮރު ހުޅުވައިލައިފިއެވެ. އެއާއެކު ކަމްރާން ނުކުމެލިއެވެ. ނަހާ އެ ކެފޭ ހުޅުވިފަހުން ކަމްރާން ތިން ފަހަރަކު ކެފޭއަށް ދިޔަ ނަމަވެސް، ނަހާއާ ދިމާވާ ގޮތެއްނުވިއެވެ. މިއަދު ވެސް އޭނާއަށް އުންމީދުކުރެވުނީ ނަހާއާ ދިމާވާނެކަމަށެވެ. ވީ ވެސް އެހެންނެވެ. މިއަދު އޭނާގެ ނަސީބު ގަދައީއެވެ. އޭނާ ގޮސް ކެފޭއަށް ވަތްއިރު ނަހާ ވެސް އެޕްރޮން ބާލައިފައި، ކައުންޓަރުން ނުކުންނަނީއެވެ. އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވައިލަމުން، ބުރުގާ ރީތިކޮށްލި ވަގުތު، އެތެރެއަށް ވަތް ކަމްރާން އޭނާގެ ލޮލުގައި އަޅައިގަނެއްޖެއެވެ. ނަހާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އޭނާ ކަމްރާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

ކަމްރާން ބުނީ އޭނާ ނަހާއާ ވާހަކަ ދައްކާލަން ބޭނުންވާކަމުގައެވެ. ވަށައިގެންވީ މާހައުލަށް ބަލައިލުމަށް ފަހު، ނަހާ، އެއްފަރާތެއްގައި ހުރި މޭޒަކަށް އިޝާރާތްކޮށްލިއެވެ. ކެފޭގައި ނަސީބަކުން މާ ގިނަ މީހުންނެއް ވެސް ނެތެވެ. ކައުންޓަރުގައި ހުރި ކުއްޖާ، ފާޑަކަށް ނަހާއަށް ބަލައިލުމަށް ފަހު ވެސް އެއްޗެއް ނުބުނެއެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ ކަމްރާންއަކީ އެންމެންނަށް ދަންނަ ވިޔަފާރިވެރިއެއް ވިއްޔާއެވެ. ނަހާއާ ބައްދަލުކުރަން ކަމްރާން ފަދަ ވިޔަފާރި ވެރިއަކު އައުމުން ހައިރާންވީއެވެ.

"ދަރިފުޅު ރަނގަޅުތަ؟" އިށީނދެ ހަމަޖެހުލުމާ އެކު، ކަމްރާންއަށް ފުރަތަމަ ވެސް ސުވާލުކޮށްލެވުނެވެ.

"ރަނގަޅު. މި މަހު ކުލި ފޮނުވާނަން މިރޭ..." ބައްޕަ އައީ އެ ބޭނުމުގައި ނޫންކަން އެނގުނު ނަމަވެސް، ނަހާ ބުނެލިއެވެ.

"ނަހާ... ކިހިނެއްވެފަ ތި ހުރީ؟ ބައްޕަ މިއައީ ނަހާ އަތުން ކުލި ބޭނުންވެގެންނެއް ނޫނޭ. މިއައީ ނަހާ ދެކިލާހިތުންނޭ... ބައްދަލުކޮށްލަންވެގެން ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއްވެއްޖެ!. ގުޅީމަ ވެސް ދުވަހަކު ވެސް ގެއަކަށް ނާދޭ، އެއީ ކީއްވެތަ؟" ކަމްރާންއަށް ޝަކުވާކޮށްލެވުނެވެ. ނަހާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ކަމްރާން ވެސް ހަމަޖެހިލަމުން މައުޟޫއު އަނބުރައިލިއެވެ.

"ކުރިން ވެސް ކެފޭއަށް އައިން. އެކަމަކު ދަރިފުޅަކާ ދިމައެއް ނުވި.،" ކަމްރާން ބުނެލިއެވެ. "ވަރަށްވަރަށް ރީތި މިތަން."

ނަހާއާ ވާހަކަ ދައްކަން ކަމްރާން ބޭނުންވެފައި އިންވަރު އޭނާގެ އަޑުން ދޭހަވަމުން ދިޔައެވެ. ނަހާގެ ފުށުން ފެންނަ ރުޅިވެރިކަމާއި ނަފްރަތަށް ކެތްކުރަމުން ދިޔަ މިންވަރު ވެސް މެއެވެ.

"މީހުންނަށް މީ ބައްޕަގެ ދަރިއެއްކަން އެނގިދާނެތީ ޖެހިލުމެއްނުވޭތަ؟ އަމިއްލަ ދަރިފުޅު މި ކަހަލަ ކުޑަ ކެފޭއެއް ހުޅުވައިގެން އުޅޭކަން އެނގިދާނެތީ ޖެހިލުމެއް ނުވޭތަ؟" ނަހާއަށް އަހައިލެވުނެވެ.

"ނަހާ... ދަރިފުޅާ... ކީއްވެ ތިގޮތަށް ތި ވިސްނަނީ؟،" ކަމްރާންއަށް ސުވާލުކޮށްލެވުނެވެ. "އެނގޭ ބައްޕަ ދެކެ އަދި ވެސް ރުޅި އައިސްފަކަން ތިހުރީ. އެކަމަކު...." އެ ހިސާބަށް ބުނެފައި ކަމްރާން މަޑުޖެހިލިއެވެ. ބާކީ ލަފުޒުތައް އަތުރައިލާނެ ގޮތެއް އޭނާއަށް ނޭނގުނީހެން ވެސް ހީވިއެވެ. ނަހާ އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ.

"ހިނގާ ބައްޕައާއެކީ ގެއަށް ދާން..." ކަމްރާން ބުނެލިއެވެ.

"ބޭނުމެއް ނޫން" ވަގުތުން ނަހާ ދެކޮޅު ހެދިއެވެ.

"މިހާރު ތިހެން އުޅޭތާ އަހަރެއް ވަނީ...،" ކަމްރާންއަށް ބުނެވުނެވެ. "ހަމަ ގޮތް ދޫނުކުރާނީތަ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު