އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލްގެ ދެ ބޭފުޅުން ކަމަށްވާ އުމުރުން ހަތް އަހަރުގެ އާޗީއާއި ފަސް އަހަރުގެ ލިލިބެޓް، ދެ ދުވަހު ސްކޫލަށް ގެންދެވުމަށް ފަހުގައި، އެހެން ސްކޫލަކަށް ބަދަލު ކުރައްވައިފިއެވެ.
ލަންޑަންގައި ހުންނަ އެ ދެމަފިރިންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައީ އެ ބޭފުޅުން ސްކޫލަށް ގެންގޮސް ގެނައުމުގައި ސެކިއުރިޓީގެ ގޮތުން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.
ތަރުޖަމާނު ވިދާޅުވިގޮތުގައި، ސްކޫލު ބަދަލުކުރަން ނިންމީ އެ އާއިލާގެ ސެކިއުރިޓީ ޓީމާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ. އެގޮތުން، އެ ބޭފުޅުން ދިރިއުޅުއްވާ ގެއާއި ކުރިން ހަމަޖެއްސި ސްކޫލާ ދެމެދު ހުރި ދުރުމިނާއި، އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ސެކިއުރިޓީ ޓީމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް، ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުން ބޭފުޅުންނަށް ބެހެއްޓި އޯގާތެރިކަމާއި ދިން އަޅާލުމަށްޓަކައި ހެރީއާއި މޭގަން ޝުކުރުވެރިވާ ކަމަށާއި، މިއީ ސްކޫލުގެ ފެންވަރާ ގުޅިގެން ނިންމި ނިންމުމެއް ނޫން ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާޗީއާއި ލިލިބެޓް މިހާރު ވަނީ އެ ސަރަހައްދުގައި ހުރި އެހެން ސްކޫލަކަށް ބަދަލުކުރައްވައިފައެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހަ އަހަރު ދުވަހު ދިރިއުޅުއްވުމަށްފަހު، ހެރީގެ އާއިލާ އަނބުރާ އިނގިރޭސިވިލާތަށް ބަދަލުވެވަޑައިގަތީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅުގައެވެ. އެ މީހުން މިހާރު ދިރިއުޅުއްވަމުންގެންދަވަނީ ޝާހީ އާއިލާގެ ރަސްމީ ގެކޮޅެއްގައެއް ނޫނެވެ. އަދި އެ ދެމަފިރިންނަކީ ޝާހީ އާއިލާގެ ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރާ ބައެއް ނޫންކަން ކަށަވަރުކޮށްދީ، ރަސްގެފާނު ޗާލްސްގެ ހުއްދައާއެކު އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުންނަށް މިދިޔަ ހަފުތާގައި ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ލޯޑް ޗެމްބަލެއިން ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ ހެރީއާއި މޭގަންއަކީ މިހާރު އާންމު ރައްޔިތުންނާ އެއްފަދަ ބައެއް ކަމަށާއި، ޝާހީ ލަގަބުތައް އެ މީހުންނަށް ބޭނުން ނުކުރައްވާނެ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވިގޮތުގައި، މި ސިޓީ ފޮނުވިކަން އެނގުމުން އެ ދެމަފިރިންނަށް ވަނީ ހައިރާންކަން ލިބިވަޑައިގެންފައެވެ.
ޝާހީ އާއިލާގެ މަސްއޫލިއްޔަތުތަކުން 2020 ވަނަ އަހަރު ދުރަށް ވަޑައިގަތުމާ ގުޅިގެން، އިނގިރޭސި ފުލުހުންގެ ފަރާތުން ހެރީގެ އާއިލާއަށް އޮޓަމެޓިކުން ލިބެމުންދިޔަ ސެކިއުރިޓީ ވަނީ ކަނޑާލާފައެވެ. މިއާއެކު، ސެކިއުރިޓީގެ މައްސަލައިގައި ހެރީ ވަނީ އިނގިރޭސި ސަރުކާރާ ދެކޮޅަށް ގާނޫނީ މަސައްކަތްތަކެއްވެސް ކުރައްވައިފައެވެ. މިހާރު އެ އާއިލާ އަނބުރާ އިނގިރޭސިވިލާތަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، ޝާހީ ބޭފުޅުންނާއި އިސް ފަރާތްތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ ސަރުކާރުގެ ކޮމިޓީ (ރަވެކް) އިން ދަނީ ހެރީއާއި މޭގަންގެ ސެކިއުރިޓީއާ ގުޅޭ އާ ރިވިއުއެއް ހަދަމުންނެވެ. މިއީ 2020 ވަނަ އަހަރަށްފަހު މޭގަންގެ ސެކިއުރިޓީއާ ގުޅޭގޮތުން ސަރުކާރުން ރިވިއުއެއް ހަދާ ފުރަތަމަ ފަހަރެވެ. މި ރިވިއު ހެދުމަށްޓަކައި، ބޭފުޅުން ސްކޫލަށް ގެންދާ މަގުތަކާއި އާއިލާގެ ދުވަހުގެ ތާވަލުތައް ހިއްސާކުރުމަށް ކޮމިޓީން ވަނީ އެ ދެމަފިރިންނަށް އަންގާފައެވެ.