ފިޒިއޯ ސޮލިއުޝަންސްއިން އިންތިޒާމުކޮށްގެން ބޭއްވި މި އަހަރުގެ ޕީއެސް ރިލޭގެ އެއްވަނަ 'ސާއިދު ސްޕޯޓްސް ސޮރު'އިން ހޯދައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ދުވުން ކުރިއަށް ގެންދިޔައީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެންނެވެ.
ޖުމުލަ 100 ދުވުންތެރިން ވާދަކުރި މި ރިލޭގެ އެއްވަނަ ޓީމަކަށް ހޮވުނު "ސާއިދު ސްޕޯޓްސް ސޮރު"އަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ޗެމްޕިއަން ޓްރޮފީއާއި މެޑަލް ދީފައެވެ.
މި ދުވުމުގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާގެ މަގާމު ސަންތޯޝް ބިކްރަމް ބިސްޓް ހޯދިއިރު، އެންމެ ބާރު އަންހެން ދުވުންތެރިޔަކަށް ހޮވިފައިވަނީ ފަސޫހާ އަހުމަދެވެ. އެންމެ ބާރު ފިރިހެން އަދި އަންހެން ދުވުންތެރިޔާއަށް ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، މި އިވެންޓުގައި ބައިވެރިވި އެންމެ ހަގު ދުވުންތެރިޔާ ކަމަށްވާ އުމުރުން ހަ އަހަރުގެ އަޒްކާ އިސްމާއީލް އަހުމަދަށާއި އެންމެ ދޮށީ ދުވުންތެރިޔާ މޫމިނާ މުޙައްމަދުގެ ބައިވެރިވުން ފާހަގަކޮށް އެ ދެ މީހުންނަށް ޚާއްސަ ޓްރޮފީއެއް ވަނީ ހަވާލުކޮށްފައެވެ.
މި އިވެންޓު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ އަދި ތިން ފަހަރުގެ އޮލިމްޕިއަން އަހުމަދު ޝަގީފެވެ.
ޕީއެސް ރިލޭގެ ފުރަތަމަ އެޑިޝަން 2024 ވަނަ އަހަރު ނ. ހޮޅުދޫގައި ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މި އަހަރުގެ އިވެންޓަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި މުބާރާތާ ގުޅޭގޮތުން ފިޒިއޯ ސޮލޫޝަންސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ބާޤިރު ވިދާޅުވީ، ޕީއެސް ރިލޭގެ ތިންވަނަ އެޑިޝަން މިއަށްވުރެ މާ ބޮޑުކޮށް އަދި ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.