ފިޔަވަނަ ޗެރިޓީއަށް ޓިކެޓު ބުކްކުރުމުގެ ފުރުސަތު ކާލާމަންނައިން ހުޅުވާލައިފި

ފިޔަވަނަ ޗެރިޓީ 2026 ގެ ފެމިލީ ފެސްޓަަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ކާލާ މަންނަ އެކަޑަމީއިން ހުޅުވާލައިފި -- ސަން ފޮޓޯ: މުޙައްމަދު ޝާން

'ފިޔަވަނަ ޗެރިޓީ 2026' ގެ ފެމިލީ ފެސްޓަަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ކާލާ މަންނަ އެކަޑަމީން މިއަދު ހުޅުވާލައިފިއެވެ.

އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ އެ ޗެރިޓީ ހަރަކާތް އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ ނުވައެއްވާ ހުކުރު ދުވަހު މާލެ ސިޓީ ހޯލުގައެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކުރިއަށްދާ އެ ފެމިލީ ފެސްޓަކީ، މުނިފޫހިފިލުވުމާއި ތަފާތު ހުށަހެޅުންތަކުގެ އިތުރުން، އެކި ކަހަލަ ހަރަކާތްތައް ހިމެނޭހެން ކުޑަކުދިންނާއި އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށް ކާލާމަންނަ އެެކަޑަމީއިން ވަނީ މައުލޫމާތު ދީފައެވެ.

މި ހަރަކާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، "ފެމިލީ ޕެކޭޖް" އެއްގެ އަގަކީ 200 ރުފިޔާއެވެ. އެ ޕެކޭޖުގައި ކުޑަކުއްޖަކަށާއި އެކުއްޖާގެ ބެލެނިވެރިޔަކަށް ވަދެވޭނެއެވެ. މީގެ އިތުރުން، އިތުރަށް ބައިވެރިވާ ކޮންމެ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް "ޕްލަސް ވަން ގެސްޓް ޕާސް" މެދުވެރިކޮށް 100 ރުފިޔާގެ ރޭޓުން ޓިކެޓް ނެގޭނެއެވެ.

ކާލާ މަންނަ އެކަޑަމީއިން ވަނީ ޓިކެޓުގެ އަގުތައް މިގޮތަށް ކަނޑައަޅާފައި ވަނީ ވީހާވެސް ގިނަ އާއިލާތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމާއެކު، ޗެރިޓީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައި ކަމަށް ބުނެފައެވެ.

ޓިކެޓް ރިޒަވޭޝަން މިހާރު ހުޅުވާލާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ކާލާ މަންނަ އެކަޑަމީގެ ވަޓްސްއެޕް ނަންބަރު 9891419 އަށް ގުޅުއްވުމަށް އެ އެކަޑީމީއިން އެދިފައެވެ.

އެ އެކަޑަމީއިން ވަނީ މި ފެސްޓިވަލްގައި ގަލޮޅު މަދަރުސާއާއި މާފަންނު މަދަރުސާ އަދި އިތުރު ސުކޫލުތަކުން ބައިވެރިވުމަށް ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ގަލޮޅު މަދަރުސާގެ ފަރާތުން ހުށަހަޅައިދޭ ދެ އައިޓަމެއްގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މެޖިކް ޝޯއާއި ބޮޑުބެރު އަދި ކުޑަކުދިންގެ އެކި ކުޅިވަރުތައް ކުރިއަށްދާއިރު، "ޝާކްސް މާޝަލް އާޓްސް މޯލްޑިވްސް" ގެ ފަރާތުން ވެސް ޚާއްސަ ހުށަހެޅުންތަކެއް ފެންނާނެ ކަމަށް ކާލާމަންނަ އެކަޑަމީއިން ވަނީ ބުނެފައެވެ.

https://sun.mv/226766

ފިޔަވަނަ ޗެރިޓީގެ "ފަން ޒޯން ޕާޓްނަރު" ގެ ގޮތުގައި އެޑްވެންޗާ އަޕް ބައިވެރިވާއިރު، މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. އަދި ޓެކްނިކަލް ޕްރޮޑަކްޝަން ޕާޓްނަރަކީ އިފެކްޓްސް އެންޓަޓެއިންމަންޓެވެ.

ކާލާމަންނަ އެކަޑަމީއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ފައިސާ ހޯދުން ކަމަށެވެ. އަދި މިހާރު، ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާއަކާ ގުޅިގެން މިކަމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އެ އެކަޑަމީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެހީ ފޯރުކޮށްދޭނެ ރަސްމީ ޖަމިއްޔާ، އިންތިޒާމުތައް ނިމުމުން އިއުލާންކުރާނެ ކަމަށް އެ އެކަޑީމީއިން ވަނީ ބުނެފައެެވެ.

comment ކޮމެންޓް