ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ޖީއެމްއާރުގެ ޗެއާމަން، ޖީއެމް ރާއޯ އެމަނިކުފާނާއި ބައްދަލު ކުރައްވާ ޖީއެމްއާރުގެ މައްސަލަ ވީހާވެސް ސުލްހަވެރި ގޮތެއްގައި ނިންމަން ބޭނުންވާ ކަމަށް ދެންނެވި ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމަނިކުފާނު ހުންނެވި ހޮސްޕިޓަލަށް ރާއޯ ޒިޔާރަތް ކުރައްވައި ޖީއެމްއާރު މައްސަލަ ހައްލު ކުރުމުގައި އޭނާގެ ވިސްނުން ގެންގުޅުއްވާގޮތް ހިއްސާކުރެއްވި ކަމަށެވެ. ޖީއެމްއާރާއި ރާއްޖެއާ ދެމެދު އެއްވެސް މައްސަލައެއް ޖެހެން ބޭނުން ނުވާ ކަމަށް ރާއޯ ވިދާޅުވި ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބި ހޮސްޕިޓަލަށް މިސްޓަ ރާއޯ ޒިޔާރަތް ކުރެއްވި، އެއީ ކުރިން ރޭވިގެން ބައްދަލު ކުރި ބައްދަލު ކުރުމެއް ނޫން، ދެން އެންމެ ފުރަތަމަ ވެސް ދެއްކެވީ އެބޭފުޅުންގެ ކުންފުނީގެ ވާހަކަ، ވިދާޅުވީ ޖީއެމްއާރަކީ އިންޑިއާގެ ވަރަށްބޮޑު ކުންފުންޏެއް ކަމާއި، ވިޔަފާރީގެ ވަރަށް ގިނަ ދާއިރާތަކުގައި ޖީއެމްއާރު ހަރަކާތް ތެރިވަމުން ދާ ކަމާއި، އެމީހުންނަށް ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަ. ދެން ވިދާޅުވީ މިހާރު ރާއްޖޭގެ ވައިގެ ބަނދަރު ހިންގަނީ އެމީހުންނޭ، އެހެންވީމާ ބޭނުން ވަނީ އެ މައްސަލަ ވީހާ ވެސް ސުލްހަވެރި ކޮށް ނިންމާށޭ. ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންނާއި އިންޑިއާޔާ އެއްވެސް މައްސައެއް ނެތޭ، އިންޑިއާ އިން ރާއްޖެ އަށް ވަމުންދާ އެހީތަކަށް ރާއްޖެ އަބަދުވެސް ޝުކުރުވެރި ވަމޭ. އެއްވެސް ދިވެއްސަކު އިންޑިއާ އަށް ދެރަ އަކަށް ނޭދޭނޭ،" މައުމޫނު ވިދާޅު ވިއެވެ.
އެ ބައްދަލުވުމުގައި ޖީއެމްއާރުގެ އެގްރިމަންޓްގައި ކަންބޮޑުވާފަދަ މައްސަލަތަކެއް ހުރިކަމަށް ރާއޯ އަރިހުރި ދެންނެވި ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެގްރިމަންޓް ކުރެވިފައިވަނީ ދެ ފުށް ފެންނަ ގޮތަކަށް ނޫންކަމަށް ރާއޯއަށް ދަންނަވާފައި ވާނެ ކަމަށެވެ.
އަދި ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާ ބައްދަލު ކުރައްވާ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ވެދެއްވަމުން ގެންދަވާ އެހީތަކަށް ރައްޔިތުންގެ ނަމުގައި ޝުކުރު ދެއްނެވި ކަމަށެވެ.
"އަޅުގަނޑަށް އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު، ބޮޑުވަޒީގެ އަރިހުގައި އަޅުގަނޑު ދެއްނެވިން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު ދަންނަވާ ވާހަކަ އާއި، ކުރިއަށް އޮތް ތާނަގައި ވެސް އެ ގާތްކަން ބަހައްޓަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް. އިންޑިއާގެ ބޮޑުވަޒީރު ވެސް ރާއްޖެ އަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވި. އެމަނިކުފާނު ވެސް ރާއްޖެ އަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވި. ވިދާޅުވި އިންޑީއާ އަކީ ރާއްޖެ އަށް ވަރަށް ހެޔޮއެދޭ ޤައުމެކޭ. އަދި ދިވެހި ރާއްޖެ އަށް އެންމެހާ ރަނގަޅު ގޮތްތަށް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނަމޭ." ރައީސް މައުމޫނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާނަންތޯ ސަން އޮންލައިންއިން ސުވާލުކުރުމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ އޮތީ އަންނަ އަހަރު ކަމަށްވުމުން އަދި އެކަމާ މެދު ވިސްނާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވާނީ ޕްރައިމަރީއަކުން ކަމަށެވެ.