އެޕަލް އިން އަލަށް ނެރުނު އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގެ ޓެކްނިކަލް މައުލޫމާތުތަކަށް ގެނައި ބަދަލަކާއެކު، އެމެރިކާގައި ވިއްކާ އައިފޯން 18 ޕްރޯ މެކްސްގައި ބޭނުންކޮށްފައިވާ މޮޑެމް އެހެން ގައުމުތަކާ ތަފާތުކަން ހާމަވެއްޖެއެވެ.
މިކަން ފާހަގަކޮށްފައި ވަނީ ފްރާންސްގެ ޓެކްނޮލޮޖީ ވެބްސައިޓެއް ކަމަށްވާ "ނިއުމެރާމާ" ގެ ލިޔުންތެރިއެއް ކަމަށްވާ ނިކޮލަސް ލެލޫޝްއެވެ.
އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ދުނިޔޭގައި ވިއްކާ އައިފޯން 18 ޕްރޯގައި ބޭނުންކޮށްފައި ވަނީ އެ ކުންފުނީގެ އާ 'ސީ2' ސެލިއުލާ މޮޑެމްއެވެ. ނަމަވެސް އައިފޯން 18 ޕްރޯ މެކްސްގައި މި މޮޑެމް ބޭނުންކޮށްފައި ވަނީ އެމެރިކާ ފިޔަވައި އެހެން ހުރިހާ ގައުމެއްގައެވެ. އައިއޯއެސް 27 ގެ ކޯޑުތަކުން ދައްކާގޮތުގައި އެމެރިކާގައި ވިއްކާ އައިފޯން 18 ޕްރޯ މެކްސްގައި ސީ2 ޗިޕްގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ކުއަލްކޮމް މޮޑެމްއެއް ކަމަށް ވަނީ ހާމަވެފައެވެ.
މިގޮތަށް މިކަން ކޮށްފައިވާ ސަބަބެއް އެޕަލް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2026 ވަނަ އަހަރާ ހަމައަށް އެޕަލްގެ ސްމާޓްފޯންތަކަށް މޮޑެމް ފޯރުކޮށްދިނުމަށް 2023 ވަނަ އަހަރު ކުއަލްކޮމް އިން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމުގެ ގޮތުން، މަދުވެގެން އެމެރިކާގެ މާކެޓަށް ނެރޭ އައިފޯން 18 ޕްރޯ މެކްސްގައި ކުއަލްކޮމް މޮޑެމް ބޭނުންކުރީ ކަމަށް ލަފާކުރެވެއެވެ.
އެޕަލްއިން އަމިއްލައަށް މޮޑެމް އުފައްދަންވަނީ ފަށާފައި --އެޕަލްގެ ކުރީގެ ސީ1 އަދި ސީ1އެކްސް މޮޑެމްތަކާ ޚިލާފަށް، އާ ސީ2 މޮޑެމް އިން އެމެރިކާގެ އަލްޓްރާ-ފާސްޓް މިލިމީޓާ ވޭވް 5ޖީ ސަޕޯޓުކުރެއެވެ. އައިފޯން 12 އިން ފެށިގެން ބޭނުންކުރަމުން އައި ކުއަލްކޮމް މޮޑެމްތަކުގައި މި ޓެކްނޮލޮޖީ ކުރިން ވެސް ހިމެނެއެވެ. އެޕަލް އިން ބުނާ ގޮތުގައި ސީ1އެކްސް މޮޑެމްއާ އަޅާބަލާއިރު ސީ2 މޮޑެމްގެ އަޕްލޯޑް ސްޕީޑް މާބޮޑަށް ވެސް އަވަސްވެފައި، އޭގެ ބެޓެރީ ބޭނުންކުރާ މިންވަރު 15 އިންސައްތަ ދަށްވާނެއެވެ.
އެޕަލްގެ ފުރަތަމަ އަމިއްލަ މޮޑެމް ކަމަށްވާ 'ސީ1' ތައާރަފުކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އައިފޯން 16އީ ގައެވެ. އަދި ދެވަނަ ޖީލުގެ 'ސީ1އެކްސް' މޮޑެމް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު އައިފޯން އެއާ ގައި ބޭނުންކޮށްފައިވާއިރު، ތިންވަނަ ޖީލުގެ 'ސީ2' މޮޑެމް މިވަނީ އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ހިމަނާފައެވެ.
އެމެރިކާގައި ވިއްކާ އައިފޯން 18 ޕްރޯ މެކްސްގައި ބޭނުންކޮށްފައިވަނީ ކުއަލްކޮމްގެ ކޮން މޮޑެމްއެއްކަން ޔަގީންނުވި ނަމަވެސް، އެއީ ސްނެޕްޑްރެގަން އެކްސް85 ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި ދެ މޮޑެމްގެ ސްޕީޑް ޓެސްޓުކުރުމުން މީގެ ތެރެއިން ރަނގަޅީ ކޮން މޮޑެމްއެއްކަން އެނގިގެންދާނެއެވެ.
މީގެ އިތުރުން، އެޕަލް އިން އަލަށް ނެރުނު ފޯލްޑަބަލް 'އައިފޯން ޑުއޯ' ގައި މުޅި ދުނިޔޭގައިވެސް ބޭނުންކުރާނީ ސީ2 މޮޑެމްކަން ވަނީ ހާމަކޮށްފައެވެ.