އާ އައިފޯނުތަކާއެކު ކުރީގެ މޮޑެލްތަކުގެ އަގު އެޕަލްއިން ބޮޑުކޮށްފި

މިފަހަރުގެ ފޯނުތަކުގެ އަގުބޮޑުވާނެކަން ކުރީގެ ސީއީއޯ ޓިމް ކުކް ވަނީ މީގެ ކުރިން ބުނެފައި ---

އެޕަލް ކުންފުނިން އާންމުކޮށް އަމަލުކުރާ ގޮތާ ހިލާފަށް، އާ އައިފޯނުތައް ބާޒާރަށް ނެރުމަށްފަހު، ކުރީގެ އައިފޯނު މޮޑެލްތަކުގެ އަގުތައް ވިއެޓްނާމާއި އެހެނިހެން މާކެޓުތަކުގައި ބޮޑުކޮށްފިއެވެ.

އާންމުކޮށް އާ ފޯނުތައް ނެރުމާއެކު ކުރީގެ މޮޑެލްތަކުގެ އަގު ހެޔޮވި ނަމަވެސް، މިފަހަރު ވަނީ އެކަން ބަދަލުވެފައެވެ.

ވިއެޓްނާމްގައި 128 ޖީބީގެ އައިފޯނު 16ގެ އަގު މިހާރު ވަނީ 965 އެމެރިކާ ޑޮލަރަށް (24.99 މިލިއަން ޑޮންގް) އުފުލިފައެވެ. މިއީ 2 މިލިއަން ޑޮންގްގެ ކުރިއެރުމެކެވެ. މީގެ އިތުރުން 256 ޖީބީގެ އައިފޯނު 17 އާއި، އައިފޯނު 17 އީ ގެ އިތުރުން 256 ޖީބީގެ އައިފޯނު އެއާގެ އަގު ވަނީ 4 މިލިއަން ޑޮންގް އިން ބޮޑުކޮށްފައެވެ. އަދި ސްޓޯރޭޖް ބޮޑު މޮޑެލްތަކުގެ އަގު މިއަށްވުރެ ބޮޑަށް ވަނީ އުފުލިފައެވެ.

މި ބަދަލުތައް ގެނެސްފައިވަނީ އެމެރިކާގައި ބުރާސްފަތި ދުވަހު އެޕަލްއިން އާ ތިން އައިފޯނެއް ދައްކާލުމާ ގުޅިގެންނެވެ. އާ އައިފޯނު 18 ޕްރޯ އަދި 18 ޕްރޯ މެކްސްގެ އަގު ފެށެނީ ފާއިތުވި އަހަރު ނެރުނު 17 ޕްރޯ މޮޑެލްތަކަށްވުރެ 100 ޑޮލަރު ބޮޑުކޮށެވެ. އަދި އަލަށް ނެރުނު ފަތްޖެހޭ ފޯނު، އައިފޯނު ޑުއޯގެ އަގު ފެށެނީ 1999 ޑޮލަރުންނެވެ.

އެޕަލްގެ ގިނަ އޮތޮރައިޒްޑް ރީސެލާ ތަކުން އަގުތައް ބޮޑުކުރި ނަމަވެސް ބައެއް ފިހާރަތަކުން އަދިވެސް ހެޔޮ އަގުގައި ކުރީގެ ފޯނުތައް ވިއްކަމުންދޭ ----

މާކެޓް ރިސާޗް ކުންފުނި ޓްރެންޑްފޯސް އިން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އާންމު އައިފޯނު 18 ނެރޭނެއެވެ. އޭގެ އަގު އައިފޯނު 17 އަށްވުރެ 10 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މިކަމާ ގުޅިގެން އެޕަލްގެ ރަސްމީ ލިސްޓުން އައިފޯނު 17 ޕްރޯ އަދި 17 ޕްރޯ މެކްސް މިހާރު ވަނީ އުނިކޮށްފައެވެ. ވިއެޓްނާމްގައި ހުރި އެޕަލްގެ ގިނަ އޮތޮރައިޒްޑް ރީސެލާ ތަކުން އަގުތައް ބޮޑުކުރި ނަމަވެސް ބައެއް ފިހާރަތަކުން އަދިވެސް ހެޔޮ އަގުގައި ކުރީގެ ފޯނުތައް ވިއްކަމުންދެއެވެ.

މި ބަދަލާއެކު އެހެން ގައުމުތަކުގައިވެސް ފޯނުތަކުގެ އަގު ވަނީ ބޮޑުވެފައެވެ. އެގޮތުން އެމެރިކާގައި ގިނަ މޮޑެލްތަކަކުން 100 ޑޮލަރު ބޮޑުވެފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާއިރު، އިންޑިއާގައި ފޯނުތަކުގެ އަގު 20.5 އިންސައްތަ އުފުލިފައިވާކަމަށް ޓެކްކްރަންޗް އިން ވަނީ ހާމަކޮށްފައެވެ.

ފޯނުތަކުގެ އަގު އުފުލިފައި މިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ޑީރޭމް އަދި ނޭންޑް މެމަރީ ޗިޕްތައް ފަދަ ބައިތަކުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެންކަމަށް ޓެކް ސައިޓް 9ޓު5މެކް އިން ބުނެފައިވެއެވެ.

ޓްރެންޑްފޯސް އިން ހާމަކުރާ ގޮތުގައި އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތުގެ ސަބަބުން ފާއިތުވި އަހަރާ އަޅާބަލާއިރު 256 ޖީބީގެ މެމަރީ ޗިޕްގެ އަގު ވަނީ ގާތްގަނޑަކަށް 400 އިންސައްތަ ބޮޑުވެފައެވެ.

މިދިޔަ ޖޫން މަހު އެޕަލްގެ އޭރުގެ ސީއީއޯ ޓިމް ކުކް ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މެމަރީ އަދި ސްޓޯރޭޖްގެ އަގުތައް އުފުލެމުންދާތީ އުފެއްދުންތަކުގެ އަގު ބޮޑުކުރުމަކީ މަޖުބޫރުކަމެއް ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން މެކް އަދި އައިޕެޑްގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ.

އޭގެ ފަހުން ޖުލައި މަހު ފަހުކޮޅުވެސް ޓިމް ކުކް ވަނީ މެމަރީގެ އަގުތައް އިންތިހާއަށް ބޮޑުވުމަކީ "100 އަހަރުގެ ތެރޭގައި އައި ފެންބޮޑުވުމެއް" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އަގުތައް ބޮޑުކުރަން ޖެހުނީ ނުރުހުމުގައި ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް