އަތުން ފޯނު ދޫވެގެން ވެއްޓުމަކީ އާންމުކޮށް ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް، ގާތްގާތުގައި ފޯނު ނުވަތަ އެހެނިހެން ތަކެތި އަތުން ދޫވާނަމަ އަދި ގަމީހުގެ ގޮށް އެޅުވުން ލަސްވެ ގަލަމުން ލިޔަން އުނދަގޫވުން ފަދަ ކަންކަން ފާހަގަކުރެވޭނަމަ މިއީ ހަމައެކަނި އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.
ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ އަތްތިލައަށް ދިމާވާ މައްސަލައަކަށްވުރެ ބޮޑަށް ނާރުތަކަށް ނުވަތަ ކަށިގަނޑަށް (ސްޕައިނަލް ކޯޑަށް) ދިމާވާ ސީރިއަސް މައްސަލައެއްގެ ނިޝާނަކަށް ވެދާނެއެވެ.
އިންޑިއާގެ އާރްޓެމިސް ހޮސްޕިޓަލްގެ އޯތޯ ސްޕައިން ސާޖަރީގެ ހެޑް، ޑރ. ހިތޭޝް ގަރްގް ބަޔާންކުރެއްވި ގޮތުގައި، ނާރުތަކަށް ބާރުބޮޑުވެގެން ދިމާވާ "ސާވިކަލް މައިލޯޕަތީ"އަކީ ސިކުނޑިއާއި، އަތްފައިގެ ނާރުތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކަށް ހުރަސްއަޅާ ކަމެކެވެ. މިކަމުގެ ސަބަބުން އަތުގެ ހަރަކާތްތަކުގެ ކޮންޓްރޯލް ގެއްލި، ހަރަކާތްތައް މަޑުޖެހޭގޮތްވެއެވެ.
އަތުގެ ހަރަކާތްތަކުގެ ކޮންޓްރޯލް ގެއްލި، ހަރަކާތްތައް މަޑުޖެހޭގޮތްވުމަކީ ފަރުވާކުޑަނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިއްމު ސިއްހީ މައްސަލައެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް'ސާވިކަލް މައިލޯޕަތީ'އަށް ހުށަހެޅިފައިވާ މީހެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކުގެތެރޭ، އަތުގެ ހަރަކާތްތައް ކޮންޓްރޯލް ނުވުން، އަތާއި އިނގިލިތައް އައްސިވުން، ހިނގުމަށް ބަދަލުއައުން އަދި ކަނދުރާގައި މާބޮޑަށް ރިއްސުން ހިމެނެއެވެ. ޑރ. ހިތޭޝް އިތުރަށް ވިދާޅުވީ، މިއީ އުމުރުން ދުވަސްވުމުން ނުވަތަ އާތުރައިޓިސް ފަދަ ބަލިތަކުގެ ސަބަބުން ކަނދުރާގެ ކަށިގަނޑަށް އަންނަ ބަދަލުތަކުން ދިމާވާ ކަމެއް ކަމަށެވެ. އަދި މިފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް އެމްއާރްއައި ސްކޭންއެއް ހަދައި، ނާރުތަކަށް ބާރުބޮޑުވަނީ ކިހާވަރަކަށްކަން ބަލަންޖެހެއެވެ.
ފަރުވާ ނުދީ ގިނަދުވަސްވެއްޖެނަމަ، ނާރުތަކަށް ލިބޭ ގެއްލުމަކީ އަނބުރާ ރަނގަޅު ނުކުރެވޭނެ ގެއްލުމަކަށް ވެގެންދާނެއެވެ. އެހެންކަމުން، އަތުން ތަކެތި ވެއްޓުމާއި، ހިނގުމުގައި އުނދަގޫތަކެއް އުޅޭނަމަ މިއީ ހަމައެކަނި އުމުރުން ދުވަސްވުމުގެ ސަބަބުން ވާކަމެއް ކަމަށް ނުބަލައި، ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިއްމެވެ.