އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ބަތަލާ ލޭޑީ ގާގާއަށް ކުއްޖަކު ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 40 އަހަރުގެ ގާގާ ވިހާފައިވަނީ އެމެރިކާގެ އުތުރު ކެރޮލައިނާގައެވެ. 'ޕޭޖް ސިކްސް'އިން ބުނެފައިވާ ގޮތުގައި ގާގާ އާއި އޭނާގެ ބައިވެރިޔާ މައިކަލް ޕޮލާންސްކީ، އެ މީހުންގެ އަލަތު ދަރިފުޅާއެކު އާންމުންގެ ތެރެއިން ވެސް މިހާރު ވަނީ ފެނިފައެވެ.
ނަމަވެސް، އެ ދެމަފިރިންނަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއްކަން އަދި ސާފުވެފައެއް ނުވެއެވެ. އަދި ދަރިފުޅު ލިބުމާ ގުޅޭގޮތުން ގާގާގެ އިތުރުން އޭނާގެ އޮފިޝަލް މީޑިއާ ޓީމުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް މަޔަކަށްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ލޭޑީ ގާގާ އާއި ވިޔަފާރިވެރިއެއް ކަމަށްވާ މައިކަލް ޕޮލާންސްކީ، 42، ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، އެ ދެ މީހުން އެންގޭޖްވެފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ގާގާއަކީ މިއުޒިކީ ދާއިރާގެ އިތުރުން ފިލްމީ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ފަންނާނެކެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އަ ސްޓާ އިޒް ބޯން"، "ހައުސް އޮފް ގޫޗީ" އަދި "ޖޯކާ 2" ހިމެނެއެވެ. ގާގާ އަކީ މިއުޒިކާއި ފެޝަންގެ ދާއިރާއިން އޭނާ ދައްކުވައިދީފައިވާ ތަފާތު އަދި އީޖާދީ ހުނަރާއެކު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފަންނާނެވެ.