ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ޗައިނާއާ ދެކޮޅަަށް އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިއްޖެއެވެ.
ރާއްޖޭން ކުރިއަށް އޮތް ފީފާ ވިންޑޯގައި ޗައިނާއާ ދެކޮޅަށް ކުޅެން ހަމަޖެހުމާއެކު، އެ ވިންޑޯގައި ރާއްޖޭން ޖުމްލަ ތިން މެޗު ކުޅެން ހަމަޖެހުނީއެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާއާ ރާއްޖެ ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ޗައިނާގައެވެ.
ޗައިނާގައި ރާއްޖޭން، ފީފާ ވިންޑޯގައި ކުޅޭ ފުރަތަމަ މެޗަށް ފަހު ދެން ކުޅޭނީ ކިރިގިސްތާނާއި ލެބަނަންއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ނިންމާފައިވަނީ ކިރްގިސްތާންގެ ބިޝްކެކްގައެވެ.
ކިރިގިސްތާނާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ކިރިގިސްތާނާކީ ފީފާ ރޭންކިންގެ 106 ވަނައިގައި އަދި އޭޝިއާގެ 19 ވަނައިގައި އޮތް ޓީމެވެ.
ފީފާ ވިންޑޯގައި މި ފަހަރު ރާއްޖޭން ކުޅޭ ފަހު މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހު ބައްދަލުކުރާނީ ފީފާ ރޭންކިންގެ 107 ވަނައިގައި އަދި އޭޝިއާގެ 20 ވަނައިގައި އޮތް ލުބުނާނާއެވެ.
މި މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިސްތަވާން އުރްބާނީގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ކުޅޭ މުހިންމު ތިން މެޗަށް ވެގެންދާނެއެވެ.