ސާވާގެ ވިޔަފާރިއާއެކު ޑެލްގެ ސީއީއޯ މައިކަލް ޑެލް ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ބިލިއަނަރަށް

ޑެލް ޓެކްނޮލޮޖީސްގެ ބާނީ އަދި ސީއީއޯ މައިކަލް ޑެލް ---- ފޮޓޯ: ޑެލް ޓެކްނޮލޮޖީސް

ސާވާ އުފެއްދުމުގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނި ކަމަށްވާ ޑެލް ޓެކްނޮލޮޖީސްގެ ބާނީ އަދި ސީއީއޯ މައިކަލް ޑެލްގެ މުއްސަނދިކަން މިއަހަރުގެ ތެރޭގައި ދެގުނައަށްވުރެ އިތުރުވެ، ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ބިލިއަނަރުގެ މަޤާމަށް އޭނާ ފުރަތަމަ ފަހަރަށް އަރައިފިއެވެ.

ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ފެށުނުއިރު 141 ބިލިއަން ޑޮލަރުގައި ހުރި އޭނާގެ މިލްކިއްޔާތު ވަނީ މިދިޔަ ބުދަ ދުވަހާ ހަމައަށް އައިއިރު 273.2 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 132 ބިލިއަން ޑޮލަރުގެ ބޮޑު ކުރިއެރުމެކެވެ.

މި ކުރިއެރުމާއެކު، އުމުރުން 61 އަހަރުގެ މައިކަލް ޑެލް ވަނީ ގޫގުލްގެ ކޯ-ފައުންޑަރު ލެރީ ޕޭޖް ފަހަތަށް ޖައްސާލާފައެވެ. މިހާރު އޭނާގެ ކުރީގައި އުޅެނީ ޓެސްލާގެ ސީއީއޯ އިލޮން މަސްކް އެކަންޏެވެ. މީގެ އެއް ދުވަސް ކުރިން، އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ފަހަތަށް ޖައްސާލުމަށްފަހު ޑެލް ވަނީ ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމަށްވެސް އަރާފައެވެ.

ޑެލް މި ލިސްޓުގެ ކުރިއަށް ޖެހިލާފައިވަނީ ޑެލް ޓެކްނޮލޮޖީސްގެ ހިއްސާގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. ބުދަ ދުވަހު ޑެލް ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތަރު އިންސައްތަ އުފުލި، ހިއްސާއެއްގެ އަގު ރެކޯޑު މިންވަރަކަށް، 555.31 ޑޮލަރަށް އަރާފައެވެ. މިއާއެކު އެ ދުވަހުގެ ހެނދުނު އެކަނިވެސް ޑެލްގެ މިލްކިއްޔާތަށް ވަނީ 6.3 ބިލިއަން ޑޮލަރު އިތުރުވެފައެވެ. ޑެލް ޓެކްނޮލޮޖީސްގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާ އޮންނަނީ މައިކަލް ޑެލްގެ އަތުގައެވެ.

ޗިޕް އުފައްދާ ކުންފުނި ބްރޯޑްކޮމްގައިވެސް ޑެލްގެ އެތައް ބިލިއަން ޑޮލަރެއްގެ ހިއްސާ އޮވޭ ---

މިއަހަރު ފެށުނު ފަހުން ޑެލް ޓެކްނޮލޮޖީސްގެ ހިއްސާގެ އަގު ވަނީ 300 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. މީގެ މައިގަނޑު ސަބަބަކީ، ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އިންފްރާސްޓްރަކްޗާ އަށް އައި ބޮޑު ކުރިއެރުމުގެ އެންމެ ބޮޑު ފައިދާއެއް ކުރި އެއް ކުންފުންޏަކީ ޑެލް ކަމަށް ވުމެވެ. ކުރިން ޕާސަނަލް ކޮމްޕިއުޓަރު އުފެއްދުމަށް މަޝްހޫރުވި މި ކުންފުނި މިހާރު ވަނީ އޭއައި ސިސްޓަމްތައް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ސާވަރާއި، ސްޓޯރޭޖް އަދި ނެޓްވޯކިން އިކުއިޕްމަންޓް ފޯރުކޮށްދޭ މައިގަނޑު ކުންފުންޏަށް ވެފައެވެ.

ފޯޗޫން އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އެންމެ ފަހުގެ ކުއާޓަރުގައި އޭއައި ސާވަރުގެ އޯޑަރުތަކުގެ ގޮތުގައި ރެކޯޑު އަދަދަކަށް 60.9 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި އޭއައި ސާވަރުގެ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އެ މުއްދަތު ނިމުނުއިރު ނުނިމި ހުރި އޯޑަރުތަކުގެ އަގު 95 ބިލިއަން ޑޮލަރަށް އަރައެވެ. ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ 47 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 58 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ ތިންގުނަ އިތުރުވެ 7.04 ޑޮލަރަށް އަރާފައެވެ.

މައިކަލް ޑެލްގެ މިލްކިއްޔާތަށް އައި މި ބޮޑު ކުރިއެރުމާއެކު، އޭނާ ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ އެންމެ މަޝްހޫރު އެތައް ބިލިއަނަރުންނެއް ފަހަތަށް ޖައްސާލާފައެވެ. މީގެ ތެރޭގައި ލެރީ ޕޭޖް އާއި ޖެފް ބޭޒޯސްގެ އިތުރުން، ގޫގުލްގެ ކޯ-ފައުންޑާ ސަރުގޭ ބްރިން، މެޓާގެ ސީއީއޯ މާކް ޒަކަބާގް އަދި އޮރެކަލްގެ ބާނީ ލެރީ އެލިސަން ފަދަ ބޭފުޅުން ހިމެނެއެވެ.

މި ކާމިޔާބީއަކީ، 1984 ވަނަ އަހަރު ޔުނިވާސިޓީ އޮފް ޓެކްސަސްގައި ކިޔަވަން ހުރެ އުމުރުން އެންމެ 19 އަހަރުގައި، އެންމެ 1،000 ޑޮލަރުގެ ރައުސްމާލަކާއެކު އޭނާ ފެށި ކުންފުންޏަށް އައިސްފައިވާ ބޮޑު ބަދަލު ރަމްޒުކޮށްދޭ ކަމެކެވެ. ދުނިޔޭގެ އެންމެ ކުރީސަފުގެ ޕީސީ އުފައްދާ ކުންފުންޏަށް ވުމަށްފަހު، 2013 ވަނަ އަހަރު ޑެލް ވަނީ އެ ކުންފުނި ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އޭގެ ތިން އަހަރު ފަހުން، 67 ބިލިއަން ޑޮލަރަށް ޑޭޓާ ސްޓޯރޭޖް ކުންފުނި އީއެމްސީ ގަނެފައިވާއިރު، މިއީ ތާރީޚުގައިވެސް ޓެކްނޮލޮޖީ ކުންފުންޏަކުން ކުރި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތެވެ. މިކަމުގެ ސަބަބުން އެންޓާޕްރައިޒް ސްޓޯރޭޖް އަދި ޑޭޓާ އިންފްރާސްޓްރަކްޗާގެ ދާއިރާގައި ޑެލްގެ ބާރުގަދަވެގެން ދިޔައިރު، އޭއައި އަށް ބިލިއަނުން އިންވެސްޓްކުރަމުންދާ މި ދަނޑިވަޅުގައި މި ވިޔަފާރީގެ މުހިންމުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއަށްފަހު ޑެލް އަލުން ޕަބްލިކް މާކެޓަށް ނުކުމެފައިވަނީ 2018 ވަނަ އަހަރުއެވެ.

މައިކަލް ޑެލްގެ މުއްސަނދިކަން ހަމައެކަނި ޑެލް ކުންފުނީގެ 40 އިންސައްތަ ހިއްސާއަކަށް ބިނާވެފައެއް ނުވެއެވެ. އޭނާގެ މިލްކިއްޔާތުގެ ބޮޑު ބައެއް އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ޑީއެފްއޯ މެނޭޖްމަންޓް މެދުވެރިކޮށް ހިފަހައްޓާފައިވާއިރު، އޭއައި އިންފްރާސްޓްރަކްޗާގެ ކުރިއެރުމުން ފައިދާވަމުން އަންނަ ޗިޕް އުފައްދާ ކުންފުނި ބްރޯޑްކޮމްގައިވެސް އޭނާގެ އެތައް ބިލިއަން ޑޮލަރެއްގެ ހިއްސާ އޮވެއެވެ.

މީގެ އިތުރުން ޑެލް އާއި އޭނާގެ އަނބިމީހާ ސޫޒަން ވަނީ އެތައް ބިލިއަން ޑޮލަރެއް ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައެވެ. ފޯބްސް އިން 2026 ވަނަ އަހަރު އެމެރިކާގެ އެންމެ ދީލަތި މީހުންގެ ލިސްޓުގެ 16 ވަނައިގައި އެ ދެމަފިރިން ހިމަނާފައިވާއިރު، އެމީހުންގެ މުޅި ހަޔާތުގައި 3.3 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް