"މި ދުނޔެއަކީ އަހަރެމެންގެ ހަގީގީ ގެއެއް ނޫނެވެ. މިތަނުގައި ދިރިއުޅުމަކީ ވޭނެއްކަމުގައި ވަނީ އެހެންވެއެވެ. މިތަނުގެ އެއްވެސް އެއްޗެއް ދާއިމަށް ނުހުންނަ ސަބަބަކީވެސް އެއީއެވެ. އަހަރެމެން މިލްކުވެގެން ވަނީ ﷲ ތައާލާއަށެވެ. އަދި އަހަރެމެން އެނބުރި ދާނީވެސް އެ ކަލާނގެ ހަޟުރަތަށެވެ."
***
އުމުރުން ދުވަސްވީ އެ އަންހެންމީހާ ކުޑަަ އުއްބައްތިއެއް ހިފައިގެން ހުރިއިރު އެ އަލީގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު ދެނެގަތުން އުނދަގޫވިއެވެ. ނަމަވެސް އޭނާގެ ލޯ އެ ދޮރަށް ހުއްޓުނު ވަގުތު އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނު ކަފަކޮޅެއްހާ ހުދުވިއެވެ.
"މެޑަމް....." އޭނާ މަޑުމަޑުން ބުންޏެވެ.
"އާނ؟"މިލްހާއަށް ހިންދިރުވައިލެވުނެވެ.
"މިތާ ހުންނާކަށްނުވާނެ..." އޭނަގެ އަޑު މަޑު ނަމަވެސް ކޮންމެވެސް ވަރެއްގެ އަވަސްކަމެއް ވެއެވެ.
"ކީއްވެ؟"
އެ އަންހެންމީހާ އެ ސުވާލަށް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ މިލްހާއާ ދިމާލަށް އަވަސްއަވަހަށް އައެވެ.
"ޕްލީޒް." އެ މީހާ އަޑު މަޑުކޮށްލިއެވެ. "ކޮޓަރިއަށް އެނބުރި ދޭ....."
***
ޖެހިގެން އައި ދުވަހު މިލްހާއަށް ހޭލެވުނީ ކުޑަދޮރުން ބޭރުގައި އުޅޭ ދޫނިތަކުގެ އަޑަށެވެ. ކުޑަ ސިކުންތުކޮޅަކަށް ހިރިލަންވެސް ނޭގިފައި އޮވެވުނީ ކޮންތަނެއްގައިކަން ހަނދާންކުރަން މަސައްކަތްކުރަމުންނެވެ. ގައިމަތީގައި އޮތް ބޮޑު ރަޖާގަނޑުވެސް ވީ އޭނަ ދެނެފަރިތަ އެއްޗަކަށް ނޫނެވެ. ނަމަވެސް ހީފިލުވުމުގެ ބައިވެރިޔަކަށް ވިއެވެ.
އެއާއެކު މަޑުމަޑުން ގޮސް ނިދިފިލާ ސިކުނޑި ރަގަޅަށް މަސައްކަތް ކުރަން ފެށުމާއެކު އޭނައަށް ތެދުވެ އިށީދެވިއްޖެއެވެ. ހަނދާނަށް އައީ އެ ހިޔަނިން ފޮރުވިފައިވާ ދޮރާއި ބިރުގަނެފައި ހުރި ޚާދިމާއެވެ. ތިންފަހަރު ޓަކިޖެހި އަޑުވެސް ކަންފަތުގައި ހަރުލާފައިވިއެވެ. ހަގީގަތުގައި އެ ޚާދިމާގެ މޫނުމަތިން ފެނުނީ ބިރުގަނެ ހަދާނެގޮތްހުސްވެފައިވި ކަމުގެ ކުލަވަރެވެ.
އޭނަ ފަންގިފިލާގައިވާ ސަމޭދާންއާއި ދިމާލަށް ބަލައިލަމުން ބުމަ ގާތްކޮށްލިއެވެ. އޭނަ ރޭގެ ދެބައިކުޅައެއްބައި ހޭދަކުރީ ރޭގެ އެ އާދަޔާ ޚިލާފު ކަންތައްގަނޑުގައި ކޮންމެވެސް އެކަށީގެންވާ ސަބަބެއް އޮންނާނެކަމަށް އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. ގަދީމީ ކިއްލާތަކާއި ގެތަކުން އިވޭ އެފަދަ އަޑުތަކަކީ" ގެ ނިދާ"އަޑުކަމަށް މާމަ ބުނާ ހަނދާންވިއެވެ. އެކަމަކުވެސް އޭނަ ރޭ ކޮޓަރިއަށް ވަނުމުން އެތަން ކިތަންމެ ރީތިވެފައި ހުވަފެނީ ތަނަކަށްވިޔަސް ނާމާންކަމެއް ހުރިކަމުގައި ހީކުރެވުނެވެ. ނިދަން އަރާފައި އާއިލާގެ މަތިން ހަނދާންވެ ރޮވޭގޮތްވިއެވެ. ދުޢާތަކާއި ކުރުސި ކިޔަވަން އޮތްވާ ނިދުނީ ތަންކޮޅެއްފަހުންނެވެ. ހޭލެވުނުއިރު އިރުއަރަން ހުރީ ކުޑަ ވަގުތުކޮޅެކެވެ. އަވަހަށް ވުޟޫކޮށް ނަމާދުކޮށްލުމުން ކޮންމެވެސް ވަރަކަށް ހިތަށް ތަސައްލީ ލިބުނަސް މުޅިން ފުރިހަމައެއްނުވިއެވެ. ފަތިސްނަމާދުގެ އިހު ދެރަކުއަތަކީ ދުނިޔެއާއި ދުނިޔޭގައިވާހާ އެންމެހާ ތަކެއްޗަށް ވުރެ ހެޔޮކަން ބަޔާންކުރައްވާ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސް ހަނދާނަށް އައެވެ. ގެއަކުން ފެނުނު ދޮރަކާއި އަދި ކަންބޮޑުވެފައިވާ ޚާދިމާއަކާއިހެދި ލިބުނު ނުތަނަވަސްކަމަކުން އެހާ ބޮޑު ނިއުމަތަކުން މަހުރޫމްވުމަކީ ގަބޫލުކުރެވޭނެ ކަމެއްހެއްޔެވެ؟ ރޭގަނޑު މާ ލަސްވާންދެން ހޭލައި އުޅެގެން ނިދި ބަރުވެ އެފަދަ ކަމަކަށް ޖާގަ ދެވުނީތީ އޭނަ ހުރީ އަމިއްލަ ނަފުސާއިމެދު ހިތްހަމަނުޖެހިފައެވެ. އިޝާ ނަމާދަށްފަހު ނިދާފައި އަވަހަށް ހޭލަން އަމިއްލަ ނަފުސަށް ކުޑަ ވައުދެއް ވިއެވެ.
އޭނަ ޒިކުރުކުރުމަށްފަހު ކުޑަކޮށް ސްޓްރެޗް ހަދާލުމަށްފަހު ރޭގެ ޚިޔާލުތައް ދުރުކޮށްލިއެވެ. ފަހުން އެ ކަންތައް ތަހުގީގުކުރަން ވަގުތު ލިބޭނެއެވެ. މިވަގުތު އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ.
މިލްހާ ގަޔަށް ފަސޭހަ ހެދުމެއް ލުމަށްޓަކައި އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ.
އޭނާ އަލަމާރި ހުޅުވައިލުމާއެކު ލޯ ބޮޑުކޮށްލެވުނެވެ. އޭނާ އަލުން ބަލައިލިއެވެ. އޭނާ ގެނައި އެއްވެސް ހެދުމެއް އެތާނގައި ފެންނަން ނެތެވެ. ގޭގައި އޭނާ ޕެކްކޮށްފައި ހުރި އާދައިގެ ހެދުންތައް ވަނީ ގެއްލިފައެވެ. އޭނާގެ ކުރުތާތަކާއި ކުރީގެ ޖީންސާއި ދިގުކޮށް ހުރި ހުރިހާ އެއްޗެއް ވަނީ ގެއްލިފައެވެ. އޭނަގެ ހެދުންތައް ނެތަސް އަލަމާރިހުރީ އެއްކޮޅުން އަނެއްކޮޅަށް ފުރިފައެވެ. މެކްސީ އާއި ތަފާތު އެކިވައްތަރުގެ ހެދުންތައް ވަރަށް ރީތިކޮށް އަޅުވާފައި ހުއްޓެވެ. އޭގެ ފޮތިތައް އަތަށް މަޑުވެފައި އަދި އަގުބޮޑުވާނެހެން ހީވިއެވެ. ގިނަ ހެދުންތައް ހުރީ ކްރީމް، މަޑު ފިޔާތޮށި މަޑު ނޫ ރީނދޫ އަދި ގަދަ ފެހި ކުލައިގައެވެ. ދިގު މެކްސީތަކާއި ބްލައުޒްތަކަކީ އަމިއްލައަށް ގަންނަން ހިތަށް އަރުވާނެފަދަ އެއްޗެއް ނޫނެވެ.
އޭނާ މަޑުމަޑުން މަޑު ނޫ ކުލައިގެ ހެދުމެއްގެ އަތުގައި އަތްޖައްސައިލިއެވެ. އޭގެ ފޭރާން ފަށުވިކަމާއި މަޑުކަމުން އިނގިލިތަކަށް ވިރައިގެންގޮސްދާނެ ފަދައެވެ.
"އަހަރެންގެ ހެދުންތައް ކޮންތާކު ބެހެއްޓީ؟ މިއީ ކާކުގެ އެއްޗެހިތައް؟ އަހަންނަށް ނުބައި ކޮޓަރިއެއްގައި ނިދުނީތަ؟" އެ ބޮޑު ކޮޓަރީގެ ތެރޭގައި އޭނާގެ އަޑުއިވުނީ ވަރަށް މަޑުންނެވެ. އޭނާ އަލަމާރީގެ ވަތްގަނޑުތައް ދަމައި ހުޅުވިއެވެ. އެހެން ތަނަކަށް އޭނަގެ ހެދުންތައް ލީކަމުގައި ހީކޮށެވެ. އޭނަގެ އެއްވެސް އެއްޗެއް ނެތެވެ. އިތުރު ހެދުންތަކެވެ. އެކި ކުލަކުލައިގެ ޝޯލްތަކެވެ. ދަބަހާއި އަންގިތަކެވެ.
"ކިހާ ރަގަޅު...."
މިލްހާ އެ ހުރިހާ އެއްޗަކަށް ބަލަހައްޓައިގެން ހުރީ ލޮލަށް ފެންނަ މަންޒަރު ގަބޫލުނުކުރެވިފައެވެ. ފިލްމީ މަންޒަރެއް ފެންނަފަދައެވެ. ކޮންމެވެސް މީހަކު އޭނާގެ މުޅި އަލަމާރި ބަދަލުކޮށްލީއެވެ.
އޭނާ މަޑު ނޫ ކުލައިގެ ހެދުން ހަށިގަނޑުގައި ޖައްސައިލަމަށްފަހު ލޯގަނޑަށް ބަލައިލިއެވެ. ކުޑަ ސިކުންތުކޮޅަކަށް ތުންފަތަަށް ހިނިތުންވުމެއްވެރިވިއެވެ. ޝާހީފާޑުގެ ހެދުމެކެވެ. ރާނީއިން ތުރުކުރައްވާފަދަ ހެދުންކޮޅެކެވެ. ކޮންމެވެސް ރަސްކަލަކާއިއެކު އެކު ފަރިއްކޮޅަކަށް ދާން ލާންވީފަދަ ހެދުމެކެވެ.
"މި ލާކަށް ނުކެރޭނެ...އެކަމަކު..."
މައްސަލައަކީ ރޭގަނޑު ލައިގެން ހުރި ނިދާ ހެދުމުގައި ނޫނީ ދާވެފައި އޮތް ކުރީ ދުވަހުގެ ހެދުމުގައި އޭނާއަށް ތިރިއަށް ނުދެވޭނެތީއެވެ.
ހިތާއި ދެކޮޅަށް ނަމަވެސް ޖެހެނީ މިއިން ހެދުމެއް ލައިގެން ނުކުތުމަށެވެ. އެންމެފަހުން އޭނަ ނިންމީ މަޑު ރީނދޫ ކުލައިގެ ހެދުން ލުމަށެވެ. އެ ހެދުން ހުރީ އޭނާގެ ގަޔަށް ނިކަން ހެޔޮވަރުކޮށެވެ. އެކަމުން އެނގުނީ އެ އެއްޗެހި ހޮވި މީހަކު އޭނާގެ މިންތައް މޮޅަށް ދަނެގެން ހޮވާފައިވާކަމެވެ. ނަމަވެސް އޭނާ ހިނގަން ފެށުމާއެކު އޭނާއަށް ފާހަގަވީ އެ ހެދުން ތަންކޮޅެއް ދިގުކަމެވެ. ހެދުމުގެ ފަސްބައިގައި އަޅައިގަނެގެން އޭނާ ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ.
އޭނާ ހެދުން ރަނގަޅުކޮށްލުމަށްފަހު ހުދު ކުލައިގެ ޝޯލެއް ބޮލުގައި އަޅައިލުމަށްފަހު ލޯގަނޑުން އަމިއްލަ ނަފުސަށް ބަލައިލިއެވެ. އެއީ ވަރަށް ރީތި ހެދުމެކެވެ. އޭނައާއި ގުޅެއެވެ. އެކަމަށް އޭނާ އިންކާރެއް ނުކުރެއެވެ. ނަމަވެސް އޭނަ ހުރީ ނުރުހުންވެފައެވެ. އެއީ އޭނާއަށް އައު ހެދުންތަކެއް ދިނީމައެއް ނޫނެވެ. ރީތި ތަކެއްޗަށް ގަދަރުކުރަން އޭނަ ދަނެއެވެ. މައްސަލައަކީ އެކަމާއި ބެހޭގޮތުން އެކަކުވެސް އޭނާގެ ލަފާއަކަަށް އެދިފައިނުވާތީއެވެ. އެމީހުން އޭނާގެ ކުރީގެ ހެދުންތައް ކޮންމެވެސް ކަނެއްގައިވެސް ބެހެއްޓިނަމައެވެ. އޭނާ އަމިއްލަ ހެދުން ލާން ބޭނުންވިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ކުރީގެ ކުރުތާ އާއި ޖިންސްފަދަ އެއްޗެއް އޭނާގެ އެންމެ ފޭވަރިޓް ކަމުގައި ވެދާނެކަމާއިމެދުވެސް ވިސްނާލަން ވާނެ ނޫންހެއްޔެވެ؟ އެހެން މީހެއްގެ ސްޓައިލަށް ހެދުން އަޅަން އޭނަ ބޭނުންނުވާނެކަމަށް އެނގެންވާނެއެވެ.
ޑައިނިންގް ރޫމަށް ދެވުނުއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. ވަރަށް ބޮޑަށް ހިމޭނެވެ. މިލްހާ ވަދެވޭ ދޮރުމަތީގައި މަޑުކޮށްލާފައި ވަށައިގެން ބަލައިލިއެވެ. ނާސްތާކުރާ ދިގު މޭޒުވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ނަމަވެސް އެތަންވަނީ ހުހަށެވެ. އޭނާ ގަޑި ބަލައިލިއެވެ. ހެނދުނު ހަތެއްޖެހީއެވެ.
އޭނާ ބުމަ އަރުވައިލިއެވެ. "ނާސްތާކުރަނީ ހަމައެކަނި އަހަރެން ހެއްޔެވެ؟"
އޭނާ ގޮނޑިއެއް ދަމައިލައިގެން އިށީނެވެ، ނަމަވެސް ކުޑަވަގުތުކޮޅަކު މަޑުކުރިތަނާ އޭނާގެ ބަނޑުން އަޑުކިޔަން ފެށިއެވެ. މިލްހާ ބަނޑުގައި އަތް ޖައްސައިލިއެވެ.
އޭނާ އިތުރު ކުޑަ ވަގުތުކޮޅަކު މަޑުކުރިއެވެ. އެކަމަކު ބަނޑުހައިކަން އިތުރުވީއެވެ. ރޭގައި މާ ކުޑަކޮށް ކެއުމާއި އާ ބާވަތްތައް ކެއުމުންވީގޮތް ކަން ނޭގެއެވެ. އޭނަ ގޭތެރެއިން އިވެމުންދިޔަ މަޑު އަޑުތަކަށް ވިސްނަމުން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
ގޭގެ އެހެން ތަންތަނާ ޚިލާފަށް ބަދިގެއަށް ވަނުމާއެކު އިތުރަށް ހޫނުކަން އިހުސާސްވިއެވެ. މިތަނުން މީހުން ހޭލަމޭލަވާތަން ފެނެއެވެ. ތިން ޚާދިމާއިން ކައުންޓަރުތައް ކައިރީގައި ހަރަކާތްތެރިވަމުން ނާސްތާ ތައްޔާރުކުރުމާއި ތަށިތައް އުފުލުމާއި މަޑުމަޑުން ވާހަކަދައްކަމުން ދިޔައެވެ. އިއްޔެއާ އަޅައިބަލާއިރު މިއަދު މަސައްކަތްކުރާ މީހުން މަދުކަން މިލްހާއަށް ފާހަގަވިއެވެ.
އޭނަ ވަނުމާއެކު އެމީހުންގެ ނަޒަރު އޭނައަށް ހުއްޓުނެވެ.
މިލްހާ ހިނިތުންވެލިއެވެ. "މޯނިންގް."
ޚާދިމާއިން ވަގުތުން ސީދާވެލިއެވެ. "މޯނިންގް މެޑަމް."
މިލްހާ މަސައްކަތްބުރަ އެ ކޮޓަރިއަށް ބަލައިލިއެވެ. "އަހަރެންގެ ސަބަބުން ތިޔަ މަސައްކަތަށް ހުރަހެއް ނޭޅޭކަމަށް އުއްމީދުކުރަން...."
"ނޫން މެޑަމް."
"އަހަރެން މި އައީ ހަމަ ނާސްތާ ތައްޔާރުވިތޯ ބަލައިލަން..."
ޒުވާން ޚާދިމާ ސިހުނު ކަހަލަ ގޮތަކަށް ބަލައިލިއެވެ. "މެޑަމް ނާސްތާ ފަށަނީ އަށެއް ޖަހާއިރު..."
އިތުރު އެއްޗެއް ބުނަން އޭނާ އަނގަ ހުޅުވާލި ވަގުތު ދުވަސްވީ ޚާދިމާ އޭނާ ހުއްޓުވިއެވެ.
" މިހާރު މެޑަމްއަށް ނާސްތާ ގެނެސްދޭނަން."
"ޕްލީޒް އަހަރެންނަށް މިލްހާއޭ ކިޔާފައި ގޮވާލަބަލަ..... މިލްހާއަށް ހިންދިރުވައިލެވުނެވެ. މި ކިޔަނީ ކޮން މެޑަމްއެއް ހެއްޔެވެ؟ "ތިޔަ ކުދިންގެ ނަން ބުނެބަލަ.."
ޚާދިމާއިން އެކަކު އަނެކަކަށް ބަލައިލިއެވެ. އަދި ތައާރަފުވިއެވެ. ދުވަސްވީ މީހާގެ ނަމަކީ ބެސީއެވެ. އެންމެ ޒުވާން ކުއްޖާގެ ނަމަކީ ޖޫހީއެވެ. އަދި ޝެރަން ކިޔާ އެފްރިކާގެ އަންހެން ކުއްޖެއްވެސް ހުއްޓެވެ. ރޭގައި މިލްހާއަށް ފެނުނު ޚާދިމާ އެތަނުގައި ނެތެވެ. އެއީ އުމުރުން އެންމެ ދުވަސްވީ ޚާދިމާހެން ހީވެއެވެ.
"އަހަރެން އެހީވިޔަސް ހެޔޮތަ؟" މިލްހާ ޝައުޤުވެރިކަމާއެކު އެހިއެވެ. ޚާދިމާއިން ހައިރާންވެފައި އެކަކު އަނެކަަށް ބަލައިލިއެވެ.
"ނޫން މެޑަމް... މިލްހާ މެޑަމް ވަރުބަލިވެދާނެ. އެކަމަށް ހުއްދައެއްނުދެވޭނެ......."ބެސީ އަވަސްއއަވަހަށް ބުނެލިއެވެ.
މިލްހާ އެ ވާހަކައާއި އަޅާނުލާ ކައުންޓަރާ ކައިރިއަށް ޖެހިލައި އެމީހުން ތައްޔާރުކުރަމުންދިޔަ ތަކެއްޗަށް ބަލައިލިއެވެ. "ވަރަށް މީރުވަސް އެބަދުވާ..."
ޖޫހީ ހިނިތުންވެލިއެވެ. "އަހަރެމެން މި ތައްޔާރުކުރަނީ ބިހާއި ޕެންކޭކާއި ޕާން...."
މިލްހާގެ ލޯ އަލިވެގެންދިޔައެވެ. "ޕެންކޭކު؟ ނާސްތާ ވަރަށް މީރުވާނެހެން ހީވޭ..."
"ސިފްރާން ކަނީ ކޮން އެއްޗެއް؟ އޭނާގެ އަންހެނުންގެ ހައިސިއްޔަތުން އޭނާގެ ނާސްތާއަށް އެހީވާންޖެހޭނެހެން ހީވަނީ." މިލްހާ ބުނެލިއެވެ.
ބަދިގެތެރެއަށް ކުޑަ ހިމޭންކަމެއްވެރިވިއެވެ.
"ކިހިނެއްވީ؟"އޭނައަށް އެކުދިންގެ ޖެހިލުންވިކަން ފާހަގަވިއެވެ.
"އޭނާ އާންމުކޮށް އާއިލާއާ އެކު ނާސްތާއެއް ނުކުރޭ........" ބެސީ ވިސްނާލާފައި ބުނެލިއެވެ. އަދި އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުން ކަމުގައި ވިޔަސް އޭނާގެ ކިބައިގައި ސްކޮޓްލެންޑުގެ ރާގު ހުއްޓެވެ.
"ކީއްވެ؟"މިލްހާ ބުމަ އަރުވައިލިއެވެ.
"އޭނާ ގިނަ ދުވަހު ނާސްތާކުރަނީ ކޮޓަރީގައި ......." ބެސީ ޖަވާބުދިނެވެ.
"އެންމެ ރަގަޅު... އޭނާ ކާހިތްވަނީ ކޯނޗެއްތަ؟"މިލްހާ އެކަމާއިމެދު ވިސްނައިލިއެވެ.
"ކޮފީ......"ބެސީ އަނގަ ހުޅުވާލި ވަގުތު ޖޫހީ ޖަވާބުދިނެވެ.
"އޭގެ އިތުރަށް؟"މިލްހާ މަޑުކޮށްލިއެވެ.
"އާންމުކޮށް އެވަރުން ފުދޭ..." ޖޫހީ ބުނެލިއެވެ.
"ކޮފީއަކީ ނާސްތާއެއް ނޫނެެއްނު...."މިލްހާ އެންމެންގެ މޫނަށް ނަޒަރު ހިންގަމުންދިޔައެވެ. "އޭނާ ހަޤީޤަތުގައިވެސް ހަމައެކަނި ކޮފީ ބޮއިގެން ދިރިހުންނާނެ ކަމަށް ހީކުރަނީތަ؟"
"އޭނާ އެގޮތަށް އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ....." ޝެރަން މަޑުމަޑުން ބުންޏެވެ.
"އެހެންވީމާ އޭނާ އަސްލު ކަނީ ކޮންގަޑިއެއްގައި؟"
"އޭނާ ހަޔެއް ޖަހާއިރު ކޮފީ ބުއި........" ބެސީ ޖަވާބުދިނެވެ. "އޭނާ މިއަދު ހެނދުނު އަވަހަށް ހޭލި...."
މިލްހާ ގަޑިއަށް ބަލައިލިއެވެ. "ހަޔަކަށޭ؟"
"އޭނާއަށް ބޭރުގައި ކޮންމެވެސް މަސައްކަތެއް ކުރަން ޖެހުނީކަން ނޭގޭ.. އޭގެ ކޮފީ ބޮއިގެން ބޭރަށް ދިޔައީކަމަށް ވާނީ...."
"އިރު ނާރަނީސް...."މިލްހާ ފުން ނޭވައެއް ދޫކޮށްލިއެވެ. "އެހެންވީމާ އޭނާގެ ޕެންކޭކުތައް ކާންޖެހޭނީ އަހަރެން ކަމަށް ވެދާނެ."
ޖޫހީ ލުއި ހިނިގަނޑެއް ޖަހައިލިއެވެ.
"އަދި އެހެން ކަމެއް......" މިލްހާ އާދައިގެ ގޮތަކަށް ބުނެލިއެވެ. "ކޮރިޑޯގެ އެންމެ ކޮޅުގައި ދޮރެއް ހުރެެއްނު..... ކަބަޑެއްގެ ފުރަގަހުގައި ފޮރުވިފައި އެތަން ހުރީ......"
"އާނ މެޑަމް."ބެސީގެ މޫނުމަތި ކުޑަހިނދުކޮޅަކަށް ވާންވިހެން ހީވިއެވެ. އެއާއެކު ހަމަޖެހެން މަސައްކަތްކުރިއެވެ.
"ރޭގަނޑު އެތަނުން ޓަކިޖަހާ އަޑުއިވިގެން ވީގޮތެއް ނޭގިގެން ބަލަން ދިޔައިރު އެތާ އެ ދުވަސްވީ ޚާދިމާ ހުރި. އޭނާ ހުރީ ވަރަށް ބިރުގަނެފައި އަދި އަހަރެން ގާތު އަވަހަށް ކޮޓަރިއަށް ދާން އެދުނު...."
ބެސީ ޖަވާބުދިނުމުގެ ކުރިން ކުޑަވަގުތުކޮޅަކަށް ވިސްނައިލިއެވެ. "އެ ސަރަޙައްދަކީ ސިފްރާންގެ ކާފަމެން އުޅުނު ތަނެއް."
"އޯހ. ކީއްވެ؟" މިލްހާ ބުމަ އަރުވައިލިއެވެ.
"އެތަން ބޭނުންނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ...." ބެސީ އޮޅުން ފިލުވައިދިނެވެ.
"އެހެންވެ.....އަނެއްކާ ކީއްވެ އެތަނުން ޓަކިޖަހާ އަޑުއިވުނީ...."މިލްހާގެ އަތުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ.
"އެ ޓަކިޖަހާ އަޑަކާ ބެހޭގޮތުން..." ބެސީ ކޮނޑު އަރުވައިލިއެވެ. "އެއީ މީދަލެއްގެ އަޑުކަމަށް ވެދާނެ. އަހަރެމެންނަށް ވަރަށް ފަހުން މީދަލެއް ފެނުނު."
މިލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ލޯބޮޑުކޮށްލަމުން ތިރިއަށް ބަލައިލިއެވެ.
"މީދަލެކޭ؟މިހާ ރީތި ގަނޑުވަރެއްގައި......" މިލްހާ ތަޅުންގަނޑުން ފައިތިލަ ހިއްލައިލިއެވެ. ޖޫހީއާއި ޝެރަން ހިނިގަނޑު ހިފަހައްޓަން މަސައްކަތްކުރިއެވެ.
"މާނައަކީ މި ގޭގައި މީދާތައް އެބައުޅެޔޭ......." މިލްހާ ހަޤީޤަތުގައިވެސް ބިރުގަނެފައި ހުރިހެން ހީވިއެވެ.
"މިހާތަނަށް ފެނުނީ އެންމެ އެއްޗެއް."ބެސީ ބޯޖަހައިލިއެވެ.
"އެހެންވީއްޔާ ބިރުންގޮސް ހޭނެތުމުގެ ކުރިން ނާސްތާކޮށްލަންވީ......"
ބެސީ ވަގުތުން ކައުންޓަރާއި ދިމާލަށް އެނބުރުނެވެ. "އެންމެ ރަގަޅު، މެޑަމް. އަހަރެން އެ ޑައިނިންގް ރޫމަށް ގެންދާނަން."
"އަހަރެންނަށް މިތާ ކެވިދާނެތަ؟" މިލްހާގެ ލޯ ޕެންކޭކުތަކަށް ހުއްޓުނެވެ.
"ބަދިގޭގައި؟"ބެސީ ޖުވާބުދޭން ފަސްޖެހުނެވެ.
"އާނ. އަހަރެން މިހާރު މިހިރީ ހާންތިވާރުވެފައި....."
ކުޑަ ވަގުތުކޮޅެއްފަހުން، ބެސީ އޭނާގެ ކުރިމަތީގައި ހޫނު ޕެންކޭކާއި ބިހާއި ތާޒާ ޕާން ބަޓަރާއި ޖޭމް އަދި ތާޒާ މޭވާއާއި މޭޕަލް ސިރަޕް ހިމެނޭ ތައްޓެއް ބެހެއްޓިއެވެ. މިލްހާ ޝުކުރުވެރިކަމާއެކު އެ ތަކެއްޗަށް ބަލައިލިއެވެ.
މިލްހާ ރަގަޅަށް ނާސްތާކޮށްލުމަށްފަހި ބެސީއަށާއި އެހެން ކުދިންނަށް ޝުކުރުއަދާކުރުމަށްފަހު ބަދިގެއިން ކޮރިޑޯއަށް ނުކުތެވެ. އޭނާއަށް ކުޑަ ތަންކޮޅަކަށް ދެވުނުތަނާހެން ފަހަތުން ދެ ކުއްޖެއްގެ އަޑުއިވުނެވެ. "މިލްހާ........."
އޭނާ އެނބުރުނެވެ. ސާރާއާއި ރާހާ ދުވަމުން އައިއިރު އިސްތަށިގަނޑުވަނީ ކުޑަކޮށް ހޭވިފައެވެ. އެކުދިން ތިބީ ރޭގަނޑު ލާ ނިދާ ހެދުމުގައެވެ.
މިލްހާ ހިނިތުންވެލިއެވެ. "މޯނިންގް."
"މޯނިންގް،" ދެކުދިން އެއްފަހަރާ ކިޔައިލިއެވެ.
"އަހަރެމެން މިލްހާ ހޯދަން މިއައީ..."ރާހާ އޭނަގެ އަތުގައި ހިފިއެވެ.
"ކީއްވެ؟"
" އަހަރެމެންނާއެކު އާދޭ........"
"ކޮންތާކަށް؟"މިލްހާ މަޑުމަޑުން ހީނލިއެވެ.
ސާރާ ބަލައިލިގޮތުން ހީވަނީ އެ ޖަވާބަކީ އެންމެންނަށްވެސް އެނގެންޖެހޭނެ އެއްޗެއް ކަމަށް ދެކޭފަދަ ގޮތަކަށެވެ.
"އަހަރެމެން ބޭނުންވަނީ ކޮންމެވެސް އެއްޗެއް ދައްކަން."
އެހެން އެއްޗެއް އެހުމުގެ ފުރުސަތު ލިބުމުގެ ކުރިން އެކުދިން އޭނާ ގެ އަތުގައި ހިފައިގެން ކޮރިޑޯއިން ކުރިއަށް ގެންދިޔައީ ގޭގެ ފަހަތު ބަޔަށެވެ. އެތައް ވަކަރު ދޮރެއް ފަހަނަޅާ ގޮސް ނުކުމެވުނު ތަނަކުން މިލްހާގެ ފިޔަވަޅުތައް ހުއްޓުނެވެ.
އޭނާ ބަގީޗާއަކަށް ގެންނާނެ ކަމަކަށް އުއްމީދެއް ނުކުރެއެވެ. މުޅި އެ ކޮޓަރި ވަނީ އުސް ބިއްލޫރި ކުޑަދޮރުތަކާއި ބިއްލޫރި ފުރާޅަކުން ބަންދުކުރެވިފެވެ. އޭގެ ސަބަބުން ހެނދުނުގެ މަޑު އަލިކަން ބިއްލޫރިތައް ފުރާނާލާފައި ގަސްތަކުގެ މައްޗަށް އެޅެމުން ދިޔައެވެ. ދަގަނޑު ފްރޭމްތަކުގައި ފެހި ވެޔޮތައް އަރާފައިވާއިރު، ވަށިތަކުގައި ހުދު މާތައް ހުއްޓެވެ. އެންމެ ފަހު ފަހަތުގައި ކުޑަ ހިލައިގެ ފެންއަރުވާ ފައްވާރާއެއް ހުއްޓެވެ. އެ ފައްވާރާގެ ލުއި ރާގުން މުޅި ސަރަޙައްދު އިތުރަށް ސިހުރުވެރިކޮށްލާފައިވިއެވެ.
"ކަމުދޭތަ؟"ސާރާއާއި ރާހާ ހީނލިއެވެ.
"ވަރަށް ލޯބިވާކަހަލަ ތަނެއް..."
އެކުދިން ކުރިއަށް ދުވެފައި ގޮސް މުޅި ދުވަހު އިންތިޒާރުކުރަމުންދިޔަ ވަގުތުކޮޅެއް ފަދައިން އެކުދިން އެންމެ ގަޔާވާ ތަންތަން ދައްކަން ފެށިއެވެ.
"މިތާ ލުނބޯވެސް ހުރޭ."
"އަދި ހޫނު މޫސުމުގައި ސްޓްރޯބެރީވެސް.....އަދި މިއީ މުޅިންވެސް އަހަރެމެންގެ އެއްޗެހި." ސާރާ ހިލައިގެ ފާރެއްގެ ކައިރީގައި ހުރި ބައެއް ޕޮޓްތަކަށް ފަޚުރުވެރިކަމާއެކު އިޝާރާތްކޮށްލިއެވެ.
"މި ގަސްތައް ހައްދަނީ ތިޔަ ކުދިން؟"މިލްހާ ބުމަ އަރުވައިލަމުން އެހިއެވެ.
"އަހަރެމެންވެސް މަސައްކަތްކުރަން."
"ތިޔަ ހައްދަނީ ކޮން އެއްޗެއް؟"މިލްހާ އެ މުށިތައް ކައިރިއަށް ތިރިވެލިއެވެ.
އެ ކުދިން ތަފްސީލުކޮށް ކިޔާދޭން ފެށިއެވެ. އެކަކު އަނެކަކަށް ވާހަކަދައްކަން ފުރުސަތުދެމުންދިޔަ ގޮތުން މިލްހާއަށް ހެވެން ފެށުނެވެ.
"އެއީ އަހަރެމެން ދާން ހުއްދަނެތް ތަނެއް....."ރާހާ ބަގީޗާ ނިމޭ ހިސާބަށް އިޝާރާތްކޮށްލިއެވެ.
މިލްހާގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ.
އެހިސާބުގައި ދިގު ގަސްތަކެއްގެ ފުރަގަހުގައި ހުރީ ދަގަނޑު ހަނި ދޮރެކެވެ. ބަގީޗާގެ އެހެން ހުރިހާ އެއްޗަކާ ޚިލާފަށް އެ ދޮރު އޮތީ ތަޅުލާފައެވެ.
"އޭގެ ފުރަގަހުގައި ވަނީ ކޮން އެއްޗެއް؟"މިލްހާގެ ތުންފަތުގައިވާ ހިނިތުންވުން ކުޑަކޮށް ފަނޑުވިއެވެ.
"އަހަރެމެންނަކަށް ނޭނގޭ..."އެ ދެ ކުދިން ކޮނޑު އަރުވައިލިއެވެ.
"ދެން ހުއްދަނެތްކަން އެނގެނީ ކިހިނެއް؟"
"ސިފްރާން ބުނީ...." ރާހާ ޖަވާބުދިނެވެ.
މިލްހާ އަނެއްކާވެސް އެ ދޮރާ ދިމާލަށް ބަލައިލިއެވެ. އެ ގޭގައި އުޅެވުނީ އަދި އެންމެ ދުވަހަކަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އަބަދުވެސް އެހެން ދޮރަކާއި އެހެން ކޮޓަރިއަކާއި އެހެން ގަވާއިދެއް ފެންނަމުން އެބަ ދެއެވެ.
ނުނިމޭ