ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުން ވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަމަށް ތައުރީފުކުރޭ: މުއްތަލިބު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ރައީސް ޑރ މުޙައްމަދު މުއިއްޒުއާއި ސަލާމް ކުރައްވަނީ ---

ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުން ވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަން ފާހަގަކޮށް އެކަމަށް ތަޢުރީފުކުރައްވާ ކަމަށާއި، ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފެންވަރު ރަނގަޅު ބައެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖިނޭރުންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ ބިންތިރި، މުރަކައިގެ ރަށްތަކެއް ކަމަށްވުމާއެކު ތަރައްގީގެ މަޝްރޫޢުތައް ހިންގަންޖެހެނީ ރާއްޖޭގެ ތިމާވެއްޓާ އެކަށޭނެ ގޮތަށް ބައްޓަންކޮށްގެން ކަމަށެވެ.

އަދި ކޮންމެ ބަނދަރަކާއި އެއާޕޯޓަކާއި ކޯޒްވޭއެއްގެ އިތުރުން ހިއްކާ ކޮންމެ ބިމަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާ އެއްގޮތަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށާއި، އެ މަސައްކަތްތައް ފަރުމާކުރުމުގައި ދިވެހި އިންޖިނިއަރުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

އިންޖިނިއަރުންގެ އެވޯޑް 2026 ހަފްލާގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް

"ކޮންމެ ބަނދަރަކާ، އެއާޕޯޓަކާ، ކޯޒްވޭއަކާ، ހިއްކާ ކޮންމެ ބިމަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާއި އެއްގޮތަށް ކޮށްފައިވާ މަސައްކަތެއް. މިކަމުގައި ދިވެހި އިންޖިނިއަރުންގެ ދައުރެއް ނެތްކަމަށް ބުނެ ހުނަރުވެރިންގެ އަގު ވަޒަންކުރަން ނޭނގޭ ބަޔަކު އެހެން ބުންޏަސް، ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ ގާބިލް ބައެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމާއި ޚާއްސަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ އެ ބޭފުޅުންގެ އަގުވަޒަންކުރުން ކަމަށެވެ. އެގޮތުން، މިފަހަރުގެ އެވޯޑުގައި 10 ދާއިރާއަކުން 26 އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅީ ޚާއްސަ ކޮމިޓީއަކުން ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވާނެކަމަށް ވެސް ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އިންޖިނިއަރުންނަކީ މި ގައުމު ބިނާކުރުމަށް ބުރަ މަސައްކަތްކުރާ ފަހުލަވާނުންތަކެއް ކަމަށާއި މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދާގެ ފުރަގަހުގައި އެ ހުނަރުވެރިން ކުރައްވާ މަސައްކަތް ބަލައިގަތުންކަމަށެވެ.

މީގެއިތުރުން، އިންޖިނޭރުންނާ ގުޅުންހުރި މައުލޫމާތުތައް ސްކޫލް ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ފަންނީ މަސައްކަތްތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް އެފަދަ މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށެވެ.

އަދި މިދިޔަ އަހަރުގެ އިންޖިނޭރުންގެ ދުވަހުން ފެށިގެން، ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަޢުލޫމާތު ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދެމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

comment ކޮމެންޓް