އިންޑިއާގައި އައިފޯނުގެ އަގުތައް އިންތިހާއަށް އުފުލި، އެއީ "މުއްސަނދިންގެ ރަމްޒަކަށް" ވެއްޖެ

އެޕަލްއިން އެ ކުންފުނީގެ އާ ފޯނުތައް ތައާރަފުކުރުމާ އެކު، އިންޑިއާގެ ބާޒާރުގައި މިހާރު ވިއްކަމުންދާ އައިފޯނުތަކުގެ އަގު %41 އާ ހަމައަށް ބޮޑުކޮށްފިއެވެ.

މިއީ އާ ފޯނުތައް ނެރުމަށްފަހު ކުރީގެ މޮޑެލްތަކުގެ އަގު ހެޔޮކުރުމަށް އެޕަލް އިން ގެންގުޅޭ އާންމު އުސޫލާ ޚިލާފަށް، މި އަހަރު އެ ކުންފުނިން އެއްވެސް ގައުމެއްގައި އަގު ބޮޑުކުރި އެންމެ މަތީ މިންވަރެވެ.

ބުދަ ދުވަހު ބޭއްވި "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި އެޕަލްގެ އައު ޗީފް އެގްޒެކެޓިވް ޖޯން ޓާނަސް ވަނީ އެ ކުންފުނީގެ އެންމެ ފުރަތަމަ ފަތްޖެހޭ ފޯނު "އައިފޯން ޑުއޯ" ދައްކާލާފައެވެ. މި އިވެންޓަށްފަހު އެމެރިކާގެ ބާޒާރުގައި ވެސް ފޯނުތަކުގެ އަގު %10 އާއި %21 އާ ދެމެދުގެ މިންވަރަކަށް އުފުލުނު ނަމަވެސް، އިންޑިއާގެ ބާޒާރުގައި އަގުތައް އުފުލިފައިވަނީ މާ ބޮޑު ނިސްބަތަކުންނެވެ.

އެޕަލް އިން ހާމަކުރި ގޮތުގައި މުޅި ދުނިޔޭގައި ވެސް އައިފޯނުގެ އަގުތައް ބޮޑުކުރަން ޖެހުނީ މެމޮރީ އަދި ސްޓޯރޭޖް ޗިޕްތަކުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، އިލެކްޓްރޯނިކްސް ސާމާނު އުފައްދާ ކުންފުނިތަކަށް މި މުހިންމު ބައިތައް ހޯދުމުގައި ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާއަކީ އެޕަލްގެ ވިޔަފާރި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ގައުމެވެ. އަދި ދުނިޔޭގެ ބާޒާރަށް ނެރޭ ގިނަ އަދަދެއްގެ އައިފޯނު މިހާރު ރާވަނީ ވެސް އިންޑިއާގައެވެ. އެހެން ނަމަވެސް، އެ ގައުމަށް އެތެރެކުރާ ސާމާނުން ނަގާ ޑިއުޓީއާއި، %18 ގެ ޖީއެސްޓީގެ ސަބަބުން އިންޑިއާގައި އަދިވެސް އައިފޯނުގެ އަގުތައް ހުރީ އެމެރިކާއަށް ވުރެ އެތައް ގުނައެއް މަތީގައެވެ.

އަގުތަކަށް އައި ބަދަލަށް ބަލާއިރު، އައިފޯން 17 ގެ ބޭސް މޮޑެލްގެ އަގު ވަނީ %21 އިތުރުވެ، 99،900 އިންޑިއަން ރުޕީސް (1،048 އެމެރިކާ ޑޮލަރު) އަށް އަރާފައެވެ. އަދި އެންމެ ބޮޑު ބަދަލެއް އައި އައިފޯން އެއާ (1 ޓީބީ) ގެ އަގު %41 ބޮޑުވެ، 224،900 ރުޕީސް އަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އަލަށް ތައާރަފުކުރި ފަތްޖެހޭ އައިފޯނުގެ އަގު ވެސް އެމެރިކާއަށް ވުރެ އިންޑިއާގައި 1،100 ޑޮލަރު ބޮޑެވެ.

މި ބަދަލާ ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި އަގުތަކާއެކު އައިފޯނަކީ އާންމު ރައްޔިތުންނަށް އަތްފޯރާނެ އެއްޗަކަށް ވުރެ ބޮޑަށް، މުއްސަނދިންގެ ރަމްޒަކަށް ވަނީ ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު