މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މިދިޔަ ޖޫން މަހު ހައްޔަރު ކުރި މީހަކު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮންނަ މި މީހާއަކީ، ވ. ފެލިދޫ އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިނެވެ. އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު ވެސް ހުރީ ވާނުވާ ބަންދެއްގައެވެ.
ސާޖިދު ޢަބްދުލްމުހައިމިން އުމުރަށް ޖަލަށްލާން ހުކުމް ކުރީ، 10 ސެޕްޓެންބަރު 2021 ގައި މާލޭ މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިންދައި ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ކަނާތްފަރާތު ފައިކުރިއާއި ފަޔާ ދެމެދުން 50.8562 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ. 50 ގްރާމަށްވުރެ ގިނަ ޑައިމޯފިން ގެންގުޅެ އެ ތަކެތި ޓްރެފިކްކުރި ކަން ސާބިތުވެ، މި މައްސަލައިގައި ސާޖިދު ޢަބްދުލްމުހައިމިން އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާވެސް ކުރިއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މައްސަލައަކީ 10 ސެޕްޓެންބަރު 2021 ދުވަހުގެ ހަވީރު 15:30 ހާއިރު، މާލޭ މއ. ޓްވައިލައިޓް ކައިރިން ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް، ސައިކަލެއްގެ ފަހަތުގައި އިން ސާޖިދުގެ ޢަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި މައްސަލައެކެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ކަނާތްފަރާތު ފައިކުރިއާއި ފަޔާ ދެމެދުން ފެނުނު ކޮތަޅެއްގެ ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް، ދިފާއީ ހެކިން ހުށަހެޅި ނަމަވެސް، މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިޙްސާން ނިންމެވީ ސީނަށް ހާޒިރުވި ފުލުހުންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތަކަށް ބަލާއިރު، މަސްތުވާތަކެތި ފެނިފައިވަނީ ސާޖިދުގެ ހަގީގީ ހިޔާޒަތުގެ ތެރެއިންނާއި އޭނާއަށް އެނގިހުރެ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ހަތަރު ގްރާމަށްވުރެ ގިނައިން ޑައިމޯފިން ހުރުމުން އެއީ ޓްރެފިކްކުރުން ކަމަށް ބެލެވޭތީ، ދައުލަތުން އޭނާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ ސާޖިދު ޢަބްދުލްމުހައިމިން އުމުރަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. ޖޫރިމަނާ ފައިސާ ޙުކުމް ކުރި ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރަން ޖެހެއެވެ.
މި މައްސަލައިގެ ތަހުގީގު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ ސާފު ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި 21 ދުވަހެވެ.